އިމިގްރޭޝަނުން ނިމިގެން، އެއާޕޯޓު އިމާރާތުގެ އެސްކެލޭޓަރުން މައްޗަށް އަރައިގެން ގޮސް ނަދީ އަތުކުރީގަޑިއަށް ކަޅިއެއްލިއިރު މެންދުރުން އަނބުރާ ތިނެއް ޖަހައިދާން އުޅެއެވެ. ހެނދުނު ނާސްތާއަށް ފަހު އަރުން ފެންފޮދެއް ވެސް އެތެރެވެފައި ނުވާތީ އޭނާ ހުރީ އަނގަހިއްކައިގެންނާއި ބަނޑުހައިވެގެން ގޮސް މޫނުމަތީ ކުދިކޮކާ ބުރައިލައިފައެވެ. ކޮޅުނބުން މާލެ ދާން ފުރާ ފުލައިޓަށް ގޭޓު ހުޅުވެން އަދިވެސް ސާޅީހަކަށް މިނެޓު އޮތުމާ އެކު ދެބަނޑަށް ކެއުމުގެ ޚިޔާލުގައި ހަރުގަންނަވައިފައި އޭނާ ރެސްޓޯރެންޓާ ދިމާއަށް ހިނގައިގަތެވެ.
އަގު ދެއްކި އިސްޕެގެޓީ ބޮލޯނޭ ތައްޓާއި ކުޑަ ފެންފުޅި ތަބަކަކަށް ލައިގެން ގޮސް އަޑުގަދަ އިންޑިއާ ގުރޫޕަކާ ފޭގައި، އެ ތަނަވަސް ރެސްޓޯރެންޓުގެ ފަހަތުކޮޅުން އެކަހެރި މޭޒެއްދޮށުގައި ހަމަޖެހިލިއެވެ. ކާން ފައްޓަން ޕުލާސްޓިކު އޫ އަތަށް ހެޔޮވަރުކޮށްލަން އުޅެފައި ވެސް އިހަށް ފިރިމީހާ ބުޝްރީއާއި ދެ ދަރިންނަށް ޚަބަރުވެލާނަމޭ ހިތައި އަތްދަބަހުން ފޯނު ނަގައިގެން ދެ ފަހަރަކު ފޯނުކޮށްލުމުން ވެސް ރަށަށް ގުޅޭނެ ގޮތެއް ހަމަ ނުވިއެވެ. ވަރަށް ބޮޑަށް ލަފާކުރެވޭ ގޮތުގައި މި އުޅެނީ ރާއްޖެތެރޭގެ ދުރު އަތޮޅަކަށް ރޭންޖުގެ މައްސަލައެކެވެ. ފުރަން އެއާޕޯޓަށް އައިސް ހުރިކަމާއި ގުޅަން އުޅެ ނުގުޅުނު ވާހަކަޔާއި ފުރުމުގެ ކުރިން އަދިވެސް ގުޅޭތޯ ބަލާނެކަމަށް ބުނެ ފިރިމީހާއަށް ކުރު މެސެޖެއް ލިޔެ، ފޮނުވައިލިއެވެ. ދެން ފެންފުޅިން ދެ ކޯވަރެއް ދަމައިލައިފައި، ފޯނުން، "މިދުވަސްވަރު" ނޫހުގެ މޫނުމަތިން ރާއްޖޭގެ ޚަބަރުތަކަށް ބަލައިލިއެވެ. މީހާ ލޯބޮޑުވެ ސިކުންތުކޮޅަކަށް ގަބުއެރީ ފަލަ ސުރުޚީއެއްގެ ދަށުގައިވާ ޚަބަރެއް ފެނުމުންނެވެ.
"މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ފިރިކަލުން އަފުޒަލް ސަލީމު މިއަދު ހެނދުނު ދިހަގަޑީގައި ވަރަށް ކުއްލި ގޮތެއްގައި އަވަހާރަވެއްޖެ."
މި ލިބުނު ސުންޕާ ޚަބަރަކުން މޭބޮޑުވާ ގޮތްވެ، ނަދީ ކުއްލިއަކަށް، ކާއެއްޗެހި މަތިން ވެސް ފޫހިވެއްޖެއެވެ. ހިތްގަނޑު ނެގިނެގިފައި ޖެހެން ފެށީ ހިންގައިފައި ހުރި އިންޖީނެއްގެ ފިސްޓަނެއް ފަދައިންނެވެ. އެ ބުނާ އަފުޒަލަކީ އޭނަޔަށް މިލްކުކުރުމުގެ ނަސީބު ނުލިބުނު އޭނަގެ ވޮށްދޫންޏެވެ. މުޅި އުމުރުގައި ވެސް އޭނަޔަށް ހަގީގީ ލޯބިވެވުނު ހަމައެކަނި ފިރިހެންކުއްޖާއެވެ. ނަދީގެ އަރުތެރޭ މިއަދާ ހަމަޔަށް ވެސް ނުފިލައި ހުރީ، ކަތި ނަޒަރަކުން ވިޔަސް އެހެން އަތަކަށް ބަލައިލުމެއް ނެތި، އެ ބޭވަފާތެރިޔާގެ ހައްގުގައި ހަޔާތުގެ އެންމެ ސާއްބަ އުމުރުން ނަގައިލެވުނު އަހަރުތަކުގެ ހިތިރަހައެވެ.
ފޯނު ރަނގަބީލުވާން ފެށުމުން ނަދީ ސިހިގެން ގޮސް ނަންބަރަށް ބަލައިލެވުނެވެ. މިހާރު އެ ގުޅަނީ އޭނަގެ ކުޑަބެއެވެ. ނަދީ ބަލާބޮޑުކުރި ނަލަހަނދުވަރުގޭ ހަސަންފުޅުބެއާއި މަރިޔަންދައިތަގެ ފަސް ދަރިންގެ ތެރެއިން މެދަށް ހުރި ފިރިހެންދަރިއެވެ. އެއީ ނަދީއަށް ވުރެ އުމުރުން ނުވަ އަހަރު ދޮށި ކުއްޖެކެވެ. މައިންބަފައިން މަރުވެ ޔަތީމުވުމާ ވިދިގެން ނަދީ އުމުރުން އަށް އަހަރުގައި ނަލަހަނދުވަރުގޭ ދެމަފިރިންގެ ހިޔާވަހިކަމުގެ ދަށަށް ގެނެވުނުއިރު ވެސް އެގޭ ދޮށީ ދެ ފިރިހެންދަރީންނަކީ ބޮޑުވެ މީހުންނާ އިނދެގެން އަނބީންގެ ގޭގައި އުޅޭ ދެބެންކަމަށްވެފައި ގޭގައި ހުންނަ ފިރިހެންދަރިޔަކީ ކުޑަބެކަމަށް ވާތީ ކުޑަބެއާ ނަދީއާ ދެމެދުގައި އަބަދުއްސުރެ އޮންނަނީ ދޮށީ ދެބެންނަށް ވުރެ އަދި ހަގަށް ތިބި ދެ އަންހެންދަރިންނަށް ވުރެ ވެސް މާ އުޚުއްވަތްތެރި ގާތް ގުޅުމެކެވެ.
ނަދީ ފޯނު ގުޅައިލުމާ އެކު، ސެހެރީ ދެމުމެއް ނެތި، ނޭވާ ހާސްވެ، ނީސްތާއްޓަށްއަރައިފައިވާ ކަހަލަ އަޑަކުން ކުޑަބެ އަހައިލައިފިއެވެ. "ކަނބުލޮ އަނެއްކާ ކޮންތާކު އުޅޭ ދުވަހެއް؟ ކިތައް ފަހަރު ގުޅަން މަސައްކަތްކުރެވިއްޖެ؟"
"މި ވަގުތު މިހިރީ ފުރަން އައިސް އެއާޕޯޓުގައި. ރަށުގައި އަހަރެން ހިންގާ ފަހާފިހާރަޔަށް ބޭނުންވާ ބައެއް ކަހަލަ ފޮއްޗާއި ކުލަކުލައިގެ ބަރަންޏާއި ވެލިފޮތި މިނާ ފަދަ ތަކެތި ހޯދަން ކޮޅުނބަށް މިޔޮއް ކުރާހައި ދަތުރެއްގައި ވެސް އަދި މިހާ ގަނަތެޅެން ޖެހުނު ދުވަހަކާ ދިމައެއް ނުވޭ."
"ތަންކޮޅެއް ދުރާލާ ދަތުރުހަދާ ނަމަ؟"
"ދުރާލާ އަބަދުވެސް ދަތުރުހަދަނީ! އެކަމަކު އަހަރެން ހޯދަހޯދައި އެއްވެސް ތަނަކުން މިފަހަރު ނުފެނިގެން އުޅުނު ވަކި ވައްތަރެއްގެ ކިނާރީއެއް ލިބެން ހުރި ކޮޅުނބުގެ ބިތްދޮށު ހިސާބު ތަނެއްގެ ވާހަކަ ރައްޓެއްސަކު ފޯނުކޮށްފައި ބުނީ އަހަރެން ހޮޓަލުން ޗެކައުޓުވެގެން އެއާޕޯޓަށް އައުމުގެ މަގުމަތީގައި ވަނިކޮށް. ދެން ކާރު އަނބުރައިލައި އެ ދިމާއަށް ބެހެއްޓީ. އަނެއްކޮޅުން ގުދަނެއް ހާވައިގެން ކިނާރީ ފޮށިގަނޑު އަތްމަތިކޮށްލައިގެން ފުލައިޓަށް ލަސްނުވެ އެއާޕޯޓަށް އަންނަން ހަދައިގެން ގަނަތެޅުމަކަށްވާން ޖެހުނީ. ސައިޒުން ބޮޑަސް އަތްމައްޗަށް ލުއި ފޮށިގަނޑަކަށްވާތީ ނަސީބަކުން މިފަހަރު އެކުސެސް ލަގެޖު ދައްކާކަށް ނުޖެހުނު!"
އެކުސެސް ލަގެޖޭ ބުނެ ނަދީ އެ އިސާރަތްކުރަނީ ކޮޅުނބުގެ ތަނަކުން ކުރީ ފަހަރަކު ވަރަށް ހެޔޮ އަގަކަށް ވިއްކާތީ ފެނުނު ކުޑަކުދިންގެ ވާހަކަ ފޮތްތަކަކަށެވެ. އެއީ ކޮޅުނބުން ކެންޑީއަށް ކުރި ދަތުރެއްގައި، މަގުމަތީގެ ބޮޑު އެކުސިޑެންޓެއްގައި މަންމަޔާއި ބައްޕަޔާއި އަދި އޭނަގެ ހަގަށް ހުރި ފިރިހެން ކޮއްކޮޔާ ވެސް އެކު މަރުވި އުމުރުން ތޭރަ އަހަރުގެ ވަރުނީ ކިޔާ އަންހެންކުއްޖެއްގެ ފޮތްތަކެކެވެ. އެއިން ކޮންމެ ފޮތެއްގެ ބަނޑުފުށުގައި ވެސް ފަރަގެއް ނެތި އިނގިރޭސިން ރީތި އެކުވި އަތުއަކުރަކުން "ލޯބިވާ ވަރުނީއަށް މަންމަޔާއި ބައްޕަގެ ފުށުން" މި އިބާރާތްކޮޅު ލިޔެލައި އެ ދެމަފިރިން ސޮއިކޮށްފައި އޮތުމުން އެއީ ވަރަށް ލޯބިވެތި އާއިލާއެއްކަމުގެ ތަސައްވަރެއް ނަދީ ހިތަށް ލިބިގެންދިޔައެވެ.
ދެން އަނެއްކާ، ވަރުނީ ފޮތްތައް ބަލަހައްޓައިފައި ހުރީ ތާރީފު ހައްގުވާހައި ވެސް ރަނގަޅަށެވެ. ފޮތެއްގެ ބުރިކަށިފުށެއް މެށިލައި ބަނޑޭރިގަޑެއްގެ ކަނެއް ތަނެއް މެޅިލައިފައި ވެސް ނެތެވެ. 300 އެއްހައި ފޮތްހުރިއިރު، އޭގެ ތެރޭގައި އައު ކުލަ ކެނޑި، ބަލީ ވަކި މިވެނި ފޮތެކޭ ބުނާނެ ފޮތެއް ނެތޭ ބުންޏަސް ފާފައެއް ނުވާނެއެވެ. ހައްތާ ވެސް އެކިއެކި މަޝްހޫރު ލިޔުންތެރިންގެ ގަލަމުން، ފައިއިނދޭ ފުރައިން ފެށިގެން ބާރަތޭރަސާދަފަނަރަ ފުރައިގެ ކުދިންނަށް އަމާޒުކޮށް އެކުލަވައިލައިފައިވާ ފޮތްފޮތެވެ. އޭގެ ތެރޭގައި ނަދީ ވެސް ނަންއަހާ އަދި ގާތް ކުއްޖަކަށް ގަނެދޭން ބޭނުންވެފައި ހުރި ރޯލްޑް ޑާލްގެ "ޗާރލީ އެންޑ ޗޮކްލެޓް ފެކްޓަރީ" އޭ ކިޔާ ފޮތް ވެސް ހިމެނެއެވެ.
ނަދީ ފޮތްތަކަށް އެވަރަކަށް ލޯބިޖެހި ދަހިލެވީ އޭނާ އުފަން ރަށުގައި ހިނގާ އަދި އޭނާ ވެސް އެތަނަކުން ކިޔެވި އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް ފޮތްތައް ހަދިޔާކުރާހިތް އޮތްލެއް ހަމަ ބޮޑުކަމުންނެވެ. އެތާނގެ މައިއިމާރާތާ ގުޅުވައިގެން ދެބުރިއަށް އައު ލައިބުރަރީއެއް ބިނާކޮށް ފައްކާކޮށްހެދިތާ އަހަރުތަކެއް ވެއަތުވެދިޔައިރު ވެސް އެތާނގެ ފޮތް ހަރުގަނޑުތައް ފަޅުފިލާވަރަށް ފޮތް ނެތިފައި، އެކަމުގެ ސަބަބުން ދަރިވަރުން ކުރަމުންދާ ޝާކުވާތަކަށް ނިމުމެއް ނައިނަމަ ހަމަ ގައިމު ވެސް މި ފޮތްތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިހޫކަމެއް ލިބޭނޭތީއެވެ.
އަތުން އެންމެ 200 ޑޮލަރު ދޫކޮށްލައިގެން ފޮތްބައި މިލްކުކޮށްލައި، ފޮތްތައް އަތްމައްޗަށް ފަސޭހަވަރުގެ ވަކިވަކި ފޮށިފޮށިގަނޑުގައި ބަންދުކޮށްހަދައިގެން އެއާޕޯޓަށް ދާން ނައްޓައިލީ އެއްގަމުގެ މަގަކުން، ޚަބަރު ނުދަންނަ ބައެއްގެ ފުށުން މާވަހަރެއް އަތުޖެހުނު މީހެކޭ އެއްފަދައިން އުފާވެ ހެވިފައި އިނދެއެވެ. ނަމަވެސް ޗެކްއިންގެ މަރުޙަލާގައި 80 ކިލޯއަށް އެކުސެސް ލަގޭޖު ފީއެއްގެ ގޮތުގައި 1500 ޑޮލަރު ދައްކަން ޖެހުމުން ވެފައި ހުރި އުފާ، ކުއްލި ބޮލުރިހުމަކަށް ބަދަލުވެގެން ދިޔަ ކަހަލައެވެ. އަމުދުން އެހެންވީ ފޮތްތަކަށް އަގު ޚަލާސްކޮށްފައި ޖީބުގައި ބާކީ ހުރި 400 ޑޮލަރުގެ ނަގުދު ފައިސާ ކަނޑައި، އަނެއް ބައި އޭނާ ގެންގުޅޭ ދެ ކުރެޑިޓު ކާޑު މައްޗަށް ބަހައިލައިގެން ވެސް އެކުސެސްގެ ފައިސާ ދެއްކޭ ގޮތް ނުވުމުންނެވެ.
ދެއަތަކަށް ބޯހޫރައިލަމުން ނަދީ ހިތާހިތާ ކިޔައިލިއެވެ. ކުރާނީ ކީއްހެއްޔެވެ؟ ފޮތްބައި މިތަނުން ބޭރުކުރެވެން ނެތީއެވެ. ރޫޙާނީ ޢާލަމުގައިވާ ފޮތްތަކުގެ ވެރީންގެ އެދުމަކަށް ވެސް ވާނީ ފޮތްބައި އެ މީހުން އުފަން ފަސްގަނޑުގެ، މިފަދަ ފޮތްތަކެއް ގަތުމުގެ ތަނަވަސްކަން ލިބިފައި ނުވާ ކޮންމެވެސް ފަގީރު ކުދިބަޔަކަށް ލިބުންތާއެވެ. މި ޚިޔާލުގައި އޭނާ ފޮތް ފޮށިގަނޑުތައް ހިފައިގެން އެނބުރި ކޮޅުނބަށް ދާން ނައްޓައިލީއެވެ. އޭނާގެ މަންޒިލް މަގުސޫދަކަށް ވެފައި އޮތީ ވަޖިރާ ރޯޑުގައި ހުންނަ ޔަތީމުޚާނާއެކެވެ. އެއީ އޭނަގެ ހަގުދަރިފުޅު، އޭގެ ކުރިން މާބަނޑުވި ދެ ކުދިން ފަދައިން، ބައިގެންދިއުމެއް އަދި ދޮށީދަރިފުޅު ފަދައިން މައިބަނޑު ފެޅުމެއް ނުވަތަ އިތުރު އުނދަގޫތަކެއް ވެސް ކުރިމަތިނުވެ، ދުވަސް ފުރައި، ގުދުރަތީ ވިހެއުމަކުން މިތާނގެ ނަވަލޯކަ ހަސްފަތާލުގައި ވިހެއުމާ ވިދިގެން އޭގެ އުފަލެއް އަދި ޝުކުރެއްގެ ގޮތުން އޭނާ ފައިސާކޮޅެއް ޞަދަޤާތް ކުރި ތަނެކެވެ. އޭގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން އެ ތަނަށް ޒިޔާރަތްކޮށް، އޭނާއަށް ވީ ވަރަކުން ފައިސާއާއި ތަކެތި ތަނަށް ޚައިރާތެއްގެ ގޮތުގައި ހަދިޔާކޮށްއުޅެއެވެ. އޭނަޔަކީ ވެސް ޔަތީމުކުއްޖަކަށް ވީތީ އޭނަގެ ޚާއްސަ ލޯތްބެއް އެތަނަށް އޮންނަނީކަމަށް ވެދާނެއެވެ.
ހަނދާނީ ހުވަފެނެއްގެ ތެރެއަށް ގެއްލި، އަތުގައި އޮތް އުލުން ކުރިމަތީގައި ހުރި އިސްޕެގެޓީ ތަށި ހާވައިލަހާވައިލައި އިން ނަދީ ހޭލައްވައިލީ ކަރުދޮށާއި ލައި ފިއްތައިލައިގެން އިން ފޯނުން ކަންފަތްދޮށުގައި ގުގުމައިލި ކުޑަބެގެ ބަރު އަޑެވެ.
"ރާއްޖޭގެ ޚަބަރު އެހީމުތަ، ކަނބުލޯ؟"
"ތި އިސާރަތްކުރަނީ މިނިސްޓަރުގެ ފިރިކަލުންގެ މަރުގެ ޚަބަރަށްތަ؟"
"މަރުޙޫމުގެ ނަން ވެސް ނުގަނެ މިނިސްޓަރުގެ ފިރިކަލުންނޭތަ ކިޔަންވީ؟އަހަރެމެން ގެއިން އަހަރެމެންނާ އެއްތަށިމަތިން ކައިބޮއިއުޅުނު ކަނބުލޯގެ އެ ފަދަ ގާތް މިތުރަކު ހާދަ ދުރު މީހަކަށޭ ތި ހަދައިލަނީ؟" ކުޑަބެ ހީނލައިފައި އަހައިލިއެވެ.
"ގާތް ޝުއޫރުތައް ފައުޅުކުރަން މިއަދު ހިތް ކިތަންމެ އެދުނަސް ފައުޅުކުރެވޭ ގޮތަކަށް ނޫނެއްނު އޭނާ މަށާމެދު ކަންކުރީކީ؟"
"ތިޔަކަން މިހާރު ކުޑަބެއަށް ތަރުޖަމާކުރެވޭގޮތް ކިޔައިދެންތަ؟"
(ނުނިމޭ)

