އެކުސެސް ލަގެޖު - 2

(24 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނަދީ ރުންކުރު ރާގަކަށް ހެދިހެދިގަތެވެ. "އުނހު. އަހާކަށް ބޭނުމެއް ނޫން!"

"އޭނަ މައްޗަށް އޮތް ރުޅިއެއްގައި އަނެއްކާ ފޯނު ކަނޑައިނުލައްޗޭ، ކަނބުލޯ!" ކުޑަބެ ނިޔަނެތި ރާގަކަށް ބުނެލިއެވެ. "އަފުޒަލު ނަދީއަށް ދީފައި އޮތް މެސެޖެއް ރައްދުކުރާށާ ވެސް އެކުގައޭ މިފަދަ ދަނޑިވަޅެއްގައި މި ވަރަކުން ކުޑަބެ މި ގުޅައިލީ."

ނަދީގެ ކަންފަތްކޮޅަށް ޖެހިގެން ދިޔައެވެ.

"ތިޔައީ އަނެއްކާ ކޮންއިރަކު ދީފައި އޮތް މެސެޖެއް؟"

"މީގެ ތިން ދުވަސް ކުރިން. އަފުޒަލުގެ ހަމަ ހެޔޮ ހާލުގައި މާލެއިން މަށާ ދިމާވެގެން ދީފައި އޮތް މެސެޖެއް!"

ކުޑަބެ އެކަން ވީ ގޮތް ވެސް ކިޔައިދީފިއެވެ. އެ ހަފުތާތެރޭ ބޭވުނު ކަންނެލިކޮޅު ކަނޑުއޮތްގިރިއަށް ކިރައިލައިފައި

ކުޑަބެމެން މާލެ އައީ ދޯނީގެ ޖެނެރޭޓަރުގެ މަރާމާތަކަށެވެ. ރުލެއް ނެތް، ނަލަނަލަ އޮފީސް ހެދުމެއްގައި ހުރި އަފްޒަލުގެ ލޮލުގައި ކުޑަބެ އަޅައިގަތީ ކުޑަބެ، މެންދުރުގެ ހޫނު ބަރުދާސްކުރާން ދޯނިން ފައިބައި މަރުކަޒީ ބެންކު ކުރިމަތިން ވާޓަރާ ކައިރިފަށުން ގަހެއްގެ ހިޔަލުގައި ހުއްޓިލައިގެން ހުއްޓައެވެ. ހަމަ ފެނުމާ އެކު އަފުޒަލަށް ހަނާއަޅައި ގޮވާ ކައިރިޔަށް ގެނެސް، އޭނާގެ ކާރަށް އިސާރަތްކޮށްލައިފައި ކާގަޑި ވެސް ޖެހިއްޖެ ނޫންހޭ އޮޑީ ކޮއްތު ނުކައި "މަތީ ފެންވަރުގެ ރެސްޓޯރެންޓަކަށް މަށާ އެކު މިއަދު ދާން ހިނގާށޭ" ބުނެފިއެވެ.

"އަނެއްކާ ކޮން ހިތެއް ޖެހިގެން އުޅޭ ދުވަހެއް ބާވައޭ ކުޑަބެ ހިތަށްއެރި. އާނ ފަހެ އެހެން ހިތަށްއަރައިފާނެތާ! އޭނާ ބޭރުން ކިޔަވައިގެން އައިސް މާލޭގެ ގަދަރުވެރި އަންހެންބޭފުޅަކާ ކައިވެނިން ގުޅި، ދައުލަތުގެ އެންމެ މަތީ ފަންތީގެ މަގާމުތައް ފުރަން ފެށި ފަހުން ދެ މީހުން ދިމައިވި އެއްވެސް ފަހަރެއްގައި މިއީ އަދި އޭނަގެ ފުށުން ފެނިފައި އޮތް ހެވަތައެއް ނޫނިއްޔަ. ކުޑަބެ ލައިގެން ހުރި ދާކުލައިގެ ގަޔަށް ދޫ ގަމީހަށާއި ފަޓުލޫނަށް އިސާރަތްކޮށް، އަޑުން މަލާމާތުގެ އަސަރުތައް ފިލުވައިލަން މަސައްކަތްކުރަމުން ބުނެފިން. މިކަހަލަ ގުނބުވަސް ދުވާ ހެދުމެއްގައި ހުރި މަސްކެއުޅަކު ތިޔަ ފަދަ ބޭފުޅެއްގެ އަގުމާތް ކާރުކޮޅަށް އަރަންވެދާނެތޯއޭ. އޭނާ ހީނގެންފައި އޭނަގެ އެ ހުންނަ ފޮނި، ފަތަރާސީ ގޮތުގައި އަތްފުޅާކޮށްލައިގެން ހުރެ ބުނެފި. ކެއުޅަކަސް ގިއުޅަކަސް ހެވޭ. އަހަރެންގެ މެހުމާނެއްގެ ގޮތުގައި ޒައިދު ވާތަން ފެނުމުން އެއްވެސް މީހަކު ތިޔައީ ދެރަސޮޑާކަމަކަށް ނުހިތާނެއޭ."

އެކަންވީ ވެސް އެހެންނެވެ. އަފުޒަލާ އެކު ދާ ތަން ދެކޭހައި މީހަކު ކުޑަބެއަށް ދީ އުޅުނީ ސަމާލުކަމުގެ ކަޅިއެވެ. މާތް މަނިކުފާނު އަރިއަހުގައި މިއަދު މި ހުންނެވީ އަނެއްކާ ކޮންބޭކަލެއްބާވައޭ ހިތާހިތާ ސުވާލުކޮށްލާ ކަހަލައެވެ. ބައެއް ދަންނަ މީހުން ސެލިއުޓުދީ ވެސް އުޅުނެވެ.

"މި ހުންނަނީ ވެސް މަރު ގާތްވީމައި މީހުންނަށް ކަންތައް ކުރެވޭ ގޮތްތާއޭ މިއަދު ކުޑަބެ ހިތަށް އެބަ އަރާ. މެންދުރުގެ ކެއުމަށް ފަހު ވެސް އަފުޒަލު، ރަށު އިސްކޫލަށް ވުރެ ފެންވަރު ރަނގަޅު، އަހަރެމެން ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އޭނާ ހޭދަކުރި އަހަރުތަކުގެ އެކިއެކި ހަނދާންތައް އާކުރާން ވަރަށް ގިނައިރު ކާމޭޒުދޮށުގައި އަހަންނާ ވާހަކަދައްކަން އިން." ކުޑަބެ ފޯރީގައި ކިޔައިދިނެވެ."ނަދީއާ ކުދިންގެ ވާހަކަތައް ވެސް ވަރަށް ގިނައިން އަހައިއުޅުނު. އެންމެ ފަހުން، އޭނަޔަށް އައި ފޯނަކާ ވިދިގެން މަރުކަޒީ ބެންކުގައި އޮންނަ ދެވަނަ ބައްދަލުވުމަށް ވެސް މިއަދު މި ޖެހެނީ ދާންތާއޭ ބުނެ ތެދުވެ ސިޑިން ތިރިއަށް ފައިބައިގެން ކާރުގައި ކުޑަބެ ގެންގޮސް ހުރި ތަނަށް ގަސްދޮށަށް ބާލައިދިނުމަށް ފަހު މާނޭވާއެއް ބޭރުކޮށްލަމުން ބުނެފި--"ކުޑަބޭއެވެ. ނަދީއަށް ފަށްފަށުން އަހަރެންގެ ސަލާންބުނެދެއްޗެވެ. އަދި އަހަންނަށް ނަދީއާ މެދު ކަންކުރެވުނު ގޮތުން ނަދީގެ ކިބައިން ނިހާޔަތަށް މާފުއެދޭ ވާހަކަ ވެސް ބުނެދެއްޗެވެ. މިއަދު މި ދުލުން މި ވާހަކަ ބުނެލުމުން އަހަރެންގެ ހިތަށް ނިކަން ލުއިވެސް ވެއްޖެއޭ."

ނަދީގެ ތެޅިތެޅި އޮތް ހިތަށް ގަދަ ޒަލްޒަލާއެއް އެރި ކަހަލައެވެ. ނަމަވެސް މޭމަތީ އަތްއަޅައިލައިގެން އިނދެ ހިތްވަރުން ނަމަވެސް އަމިއްލަ ނަފުސު މަޑުމަޑުން ހަމަޔަކަށް އަޅުވައިލައިފިއެވެ. އޭނަގެ މަރުޙޫމު ލޯބިވެރިޔާއަށް ޓަކައި ހިތުގައި ވިންދުޖެހި ހެޔޮ ދުއާއެއް، ލަފުޒުތަކެއްގެ ގޮތުގައި ދެތުންފަތުން ސިމިސިމިލައްވަމުން ދިޔައިރު އޭނަގެ އެކިއެކި ހަނދާންތައް، ނަދީ ވަށައިލައިފައިވެއެވެ.

ވަދާއުގެ ސަލާމަށް ފަހު ކުޑަބެ ކޯލު ކަނޑައިލުމުން ފޯނުން ފެންނާން އޮތް ޚަބަރުގެ ތެރެއަށް ނަދީ އަނެއްކާ ވެސް ފީނައިގަތެވެ.

"މާލީ ވުޒާރާގެ ސިކުނޑިކަމަށް ވާ އަފުޒަލް ސަލީމު އޮފީހުން ޗުއްޓީއެއް ނަންގަވައިގެން އުޅުއްވާތާ ހަފުތާއެއްހައި ދުވަސްވެއްޖެއެވެ. އިއްޔެ އޭނާ ވަރަށް އަވަދިނެތި އުޅުއްވީ ތ.އަތޮޅަށް މަސްދަތުރަކު ވަޑައިގެންނެވުމުގެ އެކިއެކި ތައްޔާރުތަކުގައެވެ. މިއީ ވަރަށް ގިނަ ހަފުތާބަންދާ ދިމާކޮށް، ގާތް ތިންހަތަރު ރަހުމަތްތެރިޔަކާ އެކު އޭނާ އަބަދުވެސް ކުރައްވާ ދަތުރެކެވެ. ދަތުރުކުރައްވަނީ ވައިގެ މަގުން ފުރަތަމަ ތިމަރަފުއްޓަށެވެ. އޭރު އޭނާ ހިރިލަންދޫގައި ސީދާ މަސްވެރިކަމަށް ބަންނަވައިގެން ގެންގުޅުއްވާ ތެއްތިރީސް ފޫޓުގެ "މަސްހިބަރު" ލާންޗު ތިމަރަފުއްޓަށް އައިސް ތައްޔާރަށް އޮންނާނެއެވެ. ކުރިން އޭނާ ކުރައްވައި އުޅުއްވީ ރޭގަނޑު އިރާކޮޅުގެ ނުވަތަ ފަތިސްކޮޅުގެ ފަރުކެއުޅުކަމެވެ. ނަމަވެސް ލާންޗު ބެންނެވި ފަހުން ބޮޑަށް ލޯބިކުރައްވަނީ ދެކުނުގެ އަތޮޅުއަތޮޅު މަތިން ބޮޑެތި މަސް ބޭނުމުގެ މަސްވެރިކަމަށެވެ. މިގޮތުން ރާއްޖޭގެ ކަނޑަކުން އެންމެ ބޮޑު މަހެއް ބޭނުމުގެ ރެކޯޑު އޮތީ ވެސް އޭނާ އަތްޕުޅުގައެވެ. އެއީ ދިހަ ފޫޓުގެ ދިގުމިން ހުރި 450 ކިލޯގެ ބަރުދަން ހުރި މަސްހިބަރެއް ބާނުއްވައިގެން ގާއިމުކުރައްވައިފައި އޮތް ރެކޯޑެކެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު އަށްގަޑިބައިހައިއިރު އޭނާ ދަތުރަށް ޗެކިން ކުރައްވައިގެން އެއާޕޯޓުގައި ހުންނަވަނިކޮށް މޭފުޅަށް ތަދެއް އެރުމުން ރައްޓެހީންގެ އެހީތެރިކަމާ އެކު ޓެކުސީއެއްގައި އަވަހަށް ވަޑައިގަތީ ޓްރީޓޮޕު ހޮސްޕިޓަލަށެވެ. އެތަނުން ދިން އިމަޖެންސީ ފަރުވާއާ ވިދިގެން އޭނަގެ ހާލުކޮޅު ރަނގަޅުވެލައި ރައްޓެހީންނާ ހީނސަމާސާފުޅު ވެސް ކުރައްވައިހެއްދެވިކަމަށްވެއެވެ.

"އޭނާ އަވަހާރަވީ ދެވަނަ ފަހަރަށް މޭފުޅަށް ބާރުގަނޑެއް އަރައިގެން ޑަކުޓަރުން ހިތްޕުޅުގެ އަވަސް އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދަނިކޮށް ހިތްޕުޅު ހުއްޓިގެންނެވެ. އޭނަގެ އަނބިކަނބަލުން ހޯމް މިނިސްޓަރު ސަމާ މުޙައްމަދު ދީދީއާއި އެ ދެމަފިރިކަނބަލުންގެ ހަ ބޭފުޅުން ވެސް އެވަގުތު ވަޑައިގެން ތިއްބެވީ ހޮސްޕިޓަލުގައެވެ. ވަރަށް ކުލަގަދަ ގޮތެއްގައި އޭނަގެ ސާޅީސްވަނަ އުފަން ދުވަސް ފާހަގަކުރެވުނީ ވޭތުވެ ދިޔަ ހަފުތާތެރޭ މާލޭގައި ހުންނަ ހޯމް މިނިސްޓަރުގެ މައިފުނަ ގެކޮޅުގައެވެ.

"އަވަހާރަވި އަފުޒަލުގެ ހަށިކޮޅު މި ވަގުތު ބޭއްވިފައި އޮތީ ހުޅުމާލޭ ސަހަރާގައެވެ. މޫނުފުޅު ދެކެން ދައުލަތުގެ ބޮޑުންނާއި ވަރަށް ގިނަ އާންމުން ވެސް ހާޒިރުވެވަޑައިގަންނަވަމުން އެބަދެއެވެ. ކަށުނަމާދު އޮންނާނީ މިއަދު އަސުރުނަމާދަށް ފަހު ބޮޑުތަކުރުފާނު މިސްކިތުގައެވެ."

މަސްދަތުރެއް! ބޮޑުމަސްބާނަން ލޯބިކުރާ މީހެއް! މި ލަފުޒުތައް، ހެޑް ސެޓަކުން ތަކުރާރުކޮށް ޖެހެމުންދާ ލަވައެއް ފަދައިން، ނަދީގެ ކަންފަތްދޮށުގައި ގުގުމަމުންދާ ކަހަލައެވެ. އޭނާ ދެވަނަ ފަހަރަށް ޚަބަރަށް ކަޅިއެއްލިއިރު ފަހު ފޮޅުވަތުގެ ތިރީގައި އާއިލާއަށް ތައުޒިޔާ ދަންނަވަން ބޭނުންވާ ފަރާތްތަކަށް ހުޅުވިފައި އޮތް ވައިބަރު ނަންބަރެއް ވެސް ލޮލުގައި އަޅައިގެންފިއެވެ. ވައިބަރަށް ވަދެ އެ ނަންބަރަށް ބަލައިލިއިރު ފާހަގައަކަށް މިނިސްޓަރު ސަމާގެ ކުކުޅުބިސްބުރުގެ ކުޑަ ފޮޓޯއެއް ވެސް ލައިފައި އިނެވެ. އެއީ އޭނަގެ މިހާރަށް ވުރެ ޅަދުވަސްވަރެއްގެ ރީތި ފޮޓޯއެކެވެ. ގަދަ ބުމައިގެ ދަށުގައިވާ ތޫނުފިލި ކަޅިރަވައިން އޭނަގެ ދެމުންހުރި ޝަޚުސިއްޔަތު ކިތަންމެ ރީއްޗެއްކޮށް ވެސް ފެނި ހާމަވާން ހުއްޓެވެ.

ނަދީއަށް މި ހުރިހާ ދުވަހަކު ވެސް ސަމާއަށް ބެލެމުން އައީ އޭނަގެ ތެޔޮނާށި ޖަހައިގަނެގެން ދިޔަ ކާޅަށް ބަލާނޭ ލޮލުންނެވެ. ނަމަވެސް، ކުޑަބެގެ ވާހަކަ އިވުމުން، މިއަދު އޭނަގެ ވާދަވެރިޔާއަށް މުޅިން ތަފާތު ނަޒަރަކުން ބެލެވިއްޖެއެވެ. ކަން ހިނގައި ދިޔަ ގޮތަށް ވިސްނައިލާއިރު ރަނގަޅަށް ވިއްޔާ، ރާއްޖެތެރޭގެ ރަށެއްގައި ކިޔަވަން އުޅުނު ނަދީއާ އަފުޒަލުގެ ލޯބީގެ ވަސް ވެސް، އެ ދުވަސްވަރު ރާއްޖެއިން ބޭރުގައި ހުރި، ސަމާގެ ނޭފަތު ހިނދުރިއާ ހަމަޔަށް ފޯރައިފައެއް ނޯންނާނެއެވެ. ސަމާގެ އާއިލާއާއި އަފުޒަލުގެ އާއިލާއާ ދެމެދުގައި މުސްކުޅި އާއިލީ ރައްޓެހިކަމެއް އޮތް ނަމަވެސް، ރަނގަޅައްވިއްޔާ ސީދާ ސަމާއަށް އަފުޒަލު ފަރިތަވެ އެ ދެމެދުގައި ބަދަހި ގުޅުމެއް ގާއިމުވެފައި އޮންނާނީ އެ ދެމީހުން އެއް ކޮލެޖެއްގައި އިނގިރޭސިވިލާތުގައި ކިޔަވަން ތިބި ހިސާބުންނެވެ. އެހެންވީއިރު، ކުރިން ވަސްވާހެއްގެ ތެރޭގައި ހިތުގައި އަންދަމުން އައި ނަފުރަތުގެ ގިނިގަނޑު، ކަން ހިނގައިފައި އޮންނާނޭ ގޮތް ވިސްނުމުން މިހާރު ދެން ހިތުގައި އަންދާކަށް ވެސް ވީ ކީއްކުރަން ހެއްޔެވެ؟

ނަދީގެ ހިތް ބުނަމުން ދިޔައެވެ. ނޫހުގައި ޖަހައިފައި މި އޮތް ވައިބަރު ނަންބަރަށް ތައުޒިޔާގެ މެސެޖުތައް ރާއްޖޭގެ ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުން ވެސް މިހާރު ކެނޑިނޭޅި އޮހެމުންދާނެތާއެވެ. ސަމާ ދަންނަ ރައްޓެހިން ކީއްކުރަން ހެއްޔެވެ؟ ސަމާގެ އާއިލާއަށް ލިބިފައި އޮތް ގަދަރާއި މިއަދު އޭނާ އެ ހުރި މަގާމުގެ ގޮތުން އޭނާ ޒާތީ ގޮތުން ނުދަންނަ އާންމުންގެ ކިތަންމެ ކިތަންމެ ބަޔަކު ވެސް، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެހަދާނެއެވެ.

(ނުނިމޭ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.