ކުރުވާހަކަ: ކާޑު

ހުކުރު ދުވަހެއްގެ ހެނދުނެވެ. މާއިރާއެކު ޑަބިޔާދޫގައި މީހުން ވިޔަފާރިކުރުމުގައި އަވަދިނެތި އުޅެމުންއައެވެ. މެންދުރުވުމުގެ ކުރިން ފިހާރައް ބަންދުކުރާތީ އަވަހަށް ވިޔަފާރިކޮށްލުމަށެވެ. އާދައިގެ މަތިން އަހަރެންވެސް ގެއިން ނިކުތީ މެންދުރުގެ ނާސްތާއަށް ކޮންމެވެސް އެއްޗެއް ގަނެލުމުގެ ނިޔަތުގައެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ދުއްކާނަކަށް ވަނީމެވެ. އޭރު ގަޑިން އެގާރަޖަހަން ކައިރިވެއްޖެއެވެ. ވިޔަފާރިކުރުން ބަންދުކުރާ ގަޑި ކައިރިވާތީ އަހަރެން ވަން ފިހާރައިގައިވެސް ދެތިން މީހުން ވިޔަފާރިކުރަން އައިސް ތިއްބެވެ.

ފިހާރައަށް ވަދެ ކަރާ ކިލޯއެއްގެ އަގު އެހުމަށްފަހު ދޮން ކެޔޮ ކިލޯއެއްގެ އަގު އެހީމެވެ. ދެން އަހަރެން ދެތިން ވައް ދޮންކޭލާއި ކަރައެއް ގަނެފީމެވެ. އަހަރެން ގަތް ބާވަތްތަކަށް ފައިސާ ދައްކަން ކައުންޓަރު ކައިރީގައި ހުއްޓާ ޒުވާނަކު ކާޑު ގަންނަން ފިހާރައަށް ވަނެވެ. އެކަނބުލޭގެ އައީ ކާޑު ގަންނަންކަން އަހަރެންނަށް އެނގުނީ އެކަނބުލޭގެ ކާޑު އެބަހުރިތޯ ސޭޓާ ސުވާލުކުރުމުންނެވެ.

އެކަނބުލޭގެ ކާޑު ގަންނަން އެހުމުން އެއީ ކޮން ބާވަތެއްގެ ކާޑެއް ކަމެއް ސޭޓަކަށް ނޭގުނެވެ. އާދައިގެ މަތިން ފިހާރައިގެ ސޭޓަކަށްހުރީ ބަންގުލާދޭޝް މީހެކެވެ. އެހެންވެ އޭނާއަށް ކާޑަކީ ކޯޗެއްކަން ނޭގުމަކީ ވެދާނެކަމެކެވެ. ކޮންމެއަކަސް އެވަގުތު އެއީ ކޮން ބާވަތެއްގެ ކާޑެއްތޯ ސާފުކުރުމަށް ސޭޓު ސުވާލުކުރަން ފެށިއެވެ. ޖަވާބުގައި އެކަނބުލޭގެ ބުނީ ކައްކަން ބޭނުންކުރާ ކާޑުކަމަށެވެ. އިތުރަށް އޮޅުން ފިލުވައިދިނުމަށްޓަކައި އެއީ ކައްކާއިރު އަޅާ ކާޑުކަމުގައިވެސް ބުންޏެވެ. އެވަރުންވެސް ސޭޓަކަށް ކާޑު ނުނެގުނެވެ. އާދެ، ކާޑު ގަންނަން އައި މީހާ ބޭނުންވެގެން އުޅޭ ކާޑަކީ ކޮބައިކަން ސޭޓަކަށް ނޭގުނެވެ.

އެވަގުތު އަހަރެން ހީކުރީ އެއީ ހަނޑޫ ނުވަތަ ފުށް ނުވަތަ ހަކުރުގެ ބާވަތެއްކަމަށެވެ. އެކަމަކު ކާޑަކީ އެފަދަ ބާވަތެއްނޫންކަމަށް ބުނެ އެކަނބުލޭގެ ފިހާރަ ދޫކޮށް ދިޔައެވެ. އެއީ ފިހާރަތައް ބަންދުކުރުމުގެ ކުރިން ކާޑު ގަތުމަށް އެހެން ފިހާރައަކަށް ދިއުމަށް ކަމަށް މަށަށް ގަބޫލުކުރެވުނެވެ. ދެން އެކާޑާމެދު އަހަރެން ފިކުރުހިންގަން ފެށީމެވެ. އެއީ ކައްކާއިރު އަޅާ ކާޑު އަހަރެންނަށްވެސް ވަރަށް އާއެއްޗަކަށް ވީތީއެވެ. ކާޑު ހޯދާ އޮޅުންފިލުވުމަކީ އަހަރެންނާ ބެހޭކަމެއްނޫނެވެ. އެކަމަކުވެސް އަހަރެންގެ ހުރި އުނިސިފަޔަކުން އެކާޑު ދެނެގަތުމަށް އަވަސްވެގަނެވުނެވެ.

ކާޑާމެދު ފިކުރު ހިންގަން ފެށުމުން އިސާހިތަކު އަހަރެންނަށް ވިސްނުނީ އެއީ ކިރުން އުފައްދާ ބާވަތެއްކަމެވެ. ސޭޓަށް އެއީ ކޯޗެއްކަން ބުނެދެވޭތޯ އަހަރެން އުޅެން ފެށުމުން ފިހާރައަށް ވަދެ ހުރި އެހެން އަންހެނަކު އަހަންނަށް އެހީވެ އެއީ ދަހީ ނަމަކަށް ކިޔާ ބާވަތެއްކަމުގައި ބުންޏެވެ. މިހާވަރުން ކާޑަކީ ކޮބައިކަން ސޭޓަށްވެސް ފަހުމުވިއެވެ. ތެދެކެވެ. އެއީ ކަރޑް ނަމަކަށް ކިޔާ ބާވަތެކެވެ. އެއީ ގެރީގެ ކިރުން އުފައްދާ ބާވަތެކެވެ. އެކަނބުލޭގެ ބުނިފަދައިން ބައެއް ބާވަތްތައް ކައްކާއިރު އެއަށް އަޅަން ބޭނުންކުރާ ބާވަތަކަށްވެސް ކަރޑްވެއެވެ. އެކަމަކު އެއީ ކާޑެއްނޫނެވެ.

(ނިމުނީ)

ޢަޙްމަދު ފަޔާޟު ޙަސަން
ޢަޙްމަދު ފަޔާޒް ޙަސަނަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. ދުވަހު ނޫސްތަކުގައި ލިޔުއްވުމުގެ އިތުރަށް މަޝްހޫރު "ހުކުރު' މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުކަން ކުރައްވައި އެ މަޖައްލާއަށް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ހިންގުމާއި ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ބޮޑެތި މީހުންނަށް ކިޔަވާދޭ އެދުރެކެވެ. އޭނާއަކީ ތަފާތު މައުޟޫއުތަކަށް ކޮލަމް ލިޔާ ލިޔުންތެރިއެއްވެސްމެއެވެ. މިހާރު ފަޔާޒަކީ އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.