ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނިގެން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ އިތުރު މީޑިއާތަކާއެކު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
މި ވުޒާރާގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ރާއްޖޭގައި ހިންގާ 5 މީޑިއާއާއެކު މިއަދު ވަނީ ސޮއިކޮށްފައެެވެ. މިމަޝްރޫޢުގެ ދަށުން މިދިޔަ ހަފްތާގެތެރޭގައިވެސް މިވުޒާރާއިން ވަނީ އިތުރު މީޑިއާތަކާއެކު ސޮއިކޮށްފައެވެ.
އަދި މިމަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނަށް ވުމަށް ހުރިހާ މީޑިއާތަކަށް އަދިވެސް ފުރުސަތު އޮތްކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
މީގެ އިތުރަށް މިމަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ވަނީ ހުޅުވާލާފައެވެ. ލޯގޯ ފަރުމާކުރުމަށްފަހު ހުށަހަޅަންޖެހޭނީ މިވުޒާރާއަށް، މިސެޕްޓެންބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. މިގޮތުން ހުށަހަޅާ ލޯގޯގެ ތެރެއިން މިވުޒާރާއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުން އިންސާފުކޮށް،1 ވަނަ އަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު މިވުޒާރާގެ ވެބްސައިޓް https://mach.gov.mv/dv/downloads/logorcusool އިން ޑައުންލޯޑްކުރެވޭނެއެވެ.
އިޙުތިރާމު އަދާކުރުމުގެ މި މަޝްރޫޢަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.
