
އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ތިން ކާރާއި ޕިކަޕަކާއި ސްޕެއާތަކެއް މިއަދު ހަދިޔާކުރައްވައިފިއެވެ.
މި ތަކެތި ޙަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހެނދުނު ބަންޑާރަކޮށީގައެވެ. އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ހަދިޔާކުރެއްވި ވެހިކަލްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އިންޑިއާގެ ފަރާތުން މި ވެހިކަލްތައް އެމްއެންޑީއެފާ ޙަވާލުކޮށްދެއްވީ ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުއެވެ.
ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ދެއްވާ އިސްކަމާއި، އެހީތެރިކަން ފާހަގަކުރައްވައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ވަނީ ޝުކުރުއަދާކުރައްވައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
އިންޑިއާގެ މި ހަދިޔާއާ ބެހޭގޮތުން ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު އޭނާގެ ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ މި ފަހަރުގެ "ހަދިޔާ" ގެ ފަހަތުން އިންޑިއާގެ އިތުރު ސިފައިންތަކެއް ރާއްޖެއަށް ފައިބާ ނުތިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ރައްޔިތުންނަށް ދެއްވަންޖެހޭ ކަމަށެވެ. މި ކަމާގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ޢުމަރުވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.