މީހަކަށް ގައުމެއްގެ ރަސްކަން ލިބިއްޖެއެވެ. ތަޚުތުގައި އިށީނދެ ވަޒީރުން ލައިގެން ރަސްކަން ކުރާން ފެށުމާއެކު މީސްމީހުންގެ ޚުޝާމަދާ ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ. ވައި އެޅުވުމުގެ ތޫފާނެއް އެނބުރިގެންފިއެވެ.
ރަސްގެފާނު ހުންނެވީ ވަރަށް އުފާފުޅުންނެވެ. އިވިވަޑައިގަންނަވާ ފޮނި ވާހަކަތައް ދައްކާ މީހުންނަށް އިނާމު ދެއްވާން ފައްޓަވައިފިއެވެ. މަޑުމަޑުން ގޮސް މި ހުންނެވެނީ އެހެން މީހުންނަށްވުރެ މާ އުހުގައި ކަމަށް ހީފުޅުކުރެއްވޭން ފައްޓަވައިފިއެވެ. އާދައިގެ މީހުން ފަނިފަކުސައިގެ ގޮތުގައި ފެނިވަޑައިގަންނަވާން ފައްޓަވައިފިއެވެ.
އެއް ދުވަހަކު ޝާހީ ދަރުޒީ (ހެދުންކޮޅު ފަހާ މީހާ) ގެންނަވައިފައި ވިދާޅުވެއްޖެއެވެ. "މާދަމާ އަހަރެން ރަށު ތެރެ ބަލައިލާން ދާން ރީތި ހެދުންކޮޅެއް ފަަހައިގެން ގެންނާށެވެ. އެ ހެދުންކޮޅު ވާން ވާނީ މިހައިތަނަށް ދުނިޔޭގެ އެއްވެސް މީހަކު ނުލާ ކަހަލަ އާދަޔާ ޚިލާފު ހެދުންކޮޅަކަށެވެ. އެކަހަލަ ހެދުންކޮޅެއް މާދަމާ ހެދުނު ގެނެސް ނުދީފިއްޔާ ކަލޭ ގަތުލު ކުރާާނަމެވެ."
ދަރުޒީ ކަލޭގެ ގެއަށް ގޮސް ފިކުރު ކުރާން އިށިނދެއްޖެއެވެ. ހިތަށް އެރިއެވެ. އެ ވިދާޅުވާ ކަހަލަ އާދަޔާ ޚިލާފު ހެދުންކޮޅެއް ފަހާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ހެދުމަކީވެސް ފޮތިން ފަހައި ރޮދިން ފަތިޖަހާ އެއްޗެކެވެ. މަދާމާ މިއީ އަހަރެންގެ ފަހު ދުވަހެވެ.
މި ކަހަލަ ފިކުރެއްގައި މޮޅިވެފައި ދަރުޒީ ކަލޭގެ އެބައިނެވެ. އެ ވަގުތު އޭނާގެ އަނބިމީހާ އައިސް މޮޅު ބުއްދިއެއް ހުށަހަޅައިފިއެވެ. ދަރުޒީ ކަލޭގެ ފުންމައިގެން ތެދުވެ ގިފިއްޔަށް ވަދެ އަތްފަޔާއި މޫނު ދޮވެގެން އައިސް ދިމާއެނދަށް އަރައި އޮށޯވެ ނިދައިފިއެވެ.
* * *
ފަތިހު ދަރުބާރުން ދަރުޒީކަލޭގެ ބަލައި އަތުވެއްޖެއެވެ. އޭނާ ދަރުބާާރަށް ދިޔައީ ހުސް އަތާއެވެ.
ރަސްގެފާނު ކޯފާވެފައި ސުވާލު ކުރެއްވިއެވެ. "ކަލޭގެ ގެނައި އައު ހެދުންކޮޅު ކޮބައި ހެއްޔެވެ؟"
ދަރުޒީކަލޭގެ ދެއަތް ދަމައިލުމަށް ފަހު ދެންނެވިއެވެ. "މިއޮތީއެވެ. ހެދުންކޮޅު ބާލުއްވާށެވެ. މި ހެދުންކޮޅު ތުރުކޮށްދޭނީ އަޅުގަނޑެވެ. މިއީ ވައިގެ ހެދުންކޮޅެކެވެ. ރަސްގެފާނަށް ފެނިވަޑައިނުގަތަސް އެހެން މީހުންނަށް މި ހެދުންކޮޅު ފެންނާނެއެވެ."
ރަސްގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ބާލުއްވައިފިއެވެ. ދަރުޒީކަލޭގެ އަރިހަށް ލެފިލައި ހެދުންކޮޅު ތުރުކޮށްދޭން ފަށައިފިއެވެ. ފުރަތަމަ ލެއްވީ އެއް އަތްޕުޅެވެ. ދެން ފުރަގަަހަށް ގޮސް އަނެއް އަތްޕުޅު ލެއްވިއެވެ. ދެން ކުރިމައްޗަށް އައިސް ގޮށް އަޅުވައިލިއެވެ. އެއަށްފަހު ކުރިފުޅު މައްޗަށް ހުއްޓިފައި ދެންނެވިއެވެ. "ހެނދުންކޮޅު އިއްޒަތްތެރި ރަސްގެފާނަށް ހެޔޮވަރުފުޅުކަމުން އަޅުގަނޑުވެސް އަޖައިބު ވެއްޖެއެވެ."
ރަސްގެފާނު ވަރަށ އުފާފުޅު ކުރައްވައި ދަރުބާރަށް ވަޒީރުންގެ ކުރިފުޅު މައްޗަށް ނުކުމެވަޑައިގެންފިއެވެ. އަދި މިހާރު ތުރު ކުރައްވައިގެން ހުންނެވި ހެދުންކޮޅު ރީތިތޯ ސުވާާލު ކުރައްވައިފިއެވެ.
މުޅި ދަރުބާރު ގުގުމައިގެން ދިޔައީ ވާހްވާހ ގެ އަޑުންނެވެ. ވަޒީރު ބޭފުޅުން ވިދާޅުވިއެވެ. "ތިޔަ ހެދުންކޮޅުގައި ހުންނަވާއިރު މާތް މަނިކުފާނު ހީވަނީ ހަމަ ޔޫސުފުގެފާނުގެ ރީތިފުޅުކަން މިލްކު ކުރައްވައިގެން ހުންނެވީ ހެންނެވެ."
ރަސްގެފާނު ހިނިފުޅުވަޑުވައިލެއްވިއެވެ. އަދި އައު ހެދުންކޮޅު ތުރު ކުރައްވައިގެން ރަށު ތެރެ ބައްލަވައިލައްވާން ނުކުންނަވާ ވާހަކަ މުޅި ރަށަށް އިއުލާނު ކުރާން އަންގަވައިފިއެވެ.
މާ ގިނަ އިރުތަކެއް ނުވެ ވަޒީރު ބޭފުޅުންނާއި އަރިހު ބޭކަލުންނާއެކު ރަސްގެފާނު ރަށުތެރެ ބައްލަވައިލައްވާން ނުކުމެވަޑައިގެންފިއެވެ.
އާއްމުން މި މަންޒަރު ބެލުމަށްޓަކައި މަގުމައްޗަށް ޖަމާވާން ފަށައިފިއެވެ. ގޭގެޔާއި ފިހާރަފިހާރައިގައި ތިބި އެންމެން ނުކުމެ މަގުމަތި ފުރާލައިފިއެވެ. ރަސްގެފާނު ބަރަހަނާ ހާލުކޮޅުގައި މިހިރަގެން މަގުމަތީގައި ހިންގަވަނީއެވެ. އާއްމުން އަތް ހޫރުވައި ތަރުހީބުގެ އަތްތިލަބަޑި ތަޅައިނަގަނީއެވެ. ހާދަހާވާ ރީތިފުޅޭ ގޮވާ މީހުންވެސް މަދެއް ނޫނެވެ. މާ ގިނަ އިރުތަކެއް ނުވެ ރަސްގެފާނުގެ އައު ހެދުންކޮޅުގެ ރީތިފުޅުކަމުގެ މައްޗަށް ލިޔެފައި ހުރި ލިޔުންތައް އުފުލައިގެން ތިބި މީހުންވެސް ފެންނާން ފަށައިފިއެވެ.
ނޫސްތަކާއި ޓީވީއާއި ރޭޑިއޯގެ ފަލަ ސުރުޚީއަށް ރަސްގެފާނުގެ އައު ހެދުންކޮޅުގެ ޚަބަރު އަރައިފިއެވެ. ހޫނު ޚަބަރުތައް ދައުރުވާން ފަށައިފިއެވެ. ރަސްގެފާނުގެ އައު ހެދުންކޮޅުގެ ކުލަ ރީތި ވާހަކައާއި ދަރުޒީގެ ކުޅަދާނަކަމުގެ ވާހަކައާއި އެ ހެދުންކޮޅު ތުރު ކުރެއްވީމާ ރަސްގެފާނުގެ ރީތިފުޅުކަން އެތައް ގުނައެއް އިތުރު ވެގެން ދިޔަ ވާހަކަ ލިޔެ ކިޔާން ފަށައިފިއެވެ.
މި ގޮތުގެ މަތީން ރަސްގެފާނު ބަަރަހަނާ ހާލުކޮޅުގައި ވަޑައިގަންނަވަނިކޮށް މީހުންގަނޑުގެ ތެރެއިން ކުޑަ ކުއްޖަކު ނުކުމެއްޖެއެވެ. މި ކުއްޖާ ރަސްގެފާނާ ދިމާއަށް އިނގިލި ދިއްކޮށްފައި ވަރަށް ބާރަށް ގޮވައިލިއެވެ.
"ބަލާބަލަ... ރަސްގެފާނު އެހެރީ އޮރިޔާމުން..."
ވައިއެޅުވުމާއި ނާޖާއިޒު އެދުންތަކުގެ ބޭނުމުގައި ވެރިންގެ ފަހަތުން ހިނގުމާއި ދޮގު ހެދުން އާއްމު ވެފައިވާ މާހައުލެއްގައި އެ ކުޑަ ކުއްޖާއަށް ލިބޭނީ ބޮޑު އަދަބެއް ބާވައެވެ؟ ނުވަތަ މޮޅު އިނާމެއް ބާވައެވެ؟
Vaijahaadheythee varah hedhifa thibey meehun mi gaumugaves ulhey