ދިވެހި ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ބާއްވާ "126 ރަން" ފަސް ކުރުމަށްފަހު މެއި 5 ގައި ބާއްވާ ގޮތަށް ހަމަ ހަމަޖައްސައިފިއެވެ.
މި ދުވުން ކުރިން ބާއްވަން ހަމަޖެއްސީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ދުވުން ފަސްކުރީ އައްޑޫސިޓީގެ ދެ ކުއްޖަކު މޫދަށް ގެއްލުމާ ގުޅިގެން އެ ދެ ކުދިން ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން ޚާއްސަ އޮޕަރޭޝަނެއް ފެށުމުންނެވެ.
އެމްއެންޑީއެފް ސަދަން އޭރިއާއިން އިންތިޒާމްކުރާ މި ދުވުން އޮންނާނީ މެއި 5 ވަނަ ދުވަހު ހަވީރު 16:00 ގައެވެ.
ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ސ.ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަހައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ދޫކުރާ ރަޖިސްޓްރީ ފޯމް ފުރުއްވުމަށް ފަހު ހުށަހެޅުމަށް ރަން އިންތިޒާމްކުރާ ފަރާތުންވަނީ އެދިވަޑައިގެންފައެވެ.
މިއީ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުވުމެކެވެ. މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ. ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.
މި ދުވުމުގައި، ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ވަނަވަނައަށް ދާ މީހުންނަށް ފައިސާގެ އިނާމްވެސް ވަނީ ކަނޑައަޅައިފައެވެ.