އެސް.ޓީ.އެމް މާކެޓުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ގުޅިގެން ވިޒިޓް މޯލްޑިވްސް ގެ އެއްބާރުލުމާއި އެއްކޮށް، 2026 ވަނަ އަހަރު  ބޭއްވުމަށް ހަމަޖެހިފައިވާ ސައުދީ ޓްރެވަލް މާކެޓް (އެސް.ޓީ.އެމް) ގައި ބައިވެރިވުމަށް ހުށައަޅައިފައިވާ މުއްދަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން 02 މާޗް 2026 އަށް އިތުރު ކޮށްފިއެވެ.

މި ފެއަރ ކުރިއަށްދާނީ 29 މާރިޗު 2026 އިން 31 އަށް، ސައުދީ އަރަބިއްޔާގެ ރިޔާދު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ

ސައުދީ ޓްރެވަލް މާކެޓަކީ ސައުދީ އަރަބިއްޔާ އާއި ޖީ.ސީ.ސީ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުން، ޓްރެވަލް އެޖެންޓުން، އެއާލައިންތައް އަދި ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތައް ބައްދަލުވާ އެންމެ ބޮޑު އެއް ބީ.ޓީ.ބީ އެގްޒިބިޝަނެވެ. މިއީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމުގެ އިތުރުން، އެ ސަރަހައްދުން ބޭރަށް ދަތުރުކުރާ ފަތުރުވެރިންގެ މާކެޓްގެ ފައިދާ ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކަންދޭ މުހިންމު މާކެޓަކަށް ވުމާއެކު، މަޓާޓޯގެ މި އިސްނެގުމުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް ސައުދީ އާއި ޖީ.ސީ.ސީ މާކެޓަށް ވަނުމުގެ މަގު ފަހިކޮށްދިނުމެވެ. މީގެ ތެރޭގައި ލަގްޒަރީ، އާއިލީ، ހަނީމޫން އަދި ތަފާތު ތަޖުރިބާތަކަށް ލޯބިކުރާ ފަތުރުވެރިންގެ ސެގްމަންޓްތަކަށް އަމާޒުކުރުން ހިމެނެއެވެ

މަޓާޓޯއިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެސް.ޓީ.އެމް 2026 ގައި ރާއްޖޭގެ ބައިވެރިވުން ކޯޑިނޭޓް ކުރާނީ އެ ޖަމިއްޔާއިންނެވެ. މިގޮތުން ރެޖިސްޓްރޭޝަންގެ ކަންކަމާއި، ފެއަރ އިންތިޒާމުކުރާ ފަރާތްތަކާ މުއާމަލާތްކުރުމާއި، އަދި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ ފަރާތުން ފެންވަރު ރަނގަޅު ތަމްސީލުވުމެއް ދެއްކުމަށް މަޓާޓޯއިން މަސައްކަތް ކުރާނެއެވެ

މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ އަގުތަކެއް ހަމަޖެހިފައިވާއިރު، މަޓާޓޯގެ މެންބަރުންނާއި "ވިޒިޓް މޯލްޑިވްސް" ގެ މެންބަރުންނަށް އިތުރު 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް ސާކިއުލާގައިވެއެވެ

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޓާޓޯގެ ސާކިއުލާ ރަނގަޅަށް މުތާލިއާކުރުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބައިވެރިވުމަށް އެދި އެކްސްޕްރެޝަން އޮފް ހުށަހެޅުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރެއެވެ

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަމުން މަޓާޓޯއިން ފާހަގަކުރި ގޮތުގައި، ސައުދީ ޓްރެވަލް މާކެޓް 2026 އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ސައުދީ މާކެޓާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ލިބޭނެ ވަރަށް މުހިންމު އަދި އެކަށީގެންވާ ފުރުސަތެކެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.