ކޯލް ގާރލް - 31

(27 އޯގަސްޓް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތަޅުންގަނޑު މައްޗަށް ވެއްޓިފައި އޮތް އިރު އޭގެކައިރީގައި ކުޑަކުޑަ ނޯޓް ދޫބޭއަށް ފެނުމާއެކު އަވަސް އަވަހަށް ގުދުވެފައި އެނޯޓް ނަގައިފިއެވެ.އަދި އެގޭގައި އޮތް އެއްޗެއް ކިޔަން ފަށައިފިއެވެ.

"ރަޖްނީ....ހާނއޭ" ދޫބޭ ކަމަލްއާ ދިމާއަށް ބަލާލިއެވެ. އަދި ވަރަށް ބޮޑަށް ޙައިރާންވާގޮތް ދައްކާލާފައި ބުންޏެވެ. "ހަމަ އެކަނި ރަޖްނީތޯ....ލޯބިވާ ނުވަތަ ހުވަފެންތަކުގެ ރާނީ ނުވަތަ އެފަދަ އެއްވެސް އެއްޗެއް ނެތީތޯ.... މީދެން އިޝްޤުކަމަށް ވާނެތޯ....އެކަމަކުވެސް އޭނާ އެހާބޮޑަށް ނުރުހިފައި އެދިޔައީ ކީއްވެތޯ؟"

ދޫބޭގެ މިހެއްވާ ވާހަކަތައް އަޑުއަހާފައި އެތަނަށް އައިސް ތިބި އެންމެން ބާރަށް ހޭން ފެށައިފިއެވެ. އެތަންވަޅު ކަމަލް ނުރުހިގެން ބުންޏެވެ.

"އޯ..ޔޫ..ޝަޓަޕް"

"ނޫން...ނޫން... ތިޔަގޮތަށް ނުރުހުންވެލައްވާކަށް ނުވޭ!" ކަލާ އިޝްޤުގެ މައިދާނުގައި އަދި މާޅައީ. އަޅުގަނޑު ދިން ނަސޭޙަތުގައިވެސް ނުހިއްޕެވީ.. އޭނާއާ ސީދާ ވާހަކަ ނުދައްކާށޭ އަޅުގަނޑު ނަމެއް ނުގަންނަމުތޯ....އޭނާ ބޭނުމިއްޔާ މޯތީއާ ވާހަކަ ދައްކަވާ..މޯތީ ހުރިހާކަމެއް ހަމަޖައްސާދޭނެ!"

"ޔޫ ގެޓް އައުޓް!" ކަމަލް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. އަދި ދޮރާދިމާއަށް އިޝާރަތްކޮށްލާފައި އެތަނަށް އައިސް ތިބި އެންމެންނާ ދިމާއަށް ބުންޏެވެ. "ދާން އުޅޭ. ކަލޭމެން އެންމެން މިތަނުންދޭ ކަމަލް އެހާބޮޑަށް ރުޅިއައިސްފައިހުރިތަން ފެނިފައި  އެމީހުން އެކިމީހުން ވަކިވަކިން އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ނަމަވެސް ދޫބޭ މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް އެންެމެފަހުން ކޮޓަރިން ނުކުންނަން ހުރި މީހަކަށްވެފައި މަޑުމަޑުން ބުންޏެވެ.

"ހޫން...މާސްޓަރަކަށް ވެގެން ކުޑަކުދިންނަށް، ކިޔަވައިދޭ މީހަކު ނާސި އަންހެންކުއްޖަކާއެކު ގުޅުން އުފައްދަން ބޭނުންވީ.... ދެން އެކުއްޖާ އެންމެންގެ ކުރިމަތީގައި މީނާ ބޭޒާރުކޮށްލީމާ އެކަމުގެ ރުޅި މިބާލަނީ އަހަރުމެންނަށް..."

ކަމަލް ދޫބޭގެ ފަހަތުންގޮސް އޭނާ ނުކުތުމާއެކު ކޮޓަރީގެ ދޮރު ވަރަށްބާރަށްޖަހާފައި އެތެރެއިން ތަންޑުއަޅައިފިއެވެ.  ނަމަވެސް އޭރުވެސް  ބޭރުގައި ތިބި މީހުންގެ ހުނުމުގެ އަޑު އޭނާއަށް އިވެމުން ދެއެވެ. އަދި އޭގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް ހިތްދަތިކަން އިޙްސާސްވަމުންދެއެވެ.

އެދުވަހު ހަވީރު ރަޖްނީ އޭނާގެ ހިތްދަތިކަން ފިލުވުމަށްޓަކައި އަޝޯކްއާ ބައްދަލުވެވޭތޯ އެގެއަށް ދިޔައެވެ. ނަމަވެސް އޭނާއަށް ފެނުނީ އަޝޯކްގެ ގޭގެ ދޮރުގައި ތަޅެއް އަޅުވާފައި ހުއްޓައެވެ. އޭނާ ވަރަށް ދެރަވެފައި އެނބުރިލިތަނާ އެގޭގެ ބަގީޗާ ބަލަހައްޓަން އުޅޭ މީހާ ފެނުމުން އޭނާ ކައިރިއަށް ގޮސް އަހާލިއެވެ.

"އަޝޯކް ބާބޫ ކޮބައިތަ!"

"އޭނާގެ ރަށަށް ދިޔައީ"

"އަންނާނީ ކިހާތާކު"  "ތިން ހަތަރު ދުވަހެއްގެ ތެރޭގައި"  އޭނާގެ ޖަވާބު ލިބުމުން ރަޖްނީ ހިތްދަތިކަން އިތުރު

ވެގެން ދިޔައެވެ. ތިން ހަތަރު ދުވަސް ވަންދެން އޭނާއަށް އަޝޯކްވެސް  ނުފެންނާނެތީއެވެ. އަދިވެސް އެއްފަހަރު އެގޭގައި އުޅުވާފައިހުރި ތަޅާ ދިމާއަށް ބަލާލާފައި ރަޖްނީ މަޑުމަޑުން ހިނގައްޖެއެވެ.

ރަޖްނީ ގެއިން ބޭރަށް ނުކުމެ އުޅެން ފެށުމުން މާރިޔާ ހީކޮށްގެންހުރީ އަނެއްކާވެސް އޭނާގެ ވިޔަފާރި ހިންގަން ފެށީދާނެކަމަށެވެ. އަދި އެގޮތުން އޭނާގެ ކައިބޮއި އުޅުމުގެ ވަޞީލަތް ހަމަޖެއްސިދާނެކަމަށެވެ. ނަމަވެސް ރަޖްނީ އެ ރޮނގަށް ދާކަށް ގަސްދެއް ނުކުރިއެވެ. އޭނާވަނީ އޭނާގެ އަމިއްލަ ނަފްސަށް ހުވާކޮށްފައި ކަހަލައެވެ. އެހެންވުމުން މާރިޔާއަށް ވަރަށް ކަންބޮޑުވެއްޖެއެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލައިގެންގޮސް އެއްދުވަހަކު ރަޖްނީއާ ދިމާއަށް ބުންޏެވެ.

"މިހާރު އަހަރެންނަށް މިޖެހެނީ މިގެ ދޫކޮށްލާފައި ކޮންމެވެސް އެހެންތާކަށްދާން"

"ކީއްވެ އާންޓީ..." ރަޖްނީ ސިއްސައިގެންގޮސްފައި އަހާލިއެވެ.

"އެއްކަމަކީ ހެނދުނު ހަވީރު ފުލުހުން މިހިސާބުގައި ރައުންޑް ޖަހާލެއް ގިނަކަން... އެތަން މިތަން ރަލުގެ ވަސް ދުވާތޯ އުޅެމުންދާވަރުން...އަދި އައްބާސް ލާލާ ކޮންމެ ދުވަހަކު ލަޓިބުރި ހިފައިގެން ފައިސާ ހޯދަންވެގެން ދޮރުމައްޗަށް އަންނަކަން..."

"އެކަމަކު ލާލާގެ ފައިސާ އާންޓީ އޭނާއަށް ދީފީމެއްނު!"

"ކިހިނެއްތަ ދޭނީ.... ހަމައެކަނި ދެވޭނީ ސޫދަށްވާ ފައިސާ އަސްލު ފައިސާއިން އެންމެ ތަންކޮޅެއް މަދެއް ނުވޭ. އެންމެނަގެ މީޓަރު ދަނީ މައްޗަށް . އެކަމަކު އަހަރެންގެ ދަރަނީ ދަނީ މައްޗަށް.  ކުރާނީ ކީއް؟ އާންޓީ ގަޔަކު މިހާރު ކަމެއް ކުރެވޭހާ ބާރެއްވެސް ނެތްވިއްޔަ" މާރިޔާ ވަރަށް ދެރަވެލާފައިވާގޮތް ދައްކާލާފައި ރަޖްނީއާ ދިމާއަށް އޯގާތެރި ގޮތަކަށް ވިސްނާދެމުން ބުންޏެވެ، " ކޮންމެވެސް ކަމެއް ކުރޭ ދަރިފުޅާ ރަޖްނީ....ފައިސާއެއް ލިބޭނެ ކޮންމެވެސް ކަމެއް..... މިގޮތަކަށް ނުޅޭވޭނެ...."

"ފައިސާ ހޯދާ ރަޖްނީ މަރުވެއްޖެ އާންޓީ! " ރަޖްނީ ވަރަށް ދެރަވެފައި ބުންޏެވެ.

"އަހަރެމެންގެ ބަނޑެއް އޭނާއާއެކު މަރުނުވޭ..... އެބަނޑުފުރަން ކާނާ ބޭނުންވޭ ހިޔާވާން ގެ ބޭނުންވޭ އެހެންވީމާ ކޮންމެ ވެސް ކަމެއް ވާނީ ކުރަން..."

"އާނ...އާންޓީ … ކޮންމެވެސް ކަ،މެއް ކުރަންވާނެ. މިހާރު ކޮންމެވެސް ކަމެއް ކުރަންވާނެ.." ރަޖްނީ ފުން ނޭވާއެއްލާފައި ބުންޏެވެ. އަދި މާރިޔާގެ ޖަވާބަކަށް މަޑުކޮށްނުލާ އަވަސް އަވަހަށް ގެއިން ނުކުމެގެން ހިނގައްޖެއެވެ.  މާރިޔާއަށް ހީވީ އޭނާ ދޫކޮށްލިތީރު އޭގެ ޓާގެޓްއަށް ޖެހުނީކަމަށެވެ. ރަޖްނީއަށް ވިސްނިގެން އޭނާގެ މަސައްކަތް ނުކުތީކަމަށެވެ. އެހެން ހީކޮށް މާރިޔާ ވަރަށް އުފަލުން ގޭތެރޭގެ މަސައްކަތުގައި މަސްއޫލްވެގެންފިއެވެ.  ހެޔޮކަމެއް ދުވަހަކުވެސް ގެއްލިއެއް ނުދާނެއޭ ބުނެއުޅެއެވެ. ރަޖްނީ މީގެ ކުރިން ކޮންމެދުވަހަކު އެ ކުއްޖެއްގެ މަންމައަށް ބޭސް ހޯދުމަށްޓަކައި ފައިސާ ދެމުން ގެންދިޔަ ކުއްޖާ ރަޖްނީއަށް ހެޔޮކަމެއް ކޮށްދޭ  ކުއްޖަކަށް މިއަދު ވެއްޖެއެވެ. އެ ކުއްޖާ އުޅެނީ ސްޓާރ ހޮޓެލްގައި ތަށިދޮވުމުގެ މަސައްކަތް ކުރާށެވެ. އޭނާ މެދުވެރިވެގެން ރަޖްނީއަށްވެސް އެހޮޓަލުގައި ތަށިދޮވުމުގެ މަސައްކަތް ހޯދައިދީފިއެވެ. މި މަސައްކަތަކީ މާފަސޭހަ މަސައްކަތެއް ނޫނެވެ. ހަޑިވެފައިވާ ތަށިތަކުގެ ފުނިވަރުތައް ރަޖްނީގެ ކުރިމައްޗަށް ގެނެވުނެވެ. ރަޖްނީ އެތަށިތައް ދޮވެފައި ދިނީމާ އ ެކުއްޖާ ތަށިތައް ފުހެފައި އެހުންނަންވީ ތަންތާނގައި ބަހައްޓަނީއެވެ. އެތަށިތައް ދޮންނަން ރަޖްނީ އުޅޭތަން ދެކެފައި އެކުއްޖާ ހަމްދަރްދީވެގެން ބުނެލިއެވެ.

"ދައްތާ! މީ ވަރަށް އުނދަގޫ މަސައްކަތެއްދޯ.... އެކަމަކު މަޑުމަޑުން ގޮސް އާދެވެދާނެ- އޭރުން ފަސޭހަވެސް ވެދާނެ"

"އެހެނެއްނޫން.... އެހާ އުނދަގުލެއް ނޫން..." ރަޖްނީ ބުންޏެވެ. "މީވަރަށް މަޖާކަމެއް ކަލޭ މިމަސައްކަތް ހޯދައިދިންކަން އެއީ އަހަރެންނަށް ކަލޭކޮށްދިން  ވަރަށް ބޮޑު ހެޔޮކަމެއް"

"ދައްތާ އެތައް އަހަރެން ވަންދެން އަހަރެންނަށް ހެޔޮކަންތައް ކޮށްދެމުން އައިސްފައި ވެއެއްނު؟ ބޭސްގަންނަން ފައިސާ ދައްތަ ނުދޭނަމަ މިހާރު އަހަރެންގެ މަންމަ މަރުވެދާނެތާ ކިތަންމެ ދުވަހެއް" އެކުއްޖާ ވަރަށް އިޙްސާންތެރި ނަޒަރަކުން ރަޖްނީއާ ދިމާއަށް ބަލަން އިނދެ ބުންޏެވެ. އަދި ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ބުނިކަހަލަ ގޮތަކަށް ބުނެލިއެވެ.  "ދައްތާ ..އަހަރެންގެ  މަންމާއާ ބައްދަލުކޮށްފާނަންތަ؟"

"ބައްދަލުކޮށްފާނަން ނަމަވެސް  ގޮތެއްގެ މަތީން!'

"ކީކޭ.."

"ކަލޭ ބިޑި ބުއިން ހުއްޓާލާމަތިން"

އެތަންވަޅު އެކުއްޖާގެ ތުންފަތުގައި ޖަހާފައި ބިޑި އަތުން  އަތުން ނަގާފައި ކުޑަދޮރުން ބޭރަށް އެއްލާލައިފިއެވެ. އަދި ހިސާބަކަށް ލަދުގަންނަ ގޮތް ވެލާފައި ބުންޏެވެ.

 "އެކަމެއް ނުހުއްޓޭނެ ދައްތާ! އެކަން އާދައަކަށް ވީ..."  "އާދަވާ ކަންތައްވެސް ހުއްޓާލެވޭނެ. އިންސާނުންނަށް ބޭނުމީ ހިންމަތާއި ޢަޒްމް"

މިގޮތަށް ވާހަކަ ދައްކަމުންގޮސް އެދުވަހު ހުރި ހުރިހާ ތަށިތައް ދޮވެ ނިމިއްޖެއެވެ.  އަދި ތަށިތައް ބަހައްޓަންވީ ތާނގައި ބެހެއްޓުމަށްފަހު، އޭޕްރަން ބޭލުމަށްޓަކައި ސްޓޯރުރޫމަށް ދާން ރަޖްނީ އާއި އެކުއްޖާ ހިނގައިގެންފިއެވެ. އެތަންވަޅު އެހޮޓަލުގެ ކައްކަން އުޅޭ މީހާ ދިހަ ރުފިޔާގެ ނޫޓެއް އެކުއްޖާގެ އަތަށް ދީފައި ޕެނެމާ ސިގިރެޓް ޕެކެޓެއް ގެނެސް ދީބަލާށެ ބުނެފިއެވެ.  ކައްކާ މީހާއަކީ  ދެބައި ޢުމުރަށް ގޮސްފައިވާ މީހެކެވެ.

އެކުއްޖާ ދިހަރުފިޔާގެ ނޫޓް ހިފައިގެން ބޭރަށް ހިނގައްޖެއެވެ. ކައްކާމީހާ ދިޔަގޮތަށް ދިޔައީ ސްޓޯރް ރޫމްގެ ތެރެއަށެވެ. އޭނާއަށް ރަޖްނީގެ ޒުވާން ހަށިގަނޑު ފެނުމާއެކު،އޭނާގެ އަނގައިގެ ކުޅު ދިޔާވާގޮތް ވެއްޖެއެވެ. އަދި އޭނާ ލޯބޮޑުކޮށް ކޮށްފައި ރަޖްނީއާ ދިމާއަށް ބަލަން ފަށައިފިއެވެ. ރަޖްނީ އޭޕްރަން ބާލަން އުޅުމުގެ ތެރޭގައި އޭނާގެ އަތަށް  ކުޑަކޮށް ތަދުވާ ގޮތްވާތީ ބަލާލިއިރު ތަށިތައް ދޮވެދޮވެ އޭނާގެ ދެއަތުގައި ވަނީ ފޮޅުލާގޮތްވެފައެވެ. އެތަންވަޅު އެތާނގާއި ހުއްޓާ ފެނިގެން ރަޖްނީ އޭނާއާ ދިމާއަށް ބުންޏެވެ.

"ތެޔޮފޮދެއް ދީފާނަންތަ!"

"ތެލުން ކުރާނީ ކީއް..." ލާނެއް ފާޑަކަށް ހީނލާފައި ކައްކާ ބުންޏެވެ.

"އަތުގައި އުނގުޅާލަންކަމަށް. ނިކަން ބަލާލަބަލަ. އަތުގައި މިހިރީ ފޮޅުނަގާފަ..."އެހެން ބުނެފައި ރަޖްނީ އޭނާގެ އަތް ދިއްކޮށްލިއެވެ.

 ކައްކާމީހާ އަވަސް އަވަހަށް އެއަތުގައި ހިފާފައި ބަލާލުމަށްފަހު ވަރަށް ބޮޑަށް ހަމްދަރްދީވާގޮތް ދައްކާލާފައި ބުންޏެވެ.

"އަސްތާ...މިކަހަލަ ނާޒުކް އަތަކީ ތަށިދޮންނަންވާނެ އަތެއް ނޫން....މިއީ އަނދައަނދާ ހުންނަ ހިތްތައް ފިނިކޮށްދޭން ހުންނަ އަތް..ހިތުގެ ޒަޚަމްތަކުގައި ބޭސް އަޅާދޭން ހުންނަ އަތް... ކަލޭވެސް  ރާނީ ފަދައިން ވިޔަފާރި ދޫކޮށްލާފައި ނޯކިރީކުރަން މިތަނަށް ތިއައީ، ކީއް ކުރަންތަ؟"

"އެކަމަކު މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގައި ނުބައެއް އެބައޮތްތަ؟" ރަޖްނީ  ސިއްސައިގެންގޮސްފައި ކަހަލަ ގޮތަކަށް އަހާލިއެވެ.

"އޭ... މަސައްކަތްކޮށް މަޖޫރީކޮށް އުޅެން އަހަރެމެން ކަހަލަމީހުން މިތިބީއޭ... ތިޔަކަހަލަ ލޫޅާފަތި ނާޒުކް އަތަކުން...." އެހެން ބުނެފައި ރަޖްނީގެ އަތުގައި ފިރުމަން ފަށައިފިއެވެ.

"ދޫކޮށްލާ... އަހަރެންގެ ދެއަތުން ދޫކޮށްލާ..... އެހެންނޫނީ އަހަރެން ހަޅޭއްލަވައިގެންފާނަން...."

"އޭ... ޢަމުދުން ކަލެއަކީ މާތާޙިރު އަންހެނެއް ނޫންކަން އެންމެންވެސް ދަނޭ. އިއްޔެއާ ޖެހެންދެން ހަމަ މިހޮޓަލުގައި  ކަލޭ ކުރަމުން އައީ ހަށިގަނޑުގެ ވިޔަފާރިކަންވެސް އެންމެންނަށް އެނގޭ، ހަޅޭއްލަވައިގަތަސް ހަމަ ކަލޭ އިތުރަށް  ބަދުނާމުވުންނޫން ކަމެއް ނުވާނެ" އެހެން ބުނެފައި ކައްކާމީހާ ގަދަކަމުން ރަޖްނީގެ ގައިގައި ހިފައިގަތެވެ.

ރަޖްނީ އޭނާގެ އަތުގެ ތެރެއިން ސަލާމަތްވެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދެއެވެ.

"އަހަރެން ދޫކޮށްލާ...މިހިރަ ނުލަފާ މީހާގަނޑު..ނުބައި މީހާ...އަހަރެން ދޫކޮށްލާ..."

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.