ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަވަންތަކަމުގެ ހައްގުތައް ކަށަވަރުކޮށް ދޭން ޖެހޭ ކަމަށް ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) އަޠްހަރް މުޚްތާރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކަޝްމީރުގެ ރައްޔިތުންގެ އިދާރީ އަމިއްލަވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮންމެ އަހަރަކު ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ޚާއްސަ ދުވަހެކެވެ. ބޭނުމަކީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ރައްޔިތުން އަމިއްލަވަންތަކަމާއި މިނިވަންކަމަށްޓަކައި ކުރާ މަސައްކަތަށް ތާއީދު ކުރުމެވެ.
އެމެބެސެޑަރު ޢަޠަރް މުޚްތާރު ވިދާޅުވި ގޮތުގައި އަމިއްލަވަންތަކަމަކީ އަލިފުދާލުގެ ގާނޫނުގެ ދަށުން ކޮންމެ ބަޔަކަށްވެސް ލިބިދީފައިވާ އަސާސީ ހައްގެކެވެ. ކަޝްމީރުގެ ރއްޔިތުންގެ ހައްގުތައް ނިގުޅައިގެންފައި ވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ގެންދަނީ ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށްވެސް އަރައިގަންނަމުން ކަމަށާއި އެކި ބާވަތުގެ އަނިޔާވެރި އަމަލުތައް ހިންގަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަލިފުދާލާއި ބައިނަލްއަގުވާމީ މުޖުތަމައަށް އޭނާ ގޮވައިލެއްވީ ކަޝްމީރުގެ ރައްޔިތުންގެ ހައްގުތައް އަނބުރައި ހޯދައި ދިނުމުގައި އަދާ ކުރަން ޖެހޭ ދައުރު އަދާ ކުރާށެވެ.
އެމްބެސެޑަރު ވިދާޅުވި ގޮތުގައި މީގެ 73 އަހަރު ކުރިން 1949 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އަލިފިދާލުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެއީ ކަޝްމީރުގެ ރައްޔިތުން ބޭނުންވަނީ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަންތޯ، އިންޑުިއާގެ ބައެއްގެ ގޮތުގައި އޮންނަންތޯ ނުވަތަ އަމިއްލަ މިނިވަން ގައުމެއްގެ ގޮތުގައި އޮންނަންތޯ ބަލަން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ. އިންޑިއާއިން އަދި އަދަށް ދާންދެންވެސް މި ވޯޓެއް ނުނަގައެވެ. އަލިފުދާލުގެ ގަރާރު އަދިވެސް އުވާނުލައި ހަމަ އެގޮތަށް އެބައޮތެވެ.
ޕާކިސްތާޏު އެމްބަސީގައި ބޭއްވި ހަފުލާގައި ޑެޕިއުޓީ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިނިން އަޙްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އަލިފުދާލުގެ ގަރާރަށް އަމަލު ކުރުމުގެ އިންތިޒާރު ކަޝްމީރުގެ ތިން ނަސްލުގެ ދިރިއުޅުން ފާއިތު ވެގެން ހިނގައްޖެއެވެ. އެކަމަކު އަލިފުދާލާއި ބައިނަލްއަގުވާމީ މުޖުތަމައުން އެބައިމީހުންގެ ވައުދު ފުއްދުމުގައި ފިޔަވަޅެއް ކުރިއަކަށް ނޭޅިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނު މިހާރުވެސް އޮތީ ކަޝްމީރުގެ ރައްޔިތުންގެ މިނިވަންކަމަށް ތާއީދުކުރުން މަތީގައެވެ.