(25 ޑިސެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޖަމްޝީދު ބުނެލިއެވެ. "އިށީންނަވާ. މެހުމާނަކީ އަޅުގަނޑު ކަމުގައި ވިޔަސް މި ނަންގަންނަނީ ހަމަޖެހިލައްވައިގެން އިށީންނަވާށޭ."
ފަރީދުގެ އަނބިމީހާ ބުންޏެވެ. "ކޮއިފުޅުވެސް އިށީނދޭ. ވަރަށް ދެރަ ކަމެއް. އެހައި ދުރުން މި ގެއަށް އައި ދުވަހު މި ދިމާވީ ވަރަށް ބޮޑު މައްސަލައެއް. ބުނާނީވެސް ކީކޭ. އެ ބާދްޝާއަކީ އާދައިގެ ކުލީކާރު ދުއްވާ މީހެއް. އެ ނޫން އެއްވެސް ހައިސިއްޔަތެއް އޮތް މީހެއް ނޫން. އަހަރެމެންގެ ދަރިފުޅުގެ ބަދުނަސީބު…"
ޖަމްޝީދު އިށީނދެއްޖެއެވެ. އަދި ހިނިތުންވެލާފައި ބުންޏެވެ. "ރުޚްސާނާ އަޅުގަނޑު ގާތު ހުރިހައި ވާހަކައެއް ކިޔައިދީފި. އެހެން މީހަކުގެ މޫނު ދައްކާފައި ރުޚްސާނާގެ ކާވެނި ކުރެވުނު ގޮތް ތަފުސީލުކޮށް ކިޔައިދީފި. ރުޚްސާނާ އިނީ ކުރެވުނު ކަންތައް ކަމުނުދާ ކަމަށް ގަބޫލުކޮށް ލަދުވެތިވާ ހާލުގައި. ފިރިމީހާގެ ލޯތްބާއި ދަރިފުޅުގެ މައިވަންތަ ކުލުނު ފޮރުވައިގެންނެއް އޭނާއަކަށް ނުހުރެވުނު. އަޅުގަނޑަށާއި އަޅުގަނޑުގެ ބައްޕައަށް ހުރިހައި ވާހަކައެއް ތެދުބަހުން ކިޔައިދީފި. ދައްތަ ތިޔަ ބުނުއްވަނީ ބާދްޝާއަކީ އާދައިގެ ކުލީކާރު ދުއްވާ މީހެކޭ. އެކަމަކު ރުޚްސާނާގެ ލޮލުން އަޅުގަނޑަށް ފެނުނީ ބާދްޝާގެ އެ ހައިސިއްޔަތެއް ނޫން. އަޅުގަނޑު މިހިރީ ރުޚްސާނާގެ ލޮލުންނާއި ދުލުންނާއި ސިކުނޑިންނާއި ހިތުގެ އަޑިން ބާދްޝާގެ ވަރަށް ރީތި ތަސްވީރެއް ދެކެފައި."
ފަރީދު އަޙްމަދުގެ ދެމަފިރިން އިސްދަށަށް ޖަހައިލިއެވެ.
ޖަމްޝީދު އަނެއްކާވެސް ބުނެލިއެވެ. "އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ތިޔަ ދެމަފިރިކަލުންނަކަށް ދަނބިދަރި ކަމަކުނުދޭ. ތެދުތެދަށް ނަންގަންނަނީނަމަ އެއީ އަޅުގަނޑަކަށްވެސް ކަމުދާ މީހެއް ނޫން."
ފަރީދު އަޙްމަދުގެ ދެމަފިރިން އިސް އުފުލައި ބަލައިލިއެވެ. އަނބިމީހާ އުފަލުން ހިނިތުންވެލައިފައި ބުނެލިއެވެ. "ކޮއިފުޅާ. ވިޔާނުދާ މީހަކު އެއްވެސް މީހަކަށް ކަމަކު ނުދާނެ. ރަން ވާނީ ރަނަށް."
"އަޅުގަނޑުގެ ވިސްނުން ނުބައި ކަމަށް ނުވަންޏާ ދައްތަމެންގެ ދަރިފުޅު އަޅުގަނޑުގެ ގާތަށް ފޮނުއްވީ އަޅުގަނޑު މިއީ ރަން ކަމަށް ގަބޫލު ކުރައްވައިގެން."
އޭނާ ފުން ނޭވައެއް ލުމަށް ފަހު މޮޅިވެރި ރާގަކަށް ބުންޏެވެ. "ދައްތަ ބޭނުން ލައްކަ ކަންތައް އެބަހުރި. ދަރިފުޅުގެ ބޮޑު ގަނޑުވަރެއް ކަހަލަ ގެއެއް ހުރުން… ބޮޑުސިންގާ ކާރެއް އޮތުން… މިހިރީ ހައްތަހާވެސް ބޭނުންވާ ކަންކަން. ދައްތަ ބޭނުން ވަނީ ދަރިފުޅު އުފަލުގައި ދިރިއުޅޭތަން ދެކޭން. އެކަމަކު ޖާނީއާއެކު އެ މަންޖެއަށް އޮތް ދިރިއުޅުމަކީ ކޮން ކަހަލަ ދިރިއުޅުމެއް ކަމެއް ނޭނގޭ."
"ދައްތާ. ބޭނުމިއްޔާ އެ ދިރިއުޅުން ބަދަލުކޮށްލެވިދާނެ."
"އެއީ ކިހިނެއް؟"
"މި ވަގުތު ތަގުދީރުވެސް މި އޮތީ އަޅުގަނޑުމެންގެ ފަޅީގައި. ޖާނީ އެ ދިޔައީ ރުޚްސާނާ ވަރިކޮށްލާނަމޭ ބުނެފައި."
ފަރީދު އަޙްމަދު ބުންޏެވެ. "ރުޚްސާނާ ޖާނީ ދެކެ ލޯބިވާ ވަރު ކޮއިފުޅަށް ރަނގަޅަށް އެނގޭނެ. ރުޚްސާނާ ވަރިއަކާ އެއްބަހެއް ނުވާނެ."
"ބާދްޝާ ޖާނީ ވަރިކުރީމާ ރުޚްސާނާއަކަށް ކުރެވޭނޭ ކަމެއް ނޯންނާނެ. ދުވަސްކޮޅެއް ވާންދެން ރޯނެ. ހިތާމަ ކުރާނެ. އޭގެ ފަހުން ހަމަޖެހިދާނެ."
ފަރީދުގެ އަނބިމީހާ ބުންޏެވެ. "އެކަމަކު ދައްތަގެ މާމަދަރިއަށް ވާނީ ކިހިނެއް؟ ދަރިފުޅާ ނުލައި ރުޚްސާނާއަކަށް ދިރިއެއް ނޫޅެވޭނެ."
"ދިރިއުޅުމަކީ ފާޑެއްގެ އެއްޗެއް. ކިތަންމެ ބޮޑު ޒަޚަމެއް ވިޔަސް މަޑުމަޑުން ފަސޭހަވެގެން ހިނގައިދާނެ. ވަރީގެ ވާހަކަ ރުޚްސާނާއާ ހަމައަށް ފޯރުމުގެ ކުރިން އޭނާގެ ދަރިފުޅު ނިޔާވީ ވާހަކަ އަންގައިލީމާ…"
ޖަމްޝީދުގެ ވާހަކަ ފުރިހަމަ ވުމުގެ ކުރިން ހަޅޭއް ލަވައިގެންފައި ފަރީދުގެ އަނބިމީހާ ކޮޅަށް ތެދުވެއްޖެއެވެ. "ނޫނޭ… ތިޔަ ކަހަލަ ވާހަކަ ނުދައްކާ. އަހަރެންގެ ކާމީއަކަށް އެއްވެސް ގެއްލުމެއް ނުވާނެ."
"ދައްކާ. މިއީ ޖަޒުބާތީވާން ޖެހޭ ކަމެއް ނޫން. ކޮންމެ މީހަކުގެވެސް މަރުގެ ވަގުތު އޮންނަނީ ކަނޑައެޅި ނިމިފައި."
"މަރު އަތުވެއްޖެއްޔާ ދާން ވާނީ އަހަރެން ގޮވައިގެން. އަހަރެން މަރާ ކުރިމަތިލައި އާދޭސްކުރާނަން."
"މަރަށް ހުރަސް އެޅުއްވިދާނެ. އެކަމަކު ދައްތައަކަށްވެސް ބާދްޝާގެ މަގަކަށް ހުރަހެއް ނޭޅުއްވޭނެ. ދަރިފުޅުގެ ހަގީގީ ހައްގުވެރިއަކީ އޭނާ. އޭނާ އެ ދިޔައީ ދަރިފުޅު ގޮވައިގެން. ދައްތަ ރޮއިލެއްވިޔަސް، ޝަކުވާ ކުރެއްވިޔަސް، ކޯޓަށް ދުރުވިޔަސް ވާނޭ ކަމެއް ނޯންނާނެ. މިއީ ކަން އޮތް ގޮތްކަން އަޅުގަނޑުމެން އެންމެނަށް ރަނގަޅަށް އެބަ އެނގޭ. އެއީ ބާދްޝާގެ ދަރިއެއް. އެހެންވީމާ ލިބޭނީވެސް އޭނާއަށް. އަޅުގަނޑު މި ނަންގަންނަ ވާހަކައާ މެދު ފުންކޮށް ވިސްނެވޭތޯ ބައްލަވާ. މަޔަކަށް އޭނާގެ ދަރިފުޅު މަރުވެއްޖެކަން އެނގުނީމާ ރޮއި ހަލާކު ވެދާނެ. އެކަމަކު މަޑުމަޑުން ގޮސް ކެތްތެރިކަން އިސްކޮށްފާނެ. ހަމަޖެހިދާނެ. އެކަމަކު ދަރިފުޅު ދުނިޔޭގައި ހުރިކަން އެނގި ފިރިމީހާ އެ ދަރިފުޅު ޖަހައިގަނެގެން ދިޔައީކަން އެނގުނީމާ އެކަމަކަށް ކެތެއް ނުކުރެވޭނެ. އެކަހަލަ މަޔަކަށް ރަންއިލޮށިން ކާން ދިނަސް ހިތެއް ހަމައެއް ނުޖެހޭނެ. ދައްތަމެންނަކަށް މިކަމެއް ވިސްނިއެއް ނުލައްވާތޯ؟"
ފަރީދު އަޙްމަދު ބުންޏެވެ. "ކޮއިފުޅާ. ތިޔަ ވިސްނައިދެނީ ވަރަށް މޮޅަށް. ޖާނީ އެ ދިޔައީ އޭނާގެ ދަރިފުޅު ގޮވައިގެން. ރުޚްސާނާ ވަރަށް ހިތާމަ ކުރާނެ. ދިރިހުއްޓަސް މަރުވެފައިވާ މީހެކޭ އެއްފަދަ ވާނެ. އެކަން ބޭބެމެނަށް އެބަ ވިސްނޭ."
"ހުރިހައި ކަމެއް ރަނގަޅަށް ވިސްނިލައްވާ ކަމަށް ވަންޏާ ރުޚްސާނާއަށް ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން ދަރިފުޅުގެ މަރަށް ކެތްކޮށް ދިރިއުޅުން ހަމައަކަށް އަޅުވައިގެންފާނެ ކަމަށް ބައްލަވާ."
"ތިޔައީ ކިހިނެއް ވާނޭ ކަމެއް. އޭނާ އެނބުރި ރަށަށް އައުމާއެކު ހުރިހައި ކަމެއް ރަނގަޅަށް އެނގިދާނެ."
"ފަސް ހަމަސް ކުރިއަކުން ރުޚްސާނާއެއް އެނބުރިއެއް ނާންނާނެ. އަޅުގަނޑުމެން ލަންޑަނަށް ދާނީ. ހުރިހައި ޚަރަދެއް ކުރާނީ އަޅުގަނޑު. ލަންޑަނަށް ގޮސް ރުޚްސާނާ ގާތު ބުނާނީ އޭނާގެ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެ އުޅެފައި ނިޔާވީއޭ. ބާދްޝާ ދަރިފުޅު ގޮވައިގެން ގޮސް ގެންގުޅުމުގެ ތެރޭގައި އޭނާގެ ފަރުވާ ކުޑަ ކަމުން ބަލިވީއޭ ބުނާނީ. މިހެން ބުނީމާ ރުޚްސާނާގެ ހިތުގައި ބާދްޝާގެ މައްޗަށް ނަފުރަތުވެސް އުފެދިދާނެ. މަޔަކު ވާނީ މަޔަކަށް. ފިރިމީހާގެ އެކަހަލަ އަނިޔާވެރިކަމަކަށް އޭނާ ކެތެއް ނުކުރާނެ. ވަރީގެ ލިޔުން ރުޚްސާނާއާ ހަމައަށް ފޯރާނީ މި ޚަބަރަށް ފަހު. ލަންޑަނުގައި ތިބެގެން އަޅުގަނޑުމެން އެންމެން ވެގެން ރުޚްސާނާއަށް ހިތްވަރުދީ ވިސްނައިދޭނީ. ދުވަސްކޮޅަކަށްފަހު އޭނާ ރުހިދާނެ. ވަރިވާން އެއްބަސްވެދާނެ. ހާލަތުގެ ކުރިމަތީގައި އިސްދަށަށް ޖަހައިލާނެ. އޭނާ އުފަލުން ފޮޅިފައި ހުންނަ ވަރަށް އަޅުގަނޑު ޚަރަދު ކުރާނަން. އެންމެފަހުން އޭނާ އަޅުގަނޑު ދެކެ ލޯބިވާންވެސް ފަށައިފާނެ."
ޖަމްޝީދު ގެންދިޔައީ ވާހަކަދައްކަމުންނެވެ. ފަރީދު އަޙްމަދުގެ ދެމަފިރިން ގެންދިޔައީ އަޑުއަހަމުންނެވެ. ބާދްޝާ ކަހަލަ ކުލީކާރު ދުއްވާ މީހަކާ އެކީގައި ދިރިއުޅުމަށްވުރެ މާ އުފާވެރިކަމާއެކު ކާރެއްގެ ވެރިޔަކާ އެކީގައި ރުޚްސާނާ ދިރިއުޅޭނޭ ކަމަށް ގަބޫލު ކުރަމުންނެވެ. މުޖުތަމައުގައި ރުޚްސާނާއަށް ގަދަރުވެރިކަމާއި ޝަރަފު ލިބޭނެއެވެ. ރުޚްސާނާގެ ހުރިހައި އެދުމެއް ފުރިހަމަ ވެގެން ދާނެއެވެ. މި ހުރިހައި ކަމަކާމެދު އެ ދެމަފިރިން ގެންދިޔައީ ވިސްނަމުންނެވެ.
ޖަމްޝީދު ދާންވެގެން ކޮޅަށް ތެދުވީމާ ފަރީދުގެ އަނބިމީހާ ބުންޏެވެ. "އަދި ދާކަށް ނުވޭ. ކައިގެން ނޫނީ ގޮސްގެން ނުވާނެ."
"ދައްތާ. މިއީ އަޅުގަނޑުގެވެސް ގެ. މިހާރު މި ދަނީ ކޮށްލާން ޖެހޭ މުހިއްމު ކަމެއް އޮތީމާ. މާދަމާ އަންނާނަން. ތިން މީހުން މާދަމާ ކާނީ ރަނގަޅު ހޮޓަލަކުން. ކާން ދޭނީ އަޅުގަނޑު."
"ތިޔައީ ކަމުދާ ގޮތެއް ނޫން. ފުރަތަމަ ކެއުން އޮންނާނީ ބޭބެމެންގެ ފަރާތުން. މާދަމާރޭ ކާންވާނީ މިގެއިން. އެކަމަކު ހަވީރު އާދޭ. ކުރިމަތިވެފައި އޮތް ހާލަތާ ބެހޭ ގޮތުން އަދި ރަނގަޅަށް ވާހަކަދައްކައިލާން ވާނެ."
(ނުނިމޭ)
Rangalhu Bondi eh libeyne mi meehunnah adhi... Adhives makaraa dhogu hadhaigenn a ulhenee molhu goyy hoadhan
Miadhuge bayah inthizaaru kurumuga. i