ފަޅިމޫނު - 17

(25 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަންހެނުން ހައިރާން ވެފައި އަނގަމަތީގައި އަތް އެޅިއެވެ. "އަސްތަޣްފިރުﷲ. ދޮގު ހަދަންވީ ކީއްވެގެން؟ އެ ވާނީ މަކަރަކަށްނު؟"

"ދޮގުހަދަންޖެހޭ ސަބަބެއް އެބައޮތް. އެ ސޮރު ވަނީ އެ މަންޖެޔާއެކު ރޭކޮށްފައި. އަންހެންކުއްޖާގެވެސް އިއްޒަތެއް، އަބުރެއް އޮންނާނެއެއްނު؟ މައިންބަފައިން މަކަރު ހެދިޔަސް އެ ކުއްޖާގެ ކުށެއް ނެތެއްނު؟ ކުށް އޮތީ ބާދްޝާގެ ކިބައިގައި. އޭނާއަށް ޝައްކުވާނަމަ ނުވަތަ ގަބޫލު ނުކުރާނަމަ އެ މަންޖެގެ ގައިގައި އިނގިލިކުރި ޖައްސައިލުމުގެ ހައްގެއްވެސް އޭނާއަކަށް ނޯންނާނެ. އަހަރެން މިކިޔާ އެއްޗެއް އެނގޭތަ؟"

އަންހެނުން ބޯ ޖަހައިލިއެވެ. އަދި ކާކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

* * *

އޭނާގެ ފަޅިމޫނު ވަނީ ވަރަށް ރީތިކޮށް ނިވައިކޮށްފައެވެ. ބާދްޝާ ޖާނީ ރެޔާއި ދުވާލު އޭނާގެ މޫނު ގާތުން ދެކެއެވެ. ވަރަށް ރަނގަޅަށް ބަލައެވެ. އޭނާގެ މޫނުގެ ތަންތަންކޮޅު ވަނީ އަލިފާންއާވީގެ ސަބަބުން ފިހިފައެވެ. އަނދައިފައި ހުރި ތަންތާގައި ހުރީ ފިޔާތޮށިކުލައެވެ. ލޮލާއި، ނޭފަތާއި، ތުންފަތާ ހުރީ ސަލާމަތުންނެވެ. ދަތްދޮޅިއަކަށްވެސް ކަމެއް ވެފައެއް ނެތެވެ. ނިތްކުރީގައި ދެތިން ތަނެއް ފިހިފައި ހުއްޓެވެ. އެ ދެތިންތަނުގައި އޭނާ ހުންނަނީ ބޭސްމަލަން އަޅައިގެންނެވެ. ޒަޚަމް ފަސޭހަވުމާއެކު އަސްލު ކުލަ އަތުވެދާނެކަން ނޭނގެއެވެ. މޫނުގެ އެހެންތަންތާގައި ހުންނަނީ ހުދު ފޮތީގެ ބެންޑޭޖެއް އޮޅައިފައެވެ. ބެންޑޭޖު އޮޅައިފައި ހުންނަނީ ޒަމާނީ ގޮތަކަށް ކަމުގައި ވާތީ މީހަކަށް އަޅައެއް ނުގަނެއެވެ. ހީވަނީ ޒަމާނީ ފެޝަނެއްގެ ގޮތުގައި ކޮށްފައިވާ ކަމެއް ހެންނެވެ. ރުޚްސާނާ ހިނިތުންވެލީމާ އޭނާގެ ލޮލުންވެސް ހިނިތުންވުމުގެ އަސަރު ފާޅުވެއެވެ. އެ މަންޒަރު ފެނުމާއެކު ބާދްޝާއަށް މުޅި ދުނިޔެ ހަނދާން ނެތިދެއެވެ. ބައެއް ފަހަރު އޭނާގެ ހިތަށް އަރައެވެ. އާދައިގެ ކުލީކާރު ދުއްވާ މީހަކު ދެކެ މި ފެންވަރުގެ މޮޅު އަދި ރީތި ކުއްޖަކު ލޯބިވީ ކީއްވެގެން ބާވައެވެ؟ އަދި ކާވެނި ކުރީ ކީއްވެގެން ބާވައެވެ؟ މިއީ ތަގުދީރު އޭނާޔާ ކުޅަ ސަމާސައެއް ނޫންބާވައެވެ؟

އެއް ފަހަރަކު އޭނާ ސުވާލު ކޮށްލިއެވެ. "ރުޚްސާނާ. އަހަރެންގެ ސިކުނޑީގައި ކުޑަވަރެއްގެ އޮޅުންބޮޅުންގަނޑެއް އެބަ އެނބުރޭ. އޭގެ ހައްލަކީ ކޮބައިކަން ނިކަން ބުނެދީބަލަ. އަހަރެން ދެކޭ ގޮތުގައި އަހަންނަކީ ވަރަށް ނިކަމެތި އާދައިގެ މީހަކީން. މިއީ އަހަރެންގެ ބޮލަށް ވަރަށް އުނދަގޫކުރާ ޚިޔާލެއް. ނާޒިމްއާބާދުގެ ރަނގަޅު ގެއެއްގައި ދިރިއުޅޭ ރުޚްސާނާ ކަހަލަ ކުއްޖަކު އަހަންނާ ގަޔާވީ ކިހިނެއްބާވޭ އަބަދުވެސް ހިތަށް އަރާ. އަހަންނާ އިނީ ކީއްވެގެން ބާވައޭވެސް ހިތަށް އަރާ. ރުޚްސާނާއާ އިންނާން ބޮޑެތި މީސްމީހުން އަންނާނޭކަން ގައިމު."

އޭނާގެ ވާހަކައަށް ޖަވާބެއް ދިނުމުގެ ކުރިން ރުޚްސާނާ އޭނާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އަދި ޚިޔާލެއްގެ ތެރެއަށް ގެއްލިފައިވާ ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. "ބާދްޝާއަކީ ކުޑަ މީހެއް ނޫން. އަހަރެން އިސް އުފުލައި ބަލަލީމާ ބާދްޝާ ފެންނަނީ އުޑާ ހަމައިން. ކާވެނީގެ ކުރިން އަހަރެމެން ކުރި ބަހުސެއް ހަނދާން އެބަހުރިތަ؟ ކުލީކާރު ދުއްވާ މީހުންނަކީ އާދައިގެ ނިކަމެތި ބައެކޭ ކިޔައިގެން ދެމީހުން ވާހަކަ ދެއްކީމެއްނު؟ އެއީ ގަދަރެއް، އަބުރެއް، އިއްޒަތެއް އޮންނަ ބައެއް ނޫނޭ، ހުރިހައި ގަދަރަކާއި އިއްޒަތެއްގެ ހައްގުވެރިންނަކީ ފޯރާ މީހުންނޭ ކިޔައިގެން ވާހަކަ ދެއްކީމެއްނު؟ އެ ބަހުސުގައި މޮޅުވީ ބާދްޝާ. އަހަރެން ބަލިވީ. އަހަރެން އެންމެ ބޮޑަށް އަޅައިގަތީ ބާދްޝާ ވާހަކަ ދައްކާ ގޮތާ. ހުއްޖަތް ދައްކާ ގޮތާ. ޚިޔާލު ހުންނަ ގޮތާ. އޭގެ ތެރެއިންވެސް އެއް ވާހަކައިން އަހަރެންގެ ހިތަށް އާދަޔާ ޚިލާފު އަސަރެއް ކުރި."

"އެއީ ކޮން ވާހަކައެއް؟"

"އެއީ ގުދުވެފައި ބިންމަތީގައި އޮންނަ މީހަކު ނަގައި ކޮޅަށް ޖަހައި، ތިމާޔާ އެއް ހަމައަކަށް ގެނައުމަކީ އެންމެ ބޮޑު ހެޔޮކަމޭ ކިޔައިގެން ދެއްކި ވާހަކަ. އަހަރެންގެ މަންމައަށް ބާދްޝާ ތައާރަފުކޮށްދޭން ކަނޑައެޅީ އެހައިތަނުން. ބާދްޝާ ނޫން މީހަކާ ނީންނަން އަޒުމު ކަނޑައެޅީވެސް އެހައިތަނުން."

"އަހަރެން މިއީ އާދައިގެ ނިކަމެތި މީހެކޭ ރުޚްސާނާގެ އާއިލާގެ އެއްވެސް މީހަކު ނުބުނޭތަ؟"

"އެހެން ބުނާނީ ކާކު؟ އަހަރެމެން ބުނީ ބާދްޝާއަކީ ކާރުގެ ވެރިމީހާއޭ. ބާދްޝާއަށް ލިބިފައިވާ ސިފަތަކެއް ތިޔަ ކިޔާ މާތްމީހުންގެ ތެރެއިން ގިނަ ބަޔަކަށް ލިބިފައެއް ނުހުރޭ. އަހަރެން އެހެން ބުނީމާ ކުލީކާރު ދުއްވާ މީހެއްގެ ލަގަބުން ބާދްޝާ މިންޖު ވެއްޖެ."

ބާދްޝާގެ ހިތަށް އެރިއެވެ. މިވީ ގޮތެއް ނިކަން ދެކިބަލާށެވެ. އަހަރެންގެ މޫނުގެވެސް އެއްފަޅި ފޮރުވީއެވެ.

ކާވެންޏަށް ފަހު ބާދްޝާ ކާރެއް ނުދުއްވައެވެ. އެހެން މީހަކާ ކާރު ހަވާލު ކޮށްފިއެވެ. އެމީހާ ހެނދުނު ހަތެއް ޖަހާއިރު ކާރު ގެންގޮސްފައި އަނބުރައި ގެނެސްދެނީ އިރުއޮއްސި ހަތެއް ޖަހާއިރުއެވެ. ލިބޭ އާމްދަނީގެ ހިސާބު އޭނާ ގެންދިޔައީ ގަވައިދުން ބަލަހައްޓަމުންނެވެ.

އެއް ދުވަހަކު ބާދްޝާ ބުންޏެވެ. "މިހެން ހެދީމާ ލިބޭ އާމްދަނީ ވަރަށް މަދު. އަމިއްލައަށް ދުއްވީމާ މާ ބޮޑަށް ފައިދާ ވާނެ."

ރުޚްސާނާ ބުންޏެވެ. "ތިޔައީވެސް ދޮގެއް ނޫން. އެހެންވީމާ ރޭގަނޑު ބާދްޝާއަށް ކާރު ދުއްވިދާނެއެއްނު؟ އަހަރެމެން ނުދަންނަ ހިސާބުގަނޑެއްގައި ރޭގަނޑު ދުއްވީމާ މައްސަލަ ހައްލުވީ. އާމްދަނީވެސް ދެގުނަ ވެގެން ހިނގައިދާނެ. ރެޔާއި ދުވާލު ކާރު އޮންނާނީ ދުވެދުވެ."

"ތިޔައީވެސް މުޅިއަކުން ރަނގަޅު ގޮތެއް ނޫން. ރެޔާއިދުވާލު ދުއްވީމާ ކާރު އަވަހަށް ހަލާކު ވާނެ. ކޮންމެ އެއްޗަކަށް ވިޔަސް ބޭނުން ކުރަން ޖެހޭނީ ބަލައިގެން ފަރުވާތެރިކަމާއެކު."

ރުޚްސާނާ ބުންޏެވެ. "އަހަރެންގެ ޚިޔާލު ހުރީ ކިހިނެއްކަން ބާދްޝާއަށް އެނގޭތަ؟ އަހަރެން ބޭނުން ވަނީ އާމްދަނީ އިތުރުވާނެ ގޮތް ވާން. މިއަހަރު ނިމުނީމާ އަހަރެންގެ ކިޔެވުން ނިމިދާނެ. އެހައިތަނުން އަހަރެން ގޭގައި ކުލިނިކެއް ހުޅުވާނީ. އޭރުން އަހަންނަށްވެސް އާމްދަނީ ލިބެން ފަށައިފާނެ."

އޭނާ ލޯތްބާއެކު ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "އަމިއްލައަށް އާމްދަނީ ހޯދަން އެހައިވަރަކުން ތިޔަ އުޅެނީ ކީއްވެގެން؟"

ރުޚްސާނާ އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "މި ފަޅިމޫނާއެކު މުޅި ދިރިއުޅުން ވޭތުކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން މިއީ ރީތި މީހެއްކަން ބާދްޝާއަށް ދައްކައިލާން ބޭނުން. އަހަރެން ވަރަށް ބައިވަރު ފައިސާ ޖަމާ ކުރާނަން. އެޔަށް ފަހު އެ ފައިސާގެ ބޭނުންކޮށްގެން މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ހައްދާނީ. އަހަރެން ގޮވައިގެން ފަޚުރުވެރިކަމާއެކު ބޭރަށް ދާން ބާދްޝާ ޖެހިލުން ނުވާނީ އޭރުން."

އެ ހިމޭން ވަގުތުކޮޅުގެ ތެރޭގައި މޫނުގެ ވާހަކަ ދެކެވުނީމާ އޭނާ ރުޚްސާނާގެ މޫނުގައި އަތް ޖައްސައިލިއެވެ. އަދި އެކި ގޮތްގޮތަށް މޫނު އަނބުރައި ބަލައިލިއެވެ. "އާނ... ރުޚްސާނާ. މި މޫނަށް ބަލައިލީމާ ކޮންމެވެސް ކަމެއް އެބަ އުނިވެއޭ އަހަރެންގެ ހިތަށް އަރާ. ކާރުގެ ފަހަތު ގޮނޑީގައި އިންދާ އަހަރެން ދުށް މޫނެއް ނުފެނޭ. ތިޔަ ކިޔާ ޕުލާސްޓިކު އެޅީމާ... އެޔަށް ކިޔަނީ ކީކޭތަ؟"

"ޕްލާސްޓިކް ސާޖަރީ."

"އާނ. ޕްލާސްޓިކް ސާޖަރީ ހެދީމާ މޫނު މުޅިން ރީތި ވެދާނެ. އެހެން ވެއްޖެއްޔާ އަހަރެން ބޭނުން ހުރިހައި އެއްޗެއް ލިބި ހަމަވީ."

ރުޚްސާނާ މޮޅިވެރިކަމާއެކު އަހައިލިއެވެ. "އަހަރެންގެ ފަރާތުން މިހާރު އެއްޗެއް އެއްޗެއް ނުލިބެނީތަ؟"

"ނޫނޭ... ނޫނޭ. އެއްގޮތަކަށްވެސް އެހެންނެއް ނޫން. ވަރަށް ގިނަ އެއްޗެހި އެބަލިބޭ. އެކަމަކު އަހަރެންގެ އެހެން އެދުމެއްވެސް އެބައޮތް."

ރުޚްސާނާ މާޔޫސީއާއެކު އިސް ދަށަށް ޖަހައިލިއެވެ. "އެއީ ކޮން އެދުމެއް؟"

"ރުޚްސާނާ ތިޔަ ވިސްނަނީ އާމްދަނީއާމެދު. ބޭނުންވަނީ އިތުރު އާމްދަނީ ލިބޭނޭ ގޮތެއް ހޯދަން. އަހަރެން ބޭނުން ވަނީ މިގޭ ތެރޭގައި ދުވެ އުޅޭނޭ ތުއްތު ފުރާނައެއް. ރީތި ފިރިހެން ދަރިއެއް."

ރުޚްސާނާ ކުއްލިއަކަށް ތެދުވެއްޖެއެވެ. "މީގެ ފަހުން އަހަރެން ބާދްޝާ ގާތަކަށް ނާންނާނަން."

ބާދްޝާ ހައިރާންވެފައި އަހައިލިއެވެ. "އެއީ ކީއްވެގެން؟"

"ތިން ހަތަރު އަހަރު ވާންދެން ދަރިއެއްގެ ވާހަކަ ދައްކާކަށްވެސް އަހަރެން ބޭނުމެއް ނޫން."

"ކީއްވެގެން؟"

"އަދި ދެ މަސްދުވަސް ފަހުން އަހަރެންގެ އިމްތިހާނު ފެށޭނެ. ޕްރެކްޓިކަލް ކުލާސްތަކަށް މިހާރުވެސް އެބަދަން. މިހެން އުޅެމުން ދަރިއެއްގެ ބުރަ އުފުލާނީ ކިހިނެއް؟"

ބާދްޝާ ބޯ ޖަހައިލިއެވެ. "ތިޔައީ ތެދެއް. ދަރައަކު ލިބިއްޖެއްޔާ އުނދަގޫވާނެ. މައްސަލައެއް ނެތް. އިމްތިހާނު ނިމުނީމާ ދަރިއަކު ހޯދާނީ."

"ނޫން. އިމްތިހާނު ނިމުނީމާ އަހަރެމެން ކުލިނިކެއް ހުޅުވާނީ. އެތަން ހުޅުވީމާ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ. ބަލިމީހުން ކެނޑިނޭޅި އަންނާނެ. ބަލިމީހުންނަށް ސަމާލުކަން ނުދީ ދަރިޔަކާއިގެން އުޅޭނީ ކިހިނެއް؟"

"ކިހައި ވަރުގަދަ ކަމެއް؟ ދެން ދަރިއަކު ހޯދާނީ ދެމީހުން މުސްކުޅިވެ ގައިބާރު ދޫވީމާތަ؟"

"އެކަމާ ފަހުން ވިސްނާނީ. ތެޅިފޮޅިގަނެގެން އުޅޭނެ ކަމެއް ނެތް. އިހަށް މަސައްކަތާ މެދު ވިސްނާ. އާމްދަނީ އިތުރު ކުރެވޭނޭ ގޮތަކާމެދު ވިސްނާ. މި ގޯތީގައި ބޮޑު އިމާރާތެއް އެޅޭނޭ ގޮތަކާމެދު ވިސްނާ. ކުޑަ ކުލިނިކެއް ހުޅުވޭނޭ ގޮތަކާމެދު ވިސްނާ. މިހާރު އަހަރެމެންގެ އަތުގައި މިއޮތީ އެންމެ ކާރެއް. ފަސް ކާރު ހަމަ ކުރެވޭނީ ކިހިނެއްތޯ ވިސްނާ."

"އަހަރެން މި ވިސްނަނީ ފަސް ދަރިން ލިބޭނޭ ގޮތަކާމެދު. އަހަރެމެންގެ ކާރު ދުއްވާ ޑިރައިވަރުގެ ހަތަރު ދަރިން ތިބޭ. އަހަރެން މިއީ އޭނާއަށްވުރެ ވަކި ދެރަ މީހަކީތަ؟ އޭނާއަށްވުރެ އެއްދަރި އިތުރު ނުކުރެވޭވަރުގެ މީހަކީތަ؟"

މި ގޮތަށް ކޮންމެ ދުވަހަކު ކުރެވޭ ބަހުސު ކުރިއަށް ދަނިކޮށް ރުޚްސާނާ ބަލިވެއިނދެއްޖެއެވެ. އެކަން އެނގުނީ އިމްތިހާނުގެ އެންމެ ފަހު ދުވަހުއެވެ. ކުއްލިއަކަށް ހާލަތު ގޯސްވެއްޖެއެވެ. އޭނާ ހުއްދަ ނަގައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ފާޚާނާއިން ނުކުމެވުނު އިރު ހުރީ ވަރުބަލިވެ ގައިން ހަކަތަ ދޫވެފައެވެ. އޭނާ މަޑުމަޑުން ގޮސް ގޮނޑީގައި އިށީނދެެއްޖެއެވެ. ކޮންމެ ގޮތެއް ހަދައިފައިވެސް އިމްތިހާނު ކަރުދާސް ނިންމަން އޭނާ ބޭނުންވެއެވެ. ފަހު އަހަރު ބޭކާރު ވެގެން ދިއުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. އެކަމަކުވެސް ހިތްވަރު ޖެހޭ ގޮތެއް ނުވިއެވެ. އަނބުރައިގަންނަ ގޮތްވެސް ވަނީއެވެ. ބޭނުންވަނީ އޮށޯންނާށެވެ.

އެވަގުތު އިމްތިހާނު ބަލަހައްޓާން ހުރި މީހާ އައިސް އަހައިފިއެވެ. "ކިހިނެއްވީ؟ ހާލު ރަނގަޅުތަ؟"

އޭނާ މަޑުމަޑުން ބުންޏެވެ. "ހާލު މުޅިއަކުން ރަނގަޅެއް ނޫން. ބަލިވެ އިނީހެން ހީވަނީ. މިތަނުން ނިމިގެން ގޮސް ޗެކަޕެއް ހަދައިލާނީ. މިވަގުތު ބޭނުންވަނީ ކުޑަ ވަގުތުކޮޅެއް. އަޅުގަނޑުގެ ހާލަތު ހުރި ގޮތުން..."

އެމީހާ އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ. އަދި އަރާމު ކޮށްލުމަށްޓަކައި އެއްފަރާތުގައި ހުރި ގޮނޑިއަކަށް ދާށޭ ބުނެފިއެވެ. "ކުޑައިރުކޮޅަކަށް އަރާމުކޮށްލާ. ގަޑި ޖެހުނީމާ އިތުރަށް ބައިގަޑިއެއްހައި އިރު ދޭނަން. ކަންބޮޑު ނުވޭ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.