(12 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ އިރުކޮޅެއް ވާންދެން ހަދާނޭ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރުމަށް ފަހު އަނެއްކާވެސް ކޮޓަރިތެރެ ސާފު ކުރާން ފަށައިފިއެވެ. ހުރިހައި އެއްޗެއް ވަކިވަކީން ނަގައި ސާފު ކުރަމުން ގެންދިޔައެވެ. ތަޅުންގަނޑުވެސް ވަރަށް ރަނގަޅަށް ސާފު ކޮށްފިއެވެ. ސޯފާވެސް ދަމައިފައި އެހެން ދިމާއަކަށް ޖައްސައިފިއެވެ. ބޮޑު ފޮތިގަނޑެއް ގެނެސް މޭޒުމަތީގައި އަޅައިފިއެވެ. މޭޒުގެ މެދުގައި ބާލީހެއް ބާއްވައިފިއެވެ. އެއީ ޚަތިމުތައް ބަހައްޓާން ބޭއްވި ބާލީހެކެވެ.
މި ހުރިހައި ކަމެއް ކުރެވުނު އިރުވެސް މާ ގިނަ ވަގުތެއް ފާއިތު ވެގެންނެއް ނުދިޔައެވެ. އަދި ކިރިޔާ އެވީ ދެގަޑިބައެވެ. އޭނާ ކުލިނިކަށް ވަދެއްޖެއެވެ. އަދި އެތާނގެ ބޮކިވެސް ދިއްލައިލިއެވެ. މިހާރު ބުޅާ އޮތީ ގޯނިން ބޭރުވެފައެވެ. އެހެންވީމާ ބޮކި ދިއްލުމަކުން ވާނޭ އިތުރު ގެއްލުމެއް ނެތެވެ.
އޭނާ ކުލިނިކު ސާފުކުރާން ފަށައިފިއެވެ. އެ މަސައްކަތުގައި އުޅެނިކޮށް ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު އިވިއްޖެއެވެ. އެ ވަގުތު އޭނާއަށް ބަންގިގޮވާ މީހާއަށް ޝުކުރު އަދާކުރެވުނެވެ.
ފަތިސް ވީއެވެ.
ރެއަކީ މުޅި އުމުރު ދުވަހަށްވުރެ ދިގު ރެއެކެވެ.
ކުރުކޮށް ދިނީ ބަންގިގޮވާ މީހާއެވެ.
ޝުކުރިއްޔާއެވެ.
އޭނާ ބަދިގެއަށް ވަދެ އެތަންވެސް ތަރަތޯރާ ކޮށްފައި ނުކުމެއްޖެއެވެ. ބޭރުން ދުއްވާ އެއްޗެހީގެ އަޑު އިވެއެވެ. އޭނާ އިރުކޮޅަކު އަޑު އަހާން ހުރެފައި އަނެއްކާވެސް ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ފޮތިގަނޑު ކުޑަކޮށް ދުރު ކޮށްލުމަށް ފަހު ބޭރު ބަލައިލިއެވެ. ބޭރަށް އޮތީ ފަތިހުގެ ފަނޑު އަލިކަން ފެތުރިފައެވެ. މަގުގެ އަނެއް ފަރާތުގައި އަދިވެސް އެ ކާރު އެބައޮތެވެ. އެތެރެއިން މީހަކު ފެންނާކަށް ނެތެވެ. އޭނާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށް ފަހު ދުރަށް ޖެހިލައިފިއެވެ.
އިރުކޮޅަކު ވިސްނައިލާން ހުރުމަށް ފަހު އޭނާ ގޮސް ކުލިނިކަށް ވަދެއްޖެއެވެ. އަދި މަޑު މަޑުން ގޮސް ބޭރު ދޮރުގެ ކައިރިއަށް ހުއްޓިއްޖެއެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. ބާދްޝާގެ ކުރިމައްޗަށް ނުކުމެގެން އޭނާއަށް ހިތްވަރުދޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު ހިތް ގޮވަމުން ދަނީ ނުކުންނާށޭއެވެ.
އޭނާ ދޮރު ހުޅުވާފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާ ހިތުގައި އަޅައިގެން ހުރީ ކައިރިއަށް ގޮސް އެއްޗެހި ގޮވައިގަންނާށެވެ. ރޭގަނޑު ހަތަރު ދަމު މިތާނގައި އޮތީމާ ވީ ކީއްތޯ އަހާށެވެ. ތިމަންގެ ނިދިވެސް ނަގާލައިފީމުއޭ ބުނާށެވެ.
އޭނާ ކާރުގެ ކައިރިއަށް ގޮސް ބަލައިލިއެވެ. ބާދްޝާ ފަހަތު ގޮނޑީގައި ނިދާފައި އޮތެވެ. ފެނުމާއެކު ރުޅި ގަދަވެއްޖެއެވެ. މޫނުގައި ވަކި އަޅައި ހަން ދުއްވައިލާފާނަމޭ ހިތަށް އެރިއެވެ. އޭނާގެ ނިދި ނަގައިލުމަށް ފަހު އެ އޮތީ އަރާމުކޮށް ނިދައިފައެވެ.
އޭނާ ދޮރުގައި ވަރަށް ބާރަށް ޓަކި ޖަހައިލިއެވެ. ބާދްޝާ ކުއެްލިއަކަށް ތެދުވެއްޖެއެވެ. ދެ ލޯ އުނގުޅަމުން ބަލައިލިއެވެ. ފަރުޒާނާ ފެނުނީމާ ކާރުން ފައިބަމުން ބުނެލިއެވެ. "ފަރުޒާނާ އަންނާނެކަން އަހަންނަށް އެނގޭ."
"ވިޔާނުދާ ވާހަކަ ނުދައްކާ. ގޭގައި މި އުޅެނީ ފޮތްފޮށި ކިޔަވަން."
"ދެން އަހަރެން ކުރަންވީ ކީއް؟ އަހަރެން ޤުރްއާން ކިޔަވާކަށް ނުދަންނަން."
"ކިޔަވާށެކޭ އަހަރެން ނުބުނަން. އަހަރެން މި އައީ އެހެން ވާހަކައެއް ބުނަންވެގެން. ޤުރްއާން ކިޔަވަން އަންނަ މީހުންގެ ތެރޭގައި ރުޚްސާނާގެ މަންމަވެސް ހިމެނޭ. މިތާނގައި ތިޔަހެން ހުއްޓާ ފެނިއްޖެއްޔާ ވާނީ ކިހިނެއް؟"
ބާދްޝާ ބޯ ކަހައިލިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް. އެންމެ ރަނގަޅު. ޤުރްއާން ކިޔަވައި ނިމޭނީ ކިހައި އިރަކު؟"
"ނިމޭ އިރަކުން ނިމިދާނެ. އެކަން ބަލަނީ ކީއްކުރަން. އެއީ ޖާނީއާ ބެހޭ ކަމެއް ނޫން."
"އެއީ އަހަންނާ ބެހޭ ކަމެއް. ބެހޭ ކަމެއް ނޫން ނަމަ އަހަރެން ގާތު އެ ވާހަކަ ބުނާކަށް ފަރުޒާނާއެއް ނައީސް. އަހަރެން މިތަނުން ފޮނުވާލާކަށް ނޫޅުނީސް. މިހާރު ތިޔަ ކުރާ ކަމަކީ މައިދައިތައަށް އަހަރެން ފޮރުވުމެއްނު؟ އަހަރެމެން ދެމީހުން އެއް ތަނެއްގައި ތިއްބާ އޭނާއަށް ފެންނަގޮތް ވާން ބޭނުން ނުވަނީނު؟ އެންމެ ރަނގަޅު. ޤުރްއާން ކިޔަވައި ނިމޭއިރަށް އަހަރެން އަންނާނަން."
ފަރުޒާނާ ހައިރާން ވެފައި ވިސްނައިލިއެވެ. "އެއީ ތެދެއް ހެއްޔެވެ؟ އަހަރެން މި އައީ ހަމަ ހަގީގަތުގައިވެސް ބާދްޝާ އޭނާގެ މައިދައިތައަށް ފޮރުވުމުގެ ބޭނުމުގައި ހެއްޔެވެ؟ އެހެން ވެއްޖެއްޔާ އަނެއްކާވެސް މި އެޅުނީ ކަތި ފިޔަވަޅެކެވެ."
ބާދްޝާ ކާރަށް އަރައި އިށީނދެފައި ބުންޏެވެ. "އަހަރެން ދަނީ. ފަރުޒާނާ ބަދުނާމު ވާ ކަހަލަ ކަމެއް އަހަރެން ނުކުރާނަން."
ފަރުޒާނާ ކުޑަކޮށް ގުދުވެލާފައި ބުންޏެވެ. "ޖާނީ. ނިކަން ވިސްނާލަބަލަ. ރުޚްސާނާ ވީ ބޭރު ގައުމެއްގައި. އޭނާއަށް ފައިސާ ބޭނުން ވާނެ. ޖާނީ ތިޔަ ގެންދަނީ ވަގުތު ބޭކާރު ކުރަމުން. އޭނާއަށް ފޮނުވަން ފައިސާ ހޯދަން ޖެހޭނެއެއްނު؟ އެކަމާ ނުވިސްނަންތަ؟"
ބާދްޝާ އިސްދަށަށް ޖަހައިލިއެވެ. މި ފަހަރު ފަރުޒާނާ އެ ފިތައިލީ އޭނާގެ ރިހޭ ފާރުގަނޑަށެވެ. އޭނާ އަނގައިން ނުބުނީމާ ފަރުޒާނާ އނެއްކާވެސް ބުނެލިއެވެ. "އަހަރެންގެ ސުވާލަށް ޖަވާބެއް ދީ. އަހަރެން މިތާނގައި ހުއްޓާ ބަޔަކަށް ފެނިއްޖެއްޔާ ވިޔާނުދާ ގޮތްގޮތަށް ވިސްނަން ފަށައިފާނެ."
ބާދްޝާ ބުންޏެވެ. "އެންމެ ރަނގަޅު. އަހަރެން ދަނީ. ދުވާލު ހަތަރު ދަމު ކާރު ދުއްވާނީ. ރުޚްސާނާއަށް ފޮނުވަން ފައިސާ ޖަމާކުރާނީ. އެކަމަކު ރޭގަނޑު އަށެއް ޖަހާއިރު އަނެއްކާވެސް މިތަނަށް އަންނާނަން."
މިހެން ބުނުމާއެކު ކާރު ދުއްވާލައިފިއެވެ. ފަރުޒާނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެރިވިއެވެ. މިރެއާ ހަމައަށް ސަލާމަތުން ހުރެވޭނޭ ކަމުގެ ޔަގީންކަން ލިބުނީއެވެ. އޭނާ އެނބުރި ގޮސް ކުލިނިކަށް ވަދެއްޖެއެވެ.
* * *
ބާދްޝާގެ އާދައަކަށް އެކަން މިހާރު ވެއްޖެއެވެ. ކޮންމެ ދުވަހަކު ދުވާލު ކާރު ދުއްވަން އުޅެފައި ރޭގަނޑު ފަރުޒާނާގެ ގޭ ދޮށަށް އައިސް ކާރުގައި ނިދަނީއެވެ. ފަރުޒާނާވެސް ކޮންމެ ރެއަކު އެ މަންޒަރު ދެކެއެވެ.
މިއަދަކީ މިފަދަ ގޮތަކަށް ކަންތައް ކުރިއަށް ދާތާ ފަސްވަނަ ދުވަހެވެ. ފަރުޒާނާ ކުނިމޫނާ ހުރެގެން ގެއިން ނުކުމެގެން އަތުވެއްޖެއެވެ. ބާދްޝާ ކާރުގެ ކުރީ ގޮނޑީގައި އިނދެގެން ބަލަމުން ގެންދިޔައެވެ. ފަރުޒާނާ އަނގަޔަކުން ނުބުނެއެވެ. ކުރީ ދޮރު ހުޅުވައިލުމަށް ފަހު ކާރަށް އަރައި އިށީނދެއްޖެއެވެ.
ބާދްޝާ އުފަލުން ފޮޅިއްޖެއެވެ. ކާރު އިސްޓާޓު ކުރުމަށްފަހު ދުއްވައިލިއެވެ. ދެމީހުންކުރެ މީހަކު އަނގަޔަކުން ނުބުނެއެވެ. އޯރަންގީ ސަރަހައްދުން ނުކުމެގެން ކާރު ކުރިއަށް ދަނީއެވެ. ބާދްޝާ އުފާވެރި ރާގަކަށް ބުނެލިއެވެ. "ފަރުޒާނާ މަތިމަތީން ރުޅިވެރިކަން ދެއްކިޔަސް އަހަރެން ދެކެ ނިކަން ލޯބިވާކަން އަހަންނަށް އެނގޭ."
މިހެން ބުނެފައި ފަރުޒާނާ ބުނާނޭ އެއްޗަކަށް އިންތިޒާރު ކުރާން ފަށައިފިއެވެ. ކާރު ދިޔައީ ކުރިއަށެވެ. އެތައް އިރަކަށް ފަހު އޭނާ ލޮލުގެ ހިމަކޮޅުން ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އޭނާ އިނީ ގޮނޑީގައި ރަނގަޅަށް ލެނގިލައިގެން ލޯ މަރައިލައިގެންނެވެ.
ކުއްލިއަކަށް ބާދްޝާގެ ހިތަށް މޮޅިވެރިކަން ވަދެއްޖެއެވެ. ރޭ ހަތަރުދަމުވެސް ފަރުޒާނާ ހޭލައި އިނީބާވައެވެ؟ އޭނާ މަޑުމަޑުން އަހައިލިއެވެ. "ފަރުޒާނާ. ނިދަނީތަ؟"
ފަރުޒާނާ ސިހިފައި ކުރިއަށް ބަލައިލިއެވެ. "މި ދަނީ ކޮން ތަނަކަށް؟ އަހަރެން މި އައީ ޖާނީއާއެކު ޖާނީގެ ގެއަށް ދާކަށް ނޫން. އަހަރެން އައީ މި ކަންތައްތައް ވަކި ގޮތަކަށް ފައިސަލާކޮށް ނިންމަންވެގެން. ޖާނީ ބޭނުން ވެގެން އުޅޭ ކަމަކީ ކޮބާ؟"
ބާދްޝާ ކުޑައިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުންޏެވެ. "ފަރުޒާނާ ތިޔަ އިނީ ވަރަށް ބޮޑަށް ނިދި އައިސްފައި. ނިންޖާއެކީ ކުރެވޭނީ ކޮން ފައިސަލާއެއް؟"
"ނިދި އެބަ އާދޭ. ޖާނީ ދެނަހުރިންތަ؟ އަހަރެން ރޭގަނޑު ހަމައަށް ނުނިދާތާ މިހާރު ހަ ދުވަސް ވެއްޖެ. އިރުއިރުކޮޅާ ސިއްސަސިއްސައިގެން ގޮސްފައި ހޭލެވެނީ. ދުވާލު ލިބޭ ކުޑަ ވަގުތުކޮޅު ނިދައިލާން އުޅުނަސް ނިދޭ ވަރެއް ނުވޭ. އަހަރެން ހުރިހައި ހިއްސަކަށް ވަނީ ޖާނީ ވެރިވެގެންފައި."
"ލޯތްބޭ ކިޔަނީ އެޔަށް."
(ނުނިމޭ)
vv.reethi adhi ehaame kuru