(26 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެވަގުތު ރަޖްނީ ދީޕަކްގެ އަތުގައި ހިފައިގެން އައިސް އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އެތާނގައި ތިބި އެންމެންވެސް، ރަޖްނީ އެގޮތަށް އައިސް އެތަނަށް ވަންތަން ދެކިފައި ހަމަ ހިމޭން ވެއްޖެއެވެ. ހީވީ ހަރުފައެއް ފެނިގެން ހިމޭންވީހެންނެވެ. ރަޖްނީ ރުޅިއައިސްގެން ހުރެ އެ އެންމެނާ ދިމާޔަށް ބަލާލުމަށް ފަހު ރުޅިއައިސްގެން ކަމަލްއާ ދިމާއަށް ބުންޏެވެ.
"މާސްޓަރޖީ މިއުޅެނީ ކީއްވެގެންތަ؟.....ދީޕަކް ކޮންކަމެއް ކުރީތަ؟" އޭނާ ވާހަކަ ދައްކަމުން ދިޔައީ އަދަބުވެރި ގޮތަކަށް ވެސް ނޫނެވެ.
"މާސްޓަރްޖީގެ އަތުކުރީ ގަޑި އޭނާ ވަގަށް ނެގީ!" ކަމަލްގެ ބަދަލުގައި ޖަވާބުދިނީ ދޫބޭއެވެ.
"ކަލޭ އޭނާ ގަޑިވަގަށް ގެންދަނިކޮށް ދުށިންތަ؟" ރަޖްނީ ދޫބޭއާ ދިމާއަށް އެނބުރިލާފައި ވަރަށް ބާރަށް ސުވާލުކުރިއެވެ. ދޫބޭ ބިރުންގޮސް އެއްވެސް އެއްޗެކޭ ނުބުނެ ހިމޭން ވެއްޖެއެވެ. ނަމަވެސް އެހެން ގެސްޓަކު އެވަގުތު ބުނަން ފެއްޓިއެވެ.
"ނުފެނުނިއްޔާ ދެން އެނިމުނީ ދޯ. މާސްޓަރޖީ އެބުނުއްވަނީ ދީޕަކް ނޫންއެހެން މީހަކު މި ކޮޓަރިއަށް ނުވަދެޔޭ!"
"މަޑުން ހުރޭ ބާބޫ ސާހަބް.... ވިސްނާ ނުލާ އެއްވެސް ނިކަމެއްޗަކާމެދު ތިޔަފަދަ ތުހުމަތެއް ކުރާކަށް ނުވާނެ.އޭނާ މިތަނަށް އަންނަނީ ފިލާވަޅު ދަސްކުރަން. ކޮންމެ ދުވަހަކުވެސް އައިސް އުޅޭ. މީގެ ކުރިން އޭނާ ވައްކަން ނުކުރަނީ ކީއްވެ؟" ރަޖްނީ އެމީހާއާ ދިމާޔަށް ބުންޏެވެ. އެވަގުތު އެމީހާ ވާހަކަ ދެއްކުން ހުއްޓާލިއެވެ. ނަމަވެސް ދޫބޭ އަނެއްކާވެސް ބުންޏެވެ.
"ދެން އެކަމާ ތިވަރަށް ރުޅިއަންނަންވީ ކީއްވެ؟! އެއީ ކުޑަކުއްޖެއް. އޭނާއަށް ގޯހެއް ހެދިދާނެ. އަވަހަށް ގަޑި އަނބުރާ ގެނެސްދީ އޭރުން ނިމިދާނެ!"
"އޭ ޕަންޑިތު..........!" ރަޖްނީ ދޫބޭއާ ދިމާއަށް ކުރިޔަށް ޖެހިލާފައި ހަޅޭއްލަވައިގަތެވެ
"ނަންބޯޑެއް އަޅުވައިލުމަކުން އެއްވެސް މީހަކު މާތްމީހެއް ކަމަށް ނުވާނެ" ކަލޭ މާ ތެދުވެރިޔަކަށް ވެގެން ތިއުޅެނީ..އަދި މާ މޮޅު މީހަކަށް ވެގެން ތިއުޅެނީ.....އެހެން މީހުންނަކީ ނިކަމެތީން ފަގީރުން. އެކަމަކު ވަގުންނެއްނޫން. އަހަރެންނާމެދު އެ ގޮތަށް ހީނުކުރާތި. އެތެރެ އޮތީ ކިހިނެއްކަން އަދި ބޭރުން ތިޔަ ދައްކަނީ ކޮން ކުލައެއްކަން ހަންދަމާލާފަ އަންގާލަ ދީފާނަން...."
ދޫބޭ ޖަވާބުގަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅެނިކޮސް ކަމަލަ އަތުން އިޝާރާތްކޮށްލައިގެން އޭނާގެ ވާހަކަ ހުއްޓުވާލިއެވެ. އަދި ރަޖްނީއަށް ވިސްނައިދޭ ގޮތަކަށް ކަމަލް ބުންޏެވެ.
"މުޅި ދުނިޔެއަށް ބޭޒާރުވެ ޒުވާބުކުރުމަކުން ވާނީ ކޮން ފައިދާއެއް. އަހަރެން ބޭނުންވެގެން މިއުޅެނީ އަހަރެންގެ ގަޑި. ..އަހަރެން އެގަޑި އެހާ ބޮޑަށް ބޭނުންވާ ސަބަބަކީ އަހަރެންގެ މަންމަގެ ހަނދާނެއް.....އަދި ވަރަށް އަގުބޮޑު ގަޑިއެއްވެސްމެ......"
"އާނ.....ވަރަށް އަގުބޮޑު ގަޑިއަކަށް ވާނެ..................އަހަރެމެންނަކީ ކަލޭގެ އެތައް ލައްކަ އެއްޗަކަށް ކުޅުވެސް ޖަހާނެ ބައެއްނޫން..............ކީކޭތަ ހީކުރަނީ.............އަހަރެން ތިކަހަލަ އަގުބޮޑު އެތައް ގަޑިއެއް ދެކެފައިވޭ!" ރަޖްނީ ރުޅިއައިސްފައި ޖަވާބު ދިނެވެ.
"އާނ.އާނ..ކީއްވެ ނުފެންނާނީ..........ކިއްވެ ނުފެންނާނީ.ހަމަ ރަނގަޅަށް ވެސް ފެނިފަ ހުންނާނީ....އަގުބޮޑު ގަޑިތަކުގެ ތެރޭގަ އުޅެވިފައި ހުންނާނީ" ދޫބޭ މަލާމާތުގެ ފާޑަކަށް ހީގެންފައި ބުންޏެވެ.
"އާނ!އަގުބޮޑު ގަޑިތަކުގެ ތެރޭގައި އުޅެވިފައި މިހިރީޫ ކަލޭ އެކަމާ ކަންބޮޑުވަނީ ކީއްވެ.....އަހަރެންނަކީ ނުބައި މީހެއް. ވިޔާނުދާ މީހެއް. އެހެން ނަމަވެސް އަހަރެން ސޮސައިޓީގެ ތެރޭގައި އެހެން ވަގުން ފޮރުވިގެން ތިބޭހެން، ފޮރުވިގެން ނުހުންނަން. މުޅި ދުނިޔެއަށްވެސް އަހަރެންނަކީ ކާކުކަން، އަހަރެން ކުރަނީ ކޮން މަސައްކަތެއްކަން ރަނގަޅަށް އެނގޭނެ...........ކަލެއަކީ ކާކު ކަމެއް.ކަލޭކުރަނީ ކޮން މަސައްކަތެއްކަން އެނގެނީކާކަށް؟....ކަލޭ ދިރިއުޅެނީ ކީއްކޮށްގެން ކަން ދަންނަނީ ކާކު؟ އަހަރެންގެ ޙަގީގަތް މީހުންނަށް އެނގޭ.ނަމަވެސް ކަލޭގެ ޙަގީގަތް މީހުންނަކަށް ނޭނގޭ.....އަހަރެން އަހަރެންގެ ހަށިގަނޑާ ހިތްއަންދަމުން ދަނީ...ކަލޭ އަނދަންވީ ކީއްވެ؟ އަހަރެން އެއްވެސް މީހެއްގެ ގެއަށް ވަދެ ވައްކަމެއް ނުކުރަން.....ފަގީރުންނާ ނިކަމެތީން ވެސް ބަނޑުހައިވާނެ. އެ ބަނޑުހައި ހޫނުކަން ފިލުވަން އެމީހުން ކޮންމެވެސް އެއްޗެއް ބޭނުންވާނެ...މާސްޓަރޖީ ކަލާ ތިޔަ ކުރައްވާ މަސައްކަތަކީ ދުނިޔޭގައި ވަރަށް މަތީ މަގާމެއް ދެވިފައިވާ މަސައްކަތެއް. މީހުންނަށް އުނގަންނައިދިނުން....ކިޔަވައިދިނުން....ކަލޭ ތިޔަހާ ދަށުދަރަޖައަށް ތިޔަ ވެއްޓުނީ ކީއްވެ؟ ....ނިކަމެތިންނަކީ ވަގުންނޭ ހީކުރާ ހިސާބަށް ދިޔައީ ކީއްވެ؟ ނުބައި ނުލަފާ ނިކަމެތި ފަގީރު މިހުރިހާ ސިފައެއްވެސް އަހަރެމެންގެ ގައި އެބަހުރި....ނަމަވެސް ރަނގަޅަށް އަޑުއަހާ. އަހަރެމެންނަކީ ވަގުންނެއްނޫން...އަހަރެމެން ވައްކަމެއް ނުކުރަމު....އަދި ނުވެސް ކުރާނަން.........." މިހެން ބުނެފައި ރަޖްނީ ދީޕަކްގެ އަތުގައި ހިފައިގަނެގެން ކޮޓަރީގެ ދޮރާދިމާއަށް ހިނގައިގެންފިއެވެ.
ރަޖްނީ ނުކުމެގެން ދާތަން ބަލަން އެންމެން ވެސް ހިމޭނުންތިއްބެވެ. ކުޑައިރުކޮޅެއް ފަހުން މި ހިމޭންކަންނަގާލީ ދޫބޭއެވެ.
"ވަގުކަލޭގެ އައިސް ފުލުހުންނާ ދިމާއަށް އެއްޗެތި ގޮވާލީ.........އެންމެ އަންހެނަކު އައިސް މިއޮއް ހުރިހާ ފިރިހެނުންނަށް އެއްޗެތި ގޮވާފައެދިޔައީ..........."
"އެންމެންގެ ވާހަކަ ހުއްޓުވާފައި.........."ގެސްޓަކު ބުންޏެވެ.
"އޭ.ނަންގަންނަންތޯ މާސްޓަރޖީ.........." ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ބުނިހެން ސިއްސައިގެންގޮސްފައި ދޫބޭ ބުންޏެވެ. "ފުލުހުން........ފުލުހުން އެބަތިބިނޫންތޯ...............ވީމާ ދެން ބިރުގަންނަންވީ ކޮންކަމަކާތޯ............މާސްޓަރޖީގެ ރައްޓެހި އިނިސްޕެކްޓަރަށް އަންގަވަންވީ ނޫންތޯ.....އޭރުން ހަމަ މިބުނި ހިނދުން ހޯދާދީފާނެ........."
ދޫބޭ މިހެން ބުނުމުން ކަމަލްވެސް އޭނާގެ ރަހްމަތްތެރި އިނިސްޕެކްޓަރ ދިލިޕް މަތިން ހަނދާންވެއްޖެއެވެ. އަދި އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެވަގުތު އެތާތިބި އެންމެން ވެސް ފުލުހުންގެ މަދަދު ހޯދުން ރަނގަޅުވާނެކަމަށް ކަމަލްއަށް މަޝްވަރާދޭންފަށައިފިއެވެ. ކަމަލް ވެސް ހެދުން އަޅައިގެން ބޭރަށް ނުކުމެއްޖެއެވެ.
އިނިސްޕެކްޓަރ ދިލިޕްގެ އޮފީހަށް ކަމަލްގޮސް ގަޑިއާބެހޭ ވާހަކަތައް އޭނާއަށް ކިޔާދީފިއެވެ. ދިލިޕް އެއަޑުއަހަން އިނދެފައި ބުންޏެވެ.
"އެ ގަޑި ވަގަށް ނެގީ އެކުއްޖާކަން،ދީޕަކްކަން ކަލެއްށް ޔަޤީންތަ؟"
"އޭ ނޫން އެހެން އެއްވެސް މީހަކު އަހަރެންގެ ކޮޓަރިއަށް ނުވަންނަކަން އަހަރެންނަށް ޔަޤީން......."
"އޭނާ ކޮންމެ ދުވަހަކުވެސް ޓިޔުޝަން ނަގަން އާދެއެއްނު!"
"އާނ.....އޭނާ އާދޭ. އޭނާގެ ނަޒަރު ފޮތަށްވުރެ ބޮޑަށް އެގަޑިއާ ދިމާއަށް."
"އޯކޭ...... ތަފްޞީލުކޮށް ހުރިހާ ވާހަކައެއް ކިޔައިދީގެން ޤަވާޢިދުން ރިޕޯޓް ލިޔުއްވާ. ތިޔަގަޑި ވަގުކަލޭގެ ބަނޑުގަ އޮތް ނަމަވެސް އަހަރެން ނެރެދޭނަން...." ދިލިޕް މިހެން ބުނަމުން، އޭނާގެ އެސިސްޓެންޓަކަށް ގޮވާލާފައި ކަމަލްގެ ރިޕޯޓް ލިޔަން އަންގައިފިއެވެ.
(ނުނިމޭ)
Vvvreethi