އެދުރުދައިތަ - 1

ހުމޭދާ އެ ވަގުތު އިނީ ގޮނޑީގެ އަތްގަނޑުގައި ވާތު އުޅަނބޮށި ވިއްދައިލައިގެން އަރިކޮށްލި ދަތްދޮޅި އެ އަތަށް ދީގެންނެވެ. ދޯރި ދަމައިގެންފައިވާ ގަލަން ކަނާތުގައި އޮތެވެ. މޭޒުމަތީ ގަނޑުކަނޑާފޮތް، ބޭރުގަނޑު އަނެއް އަތަށް މަޅައިލައިފައި އޮތެވެ. އެކަމަކު ލިޔަން އުޅެއުޅެ ވެސް ލިޔާނެ އެއްޗެއް ހިތަކަށް ހަމަ ނައެވެ. ފުލުސް ކޮމިޝަނަރަށް ވެދުން ސަލާމް… މިއަށްވުރެ ހަމަ އެއް ތަންކޮޅު ވެސް ކުރިޔަކަށް ނުދިޔައެވެ. ލިޔާ ގަނޑުކަނޑައިލައިފައި ބާކީކޮށްލެވެނީއެވެ. ނުވަތަ ބޮނޑިބޮނޑިކޮށްލައި ކުނިވައްޓަށް އެއްލައިލެވެނީއެވެ. އެއް ފަހަރަކު ނޫނެވެ. ތަކުރާރުކޮށެވެ. ތިން ހަތަރު ފަސް ފަހަރަށެވެ. ކޮޓަރި އެއާކޯން ޖައްސައި ބާވީސް ދަރަޖައަށް ފިނިކޮށްފައި ހުރި ނަމަވެސް އޭނާއަށް ބަރުދާސްކުރާން ޖެހިފައި މި ވަނީ، ދަރުން ކައްކާ ބަދިގެއެއްގެ ފުށުއުނދުނުން އަރާ ފަދަ އުދާސްކަމެކެވެ. ދުނިޔެމަތި ކިތަންމެހައި ވެސް އުޖާލާ އަތްވަކުން ދިއްލިފައިވާ ނަލަ ރީތި ދުވަހެކެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ ކަޅުފޮއި ރެއެއްގެ ފުންމިން ނޭނގޭ ފަދަ އަނދިރިކަމެކެވެ. ތަޙައްމަލުކުރާން ޖެހިފައި މިވާ ޖަޒުބާތީ ތޫފާނުގައި، ވަރަ ބިނދި އަމިއްލަ ނަފުސުގެ އިތުބާރު މިއަދު ފައިބުޑަށް ވެއްޓިފައިވާތީ ހެއްޔެވެ؟ ކާހިތްނުވެ، މީހުންނާއި ކުރާން ހުރި މަސައްކަތްމަތިން ވެސް ފޫހިވެ، ވައިވެފައި މި އިނދެވެނީ ވެސް އެހެންވެގެންތާއެވެ. ކުރިމަތިވެފައި މި ވަނީ ފުލުސް އޮފީހަށް ނުވަތަ ކޯޓަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅަންކެރޭ ވަރަށް ވުރެ މާ ޒާތީކަމަކަށްވާތީއެވެ. އެފަދަ ތަނަކަށް ހާޒިރުކުރެވިއްޖެ ނަމަ، ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނޭތީ ނޫން ބާވައެވެ؟ ލޯތަކަށް ފަރުދާވެފައިވާ ސިއްރުތައް ވެސް ދިމާއަށް ހާމަނުކޮށް ފަރުނުޖެއްސިދާނޭތީ ބާވައެވެ؟ ކޮނުނު ކޮނުނުހެން ފަސް ދާނީ ގިނަވަމުންކަން ގައިމެވެ.

އަމިއްލަ އަތުން ކޮނުނު މި އަނދަވަޅަކަށް މީހަކު ވައްޓައިލީކީ ނޫނެވެ. އަމިއްލަޔަށް ވެއްޓިގަތީތާއެވެ. އެހެންކަމުން، ކަމުގެ ޒިންމާ އެހެން މީހެއްގެ ބޮލުގައި އެޅުވޭކަށް ނެތެވެ. ކުށްވެރި ކުރާ ނަމަ ކުރެވެން އޮތީ އަމިއްލަ ނަފުސެވެ. ރުޅިއައިސްގެން އެއްޗެހި ގޮވާ ނަމަ ގޮވެން އޮތީ ވެސް އަމިއްލަޔަށް މީހާއަށެވެ. އޭނަގެ ހެޔޮ ވިސްނޭ ތޫނު ސިކުނޑި އެއްކިބާކޮށް، ހެއްލުން ބޮޑު ހިތަށް މާ ބޮޑަށް ވެސް އިތުބާރުކޮށް ލޯމަރައިގެން އިނދެވުނީތީއެވެ. އެ ހިތުގެ އެއްބައި ކަމުގައިވި ލޯބިވެރިޔާ، އެހެންވެސް ފިރިހެނުން މިނެކިރާލާ މީޒާނުން އޭނާއަށް ރަނގަޅަށް މިނެކިރާލާން ނޭނގުނީތީއެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނެއުޅެނީ މިހެންވެގެންތާއެވެ.

މިފަދަ ކަމެއްގައި މިއަދު ހިތަށް ލުޔެއް ލިބުނަސް ލިބޭނީ ތިންވަނަ މީހަކާ އެކަން ހިއްސާކޮށްލުމުންކަން އޭނާ ވެސް ދަނެއެވެ. ހިއްސާކުރާނީ ފަހެ ކާކާ އެކު ހެއްޔެވެ؟ އެއްވެސް މީހަކަށް ދެން އިތުބާރުކުރާން ވެދާނެ ހެއްޔެވެ؟ ލިބިގެން މި އުޅޭ ރީތި ލަނޑުގެ ވާހަކަ ދޫދޫ މަތިން ދެކެވި ރަށުތެރެއަށް ފެތުރޭ ގޮތް ވެއްޖެ ނަމަ ހަޖޫޖަހާ މީހުންގެ އަމާޒުފަތްގަނޑަކަށް ވާނީ އޭނާ ނޫން ބާވައެވެ؟ އަދި މުޖުތަމާ ކުރިމަތީގައި ވެއްޓޭނީ ވެސް އޭނަގެ އަގާއި އިތުބާރު ނޫން ބާވައެވެ؟ މިކަންކަމުގެ ސުންޕާ ހިޔަނި އޭނަގެ ވިޔަފާރިއަށް ވެސް ނޭޅި ހިނގައިދާނެ ބާވައެވެ؟

ކޮންމެއަކަސް ވީ އެއްޗެއް ވެ ނިމިއްޖެއެވެ. ދެން އެކަމާ މާބޮޑަށް ހާސްވެ ފިކުރުކުރުމުގެ ބޭނުމެއް ނެތެވެ. ހިތިތަށި މި ފަހަރު މި އޮތީ ގަޔަށް ބަންޑުންވެފައެވެ. ދަތްކޮޅު ހެފުމަކުން، ނަފުސަށް މަލާމާތްކުރުމަކުން ދެން ލިބޭނެ މޮޅެއް އަދި ވާނެ ފައިދާއެއް ވެސް ނެތެވެ. ދުނިޔެ އުޅުމުގައި މީ ވެސް ލިބުނު ފިލާވަޅެއް ކަމުގައި ހިތާނީއެވެ. އެކަމަކު އިބުރަތަކަށް ވެސް މިއީ ހާދަ އަގުބޮޑު ފިލާވަޅެކެވެ.

****

ކުރިމަތީގައި އިން ބަލިމީހާއާ ވާހަކަދައްކަން އިނދެފައި އޭނާ ފޯނު ނެގީ އިންޓަކަމުން ރިންގުވާން ފެށީމައެވެ.

"ހުމޭދާ ވާހަކަ ދައްކަނީ!"

"އަޅުގަނޑުގެ ނަމަކީ އާޒިމާ. ކުރިޔަށް ދިހަ މީހުން ތިބިކަމަށް ބުނޭ. މިހާރު ގަޑިން އެ ޖަހަނީ އެގާރަ. ނަންބަރެއް ނަގައިފިއްޔާ އަޅުގަނޑުމެންނާ ޖެހޭވަރު ވާނީ ކިހައިއިރެއްގެ އިންތިޒާރެއްކުރާ ފަހުންތޯ؟"

ހުމޭދާ ހީނލިއެވެ."އެ އެއް ބަރާބަރަށް ދެންނެވުން ދަތި. އަންދާޒާއަކަށް ދެންނެވޭނީ ދެ ގަޑިއެއްހައިއިރު ވެސް ވެދާނެ ކަމުގައި. މެންދުރުން އަނބުރާ އެކެއް ޖަހާއިރަށް އަޅުގަނޑު މަސައްކަތް މެދުކަނޑާލާނަން. އަލުން ފައްޓާނީ އަސުރުގެ ފަހުން. އާޒިމާތޯ ބަލި މީހަކީ؟"

"އަޅުގަނޑެއް ނޫން. އަޅުގަނޑުގެ ފިރިމީހާ ފަންޑިތަ ހައްދަން ބޭނުންވަނީ!'

ހޫނ. ފަންޑިތަ؟ ހުމޭދާ ތުން އަނބުރައިލައިފައި ހިތާހިތާ ކިޔައިލިއެވެ. އެހެން މީހުން ކޮންމެ ގޮތަކަށް ދުއްޓަސް އޭނައަކީ ފަންޑިތަވެރިއެއްކަމަކަށް ޚުދު އޭނާ ގަބޫލެއް ނުކުރެއެވެ.

އޭނާ ދެކޭ ގޮތުގައި އޭނައަކީ ގުދުރަތީ ޑަކުޓަރެކެވެ. އަދި ބޭސްފަރުވާ ދޭ މީހެކެވެ. އެކި މީހުން ދުނިޔެއަށް އުފަންވަނީ އެކި ހުނަރާ އެކުގައެވެ. ކަލާނގެ ކުޅަދުންވަންތަކަމެވެ. އޭނާ އުފަންވީ ފަރުވާގެ ހުނަރާ އެކުގައެވެ. އޭނާގެ ބީހުމުގައި ވެސް "ބޭސް ފަންޑިތައިގައި" ވެސް ޝިފާގެ ބަރަކާތް ލައްވަވައިފައިވަނީ ނޫން ބާވައެވެ؟ މިކަމަށް އަލިއަޅުވާލަމުން އެއް ފަހަރަކު ނޫސްވެރިއަކު އޭނާ ސިފަކުރީ މި ޒަމާނުގެ "މަސީޙާ"ގެ ގޮތުގައެވެ. އެކަމަކު އެއީ ދެން ފެންނެތް ބޮޑުކާށި ބިނުންތާއެވެ! ނަމަވެސް ފަންޑިތަވެރިއެކޭ ބުނުމަށްވުރެ ހަގީގަތާ ގާތްކުރާ ބުނުމެކެވެ. އަބަދުވެސް ގިނަ މީހުން އޭނާ ގާތަށް އަންނަނީ ގޮތް ނޭނގޭ ބަލިބައްޔަށް ފަރުވާ ހޯދުމަށެވެ. އެއީ ޖިންނި ސައިތޯނުންގެ ފުށުން ޖެހޭ ކަންތައް ކަމަށް ކިޔޭތީއެވެ. ނޫން ނަމަ ސިހުރު ހާހޫރަކަމަށް ބެލެވޭތީއެވެ. އޭނާ ކިޔަވާ ފުމެލައިފައި ދޭ ކުޑަކުޑަ ފެންފުޅިއަކީ މި ފަދަ ކަންކަމަށް ފަރުވާއެއްކަމަށް ގިނަ މީހުންގެ މެދުގައި އޮންނަނީ ބެލެވިފައެވެ. ނަމަވެސް ހަގީގަތަކީ އެއީ އޭނާ ވަކި މިވެނި ކިއެވެއްޔެއް ކިޔަވައި، ފެން މަތުރައިގެން ކުރާކަމެއް ނޫންކަމެވެ. އެވަގުތަކު ހިތަށް އައި ހެޔޮ އެއްޗެއް ކިޔަވައިލައި ޝިފާގެ ބަރަކާތްލެއްވުން އެދި ދުއާކުރަނީއެވެ.

ބައެއް އަންހެންކުދީން ރައްޓެހިވެގެން އުޅޭ ނުވަތަ ކާވެނިވާން އުޅޭ ފިރިހެންކުދިންނާމެދު އޭނާގެ ސިއްރު ލަފައެއް ހޯދުމަށް ވެސް އޭނާ ގާތަށް އައިސް އުޅެއެވެ. ލޯބިވެރިޔާ ގޮވައިގެންނެވެ. ނޫން ނަމަ ލޯބިވެރިޔާއާ ނުލައި ފޮޓޯ ހިފައިގެންނެވެ. އޭގެ އިތުރަށް، ދެ މީހުންގެ އުފަން ދުވަހާއި ވިހޭ ސާއަތާއި އަތޮޅާއި ރަށާ ބެހޭ ވަނަވަރާ  ވެސް އެކުގައެވެ. އެދުރުދައިތައެއްގެ ގޮތުން އަބަދުވެސް މި ކަމަކީ ރާހި ބަލައިގެން އޭނާ ކުރާކަމެއްކަމަށް ހީކޮށެވެ. އެހެނަސް އެއީ މުޅިއަކުން އެހެން އޮތްކަމެއް ނޫނެވެ. އޭނަގެ ހިތަކީ ކިލައެއްމިލައެއް ނެތް ސާފު ސީދާ އެއްޗެކެވެ. އޭނާ އަބަދުވެސް ބޮޑަށް ބަލަނީ ހިތް ބުނާ އެއްޗަކަށެވެ.

މިކަން ފުރަތަމަ ފެއްޓުނީ އަވަށްޓެރިންނަށް ނުވަތަ ގާތް ރައްޓެހިންނަށް، ހެޔޮ ހިތުން، އޭނާ ހިލޭކޮށްދޭ ކަމެއްގެ ގޮތުގައެވެ. ދުވަހަކު ލޯނުދެކޭ މީހުން ވެސް މިއަދު މި ޚިދުމަތް ހޯދަން އޭނާ ގާތަށް އަންނަނީކީ މަދެއްކޮށެއް ނޫނެވެ. ގިނަ ފަހަރަށް ކޮންމެވެސް ދެކެފަރިތަ މީހަކު ނުވަތަ ރައްޓެއްސަކު މެދުވެރިވެގެންނެވެ. ކަމަކީ، ރައްޓެއްސަކަށް ވިޔަސް ދުރުހިލޭ މީހަކަށް ވިޔަސް، އޭނާ ހަމަ އުފަލުން، އަގަކާ ނުލައި ދަރުމަޔަށް ކޮށްދޭ ކަމަކަށް ވާތީއެވެ.

މިއާ ޚިލާފަށް އޭނާ ބޭސްފަރުވާގެ މަސައްކަތްކުރަނީ އާމްދަނީ ހޯދުމަށް ޓަކައެވެ. ރުއްގަލު ބޭހާއި ފިލާގަނޑުއެޅުމާއި ބަދެލިލުމެވެ. ހުޅުހުޅުގައި ރިއްސުމަށް، ރާއްޖެބައްޔަށް، ޖެހިތަދަށް، އޭނާ ދަމައިދޭ ތާސީރު މޮޅު ތެލެވެ. މި ކަންކަމަކީ އޭނާގެ މައިފުށުގެ އާއިލީ ބޭސްވެރިކަމާ ގުޅިފައިވާ ކަންކަމެވެ. އޭނާ މި ބޭސްވެރިކަން ލިބިގަތީ އޭނަގެ ލޮބުވެތި މާމަ ފިޔަވައި އެހެން ފަރާތަކުން ނޫނެވެ.

"އަޅުގަނޑުމެންގެ ގެއަށް ހުމޭއަށް ޖައްސައިލެއްވިދާނެތޯ؟" އެކޮޅުން ފޯނުން އަޑު އައުމުން ހަނދާނީ ފުން ނިންޖެއްގައިވާ ހުމޭދާ ސިއްސައިގެން ގޮސް ހޭލެވުނު ކަހަލައެވެ.

"ގޭގެއަށް ދިއުމަކީ އަޅުގަނޑު ވަރަށް ކޮށްނޫޅޭ ކަމެއް.! އެއީ އަޅުގަނޑު ގާތަށް ފަރުވާ ހޯދަން ނުވަތަ ލަފައެއް ހޯދަން އައިސް ތިބޭ އެހެން މީހުންނަށް ކުރެވޭ ބޭއިންސާފެއްކަމަށްވާތީ!"

"ހުމޭއަށް އާންމުކޮށް ލޯބިން މީހުން ކިޔައިއުޅޭ ނަމަކީ އެދުރުދައިތަ، އެހެން ނޫންތޯ؟"

"ތިހެން ވެސް ކިޔާއުޅޭ. އެކަމަކު އަޅުގަނޑަކީ ދައިތަގަނޑެއް ނޫން. އިއްޔެ މެންދުރުގެ ޒުވާނެއް!"

"އެހެންތޯ؟" އެކޮޅުން ހީނގަތެވެ."އަޅުގަނޑަށް ހީވެފައި އޮންނަނީ އަސްލު ވެސް ތިޔައީ ދަތްކޮޅު ނެތް ދައިތަގަނޑެއްކަމަށް! މިހާރު ދަތްކޮޅު ހުރިކަމާއި ކާށި ވެސް ކެވޭނެކަން އެނގިއްޖެ. މަސައްކަތުގައި ރޯދިބަރަކާތް އިތުރުކުރަށްވާށި! ގެއަށް އަންނަން ކިޔުއްވާނެ އަގެއް ކިޔުއްވާ! އަގަކާމެދު އަޅުގަނޑުމެންގެ އެއްވެސް ޝަކުވާއެއް ނެތް!"

އެ އަންހެނާގެ ވާހަކަޔާ ވަރަށް ގަޔާވެގެން އިނދެވުނު ހުމޭގެ ހުރިހައި ފަސްޖެހުމެއް ވަޔަށް ބުރައިގެން ދިޔަ ކަހަލައެވެ.

"މިއަދުގެ މެންދުރު ފަހަށް ވެސް ނަންބަރުތައް ވަނީ ހުސްވެފައި. ފަހަރުގައި ރޭގަނޑު---"

"ރޭގަނޑު އަޅުގަނޑުމެންނަށް ބޮޑަށް ރަނގަޅީ ވެސް. އަޅުގަނޑުމެން ދިރިއުޅެނީ ހުޅުމާލޭގައި. ނަންގަންނަންތޯ؟ އަޅުގަނޑުގެ ފިރިމީހާއަކީ ތި ޒާތުގެ ކުލިނިކެއްގައި އާއްމުންގެތެރޭ ކިއުޖެހިގެން އިންނަވާ ވަރަށްވުރެ މާ ގަދަރުވެރި، މާ ބޮޑު ބޭފުޅެއް!"

މިއީ މި ފަދަ ވާހަކައެއް ހުމޭދާ އެހި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ލައްވާ "ފަންޑިތަ" ހައްދަން ގުޅުއްވާ ބައެއް ބޭފުޅުންނަކީ "އަމީރުން" ވަޒީރުން ނުވަތަ މަޝްހޫރު މަހުޖަނުންކަމުގައި ވާތީއެވެ.

"ހުމޭ މިރޭ ކޮންމެހެންވެސް ދުރުވެދެއްވަން ވާނެ. މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް!" އާޒިމާ އެކޮޅަށް ފޯނަށް މާނޭވާއެއް ދުއްވައިލީ މިކޮޅަށް ވެސް އިވޭހައިވަރަށެވެ.

"ނިކަން ވިދާޅުވެ ބައްލަވާ! ފިރިކަލުންނަށް ޖެހިގެން ތިއުޅެނީ ކޮންކަހަލަ ގިލަންވެރިކަމެއް ނުވަތަ ކުށުވެރިކަމެއްތޯ؟"

"ލަފާކުރެވެނީ މިތުރުވެރި ހަތުރެއްގެ ކަމެއް ކަމަށް! ހުރިހާ ވާހަކައެއް ނަންގަންނާނަން ދުރުވީމާ!"

"އެންމެ ރަނގަޅު. މިރޭ އަށްގަޑި ބައިގައި ދާނަން!"

"ފަށްފަށުން ޝުކުރިއްޔާ. ކޭން ނުބައްލަވާ ދުރުވައްޗޭ. މިހެން މި ނަންގަތީ އަޅުގަނޑުމެން ހުމޭއަށް ކެއުމެއް އަރުވަން ބޭނުންވާތީ!"

ހުމޭއަށް އަމިއްލަޔަށް ހިނިތުންވެލެވުނެވެ. ހިތަށްއެރިއެވެ. މިރޭ ލައްވާލައިފައި މިއޮތީ ގައިރޯއްޖާއި ބަނޑުގެ ނަސީބާތާ އެވެ. ދެރައެއް ނުވާނެއެވެ. އަނެއްކާ މިއީ ކޮން ބައެއް ބާވައެވެ؟ ނަމުން އެނގޭވަރުގެ މާ ގިނަ މައުލޫމާތެއް ދިނީއެއް ނޫނެވެ. ނަމަވެސް އެ މީހުންގެ ފެންވަރު، ވާހަކައިން، އޮޅުމެއްނެތި ދޭހަވެއްޖެއެވެ. ކޮންމެއަކަސް ކަންފަތަށް އެއީ ރަހުމަތުން ފުރިގެންވާ ބަހުގެ މިޔުޒިކެއް ފަދަ ފޮނި އޮމާން އަޑެކެވެ.

"ލިބިދާނެތޯ ހުމޭގެ މޯބައިލް ނަންބަރު؟"

ހުމޭ ނަންބަރު ކިޔައިދީފިއެވެ.

ކުޑައިރުކޮޅެއްގެ ފަހުން ފޯނަށް މެސެޖެއް އައިމާ ބަލައިލިއިރު އެވީ އާޒިމާގެ މެސެޖަކަށެވެ. ބުނެދީފައި އޮތީ އެ މީހުން ގޭގެ ނަމާއި އެޑުރެހެވެ. ތިރީބުރީގައި ހުންނާނީ ދިވެހި ބެންކުގެ ގޮތްޕެއްކަމަށާއި އެ މީހުން ދިރިއުޅެނީ ހަތަރުވަނަ ބުރީގައިކަމަށް ވެސް ބުނެފައި އޮތެވެ. އިމާރާތަކީ އެމީހުންގެ މިލްކުގައި ހިމެނޭ ތަނެކޯލައެވެ. މި ވާހަކައިން ވެސް އެއީ އާދައިގެ ބައެއް ނޫންކަން ވިސްނިއްޖެއެވެ.

ދެވަނަ މެސެޖެއް ފޯނަށް އައިމާ ބަލައިލިއިރު އެއީ ވެސް އާޒިމާގެ މެސެޖެކެވެ. އޭނާ ލިޔެފައި އޮތެވެ.

"ހުޅުމާލެއިން ބަސް ނުވަތަ ޓެކުސީއެއް ހޯއްދެވުމުގެ ބުރަ އުފުއްލަވާކަށް ނުޖެހޭނެއެވެ. ހުމޭ ބަލާ ގޮސް އެތާ އަޅުގަނޑުމެންގެ ޑުރައިވަރު ހުންނާނެއެވެ. ފެރީ ގިމަތައިން ބޭރުވާއިރު އޭނާ ހުންނާނީ މަގުގެ އަނެއް ފަރާތުގައި ހުމޭގެ އިންތިޒާރުގައެވެ. ކާރަކީ ކަޅު ބީއެމް ޑަބުލިއު ކާރެކެވެ."

އެއްކަލަ ދޫނިޖޯޑު އައިސް ކުޑަދޮރުގެ ބޭރުން ބިއްލޫރިގަނޑުގައި ތުންތަޅައިލައިފިއެވެ. ތުނބާއި ފައި ރަތް، ކަޅުކުލައެއްގެ ކުޑަކުޑަ ދެ ދޫންޏެވެ. އަސްލު އެއީ ރާއްޖެއަށް އަހުލުވެރި ވައްތަރެއްގެ ދޫންޏެއްހެނެއް ހިއެއްނުވެއެވެ. މީހަކު ބޭރުން ގެނެސްގެން އުޅެނިކޮށް ކޮށިން ވީއްލުނީ ތޯއްޗެކެވެ. ކޮންމެއަކަސް މި ޒާތުގެ ކިތަންމެ ދޫންޏެއް މިތަނަށް ކާން އާދެއެވެ. ހުމޭ ކުޑަދޮރު ހުޅުވައިލައިފައި ކުޑަ ދޮލަނގަކަށް ކުދިބަތް އަޅައިފައި ކޮންކިރީޓު ފިލާމަތީގައި ބަހައްޓައިފިއެވެ. މި ދަމަކީ ދޫނީގެ ދަމެވެ. ހެނުދުނު މިތަނަށް ކާން އަންނާނީ ހައެއްކަ ބުޅަލެވެ. އެސޮރުމެންނަށް ވެސް ހުމޭ ކާން އަޅައެވެ. ޕެކެޓުޕެކެޓުގައި ބަންދުކޮށްފައި ހުންނަ ވައްތަރެއްގެ ތައްޔާރީ ކާނާއެކެވެ. އެސޮރުމެން ވެސް އޭނާ ބަލައިގެންފައި ވަނީ ލޯބިވެތި ސާހިބާގެ ގޮތުގައެވެ. ނުވަތަ މުސްކުޅި ރަހުމަތްތެރިއެއްގެ ގޮތުގައެވެ.

ކާން ތިބި ދެ ދޫންޏަށް ސުވާލުގެ ނަޒަރެއް ދީގެން ހުމޭ އިނެވެ. އެސޮރުމެން ތުން ހިއްލައިލައި ހުމޭއަށް ބަލައިލައިފައި ތޫލި އަޑެއް ލައްވައިލިއެވެ. އެސޮރުމެން ވެސް އެލަފާދެނީ ކުރިމަތިވެފައި އޮތް ދަތުރު ދާންތާއެވެ! ގޮސްގެން ދެރައެއް ނުވާނެއެވެ!

ހުމޭ އެނބުރޭ ގޮނޑީގައި ޖައްސައިލައި މޭޒުދޮށަށް ލެފެވޭނެހެން ގޮނޑި އަނބުރައިލިއެވެ. ދެން ދިމާ ކުރިމަތީގައި ހުރި ފާރުގައި، ފިލައެއް މަތީ ހުރި، ގަނޑުބިއްލޫރީގެ އަހުރާމްތަކަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުޑަމެންދުރުގެ ދަޅަތަކުން ކޮޓަރި އަލިވެ އުޖާލާވެފައިވާ މިންވަރަށް އެތަކެތީގެ ވިދުން ވެސް ގަދަވެފައި ހިތްގައިމެވެ. އެ ވިދުން ލޮލަށް އެޅޭ ހިނދު ހުމޭގެ ހަވަނަ ހިއްސު ހޭލައްވާލާ ކަހަލައެވެ. ނަންބަރުން ދެން ޖެހޭ މީހާ ވަންނައިރު އޭނާ އިންނަން ޖެހޭނީ ތައްޔާރުވެލައިގެންނެވެ.

(ނުނިމޭ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.