(20 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މާރިޔާ ބުންޏެވެ. [އެންޖެލާވެސް މިހާރު ބަދަލުވެއްޖެއެވެ. މަނިކުފާނު ހަނގުރާމަ ނިންމައިވައިފައި އެނބުރި ވަޑައިގަތީމާ ގަނޑުވަރަށް ދައުވަތު އަރުވަން އޭނާ ދެކޮޅު ހަދާނޭ ކަމަކަށް ނުފެނެއެވެ. އަޅުގަނޑަށް މި ދެވެނީ ތަންކޮޅެއް އަވަހަށް ދޮގެއްތޯއެވެ؟ މަނިކުފާނު ވަޑައިގަންނަވާނީ ކޮން އިރަކުތޯއެވެ؟]
[އަޅުގަނޑު މިހިރީ ދެތިން އެކުވެރިއަކު އަންނާންދެނެވެ. ކަމަނާ ވަޑައިގަންނަވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ. ތިޔަ ވަޑައިގަންނަވަނީ ގިނިކަންޏާތޯއެވެ؟]
[ވަރަށް ދެރައެވެ. އެންޖެލާ އުޅެނީ ކުޑަކޮށް ބަލިވެއެވެ. އެހެން ނޫންނަމަ އޭނާ ހުރީ އަޅުގަނޑާއެކު އަންނާން ތައްޔާރަށެވެ.]
މައިކަލް ހިނިތުންވެލިއެވެ. [އޭނާ ގިނައިން އެ އުޅެނީ ބަލިވެއެއް ނޫންތޯއެވެ؟ ބޭސް ކުރައްވާށެވެ. އެންމެ ރަނގަޅެވެ. ދެން ވަޑައިގަންނަވާށެވެ.]
މާރިޔާގެ ގާޑިޔާ ތަންކޮޅެއް ދުރަށް ދިޔައީމާ އޭނާ އެކުވެރިންނާ ދިމާއަށް އެނބުރިލިއެވެ. އަދި މަޑުމަޑުން ކިޔައިލިއެވެ. [އޭނާއަށް ހަކީމަކު އެބަ ބޭނުންވެއެވެ. އަހަރެން އެކަހަލަ ކިތަންމެ ބަޔަކަށް މިހާރު ބޭސްކޮށްފީމެވެ.]
(3)
ރަބީޢާއާއި އެންޖެލާއާ ދެކުދިން ތިބީ ގަނޑުވަރުގެ މަތީބުރީގެ ކޮޓަރިއެއްގައި ކާށެވެ. ކުއްލިއަކަށް ބޭރުން އަޑުފައްގަނޑެއް އިވިއްޖެއެވެ. ރަބީޢާ ސިހިފައި ބުންޏެވެ. [ކޮންމެވެސް މީހަކު އަޙްމަދާ ތޮޅެނީހެން ހީވެއެވެ.]
އެންޖެލާ ބުންޏެވެ. [އެ ވާނީ ޖެމީން ކަމަށެވެ. މިއަދު އޭނާއަށް ކުޅިދައްކައިލާނަމެވެ. ބައެއް ފަހަރު އަހަރެން އަޙްމަދު ދެކެވެސް ރުޅިއާދެއެވެ. ބޮޑު ފަރުބަދަފަޅިއެއް ވަރުގެ މީހެކެވެ. އެކަމަކު ނޯކަރުން ތަޅައި އަނިޔާކުރާއިރުވެސް އިނގިއްޔެއްވެސް ހިއްލައެއް ނުލައެވެ.]
[މިތާނގައި ކޮންމެ ކްރިސްޓިއަނަކުވެސް ދެކެނީ އިސްލާމުންނަކީ އެބައިމީހުންގެ މިލްކެއް ކަމުގައެވެ.]
އެންޖެލާ ޚާދިމާއަކަށް އަމުރުކޮށްލިއެވެ. [ދާށެވެ. ޖެމީން ގޮވައިގެން އަންނާށެވެ. މިއަދަކު ދުލެއް ނުކުރާނަމެވެ.]
އެވަގުތު ސިޑިން މީހަކު އަރައިގެން އަންނަ އަޑު އިވިއްޖެއެވެ. އެންޖެލާ ބުންޏެވެ. [އިހަށް މަޑުކޮށްލާށެވެ. އޭނާ އަމިއްލައަށް އަންނަނީ ކަމުގައި ވެދާނެއެވެ. އަންނަ ގޮތަށް އަޙްމަދުގެ ޝަކުވާ އުފުލާނެއެވެ.]
ޚާދިމާއާއި ރަބީޢާ އާއި އެންޖެލާއާ ދޮރާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ކޮޓަރިއަށް އައިސް ވަންތަން ފެނުނީ ނޯކަރެއް ނޫނެވެ. ޖޯން މައިކަލެވެ. އެންޖެލާ ކުއްލިއަކަށް ތެދުވެއްޖެއެވެ.
[ކަލޭހެއްޔެވެ؟] ސިހިފައިވާ އަޑަކުން އޭނާއަށް ބުނެލެވުނެވެ.
[އާނއެކެވެ. އަހަންނެވެ. ކަލޭގެ މޫނަށް ރީނދީކުލަ އެރީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މިއައީ ކަލެއަށް ހޭހަންކުރާށެވެ. ކަލެއަށް ބޭސް ކުރާށެވެ. ކަލޭ އަބަދު އުޅެނީ ބަލިވެއެވެ.]
ޖޯން މައިކަލް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެންޖެލާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ. އެ ވަގުތު ރަބީޢާ ދުވެފައި ގޮސް ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި ހުއްޓިއްޖެއެވެ. ޚާދިމާ ހަދާނޭ ގޮތެއް ނޭނގިފައި ބިރުން ރޫރުއަޅައަޅައި ހުރެއްޖެއެވެ.
ޖޯން މައިކަލް ބުންޏެވެ. [އެންޖެލާއެވެ. ހަޅޭއް ލެވިއަކަސް، ދުވުނަކަސް މިހާރު ކުރާނޭ ފައިދާއެއް ނެތެވެ، އެހީތެރިވާކަށް އެއްވެސް މީހަކު ނާންނާނެއެވެ. ކަލޭގެ ހުރިހައި ނޯކަރުން އެތިބީ އަހަރެންގެ ސިފައިންގެ ބެލުމުގެ ދަށުގައެވެ. ކަލޭގެ މަންމަ ވީ އަހަރެންގެ ޝަރަފުގައި ބާއްވާ ޕާޓީއަކަށް ގޮހެވެ. އަހަރެން އެތަނަށް ނުދަނީހެއް އޭނައެއް ނާންނާނެއެވެ.]
ޖޯން މައިކަލް އަނެއްކާވެސް ހައެއްކަ ފިޔަވަޅު ކުރިއަށް ޖެހިލައިފިއެވެ. އެންޖެލާ ދުވެފައި ގޮސް ކޮޓަރީގެ އެއް ކަނުގައި ހުއްޓިއްޖެއެވެ. [ކަލެއަކީ ވަހުޝީ ޖަނަވާރެކެވެ. ކަމީނާއެކެވެ. ތިޔަހަރީ ރާ ބޮއިގެން އަމަލުވެފައެވެ.]
އެންޖެލާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖޯން މައިކަލް އެނބުރި ބަލައިލީ ޚާދިމާއާ ދިމާއަށެވެ. [ކަލޭ ތިޔަ ބަލަނީ ކޯނޗެއް ހެއްޔެވެ؟ މިތަނުން ފެއްސިގެން ދާށެވެ.]
ޚާދިމާ ގަންނާކުރެއްވި ބިރުން ދުވެފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.
ޖޯން އަނެއްކާވެސް ކުރިއަށް ހިނގައިގެންފިއެވެ. އެންޖެލާ ދަމައިފައި ކަހަލަ ގޮތަކަށް ކޮޓަރީގެ އަނެއް ފަރާތަށް ގެނެސްފިއެވެ. ދެން އޭނާ ބަލައިލީ ރަބީޢާއާ ދިމާއަށެވެ. [ކަލޭ ތިޔައީ މީނާގެ ދައްތަ ދޯއެވެ؟ މީހުން އެ ދައްކަނީއަކީ ދޮގު ވާހަކައެއް ނޫނެވެ. މުޅި އަންދަލުސްގެ ރީތިކަން އެކީގައި ކަލާނގެ ދެއްވައިފައި ވަނީ ކަލޭމެން ދެބެއިންނަށެވެ. އެކަމަކު މި ވަގުތު އަހަރެން އައީ އެންޖެލާއަށްޓަކައެވެ. ކަލޭ ދާށެވެ.]
ރަބީޢާ ހުރިތަނުން ފުކަކަށްވެސް ގުޑައެއްނުލިއެވެ.
ޖޯން ހަޅޭއްލަވައިގަތެވެ. [ދާށެވެ.]
ރަބީޢާ ޝައުގުވެރިކަމާއެކު އޭނާޔާ ދިމާއަށް ބަލައިލިއެވެ. [ކަލެއަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. އަންހެނުންނާ ބަލައި މާ ބޮޑަށްވެސް ހިތްވަރު ގަދަ މީހެކެވެ. އެންމެ އަންހެން ކުއްޖަކަށް ހަމަލަދޭން ކަލޭ ތިޔަ އައީ ހައެއްކަ މީހުން ގޮވައިގެންނެވެ. ހަގީގަތުގައި މިއީ ކަލޭގެ މުޅި ލަޝްކަރު ގެންނަވަރުގެ ކަމެކެވެ. ކަލޭގެ ޚަންޖަރު ނުނަގައި ތިޔަހަރީ ކީއްވެގެން ހެއްޔެވެ؟ އެންޖެލާއެވެ. މީނާއަށް އަތް ދައްކަބަލާށެވެ. ތިމަންގެ އަތް މި އޮތީ ހުހަށޭ ބުނެބަލާށެވެ. ފެރްނާންދޯގެ ނައިޓެއްގެ އެތިފަހަރެއް އަމާޒުން ކައްސައިލައިގެން ގޮސްގެން ނުވާނެއެވެ. އެހެން ވެއްޖެއްޔާ ފައްޅީގެ ތާރީޚުން ހިތްވަރުގަދަ ކަމުގެ އެއް މަންޒަރު އުނިވެގެން ހިނގައިދާނެއެވެ.]
ޖޯން މައިކަލް ރުޅި އައިސް ރަތްވެފައި ބުންޏެވެ. [ދޫނުބައި ކުއްޖާގަނޑާއެވެ. ހިމޭނުން ހުންނާށެވެ. އަހަރެން މިއީ ކާކުކަން އަދި ކަލެއަކަށް ރަނގަޅަކަށް ނޭނގޭނެއެވެ.]
ރަބީޢާ ބުންޏެވެ. [އަހަރެން ކަލޭ ދަންނަމެވެ. ކަލޭ ތިޔައީ ހިތްވަރު ގަދަ ނައިޓެކެވެ. މި ސަހަރުގެ ގަވަރުނަރެވެ. ފައްޅިތައް އެތިބީ ކަލެއަށްޓަކައި ފަޚުރުވެރި ވޭވެއެވެ. އެންމެ ބޮޑަށް ފަޚުރުވެރި ވަނީ މައުސޫމް އަންހެންކުދިންގެ ލެއިން ކަލޭ ފައްޅީގެ ދިދަތައް ކަޅިކުރަމުން ގެންދާތީއެވެ. ފައްޅިތަކުން އެންމެ ބޮޑަށް ފަޚުރުވެރިވަނީ ކުށެއް ނެތް މީހުންގެ ލޭގެ ކަނޑުގައި ކަލޭގެ ސަބަބުން އެ ފައްޅިތަކުގެ ނައު އޮމާންކަމާއެކު ދުވަމުން ދާތީއެވެ. އަހަރެން ކަލޭ ދަންނަމެވެ. ކަލެއަކީ ފިރިހެނުންގެ ކުރިމަތީގައި ހިޔަޅެކެވެ. އަންހެނުންގެ ކުރިމަތީގައި ސިންގާއެކެވެ.]
ޒަޚަމް ވެފައިވާ މިނިކާ ޖަނަވާރެއްހެން ޖޯން ކުރިއަށް ޖެހިލިއެވެ. އަދި ރަބީޢާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގެންފައި ދަމައި ގެންގޮސް ޖެހިގެން ހުރި ކޮޓަރި ތެރެއަށް ހޫރައިލައިފިއެވެ. ރަބީޢާ ވަރަށް ބާރަށް ގޮސް އަނގަވަތަށް ވެއްޓިއްޖެއެވެ. ދަނޑިވަޅު ބަލައިފައި އެންޖެލާ ސިޑިއާ ދިމާއަށް ހުރި ދޮރުން ބޭރަށް ނުކުމެއްޖެއެވެ. ޖޯން އެ ދިމާއަށް ބަލައިލީ ވަގުތު ރަބީޢާ އޭނާ ވެއްޓިފައި އޮތް ކޮޓަރީގެ ދޮރު ލައްޕައި މަކުޑި އަޅުވައިފިއެވެ.
ޖޯން މައިކަލް ދުވެފައި ދިޔައީ އެންޖެލާގެ ފަހަތުންނެވެ. އެންޖެލާ ސިޑިން ފައިބަމުން ދިޔައީ އެހީއަށް އެދި ހަޅޭއް ލަވަމުންނެވެ. ސިޑީގެ މެދާ ހަމައަށް ފޭބުނުތަނާ އޭނާއަށް ގަބޫލުކުރެވުނު ގޮތުގައި އޭނާގެ އަޑު އަހައިގެން އެހީތެރިކަމެއް ދޭނޭ އެއްވެސް މީހަކު ގަނޑުވަރަކު ނެތެވެ. ކުއްލިއަކަށް އޭނާއަށް ރަބީޢާގެ ޚިޔާލު ކުރެވިއްޖެއެވެ. އެޔާއެކު އޭނާ ހުއްޓިއްޖެއެވެ. އޭރު ތިރިން ބަޔަކު ހޭނ އަޑު އިވެއެވެ. ސިޑީގެ ދަންމަރު ހުރީ ހުޅުދާން ކޮށްފައެވެ. އޭނާ އަތުން ޖަހައި ދަންމަރު ވައްޓައިލައިފިއެވެ. އޭރު ޖޯން މައިކަލްގެ މީހުން ހެމުން ސިޑިން މައްޗަށް އަރަނީއެވެ. އެންޖެލާގެ ހިތަށް އެރިއެވެ. މަތީބުރިން ލައިފައި ގޮސް ބޭރުގެ ކުޅިބަލާގެއަށް ދެވިއްޖެނަމަ ކިއްލާގެ ދޮރުފާރަވެރިންނަށް ގޮވިދާނެއެވެ. އޭނާ ވަގު ފިޔަވަޅު އަޅަމުން ސިޑިން މައްޗަށް އަރާން ފަށައިފިއެވެ. ސިޑީގެ އެންމެ މައްޗަށް އެރުމާއެކު އޭނާއަށް އިވުނީ ބިރުވެރި ހުނުމެއްގެ އަޑެވެ. އޭނާ ޖޯން މައިކަލްގެ ވަކިދަށުގައި ރަނގަޅަށް ތާށިވެއްޖެއެވެ. އޭނާ ގެންދިޔައީ ހަޅޭއް ލަވަމުންނެވެ. [އަނިޔާވެރިޔާއެވެ. ދޮގުވެރިޔާއެވެ. ގޮތްކުޑަ މީހާއެވެ. އަހަރެން ދޫކޮށްލާށެވެ. އަހަރެން ދޫކޮށްލާށެވެ.]
މައްޗަށް އަރަމުން އައި ސިފައިންނަށް ޖޯން މައިކަލް ގޮވައިފައި ބުންޏެވެ. [ކަލޭމެން ގޮސް ކިއްލާގެ ދޮރާށިދޮށުގައި ތިބޭށެވެ. އަހަރެން ހުއްދަ ނުދެނީސް އެއްވެސް މީހަކު ވަނަދީގެން ނުވާނެއެވެ.]
އެމީހުން ހިނގައްޖެއެވެ. ޖޯން މައިކަލް ހަޅޭއް ލަވަމުން ދިޔަ އެންޖެލާ ދަމައިކޫއްތައިފައި ގެންގޮސް ދާދި ކުޑައިރުކޮޅެއް ކުރީން އެމީހުން ކާންތިބި ކޮޓަރިއަށް ވައްދައިފިއެވެ. އެޔަށް ފަހު ދޮރު ލައްޕަމުން ބުނެފިއެވެ. [ކިތަންމެ ވަރަކަށް ހަޅޭއް ލެވިޔަސް އަހަންނަކަށް ހުރަހެއް ނޭޅޭނެއެވެ. ކަލޭގެ އަގުވެއްޓުން ނޫން ކަމެއް ނުވާނެއެވެ. އަހަރެން ކަލޭގެ ބައްޕަ ދެކެ ބިރެއް ނުގަނެއެވެ. އޭނާ އެހެރީ އަމިއްލަ ޒަމީރު އަހަރެމެންނަށް ވިއްކައިލައިގެންނެވެ. އޭގެ އަގު އަހަރެމެން އަދާކޮށްފީމެވެ. އަހަންނާ ބެހޭ ގޮތުން ކުރާ އެއްވެސް ޝަކުވާއެއްގެ އަޑެއް ރަސްގަފާނު ނާއްސަވާނެއެވެ.]
އެންޖެލާ ދެ އަތުން އޭނާގެ މޫނުގައި ވަކި އަޅާން ފަށައިފިއެވެ. [އަހަރެން ދޫކޮށްލާށެވެ. ގޮތްކުޑަ މީހާއެވެ. އަހަރެން ދޫކޮށްލާށެވެ.] އޭނާ ޖޯންގެ އަތުތެރޭގައި އޮވެގެން ރޯމަހެއް ތެޅޭހެން ތެޅެނީއެވެ.
ކުއްލިއަކަށް ޖޯން ހަޅޭއް ލަވައިގެންފައި ކޮޅަށް ތެދުވެއްޖެއެވެ. އޭނާގެ އިނގިއްޔެއް އެންޖެލާގެ އަނގަޔަށް ވަނީއެވެ. އޭނާއަށް އިނގިލި ސަލާމަތް ކުރެވުނީ އަނެއް އަތުން އެންޖެލާގެ ކަރުގައި ހިފައިގެންނެވެ. އެޔާއެކު އޭނާ މޮޔަވީ ކަހަލައެވެ. އެއް އަތުން އެންޖެލާގެ ކަރަށް ފިތައިގެން ހުރެ އޭނާގެ ހެދުން ވީދައިލާން މަސައްކަތްކުރަން ފަށައިފިއެވެ.
ކުއްލިއަކަށް ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ރަބީޢާ ދެ އަތް ފުރަގަހަށް ލައިގެން ހުރެ ވަގު ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ހިނގައިގެންފިއެވެ. އޭނާ އެހެރީ މައިކަލްގެ ފުރަގަހުގައެވެ. އެންޖެލާއަށް އޭނާ ފެނުނަސް މައިކަލްއަކަށް ނުފެނެއެވެ. ރަބީޢާ މައިކަލްގެ ގާތަށް ޖެހިލައި އަތަށް ލެވުނުހައި ބާރެއް ލައިފައި އޭނާގެ އަތުގައި އޮތް ލޮނސި މައިކަލްގެ ބުރަކަށްޓައް ޖަހައިފިއެވެ. މައިކަލް އެނބުރިލަން އުޅުނެވެ. އެހެންނަމަވެސް ފާޑެއްގެ ގޮތަކަށް އެނބުރިގެންފައި އަނގަވަތަށް ވެއްޓިއްޖެއެވެ. ލޮންސި ހުރީ އޭނާގެ ބުރަކަށިން ވަންގޮތަށް މޭ ފޫއަޅުވައިލައިފައި ނުކުމެފައެވެ. އޭނާ މަރަށް ތެޅެނީއެވެ.
(ނުނިމޭ)

