ފަޅިމޫނު - 160

(6 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިސްކިރީނުން ފެންނަ މަންޒަރު ދިޔައީ ބަދަލުވަމުންނެވެ. ފެންނަނީ ރުޚްސާނާއެވެ. އެކި ގޮތްގޮތަށް އެކި ހެދުމުގައި ނަގައިފައި ހުރި މަންޒަރެވެ. ބައެއް މަންޒަރު ނަގައިފައި ހުރީ ވަރަށް ކައިރިންނެވެ. ބައެއް މަންޒަރު ދުރުންނެވެ. ކޮންމެ މަންޒަރަކުންވެސް ކުރަނީ ވަކި އަސަރެކެވެ. ދައްކައިދެނީ ވަކި ކުލަވަރެކެވެ. އެކި މަންޒަރުން ފެންނަނީ އެކި އެއްޗެހީގެ އިޝްތިހާރެވެ. ޝޭމްޕޫއާއި ލޯޝަނާއި ސައިބޯންޏެވެ. އިޝްތިހާރުގައި ދައްކަނީ އެއް ފަހަރު އޭނާގެ ފަށުއި އިސްތަށިގަނޑެވެ. އަނެއް ފަހަރު ޖަންބުކުލަ އަރާ ކޮލެވެ. މޫނެވެ. އޭނާ އެ ވަނީ މުޅީން ބަދަލުވެފައެވެ. ބިންމަތީގައި އަގެއް ނެތި އުދުހެމުން ދިޔަ ކުޑަކުޑަ ހިރަފުސްކޮޅެއް އުޑުގައި ވިދާ ތަރިއަކަށް ބަދަލު ވެއްޖެއެވެ. އެކަމަކުވެސް އޭނާގެ ފައި ބިމަކުން ނުނެއްޓެއެވެ. އޭނާ ބޭނުން ވަނީ ތަރިއަކަށް ވިޔަސް ބިންމަތީގައި އުޅޭށެވެ. އޭނާގެ ހަނދާނުގައި އަދިވެސް ހަރުލައިފައި ހުރީ ބިންމަތީގައި އިށީނދެގެން އިންނަ އިނުމެވެ. އަމިއްލަ ރީތި ކަމަށް ނަޒަރު ހުއްޓާލައިގެން އިން އިރު ހިތުގައި އޮތީ އޭނާ އެ މީހަކަށްޓަކައި ރީތިވީ މީހާއެވެ. އެ މީހާ އޭނާގެ ދިވާނާއަކަށް ވެގެން ދާނޭ ގޮތެވެ.

އިސްކިރީނުން ފެންނަ މަންޒަރުތައް ނިމިއްޖެއެވެ. ބޮކި ދިއްލިއްޖެއެވެ. ކޮޓަރީގައި ތިބި އަންހެނުންނާއި ފިރިހެނުން އޭނާޔާ ދިމާއަށް ބަލާން ފަށައިފިއެވެ. ތަހުނިޔާ ކިޔައި ތާރީފުކުރަން ފަށައިފިއެވެ. ރުޚްސާނާ ތެދު ޑޮކްޓަރ ލުއިސް މާރކޯއާ ދިމާއަށް ބަލައިލިއެވެ. މިސްޓަރ ހޮކް ބުންޏެވެ. "ޑޮކްޓަރ ލުއިސްގެ ކުޅަދާނަކަމަށް ތާރީފުކޮށް ނުނިމޭނެ. ރުޚްސާނާއަށް ދެއްވި އައު މޫނުގެ މިސާލެއް ނުފެންނާނެ."

ޑަކްޓަރު ލުއިސް ބުންޏެވެ. "ހައްގު ނޫން ތާރީފަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން. އަޅުގަނޑުގެ ގާތަށް އައި އިރުވެސް މިސިޒް ރުޚްސާނާއަކީ ވަރަށް ރީތި ކުއްޖެއް. އޭނާގެ މޫނުގެ އެއްފަޅި އަނދަފައި ހުރީ ދިމާވީ ހިތާމަވެރި ހާދިސާއަކުން. ސަލާމަތުން ހުރި ފަޅި ނުލާހިކު ރީތި. އަޅުގަނޑު އަނދައިފައި ހުރި ފަޅި ހަދާފައި އެހެރީ ސަލާމަތުން ހުރި ފަޅިއާ އެއްގޮތަށް. އެހެންވީމާ އޭނާގެ މޫނު މިހާރު އެހެރަ ފެންނަނީ ގުދުރަތުން އޭނާއަށް ދެއްވި ގޮތަށް. މަސައްކަތް ކުރީ އަޅުގަނޑު. އެކަމަކު ތިޔަ ފެނިވަޑައިގަންނަވާ އަޖައިބަކީ ގުދުރަތުގެ އަޖައިބެއް."

ރުޚްސާނާ ކުރިއަށް ޖެހިލައި ޑަކްޓަރު ލުއިސްގެ އަތުގައި ހިފައިލިއެވެ. "ޑޮކްޓަރަށް ތާރީފު ހައްގު. ޑޮކްޓަރުގެ ފަންނަކީ މީސްމީހުންގެ ހަލާކުވެފައިވާ ދިރިއުޅުން ހެޔޮކޮށްދޭ ފަންނަކަށް ވުމަކީ ކިހައި ރަނގަޅު ކަމެއްތޯ؟ އަޅުގަނޑަށް އެނގުނު ކަމަކީ އެއްވެސް މީހަކު ތާއަބަދު ބައި މީހެއްގެ ގޮތުގައި ނުހުންނާނެކަން. މީހާގެ ދިރިއުޅުމާއި އާދަތައް ހެޔޮ މަގަށް އަޅުވައިލުމާއެކު މީހާވެސް ފުރިހަމަ ވެގެން ހިނގައިދޭ."

އެމީހުން ވާހަކަ ދައްކަމުން ކޮޓަރިން ނުކުމެއްޖެއެވެ.

މިސިޒް ހޯކް ބުންޏެވެ. "ރުޚްސާނާ. ބާކީ ދެން އޮތީ އެންމެ ހަފުތާހެއްހައި ދުވަހުގެ މަސައްކަތް. ދެތިން ޕޯސްޓަރުގެ މަސައްކަތާއި ކޮސްމެޓިކްސްގެ ބައެއް އިޝްތިހާރު ހަދައިލީމާ މުޅިން ނިމުނީ. މިއަދުން ފެށިގެން ދިހަވަނައަށްވާ ދުވަހަށް ރުޚްސާނާ އެނބުރި ގައުމަށް ދާން އަހަރެމެން އޮންނާނީ ޓިކެޓު ނަގާފައި."

ރުޚްސާނާއަށް އިހުސާސް ކުރެވުނީ ދިހަ ދުވަސް ވާންދެން ޖަލުގައި ހައްޔަރު ކޮށްފައި ބޭއްވުމަށް ފަހު މިނިވަންކޮށް ދޫކޮށްލީ ކަމުގައެވެ. އެގާރަވަނައަށް ވާ ދުވަހު އޭނާ ހުންނާނީ އާއިލާގެ މީހުނާ އެކުގައެވެ. އޭނާގެ އެންމެ ގާތް މީހުން ތިބޭނީ އޭނާގެ ގާތުގައެވެ.

އެ އިހުސާސް ކުރެވުމާއެކު އޭނާއަށް ހިނިތުންވެލެވިއްޖެއެވެ. މިސިޒް ހޯކަށް އޭނާގެ އުފާވެރިކަން ފާހަގަ ކުރެވިއްޖެއެވެ. އެހެންވީމާ އޭނާގެ އަތުގައި ހިފަހައްޓައިލުމަށް ފަހު އަހައިލިއެވެ. "އޭނާގެ މަތިން ހަނދާންވަނީތަ؟"

ރުޚްސާނާ ލަދުން އިސްދަށަށް ޖަހައިލިއެވެ.

މިސިޒް ހޯކް ބުންޏެވެ. "އަހަރެން ވަނީ ވަރަށް ގިނައިން އިރުމަތީ އަންހެންކުދިން ދެކެފައި. އެ ކުދިންގެ ހިނިތުންވުން އަބަދުވެސް ވަރަށް ރީތި. ފެނުމާއެކީ ފޮޓޯ ނަގާހިތްވޭ."

އޭގެ ފަހުން އޭނާ އެ މީހުންނާއެކު ގޮސް ވަނީ ކެންޓީނަކަށެވެ. އެތާނގައި ކޮފީ ބޯން އިނދެފައި އެއްލި ކަޅިއަކުން އޭނާއަށް ދުރުން ފެނުނީ ޖަމްޝީދެވެ. އޭނާ ގެންދިޔައީ ކެންޓީނުގައި ތިބި އަންހެން ކުދިންނާ ދިމާއަށް ބަލަމުންނެވެ. ރުޚްސާނީ ހޯދަނީކަން ނޭނގެއެވެ. ރުޚްސާނާ ނުދެނަހުރި ކަމަށް ހެދިގެން އިނދެއްޖެއެވެ.

ޖަމްޝީދުގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ. އޭނާ ޔަގީންކަމާއެކު އަދި ބައެއް ފަހަރަށް ޔަގީންކަމެއް ނެތް ގޮތެއްގައި އޭނާޔާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ކޮލެޖުގެ ދުވަސްވަރު ޖަމްޝީދަށް ހުރީ އޭނާ ފެނިފައެވެ.

ޖަމްޝީދު އިރުކޮޅަކު ބަލަހައްޓައިގެން އިނުމަށް ފަހު ތެދުވެގެން އޭނާ އިން މޭޒުދޮށަށް އައިސް ކުޑަކޮށް ޖެހިލުންވެފައި ހުރެގެން އަހައިލިއެވެ. "ތިޔައީ ރުޚްސާނާތަ؟"

ރުޚްސާނާ ހިނިތުންވެލިއެވެ. "އާނ. މިއީ އަހަރެން. އިށީނދޭ."

ޖަމްޝީދު ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ރުޚްސާނާ ބުންޏެވެ. "ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ މަރުހަލާ ނިމިގެން އަހަރެން ހަސްފަތާލުގައި އޮތްވާ ޖަމްޝީދު އަހަންނާ ބައްދަލުކުރަން އައި. ރަށަށް ދާ ވާހަކަ އެ ދުވަހު ބުނީމެއްނު. އަހަރެން އެ ދުވަހު ވަރަށް އާދޭސްކުރިން. އަހަރެން ހީކުރީ ޖަމްޝީދު ވަރަށް ވިސްނުންތެރިކަމާއެކު އަހަރެންގެ މައްސަލަތައް ހައްލުކޮށް ދޭނޭ ކަމަށް. ފަރުޒާނާ މިތަނަށް ގެނެސް ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށް."

"އާނ. އަހަރެން ރަށަށް ދިޔައީ ހުރިހައި ކަމެއް ކޮށްދޭނެ ކަމަށް ވައުދުވެފައި."

"އެނބުރި ތިޔަ އައީ އަށްމަސްދުވަސް ފަހުން."

"ރުޚްސާނާ. އަހަރެންގެ ވާހަކަ އަޑު އަހައިލަބަލަ. އަހަންނަށް މެދުވެރިވީ ހާލުވެސް ބަލައިލާން ވާނެ."

"އަހަންނަށް ފަރުޒާނާގެ ސިޓީ ލިބޭ. އޭނާ ގަވައިދުން އަހަންނަށް ސިޓީ ފޮނުވާ. ފުރަތަމަ ސިޓީގައިވެސް އޮތީ ޖަމްޝީދުގެ ކުޅިގަނޑުގެ ވާހަކަ ލިޔެފައި. ޖަމްޝީދު ރަށަށް ގޮސް މަސައްކަތްކުރީ އަހަރެންގެ ޒަވާޖީ ހަޔާތް ބަރުބާދު ކުރަން. ޖާނީ ލައްވައި އަހަރެން ވަރިކުރުވަން."

"އެއްވެސް ކަހަލަ ވިސްނުމަކާ ނުލައި ހަމައެކަނި ފަރުޒާނާގެ ވާހަކައަށް ހެއްލިގެން އަހަރެންގެ ބޮލުގައި ތިޔަ ކަހަލަ އިލްޒާމު އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން. ދެމީހުން އެކަނި ބައްދަލުކޮށްގެން ވާހަކަ ދައްކައިލަމާ ހިނގާ."

"އެއީ ކީއްކުރަން؟ ޖާނީއާ ދެކޮޅަށް އަހަރެންގެ ހިތުގައި ޝައްކު އުފައްދަންތަ؟ އަހަރެން ރުޅިއަރުވަންތަ؟"

"ރުޅިއަރުވާކަށް ނޫން. އަހަރެން ދައްކާ ވާހަކައެއް ދައްކާނީ ތެދުބަހުން. ދޮގެއް ނުހަދާނަން. ޖާނީ އެ ދަނީ ރުޚްސާނާއަށް ވަރަށް ބޮޑަށް އަނިޔާވެރިވަމުން. އޭނާ ރުޚްސާނާގެ ދަރިފުޅު ގޮވައިގެން ފިލައިގެން ކޮންމެވެސް ތަނަކަށް ހިނގައްޖެ. ވީ ތަނެއް އެކަކަށްވެސް ނޭނގޭ."

ރުޚްސާނާ ވަރަށް ހަމަޖެހިލައިގެން އިނދެ އަހައިލިއެވެ. "ތިޔަ ދައްކަނީ ކޮން އިރެއްގެ ވާހަކައެއް؟"

"މި ދައްކަނީ އަހަރެން ރަށަށް ދިޔަތާ ދެތިން ދުވަސްވެސް ނުވަނީސް ހިނގި ކަމެއްގެ ވާހަކަ. އަހަރެން ރުޚްސާނާގެ ގެއަށް ގޮސް ރުޚްސާނާގެ މައިންބަފައިންނާ ބައްދަލުކުރިން. އަހަރެމެން ވާހަކަދައްކަން ތިއްބައި ބާދްޝާ ޖާނީ އެގެއަށް އައީ. ސިއްރުން އަހަރެމެންގެ ވާހަކަ އަޑު އެހީ. އެ ދުވަހު އޭނާއަށް އެނގިއްޖެ ރުޚްސާނާ މި ރަށަށް އައީ އޭނާއަށް މަކަރު ހަދާފައިކަން."

ރުޚްސާނާ މިސިޒް ހޯކްމެންނާ ދިމާއަށް ބަލައިލިއެވެ. ދެމީހުން ވާހަކަދެއްކީ ރަށު ބަހުން ކަމުގައި ވިޔަސް އޭނާ ފިރިމީހާއަށް މަކަރު ހެދިކަން އެ މީހުންނަށް އެނގިއްޖެއޭ މިހާރު މަލާމާތް ކުރާނެއޭ ހިތަށް އެރީއެވެ. "ތިޔަ ކަހަލަ އެއްވެސް ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއް ނޫން. އަޑު އަހާކަށްވެސް ބޭނުމެއް ނޫން. ޖަމްޝީދަކީ އެއްވަނައިގެ ދޮގުވެރިއެއް. ޖާނީ މިހާރުވެސް ގޭގައި އެބައުޅޭ. އަހަރެންގެ ދަރިފުޅުވެސް ގޭގައި އެބައޮތް."

"ރުޚްސާނާ. އަހަރެންގެ ވާހަކަ ގަބޫލުކުރޭ. އެމީހުން އެ އުޅެނީ ރުޚްސާނާއަށް އޮޅުވާލައިގެން."

"ޖަމްޝީދު ތިޔަ ބުނަނީ ޖާނީ އަހަންނަށް ފޮނުވާ ސިޓީ އެއީ އޭނާ ލިޔާ ސިޓީއެއް ނޫނޭތަ؟"

ޖަމްޝީދު ހައިރާންވެފައި އަހައިލިއެވެ. "ރުޚްސާނާއަށް ޖާނީގެ ސިޓީ ލިބޭތަ؟"

"އާނ. ޖާނީގެ ސިޓީ ލިބޭ. މަންމަގެ ސިޓީވެސް ފަރުޒާނާގެ ސިޓީވެސް ލިބޭ. އެ ހުރިހައި އެންމެން އެ ހަދަނީ ދޮގު. ތެދު ބަހުން ވާހަކަދައްކަނީ ހަމައެކަނި ޖަމްޝީދު. މިއީތަ ބުނަން ތިޔަ އުޅޭ ވާހަކައަކީ؟"

ޖަމްޝީދު އިރުކޮޅެއް ވާންދެން ކަންބޮޑުވެފައި އިނުމަށް ފަހު ބުންޏެވެ. "އަހަރެން ޔަގީންކަން ދޭނީ ކިހިނެއް؟ އޭނާ ދަރިފުޅު ގޮވައިގެން ދިޔައީ އަހަރެންގެ ކުރިމަތީގައި." ކުއްލިއަކަށް އޭނާ ފުށްޓަތްކެއް ޖަހައިލައިފައި ބުންޏެވެ. "އަހަރެން މި ދައްކަނީ ތެދު ވާހަކަތޯ ބެލިދާނެ ގޮތެއް އެބައޮތް. ފޯނުން ޖާނީއާ ވާހަކަދައްކާ. އަދި މަންމަ ގާތު ބުނޭ ދަރިފުޅުގެ އަޑުވެސް އިއްވާށޭ. އަހަރެން ފުރިހަމަ ޔަގީންކަމާއެކު މި ބުނަނީ ރުޚްސާނާއަކަށް ދަރިފުޅުގެ އަޑެއްވެސް އަދި ޖާނީގެ އަޑެއްވެސް ނީވޭނެ."

"މި ދިޔަ އަށެއްކަ މަހު އަހަރެން އުޅުނީ ވަރަށް އަވަދިނެތި. ފޯނު ކުރެވުނީ ދެ ފަހަރު. އެއް ފަހަރު ޖާނީ ގެޔަކު ނެތް. ކާރުގައި މަސައްކަތަށް ނުކުމެވީ. ދެވަނަ ފަހަރު މާ ގިނައިން ބޮއިގެން އޮތީ. އެހެންވީމާ އަހަންނާ ވާހަކަ ދެއްކޭ ގޮތެއް ނުވި. އެކަމަކު ދެ ފަހަރުވެސް ދަރިފުޅުގެ އަޑު އިވުނު."

ޖަމްޝީދު ބޯ ކަހައިލިއެވެ. "އަހަންނަކަށް ގަބޫލެއް ނުކުރެވޭ. ފަރުޒާނާ އަވަށްޓެރިއެއްގެ ދަރިއަކު ގެނެސްގެން އަޑު އިއްވީ ކަމަށް ވެދާނެ. އެއީ ރުޚްސާނާގެ ދަރިފުޅުގެ އަޑުކަން ޔަގީން ވަނީ ކިހިނެއް؟"

"ޖަމްޝީދު. ދެން އިތުރު ވާހަކަ ނުދައްކާ. ތިޔަ ހާސަރު އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން. ދެން ދޭ."

އެތާނގައި ތިބި އެހެން މީހުންނަކަށް އެ ދެމީހުން ދައްކާ ވާހަކައެއް ނޭނގެއެވެ. ރުޚްސާނާ ޖަމްޝީދު ގާތު ދާށޭ ބުނި ކަމެއްވެސް ނޭނގެއެވެ. އެހެންވީމާ އެތަނުން އެކަކު ޖަމްޝީދުގެ ކުރިމަތީގައި ކޮފީ ތަށްޓެއް ބަހައްޓައިިފިއެވެ. ނުގޮސް އިންނާނޭ ބަހަނާއެއް އޭނާއަށް ލިބިއްޖެއެވެ. "ބައްޕަ އަހަރެން ރަށަށް ފޮނުވީ ހަމަސް ދުވަހަށް. އެކަމަކު ރުޚްސާނާގެ ގޭގެ ހާލަތު އެނގުމާއެކު އަހަރެން ބޭނުންވީ އަވަހަށް އެނބުރި އަންނަން. ބައްޕަ ގަބޫލެއް ނުވި. އޭގެ ފަހުން ވިޔަފާރީގެ ކަންތައްތަކުގައި އުޅެން ހަދައިގެން ހަމަސް ދުވަސް ފާއިތު ވެގެން ދިޔައީ. ދެން ބައްޕަ ބޭނުންވީ އަހަރެން ސީދާ ފްރެންކްފަރޓަށް ދާން. އެތަނުން ޕެރިހަށް ގޮސްފައި އެނބުރި މި އައީ. ރުޚްސާނާއާ ބައްދަލުނުވެ ގިނަ ދުވަސްވީ އެހެން ވެގެން."

"އަހަންނަށް ސިޓީއެއް ފޮނުވުނީހެއްނު؟"

"އަހަރެން ތިން ސިޓީ ފޮނުވިން. ފޮނުވީ ސަލްމާ ޤާދިރުގެ އެޑްރެހަށް. ރުޚްސާނާ އުޅެނީ އޭނާ ގާތުގައިކަން އަހަންނަށް އެނގޭ. އެކަމަކު އެއްވެސް ސިޓީއެއްގެ ޖަވާބެއް އަހަންނަކަށް ނުލިބޭ."

"އަހަންނަކަށް ޖަމްޝީދުގެ ސިޓީއެއް ނުލިބޭ. ތިޔަ ދަމަނީ ހައްތަހާވެސް ހާސަރު."

އެ ވަގުތު އޭނާއަށް ބާޤިރު ޢަލީ ފެނިއްޖެއެވެ. އޭނާ ފެނުމާއެކު ރުޚްސާނާއޭ ތެދުވެއްޖެއެވެ. އަދި ބައްޕާއޭ ގޮވައިލުމަށް ފަހު އެ ދިމާއަށް ހިނގައިގެންފިއެވެ.

އޭނާ ގޮސް ބާޤިރު ޢަލީގެ ކުރިމައްޗަށް ހުއްޓުނީމާ ބާޤިރު ހައިރާންވެފައި އަހައިލިއެވެ. "ދަރިފުޅާ ރުޚްސާނާ. ތިޔައީ ހަމަ ރުޚްސާނާތަ؟ ބައްޕައަކަށް ޔަގީނެއް ނުކުރެވޭ."

ރުޚްސާނާ އޭނާޔާ ދިމާއަށް އަތްދިއްކޮށްލިއެވެ. ބާޤިރު ޢަލީ އޭނާގެ އަތުގައި ހިފައިލިއެވެ. "ބައްޕަ މި އައީ ބައްޕަގެ މިހިރަ ބަސްނާހާ ދަރި ވީތަނެއް ނޭނގިގެން ހޯދަމުން."

ޖަމްޝީދުވެސް ކައިރިއަށް ޖެހިލައި ސަލާން ކޮށްލިއެވެ.

"ލަންޑަނަށް އައީ ކޮން އިރަކު؟"

"މީގެ ދެގަޑިއިރު ކުރިން."

"އަހަންނާ ބައްދަލުކުރަން ނައީ ކީއްވެގެން؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.