(11 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެވަޤުތު ރަޖްނީއަށް ފެނުނީ މޫނު ދޮންނަ ތަށިމަތީގައި ބާއްވާފައި އޮތް ސައިބޯންޏެވެ. ވަރަށް މީރުވަސްދުވާ ސައިބޯންޏެކެވެ. ހަމައެއާއިއެކު އެތާނގައިހުރި ޝަވަރް ފެނުމުން ރަޖްނީ ފެންވަރާލާ ހިތްވެއްޖެއެވެ. އެހެންކަމުން ބާތުރޫމްގެ ދޮރު ކުޑަކޮށް ހުޅުވާލާފައި މޫނު ނެރެލައިގެން، އަޝޯކްއަށް ގޮވާލިއެވެ.
"ކަލާގެ ބާތްރޫމްގެ ޝަވަރް ވަރަށް ހިތްގައިމު.... އެއްޗެކޭ ހީނުކުރައްވަންޏާ ފެންވަރާލަންކަމަށް..."
މިފަހަރު އަޝޯކްގެ ޖަވާބަކަށް އިންތިޒާރުނުކޮށް އޭނާ ދޮރުލައްޕާލާފައި ޝަވަރް ހުޅުވާލައިގެން ފެންވަރަން ފަށައިފިއެވެ. އޭގެކުރިން ރަޖްނީ ބާތްރޫމް ދޮރުގެ ދޮރު ހުޅުވާލާފައި މޫނު ބޭރަށް ނެރުނު ވަގުތު އޭނާއަށް ނޭނގުނަސް އަޝޯކްއަށްވަނީ އޭނާގެ އޮރިޔާން ހަށިގަނޑުގެ ރީތި ކަރުދޮށާއި މޭމަތީގެ ބައެއް، ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ފެނިފައެވެ. އަޝޯކްއަށް ހީވީ އޭނާގެ ލޯމައްޗަށް ކޮކާ ހަނދުވަރުތަކެއް އެޅިގެން ދިޔަހެންނެވެ. ކުރިއްސުރެ އޭނާއަށް ކުރަމުން ދިޔަ އަސަރުތަކުގެ ބާރު ބޮޑަށް އިތުރުވެގެންދާގޮތް ވިއެވެ. އޭނާ ބޭޤަރާރުވެގެން އެއްއަތުގެ އިނގިލިތައް އަނެއްއަތުގެ އިނގިލިތަކުން މޮޑެމުން ބާތުރޫމްގެ ދޮރުމަތީގައި، ދެކޮޅަށް ހިނގަން ފަށައިފިއެވެ. އެވަގުތު އަނެއްކާވެސް އޭނާގެ ކަންފަތުގައި ޖެހުނީ ބާތްރޫމްގެ ތެރެއިން، ވަރަސް ރީތި ރާގެއްގައި ރަޖްނީ ހޫނ ހޫނ އަޅުވާލަމުން ގެންދާ އަޑެވެ. ޝަވަރްގެ ފެން އޮހޭ އަޑާއިއެކު އެކުވެގެން ރަޖްނީގެ ރާގުގެ އަޑު އަޝޯކް އަޑުއަހަމުން ދިޔައިރު އޭނާގެ ހިތުގައި ތަޞައްވަރު ކުރެވެމުން ދިޔައީ އެ ފެންތިކިތަކުގެ ތެރޭގައި އެ ރީތި ހަށިގަނޑު ހުންނާނެގޮތެވެ. އެ ހަށިގަނޑުގެ އެކިއެކި ތަންތާނގައި ޖެހިލާފައި އެ ފެންތިކިތައް ބުރަބުރައިގެން ދާނެގޮތެވެ. އަޝޯކްގެ މައްޗަށް ވެރިވަމުންދަނީ ޢަޖައިބުވާފަދަ އަސަރެކެވެ. އޭނާގެ މުޅި ހަށިގަނޑުވެސް ރަޖްނީގެ ރާގުގެ އަޑަށް "ނަށަނީ" ކަންނޭނގެއެވެ. ރަޖްނީ ބާތްރޫމްގައި ހިތްހަމަ ޖެހިލައިގެން ހުރެ ފެންވަރަނީއެވެ. ބޭރުގައި ހުރި އަޝޯކަށް ވަމުންދާގޮތެއް އޭނާއަކަށް ނޭނގެއެވެ. އަޝޯކްގެ "ހީބިހިނެގުން" އިރުކޮޅަކަށް ވިއްޔާ އިރުކޮޅަކަށް ދަނީ އިތުރުވަމުންނެވެ. އޭނާގެ ހިތްހަމަ ނުޖެހުން ފެންނަމުން ދަނީ ކޮޓަރިތެރޭގައި ހިނގަމުންދާ ހިނގުމުގެ ފިޔަވަޅުތައް އަވަސްވަމުންދާ މިންވަރުންނެވެ. ކުއްލިއަކަށް ރަޖްނީ އަނެއްކާވެސް ބާތުރޫމްގެ ދޮރުހުޅުވާލައިފިއެވެ. އަދި އޭނާގެ ހަށިގަނޑު ބޭރަށް ނެރެގެން އޮވެ ގޮވާލިއެވެ.
"އޭ..."
އަޝޯކް ސިއްސައިގެން ގޮސްފައި އެދިމާޔަށް ބަލާލިއެވެ. އަދި ރަޖްނީގެ ހަށިގަނޑާ ދިމާޔަށް ކަޅިނުޖަހާ ބަލަން ހުރެވުނެވެ. އޭނާއަށް ވެގެން ދިޔަގޮތް ރަޖްނީއަށް ވިސްނުމާއެކު އަވަސްއަވަހަށް އެތެރެއަށް ޖެހިލައިފިއެވެ.
"ކަލާ އަތުގައި ސާޅީއެއް ނުވަތަ އެނޫންވެސް އެފަދަ އެހެން އެއްޗެއް އޮންނާނެތޯ؟"
"ސާޅީއެކޭ؟"
"އާނ... އަޅުގަނޑުގެ ސާޅިއާއި ހެދުން ދޮވެލީ"
"އަހަންނަކީ ސާޅީ އަޅާމީހެއް ނޫން..."އަޝޯކް ރުޅިއަންނަގޮތް ދައްކާލާފައި ވަރަށް ބާރަށް ބުންޏެވެ.
"ކޮންމެވެސް އެއްޗެއް ލައްވާނެ ނޫންތޯ.... ގަމީހެއް ކުރާތާއެއް، މުންޑެއް ނުވަތަ ހަރުވާޅެއް" ރަޖްނީ ހީނލާފައި ބުންޏެވެ.
"އާނ ..ތިކަހަލަ އެއްޗެތި ހުންނާނެ..."
"އެހެންވިއްޔާ އެއިން އެއްޗެއް ދެއްވާ.. އަޅުގަނޑު ހީކަރުވައިގަނެގެން މިހިރަ ހަލާކުވަނީ..."
"ކޮން ފަދަ މުޞީބާތެއްތަ... އަޝޯކް ހަޅޭއްލަވައިގަތެވެ. ނަމަވެސް އަލަމާރި ކައިރިއަށް ގޮސް މުންޑަކާއި ގަމީހެއް ނަގައިގެން އައިސް ބާތުރޫމްގެ ދޮރުކައިރިއަށް ހުއްޓި ރަޖްނީއާ ދިމާއަށް ބަލަން ފަށައިފިއެވެ.
"އޭ.. ދެން ދެއްވާ.. ދެއްވަ ބައްލަވާ.. ތިޔަ ވަރަށް ތިޔަ ބައްލަވަނީ ކޮން އެއްޗެއްތޯ؟... އެހެންބުނެފައި ރަޖްނީ އަޝޯކްގެ އަތުގައި އޮތް މުންޑާއި ގަމީސް އަތުލާފައި އަނެއްކާވެސް ބާތުރޫމްގެ ދޮރުލައްޕާލާފައި ތަންޑު އަޅައިފިއެވެ.
އަޝޯކް އެނބުރި އައިސް މޭޒުކައިރީގައި އިށީނދެއްޖެއެވެ. އަދި އޭނާއަށް ކުރެވިގެން މިއުޅޭ ވިޔާނުދާ ކަންތައްތަކާ މެދު ވިސްނަން ފަށައިފިއެވެ. ނަމަވެސް އޭނާއަށް ކުރެވުނިއްޔާ ކުރެވުނު ވިޔާނުދާ ކަމަކީ ވާރެއާ ތެމިފޯވެގެން އައި އަންހެންކުއްޖަކަށް... އަދި އެވެސް ނުލާހިކު ރީތި އަދި މަޢުސޫމްގޮތްހުރި ކުއްޖަކަށް... ވާރެޔާ ހިޔާވުމުގެ ފުރުޞަތު ދިންކަމެވެ. މިކަހަލަ ފިކުރުތަކެއްގައި އިންދާ ބާތުރޫމްގެ ދޮރު ހުޅުވާލާފައި ރަޖްނީ ނިކުމެއްޖެއެވެ. އަޝޯކް އެ ދިމާއަށް ބަލާލިއެވެ. މުންޑާއި ގަމީހުގައި ރަޖްނީ ފެންނައިރު އަދި މާރީއްޗެވެ. އޭނާގެ ހިސާބަކަށް ތެމިފައިވާ ހަށިގަނޑުގެ އެކި ދިމަދިމާލުގައި ގަމީސް ތަތްވެލާފައި ހުރިގޮތް ފެނުމުން ހީވީ އިލެކްޓްރިކް ކަރަންޓެއް ފޮނުވާލި ހެންނެވެ. އަޝޯކަށް އިންތަނުން ގުޑާލަންވެސް ނޭނގިފައި އިނދެވުނީއެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ރަޖްނީއަށް އަޝޯކްއަށް ވެފައިވާގޮތް އިޙްސާސް ކުރެވިއްޖެއެވެ. އެހެންކަމުން އޭނާ އެކަމާމެދު ފަރުވާލެއް ނުބަހައްޓާގޮތް ދައްކާފައި އޭނާގެ އަތުގައި އޮތް، ކުރީން އެނާ ލައިގެން ހުރި ސާޅީއާއި ބްލައުޒްއާއި އެހެން އެއްޗެތި އެތާހުރި ކާމޭޒުމަތީގައި ފަތުރަން ފަށައިފިއެވެ. އެއީ އެއެއްޗެހި ހިއްކާލެވޭތޯއެވެ. އޭރު އަޝޯކްގެ ހިތަށް އަރަމުންދަނީ ދުވެފައިގޮސް ރަޖްނީގެގައިގައި ބައްދައިގަންނަންވީއޭއެވެ. ނަމަވެސް އަޝޯކްއަކީ ރަނގަޅު އަޚްލާޤެއްގެ ވެރިއަކަށްވާތީ ލަދުވެތިކަން އޭނާ ކޮންޓްރޯލް ކުރަނީއެވެ. އަދި ހިމޭނުން އިނުމަށް މަޖްބޫރުކުރަނީއެވެ. އެހެނަސް އޭނާގެ ނަޒަރުވަނީ ރަޖްނީގެ ހަރަކާތްތަކުގެ ތެރޭގައެވެ. އެ ޙަރަކާތްތަކުގެ ރަޖްނީގެ ހަށިގަނޑުގެ އެކިހިސާބަށް އަންނަ ލުއިލުއި ހެލުންތަކުން އޭނާގެ ލޭގެ ހިނގުމަށް ބަދަލު ގެނައުމުގައި މެއެވެ. ރަޖްނީ މޭޒުމަތީގައި އެއްޗެތި ފަތުރަމުން މަޑުމަޑުން އަޝޯކްއަށް ވަމުންދާގޮތް ބަލަމުން ގެންދިޔައެވެ. އެންމެ ފަހުން ހުރިހާ އެއްޗެތި ފަތުރާ ނިންމާލާފައި އަޝޯކް އާ ދިމާއަށް އެނބުރިލާފައި ބުންޏެވެ.
"އޭތް..ތިޔަގޮތަށް ތިޔަ ބައްލަވަނީ ކޮން އެއްޗަކަށްތޯ؟"
"ބަލަނީއެއް ނޫން..ވިސްނަނީ..."
"ކޮން އެއްޗެއްތޯ... އަނެއްކާ!"
"ވާރެއާއެކު އުޑުން މިވެއްސެވީ ކޮންފަދަ މުޞީބާތެއް ބާވައޭ؟"
"ކަލާއަށް އަޅުގަނޑު މިވަނީ މުޞީބާތަކަށްތޯ؟"
"ނޫނީއްޔާ...."
"ދެން ފެނިލައްވަނީ ކިހިނެއްތޯ؟"
"ތިޔަހެން..."
"ނޫން.. މިހެދުމުގައި އަޅުގަނޑު ހީވަނީ ނުލަފާ މީހެއްހެން. ގުންޑާއެއްހެން.." އެހެން ބުނެފައި ރަޖްނީ އަމިއްލައަށް ހީނގަތެވެ. ކުޑައިރުކޮޅަކު ހިނިތުންވެފައި ހުރުމަށްފަހު ސީރިއަސް ގޮތް ގެނެސްފައި އަނެއްކާވެސް ރަޖްނީ ބުންޏެވެ.
"ހީވަނީ ކަލާއަށް އަންހެން ކުދިން މާ ރަނގަޅެއް ނުވާހެން..."
"އެއްގޮތަކަށް ވެސް ރަނގަޅެއްނޫން..." އަޝޯކް ވަރަށް ކުރަކިގޮތަކަށް ބުނެލިއެވެ.
"އެހެންނަމަވެސް އަޅުގަނޑަށް ކަލާ ރަނގަޅުކަމަށް ފެނޭ.. ތުއްތުކުއްޖެއްހެން..ސީދާސާދާގޮތް ފެނޭ. ލޮލުން ފެންނަނީ މާތް މީހެއްގެ ގޮތް... ވާހަކައިން ފެންނަނީ ތެދުވެރިކަން!" ރަޖްނީ ވަރަށް ލޯބި ގޮތަކަށް ބުނެލިއެވެ. އަދި ކުޑަދޮރުން ބޭރު ބަލާލާފައި ވާރޭގެ ބޯކަން ވަޒަން ކޮށްލުމަށްފަހު ސުވާލެއް ކޮށްލިއެވެ.
"ރޭގަނޑު ހަތަރުދަމު ހޭލާ އިންނަވާނީތޯ؟"
"ނޫނޭ"
"އެހެންވިއްޔާ ދެން ނިދިކުރައްވާ"
"ނިދާނީވިއްޔާ ކިހިނެއް؟! ކަލޭ ތިޔަ އުޅެނީ ގަދަކަމުން މަގޭ ބޯމައްޗަށް ސަވާރުވެގެން ވިއްޔާ!"
"އެހެންވިއްޔާ އަޅުގަނޑު މި ވާރޭތެރޭގައި ނުކުމެގެން ހިނގައިދާނަން- މިހާރު މިހިރީ ފިނިވާނެ ވަރަކަށް ފިނިވެފައި. ދެން އަންނާނީހުން... އަޅާނީ އަރިދަފުސް..."
"ދެން އެކަމާ އަހަރެން ކުރާނީކީއް؟" އަޝޯކް ވަރަށް ބާރަށް ބުންޏެވެ.
"ބުނުއްވައިފިއްޔާ ވާރޭ ހުއްޓާލަންދެން، މިތާ ކޮންމެވެސް ކަނެއްގައި އަޅުގަނޑު މަޑުކޮށްލަފާނަން؟" ރަޖްނީ އާދޭސްކުރާ ގޮތަކަށް ބުނެލިއެވެ.
(ނުނިމޭ)