ރޯދަމަޖާ: ގަޑިއަށް އޮފީހަށް ދިއުން

ރަޝީދަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މީހެކެވެ. ގިނަ ވަގުތު އުޅެން ޖެހެނީ މަސައްކަތުގައި ގެއިން ބޭރުގައެވެ. ބޭރުގައި ގިނަ ވަގުތު އުޅޭން ޖެހުމުގެ ސަބަބުން ގޭތެރޭގައި ބައެއް ފަހަރު މައްސަލަ ވެސް ޖެހެއެވެ. އެކަމަކު ބޭރުގައި ނޫޅެއެއްވެސް ފަރު ޖެއްސޭކަށް ނޯވެއެވެ. ދިރިއުޅުން ހަމަ ޖެއްސޭ ގޮތް ވަނީ ދެތިން ތަނެއްގައި މަސައްކަތް ކޮށްގެންނެވެ.

ރަޝީދުގެ އަންހެނުން ފާތުން އަކީ ވަރަށް އާދަޔާ ޚިލާފު މީހެކެވެ. މާ ގިނައިން ވާހަކަ ދައްކާ މީހެއް ނޫނެވެ. ބައެއް ފަހަރަށް މައްސަލަ ޖެހުނު ނަމަވެސް އެހައި އަވަހަށް ސުލްހަ ވެއެވެ. މައްސަލަތަކުގެ ވާހަކަ ތަކުރާރުކޮށް ދައްކައި ހެދުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. މައްސަލައެއް ނިމުނީމާ އެ ކަން ވަރަށް ފަސޭހައިން ހަނދާން ނައްތައިލައެވެ.

އެކަމަކުވެސް މާ ލަހުން ގެއަށް އަންނާތީ ބައެއް ފަހަރު އެ ވާހަކަ ދައްކައެވެ.

އެއް ރެއަކު ވަރަށް މުހިއްމު ކަމަކު މަޝްވަރާއެއް ކޮށްލާން ވެގެން އޭނާ ރަޝީދު ހޯދާން ވަރަށް ބޮޑަށް މަސައްކަތް ކޮށްފިއެވެ. ރަޝީދު އޮފީހަކު ނޫޅެއެވެ. އަދި މަސައްކަތް ކުރާ އެހެން ތަންތަނަށް ގުޅައިގެން އުޅެއުޅެވެސް އަތުޖެހޭ ގޮތެއް ނުވިއެވެ. ރަޝީދުގެ އަތަކު މޯބައިލް ފޯނެއް ނޯވެއެވެ. އޮންނަނީ ޕޭޖަރެކެވެ. ޕޭޖް ކޮށްކޮށް ޚަބަރެއް ނުވިއެވެ.

އިންތިޒާރު ކުރުން ގޮތެއް ފާތުން އަކަށް ނެތެވެ. އެހެންވީމާ ރަޝީދު އަންނާން ދެން ހޭލައި އިނީއެވެ. އޭނާ އައި އިރު ފަޖުރު ލައިފިއެވެ.

"ތިޔަ އައީ ކޮން ތަނަކުން؟" ފާތުން އަހައިލިއެވެ.

"މި އައީ އޮފީހުގެ މަސައްކަތެއްގައި އުޅެފައި."

"އަހަރެން އޮފީހަށް ފޯނު ކުރިން. އޮފީހަކު ރަޝީދެއް ނޫޅޭ."

"އެ ވަގުތު ފޯނާ ހަމައަށް އާދެވޭ ހިސާބުގައި ނެތީ ކަމަށް ވެދާނެ. އެކަމަކު އަހަރެން އުޅުނީ އޮފީހުގައި."

"ރޭގަނޑު ނުވައެއް ޖަހާ އިރު އޮފީސް ނިމޭ. އެކަމަކު ރަޝީދަށް ގެއަށް ތިޔަ އާދެވެނީ ފަތިހު ހަތަރެއް ޖަހާ ފަހުން."

އެ ހިސާބުން ވާހަކަ ހުއްޓުނީއެވެ. ފާތުން އިތުރު ސުވާލެއް ނުކުރެއެވެ. އޭނާ ދައްކާން ގަސްތު ކޮށްގެން ހުރި ވާހަކަވެސް ނުދައްކައި ހުއްޓައިލީއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް ރަޝީދު އެ ރޭ ނުވަ ގަޑި ބައިގައި ގެއަށް އަތުވެއްޖެއެވެ. އަދި ކައިގެން އަވަހަށް ނިދައިފިއެވެ. ހެނދުނު ހައެއް ޖަހާއިރު އޮފީހަށް ދާން ޖެހެއޭ އެހެންވީމާ ގަޑި ސޯނާ ކޮށްފައި ބަހައްޓާށޭ އޭނާ ބުންޏެވެ.

ރަޝީދަށް ހޭލެވުނީ ގަޑި ސޯނާވީ އަޑަށެވެ. އަވަހަށް ފުންމައިގެން ތެދުވެ، ގަޑި ބަލައިލިއެވެ. އޭރު އަދި ކިރިޔާ ބާރަ ގަޑި ބައި ވީއެވެ. އޭނާ ރުޅި އައިސްފައި ފާތުން އަށް ގޮވައިލިއެވެ. "ގަޑި ސޯނާ ކޮށްފައި އެހެރީ ބާރަ ގަޑި ބަޔަށް. އަހަރެން ބުނީ ހެނދުނު ހައެއް ޖަހާއިރު އޮފީހަށް ދާން ޖެހެއޭ. މިހައި އަވަހަށް ތެދުވެގެން އަހަރެން ކުރާނީ ކީއް؟"

ފާތުން މޯޅިއަކަށް ދެމިލާފައި ބުނެލިއެވެ. "ނުވައެއް ޖަހާއިރު އޮފީހުން ނިމިގެން ރަޝީދަށް ގެއަށް އާދެވެނީވެސް ހަތްގަޑި އިރުން. އެހެންވީމާ އަހަރެން ހީކުރީ އޮފީހަށް ދެވޭނީވެސް އެހައި ގިނަ އިރުން ކަމަށް. އެހެންވީމާ ބާރަ ގަޑި ބަޔަށް ސޯނާ ކުރީ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.