ރައީސް ނަޝީދަށް ބައިވެރިނުވެވޭ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ:ޝިފާޒު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ބައިވެރިވެރި ނުވެވޭ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން ޝިފާޒު ވިދާޅުވީ ގައުމެއްގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރައްވާނެ ވެރިއަކު އިންތިޚާބު ކުރާއިރު ރައްޔިތުން ބޭނުންވާ ގޮތާޚިލާފަށް އެކަން ގޮސްފި ކަމަށްވާނަމަ އިންސާފުވެރިއެއް ނުވާނެ ކަމަށެވެ.

"މިދައްކަނީ ގައުމެއްގެ ރައްޔިތުންގެ މައްޗަށް ވެރިކަންކުރާނެ ވެރިއަކު ޚިޔާރު ކުރާވާހަކަ. ވެރިއަކު އިންތިޚާބުކުރަން އެގައުމެއްގެ ރައްޔިތުން ބޭނުންވާ ގޮތްނުވެ އެހެން ގޮތަކަށް އެކަން ވެއްޖެއްޔާ އޭތި އިންސާފުވެރިކޮށް ނުދާނެ ވާހަކަ،" ޝިފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެގިނަ ރައްޔިތުންގެ މަސްލަހަތު ގުޅިފައިވާ ސިޔާސީ ޕާޓީ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ އެކަނި އެނިނުކުމެ އެންމެގިނަ ވޯޓު ރާއްޖެއިން ހޯއްދަވާ ބޭފުޅާ ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ. "އެމްޑީޕީއަކީ ރާއްޖޭގައި އެންމެގިނަ ރައްޔިތުންގެ މަސްލަހަތު ގުޅިފައިވާ ޕާޓީއޭ. އެމްޑީޕީގެ ކެންޑިޑޭޓަކީ އެކަކަށް އެންމެގިނަ ވޯޓު ރާއްޖޭގައި ނަގާ ބޭފުޅާ. މިފަދަ ބޭފުޅަކު ނުލައި ބާއްވާ އިންތިޚާބެއް އިންސާފުވެރިވާނެ ގޮތެއް ނުވިސްނޭ،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެކަންކަން އެހެން އޮތްއިރު ދެންއޮތީ ރައީސް ނަޝީދަށް އިންތިޚާބުގައި ކުރިމަތި ނުލެވޭގޮތަށްއޮތް ޝަރުއީ ހުރަސް ކަމަށެވެ. ރައީސް ނަޝީދަށް އެ ހުރަސް ކުރިމަތި ކުރެއްވި ގޮތުން ދުނިޔޭގެ އެފަދަ ކަންކަމުގައި ބަސްކިޔަންތިބި މީހުންވަނީ އެމީހުންގެ ބަސް އިއްވައިފައި ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

"ދެންއޮތީ އެބޭފުޅާ (ރައީސް ނަޝީދު) އިންތިޚާބަށް ކުރިމަތިލުމަށް އޮތް ހުރަސް. އެއީ ޝަރުއީ ގޮތުން ކޮށްފައިއޮތް ހުރަހެއް. އެ ހުރަސް ކުރިމަތި ކުރުވިގޮތުން ދުނިޔޭގެ ކަންކަން ނިންމަންތިބި ޖަމިއްޔާ ޖަމާއަތްތަކުންވަނީ އެމީހުންގެ ބަސް އެކަމުގައި ބުނެފައި. ރާއްޖެ ބައިވެރިވާ އެކިއެކި މުއާހަދާތަކުގެ ތެރެއިން ރާއްޖޭގެ ގާނޫނޫ އަސާސީ ތަންދޭގޮތަށް ކަންތައްތައް ކުރާކަމަށް ވަނީ ނަމަ ރައީސް ނަޝީދަށް ވާދަކުރެވެންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުން ކުރެއްވި ހުކުމުން ވެސް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އެނގޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ. "ރާއްޖޭގެ ސްޕްރީމް ކޯޓުންވެސް އެކެއް ފެބުރުއަރީގައިވެސް ވަނީ އެގޮތަށް (ނަޝީދަށް ބައިވެރިވެވޭ ގޮތަށް" ހުކުމެއް ކޮށްފައި. މިހުރިހާ ކަމަކަށް ރިއާޔަތް ކުރާއިރު ރައީސް ނަޝީދަށް ވާދަނުކުރެވޭ އިންތިޚާބެއް އިންސާފުވެރިވާނީ ކޮންނަޒަރަކުން،" ޝިފާޒު ސުވާލު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ފުލް ބެންޗު އޮވެގެން ކޮށްފައިވާ ހުކުމާއި އޭގެ ތެރެއިން ދެ ފަނޑިޔާރަކު ބަންދުގައި ބައިތިއްބާފައި ބާކީ ތިން ފަނޑިޔާރުން ނެރެފައިވާ ހުކުމަށް ބަލާއިރު ބަލައިގަނެވޭނީ އަދި ސައްހަވާނީ ވެސް ފުލްބެންޗުގެ ހުކުމް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ރައީސް ނަޝީދަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަރުތުހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އޮތުމުގެ ސަބަބުން ކަމަށެވެ. އެމްޑީޕީން ބުނަނީ އެއީ އިލެކްޝަނަށް ނިންމޭނެ ކަމެއް ނޫންކަމަށެވެ. "ރައީސް ނަޝީދުގެ ޝަރުތު ހަމަވޭތޯ ނުވަތަ ނުވޭތޯ ނިންމޭނީ ސީދާ ސްޕްރީމް ކޯޓަށް. އެއީ ގާނޫނުގައި އޮންނަ ގޮތަކީ. އެއީ އިލެކްޝަނާ ބެހޭ ކަމެއްނޫން،" ޝިފާޒު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.