ޕާޓީ ވެރިކަމުން ބާކީވާ މީހުން

ދުނިޔެ މިދަނީ ބަދަލުވަމުންނެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. ހިތަށްވެސް ނާރާ ގޮތްގޮތަށެވެ. ﷲ ގެ މިންވަރުފުޅާއި އިރާދަފުޅުން، އެއްބަޔަކަށް އުފާ އަދި އަނެއްބަޔަކަށް ނުތަނަވަސްކަން ލިއްބައިދެމުންނެވެ. މުޅިދުނިޔެ އެކީ އެއްކޮށް ބަނަވަމުންނެވެ. އަދާކުރާނެ ވަޒީފާއެއް އަދި ކުރާނެ މަސައްކަތެއް ނެތިއެވެ. އަމިއްލަ ކަންކަން ހަމަޖައްސައިލެވޭހާ ތަނަވަސްކަމެއް ނެތިއެވެ. އާމްދަނީއެއް ނުލިބިއެވެ. ދުނިޔެ އުޅުމުގައި، އަދި ވަޒީފާއާއި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާއާއި ތަޢުލީމުގެ ބޭނުން ނުހިފިއެވެ. ނުވަތަ ހިފާނެ ފުރުޞަތެއް ނުލިބިއެވެ. ލޯކުރިމަތީގައި، ފެންނަން ނޭދޭ އެތައްކަމެއް ދިމާވަމުންނެވެ. ކުރާނެ އަދި ކުރެވޭނެ އެތައް ކަމެއް ފެނެއެވެ. އަދާކުރާނެ އެތައް ވަޒީފާއެކެވެ. ރަނގަޅު އާމްދަނީއެއް ލިބިދާނެ އެތައް މަސައްކަތެކެވެ. ހިތްހަމަ ޖައްސާލަން ވާހަކަ ދައްކާލާނެ އެތައް ރައްޓެހިންނެކެވެ. އެހެން ނަމަވެސް، އެހުރިހައި ކަމަކުން މިވަނީ މަޙުރޫމުވެގެންނެވެ. އިޙުސާސްވަމުން ދަނީ އެކަނިވެރިކަމެވެ. ހުންނަން ބޭނުންވަނީ އެހެންމީހުންނާ ދުރުގައެވެ. ކުށްވެރިކުރާނީ ކާކު ތޯއެވެ؟ އަމިއްލަ ނަފްސު ތޯއެވެ؟ ނުވަތަ ދުނިޔެ ތޯއެވެ؟

ދުނިޔެ މިދައްކާ ދަޅަތަކުން، ޒުވާން މިޢުމުރުގައި، ފެންނަމުން މިދަނީ ކޮންފަދަ މަންޒަރެއް ތޯއެވެ؟ މިއީ ދޮށީ ޢުމުރުގެ މީހުން، އެމީހުންގެ ފަހުން އަންނަން އޮތް ޖީލަކަށް ގެނެސްދޭން، އެންމެ ރަނގަޅުކަމަށް ފެނުނު ގޮތެވެ. ޖަމާޢަތުގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތާ ކުޅެ، އަމިއްލަ ނަފްސުގެ އަޅުންނަށްވެ ތިބެ، އަމިއްލަ އެދުން އިސްކޮށް، ޤައުމުގެ މިޞްރާބު ބަދަލުކޮށްލާފައި އޮތް ގޮތެވެ. އަންނަން އޮތް ޖީލުގެ މުސްތަޤްބަލް ކުރަހައި ކުލަޖައްސައިދީފައި އޮތް ގޮތެވެ. ޤައުމު ހިންގައި ކަންކަން ބެލެހެއްޓުމުގައި، ފަހުންވެދާނެގޮތަކަށް ނުވިސްނައި، އެއިރު ލިބެން އޮތް ފައިދާއަކަށް ދަހިވެތިވެގެން ނިންމާފައި އޮތް ގޮތެވެ. މައިންބަފައިންގެ ބުރަ މަސައްކަތުން، ނެތް ދައު އޮހޮރުވައިގެން ހޯދައިދިން ތަޢުލީމުގެ ބޭނުން  ހިފޭނެގޮތެއް ނެތެވެ. ލިބުނު ޢިލްމާއި ޙިލްމާ އަދި ތަޖުރިބާ ބޭނުންކޮށްގެން އަމިއްލަ ވިސްނުމުން ކަމެއް ނިންމުމުގެ ފުރުޞަތެއް ނެތެވެ. ވަޒީފާއާއި މަސައްކަތުން އަދި ޚުދު ތިމާގެ އަމިއްލަ ޢާއިލާއިން ބޭރުވެ، ދުނިޔެއިން ބާކީވެގެންދާން މަގުކޮށައި ދިނުމުގައި، އިސްރައްޔިތުންގެ އޮތީ ކޮން ޙައްޤެއް ތޯއެވެ؟

ޕާޓީގެ ނިޒާމުން ފައިދާ ލިބެނީ ކާކަށް ތޯއެވެ؟ އެނިޒާމުން ބާކީމިވަނީ ކޮން ބަޔެއް ތޯއެވެ؟ ހަމަހަމަ، ޢަދުލުވެރި ވެރިކަމެއް ކުރާނެ ފުރުޞަތު ފަހިކޮށްދެނީ، ކޮންބާވަތެއްގެ ވެރިކަމެއްގައި ތޯއެވެ؟ ޕާޓީ ނިޒާމު ގެނައީ ކީއްކުރަން ތޯއެވެ؟ އިސްރައްޔިތުންގެ ނަޒަރުގައި، ޕާޓީވެރިކަން ގެނައީ، ހަމަހަމަ ކަމާއި ޢަދްލު އިންޞާފު ޤާއިމް ކުރުމަށެވެ. ހެޔޮވެރިކަމެއް ކުރުމަށެވެ. ޙައްޤު މިންވަރު ހޯދައި ދިނުމަށެވެ. ޝަރުޢީ ނިޒާމް ހަރުދަނާ ކުރުމަށެވެ. ބައިތުލްމާލް ރައްކައުތެރިކޮށް ބެލެހެއްޓުމަށެވެ. ޒަމާނީ ތަރައްޤީ ހޯދައި ދިނުމަށެވެ. ޤައުމު ހިންގުމުގައި، ޒުވާނުންނާއި އަންހެނުންނަށް ފުރުޞަތު ހޯދައި ދިނުމަށެވެ. ތަޖުރިބާ ކާރުންނާއި ޢިލްމީ ޒުވާނުން ބާކީ ނުކުރުމަށެވެ. ދުޅަހެޔޮ، ޒުވާން ޖީލެއް އުފެއްދުމަށެވެ. ޚުދުމުޚުތާރު ވެރިކަމެއްގެ ނިމުންގެނެސް، ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުމަށެވެ. ޑިމޮކްރަސީގެ މަގަށް، ޤައުމުގެ މިޞްރާބު ބަދަލު ކުރުމަށެވެ. ކުށުން އަމާންވެގެންވާ ރައްކައުތެރި އަމާން މާޙައުލެއް ހޯދައިދިނުމަށެވެ. ދީނީ އެއްބައެއްވަންތަކަން ދަމަހައްޓައި، ދީން ރައްކައުތެރިކޮށް، ހަރުދަނާ ޢަޤީދާއެއްގެ މައްޗަށް ރައްޔިތުން އަހުލުވެރި ކުރުމަށެވެ.

ސުއާލެއް ކޮށްލަން ތޯއެވެ؟ މިއިން އެއްކަމެއްވެސް ޙާޞިލްވެއްޖެ ތޯއެވެ؟ ނުވާނަމަ އޭގެ ސަބަބަކީ ކޮބައި ތޯއެވެ؟ އަބަދު މިއިވެނީ ހަމަ، އެއްވާހަކައެކެވެ. ޢަދްލު އިންސާފު ޤައިމްކުރުން މަތިކޮށްފައި ހުންނަ ފަނޑިޔާރަކު މަޤާމުން ވަކިކުރަން ފާސްކުރި ޚަބަރެވެ. ފަނޑިޔާރުންނަށް ރިޝްވަތުގެ ތުހުމަތު ކުރެވިގެން، ސުލޫކީ މައްސަލައެއް ތަޙުޤީޤު ކުރާ ވާހަކައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ އަޑު އަޑެވެ. ހެކިނުލިބިގެން ކުށްވެރިން ދޫކުރެވޭ ވާހަކައެވެ. ޖިންސީ ގޯނާކުރާ ބޮޑުން، ޤާނޫނު އަރާ ހަމަނުކުރަނިސް، ދުވެފިލައި ރައްކާވާ ވާހަކައެވެ. ހެޔޮވެރިކަމެއްގައި ޤާއިމްކުރެވިފައި އޮންނަ ތިންބާރުންކުރެ، އެއްބާރުން އަނެއްބާރުގެ އިމަށްވަދެ، އަތްގަދަކުރާ ވާހަކައެވެ. ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ މީހުން ހައްޔަރު ކުރާ ވާހަކައެވެ. އިންސާނުންގެ ނަފްސު މަރަން ޙަމަލާދޭ ވާހަކައެވެ. ދައުލަތުގެ މާލިއްޔަތުން ވަށްކަންކޮށް ޚިޔާނާތްތެރިވާ ވާހަކައެވެ. ޝަރުޢީ ޙުކުމް ޤަބޫލުނުކޮށް، ކުށްވެރިން ދޫކުރުމަށް ގޮވާ ވާހަކައެވެ. ބަޑިގުދަނުގެ ތަޅުދަނޑި ގެއްލި، ތިޖޫރީ ފޫދިޔަ ވާހަކައެވެ. ރަށްވެހި ފަތިހުގެ އިރުނާރައި، ގެދޮރުވެރިކަން ލަސްވާ ވާހަކައެވެ. ދެބްރިޖްގެ އަގަށް އެއް ބްރިޖް އެޅި ވާހަކައެވެ. ތަޖުރިބާކާރުންނާއި ޢިލްމީ ޒުވާނުން ވަޒީފާތަކުން ބާކީވެ، އެކްޓިވިސްޓުން ޤައުމު ހިންގާ ވާހަކައެވެ. އަދި އެންމެ ފަހުން އެއްބައެއްގެ އަތާއި އަނގަޔާ ދިމާނުވެގެން އުޅޭ ވާހަކައެވެ.

އަދިވެސް ސުއާލެއް އެބަ އޮތެވެ. ހުރިހައި އާރަކާއި ބާރެއް އެއް ޕާޓީއަކަށް ލިބިއޮވެ، އެއްކަމެއްވެސް ރަނގަޅަށް ނުވެގެން މިއުޅެނީ ކީއްވެ ތޯއެވެ؟ ރިޔާސީ ވަޢުދުތައް ނުފުއްދެނީ ކީއްވެ ތޯއެވެ؟  ކާކުގެ އިހުމާލަކުން ތޯއެވެ؟ ކޮން ސަބަބަކާހެދި ތޯއެވެ؟ ޤައުމެއް ހިންގުމަށް އޮންނަ ތިންބާރުން ދެބާރު އޮތީ އެއްޕާޓީގެ ނުވަތަ އެއްބައެއްވަންތަ ޕާޓީތަކެއްގެ އަތްމަތީގައެވެ. ހަމައެކަނި ނެތީ ޝަރުޢީ ދާއިރާއަށް ލިބިގެންވާ ބާރުން ބަޔެކެވެ. ޤައުމީ ސަލާމަތާއި ސިފައިންނާއި ފުލުހުންގެ ބާރު އޮތީ، އެއްޕާޓީއެއްގެ ބާރުގެ ދަށުގައެވެ. ރައްޔިތުންކުރެ ގިނަބަޔަކު ތިބީ، ޕާޓީތަކުގެ ކޯލިޝަނަށް ބާރުދީގެންނެވެ. އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ވަޢުދުތައް ނުފުއްދިގެން މިއުޅެނީ އަޅެފަހެ، ކީއްވެ ތޯއެވެ؟

ރައްޔިތުންނަށް ހުށަހެޅިފައި އޮންނަނީ ދެފިކުރެކެވެ. އެއީ ވެރިކަމާ އެއްކޮޅު ފިކުރާއި ވެރިކަމާ ދެކޮޅު ފިކުރެވެ. ވެރިކަމާ އެއްކޮޅު ފިކުރު ވިއްކަމުން ގެންދަނީ އެއްބައެއްވަންތަ ސަރުކާރު ނިސްބަތްވާ ޕާޓީތަކުންނެވެ. ވެރިކަމާ ދެކޮޅު ފިކުރު ވިއްކަމުން ގެންދަނީ، ވެރިކަމާ ދެކޮޅު، ބަލިކަށި ޕާޓީތަކުންނެވެ. މިތަނުން، ރައްޔިތުން ބޮޑަށް ބަލައިގަންނަނީ ކޮން ފިކުރެއް ތޯއެވެ؟ ސަރުކާރު ވެރިކަމަށް ގެންނަން އެއްބާރުލުންދިން ރައްޔިތުންގެ ވިސްނުން މިހާރު މިވަނީ ބަދަލުވެފައެވެ. ވަރަށް ބޮޑަށްވެސް ބަދަލު ވެފައެވެ. އެކަން، ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުން ވަރަށް ރަނގަޅަށް، ސާފުކޮށް، ރައްޔިތުން ބުނެފިއެވެ. އެއީ، ސަރުކާރާ ދެކޮޅު ރައްޔިތުން ގިނަވެގެންކަމަށް ނުވެދާނެއެވެ. އަދި ސަރުކާރާ އިދިކޮޅުގައިތިބި ޕާޓީތަކުގެ ތާއީދު ބޮޑުވެގެންކަމަށްވެސް ނުވެދާނެއެވެ. އެހެންނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ވަކިބަޔަކު ވެރިކަމަށް ގެންނަން ތާއީދުކުރި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ބަދަލު އައިސްފައިވާ ކަމެވެ. އެވާހަކަ، ރައްޔިތުން އެއޮތީ ބުނެފައެވެ. ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ރައްޔިތުންނަށް ބަސްބުނަން ލިބުނު ފުރުޞަތުގައެވެ. ކޮށްދީފައިހުރި އަދި ކޮށްދޭ ކަންކަމުގެ މައްޗަށް، ނުކޮށްދޭ ކަންކަމާއި ފުރިހަމަ ކޮށްދޭންޖެހޭ ކަންކަމުގެ ހިޔަނި އެޅިގެންނެވެ.

ޤައުމު ހިނގަމުންދާގޮތް، ވެރިކަމުގެ ފަރާތުން ބަޔާންކޮށްދޭ އެއްމަސްދަރެއްގެ ގޮތުގައި ރިޔާސީ ބަޔާން ހިމެނެއެވެ. 2021 ވަނައަހަރުގެ ރިޔާސީ ބަޔާނަށް ބަލައިލަމާތޯއެވެ؟

ރިޔާސީ ބަޔާން ފެށިގެންދިޔައީ، ކަންކަން ބަދަލުވެ ފުރޮޅިގެންގޮސް، ތަދުބީރުކުރި ރޭވުންތަކާ އެއްގޮތަށް ހިނގާފައިނުވާކަމުގައި ބަޔާން ކުރެވިގެންނެވެ. އަދި ހުރިހައި ކަމެއް ހުއްޓި، ޤައުމުގެ އިޤްތިޞާދު ފުންވަޅުގަނޑަކަށް ވެއްޓިފައިވާކަން ފާހަގަކުރެވިގެންނެވެ. ސަބަބަކީ، މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް 19 އެވެ.

ރައްޔިތުން ދައްކަންޖެހޭ، ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދެވިފައި ވެއެވެ.  ސަރުކާރުން ރިލީފް ޕެކޭޖެއް ތައްޔާރު ކުރިއެވެ. އެ ރިލީފް ޕެކޭޖްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުޠުކުރެވުނެވެ.  މިޕެކޭޖްގައި، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވިފައި ވެއެވެ. ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދެވުނެވެ.  2020 ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މިޕެކޭޖްގެ ތެރެއިން ސަރުކާރުން ދީފައި ވެއެވެ. ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ 6 ކުންފުންޏަކަށް 55.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އަސާސަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ކަމަށާއި ދިވެހިންގެ ހިތްތަކުގައި ﷲ ގެ އެއްކައުވަންތަކަމުގެ ޢަޤީދާ އަށަގެންނެވުމަށާއި، އިސްލާމްދީނުގެ ރިވެތި އުޞޫލުތައް ނެގެހެއްޓުމަށް، މިދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެކަން ރިޔާސީ ބަޔާނުގައި ފާހަގަކުރެވިފައި ވެއެވެ. ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް، ޚާއްޞަގޮތެއްގައި ފާހަގަ ކުރެވިފައި ވެއެވެ.  އިސްލާމްދީނުގެ މަތިވެރި އިޖުތިމާޢީ އުޞޫލަކީ، ކުޑަކުދިންނަށް އަޅައިލުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމުގައި އުޅުން ކަމަށްވާއިރު، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖުތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެކަން ބަޔާން ކޮށްފައި ވެއެވެ.

އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށް ޤަބޫލުކޮށްފައި ވެއެވެ. އަދި މިނޫނަސް، ޢުމްރާނީ ތަރައްޤީ އާއި، ރައްޔިތުންގެ ޟަރޫރީ ބޭނުންތަކާއި، އިޤްތިޞާދާއި، ޚާރިޖީ އަދި ދާޚިލީ ހިންގުމުގެ މުހިންމު އުއްމީދުތަކެއް، ރިޔާސީ ބަޔާނުގައި ހިމަނާފައި ވެއެވެ. މީގެ އިތުރަށް، ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް ވާޖިބަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޞުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާޙައުލެއް ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވުންކަމުގައި، ބަޔާންކޮށްފައި ވެއެވެ. އަދި، އެމަނިކުފާނުގެ ތަރައްޤީގެ ފަލްސަފާއަކީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި، ތަރައްޤީގެ ވިސްނުން ހުރި ޒުވާން ތަޢުލީމީ ޖީލެއް ބިނާކުރެއްވުންކަމުގައިވެސް، ރައީސް ވިދާޅުވެފައި ވެއެވެ.

2020 ވަނައަހަރުގެ ރިޔާސީ ބަޔާން ނިންމަވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ. "މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވައި، މިލޮބުވެތި ވަޠަނުގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތް ކާމިޔާބު ކުރައްވައި، ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަމުގައި ކުރިއަށް ދިޔުމުގެ ނަސީބުވެރިން ކަމުގައި، އަޅުގަނޑުމެން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން."

ދެން، ނުލިބިގެން، މަދުވެގެން މިއުޅެނީ ކޮން އެއްޗެއްތޯއެވެ؟ އުއްމީދުތަކުގައި ކުލައެއް ނުޖެހޭތޯއެވެ؟ ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި، އެމީހުންގެ އުއްމީދުތަކުގައި ދިރުމެއް ނެތެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ރައްޔިތުން އެއޮތީ އެވާހަކަ ބުނެފައެވެ. އެއީ ކީއްވެގެންތޯއެވެ؟ ކޮންކަމެއް ނުކޮށްދެވިގެންތޯއެވެ؟

ކިތަންމެ ކަމެއް ކޮށްދިނަސް، ވެފައިވާ ވަޢުދުތަކެއް ހިފައިގެން، ވެރިކަންކުރުމަށް ނުކުމެތިބި ބަޔަކަށް، އެވަޢުދުތައް ފުއްދުމާއެކު، ރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް ނުކުރެވޭކަމަށް ވަންޏާ، ކިތަންމެ މެންބަރުންގިނަ ޕާޓީއެއްކަމަށްވިޔަސް، އެކަމުގެ ދެރަޔާއި ހިތި އެޕާޓީއަކާ ކުރިމަތިލާނެއެވެ. ހުރިހައި މެންބަރުންނަކީ، ޕާޓީއަށްޓަކައި ކޮންމެ ކޮންމެ ކަމެއް ވަރިހަމަކޮށްލައިގެން ތިބޭނެ ބައެއްނޫނެވެ. ބުނަންވާ ވަގުތުގައި ނޫނެކޭ ބުނާނެއެވެ. ޕާޓީތަކަށް އަޣުލަބިއްޔަތު ގެއްލި، މަޤްބޫލުކަން ނެތިދާނެ އެތައް ސަބަބުތަކެއް ހުރެއެވެ. ވެރިކަމަށް އައުމަށްފަހު، ޕާޓީން ގެންގުޅޭ ސިޔާސަތަކީ އޭގެ އެންމެ މުހިންމު އެއް ރުކުނެވެ. އެއަށްފަހު، ޕާޓީގެ ސިޔާސަތު ހިންގުމަށް އިސްކުރާ ވެރިންނާއި މުއައްޒަފުންނަކީ ދެވަނައަށް އެންމެ މުހިންމު ރުކުނެވެ. ޢިލްމެއް އަދި ޙިލްމެއް، ތަޖުރިބާއެއް އަދި ހުނަރެއްލިބިފައިނެތަސް، އެކްޓިވިސްޓަކަށް ވީތީ، ވަޒީފާ ހަމަޖެހިގެންދާނަމަ، ޤައުމުގެ ޢިލްމީ، ޤާބިލް ޒުވާނުން ބާކީވާނެއެވެ.

ޕާޓީވެރިކަމުގައި އެންމެ ބޮޑު ތަކުލީފެއް އުފުއްލައި، އެންމެބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހެނީ، ތަޖުރިބާ ކާރުންނާއި ޢިލްމީ ޒުވާނުންނަށެވެ. އެކްޓިވިސްޓަކަށްވީތީ، ދަނެއް ދޮރެއް ނޭނގުނަސް، ވަޒީފާތައް ހަދިޔާ ކުރެވެމުންދާނަމަ، އެއީ ސަރުކާރަކަށް ލިބޭނެ އެންމެބޮޑު އެއްގެއްލުމެވެ. އެނައުންސަރުންނާއި ފިލްމުކުޅޭ މީހުން، ފެންފޯއް ރުއް އުފުރާމީހުންނާއި އިންތިޚާބުތަކުން ފެއިލްވާމީހުން، މަގުމަތީ ޙަރަކާތުގެ ކުރީސަފަށް ނުކުމެ އަޑުގަދަކޮށް ހަޅޭއްލަވާ މީހުންނާއި ވަށްކަމާއި ފަސާދައާއި ޚިޔާނާތުގެ އިނގިލި ދިއްކުރެވި އަބުރު ގެއްލިފައިތިބޭ މީހުން، ސިޔާސަތު ތަންފީޛުކޮށް، ރައްޔިތުންގެ މައްޗަށް ބަސްކިޔަން ވެއްޖިއްޔާ، ކިތަންމެ ގިނަ ވަޢުދުތަކެއް ހިފައިގެން ވެރިކަމަށް އަޔަސް، ސިޔާސަތު ތަންފީޛު ކުރުމުގައި ފެއިލްވާނެއެވެ.

މިފަދަ ޙާލަތެއްގައި، ޤައުމުގެ ޢިލްމީ ޒުވާޏުންނަކީ، ޕާޓީވެރިކަމުގައި ބާކީވާނެ މީހުންނެވެ. މިއީ ޤައުމެއްގެ ނިސްބަތުގައި، ޖަމާޢަތަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމެވެ. ތަޖުރިބާކާރުންނާއި ޢިލްމީ ޒުވާނުން ބާކީވާނަމަ، އެއީ އެމީހުންގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ ނިކަމެތި ޙާލަތެވެ. އެމީހުންގެ ކުރިމަތީގައި ޤައުމު ހަލާކުވެގެންދާތަން ފެންނާނެއެވެ. އެކަމާ ކަންބޮޑުވާނެ މެއެވެ. އަދި އެކަމާ ވިސްނާނެއެވެ. ހަމައެއާއެކު، އެމީހުންގެ ބޭނުން، ޤައުމަށް ނުހިފޭކަން އިޙުސާސް ކުރެވޭނެއެވެ. އެމީހުންގެ އަގު ވަޒަންނުކުރާކަން އިޙުސާސް ކުރެވޭނެއެވެ. އެމީހުންނާ ވާހަކަ ދައްކާލާ އުޅޭ މީހުން މަދުވާނެއެވެ. ލަފާ އަހައި ލެވޭކަންކަން މަދުވާނެއެވެ. ނުވަތަ ލަފައެއް އަހައިލުމެއްނެތި، ކަންކަން ނިމިގެންދާނެއެވެ. އެމީހުން ފެނިގެން ގޮވާލާ މީހުން މަދުވާނެއެވެ. އެންމެފަހުން، އެމީހުންގެ ޙާލަތު ބަދަލުވާނީ، ދުނިޔެއިން ބާކީވާ މީހުންނަށެވެ. އެއަށްފަހު، އެމީހުން ދެން ބަދަލުވާނީ، ނަފުސާނީ ބަލީގެ ޝިކާރައަކަށެވެ. "އެންޒައިޓީ" ގެ ބަލިމީހަކަށްވެ، އެމީހުންގެ ބޭނުން ދުނިޔެއަށް ކެނޑޭނެއެވެ.

އެންޒައިޓީގެ ބައްޔަކީ، ޖިސްމާނީ ޙަރަކާތްތައް މަދުވެ އެކަހެރިވެ އެކަނިވެރިވުމުން، ސިކުނޑިއަށް ވާރުތަވާ ނަފުސާނީ ބައްޔެކެވެ. އެންމެ އާދައިގެ ކަންކަން ވެސް، އެއީ އެމީހުންނަށް ބޮޑެތިކަންތަކަށް ވާނެއެވެ. ހާސްވެ ކަންބޮޑުވުމާގުޅިގެން، އެމީހުންނަށް ރަނގަޅާއި ނުބައި އޮޅޭނެއެވެ. މީހުން ބުނާ ވާހަކައާއި ކޮށްދޭ ކަންކަން ރަގަޅުގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. ސިޔާސީ ކަންކަމަކަކީވެސް، އެކަމާ ވިސްނައި ފިކުރުކުރާ މީހަކަށް، ހާސްކަން ލިބި، އެކަން އެންޒައިޓީގެ ބައްޔަށް ވަރަށް ފަސޭހައިން ބަދަލުވާ ކަމެކެވެ. ޤައުމީ މައްސަލަތަކުގައި، ސިޔާސީގޮތުން ޤަބޫލު ނުކުރެވޭކަންކަން ހިނގަމުންދާއިރު، ޢިލްމީ ޒުވާނުން ކަންބޮޑުނުވެއެއް ނުދާނެއެވެ. ޢިލްމީ ޒުވާނުން ބާކީވަމުން ދަންޏާ އެމީހުން ބާކީވާނީ ހަމައެކަނި ޤައުމު ހިންގުމުގެ ނިޒާމުން އެކަންޏެއްނޫނެވެ. ޤައުމު އާރާސްތުކުރަން ކުރަންޖެހޭ އިޖްތިމާޢި ކަންކަމުންނާއި ޙަރަކާތުންވެސް އެމީހުން  ދުރުހެލިވާނެއެވެ. އެންޒައިޓީ އާ ގުޅިގެން އެމީހުން، އަމިއްލަ  މަސައްކަތެއް ކުރުމަށްވެސް ހުރަސް އެޅެއެވެ. އެކަމާގުޅިގެން، ޤައުމުގެ އުފެއްދުންތެރިކަމަށް އަސަރު ކުރާނެއެވެ.

ޕާޓީ ސިސްޓަމެއްގައި، ހަމައެކަނި އެކްޓިވިސްޓުންނަށް އިސްކަންދީ، އެކްޓިވިސްޓުންނަށް ފުރުޞަތުދީ، ތަޢުލީމީ ޒުވާނުންނާއި ތަޖުރިބާކާރުން ބާކީވަމުންދާނަމަ، އެއީ މުޅި ޤައުމަށްލިބޭ ގެއްލުމެކެވެ. އެއީ ވެރިކަމުގެ ނިޒާމަށްވެސް ލިބޭ ގެއްލުމެކެވެ. ޕާޓީ ސިސްޓަމުގައި ޕާޓީގެ އެކްޓިވިސްޓުންނަށްވެސް ފައިދާ ބޮޑުވާނީ، ގިނަދުވަހު އެޕާޓީއެއް ވެރިކަމުގައި ދެމިއޮތުމުންނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.