ޝާފިޔާގެ އެދުރު އަށި: ސްޓްރަކްޗަރޑް ޑިސްކަޝަން ކިޔަވައިދިނުމުގައި ބޭނުންކުރުން - 2

މިއަދުގެ ލިޔުންކޮޅު މިއަމާޒުކޮށްލަނީ ކުރީދުވަހު ލިޔެވުނު ބަޔާއި ގުޅުވައިގެން އިތުރަށް ހިމަނަލާންޖެހޭ ބައިތައް ލިޔެލުމަށެވެ. ކުރިން ދުވަހު އިޝާރާތްކޮށްލެވިފައިވާނީ ކުލާހުގައި ގެންދެވޭ މަޝްވަރާތައް ރޭވުމުގެ ކުރިން ނުވަތަ ތައްޔާރުވުމުގެ ގޮތުން ކަންކުރަންވީ ގޮތާ ބެހޭގޮތުންނެވެ. މި ލިޔުމުގައި ބޮޑަށް އަލި އަޅުވާލެވޭނީ ސްޓްރަކްޗަރޑް ޑިސްކަޝަން (ރާވައިގެން ގެންދެވޭ މަޝްވަރާ) ހިމަނައިގެން ފިލާވަޅުގެ ބައިތައް ގެންދާވަގުތު ސަމާލުކަންދޭނެ ބައިތަކަށެވެ. ވައިގޮޓްސްކީ (1962) ހާމަކުރައްވަނީ ކުލާސްރޫމެއްގައި އެކުގައި އުޅޭ ކުދިންނާއެކު ދެކެވޭ ވާހަކަތަކާއި، ހިއްސާކުރެވޭ ޚިޔާލުތަކާއި، ދޭދޭ މުޢާމަލާތްތަކަކީ ދަރިވަރުންގެ އުނގެނުމުގައި އަސާސީ ދައުރެއް އަދާކުރާ އިޖުތިމާޢީ ކަމެއްގެ ގޮތުގައެވެ. އޭގެ ސަބަބުން ދަރިވަރުންގެ ވިސްނުންތައް ތަރައްޤީ ކުރުމާއި ޚިޔާލުތައް ތަނަވަސްކުރުމާއި އަދި އޮޅުން އަރާ ޚިޔާލުތައް ސާފުކޮށް ދޭހަކުރުމާއި، ތަފާތު ކަންކަމަށް ސިކުނޑި ހުޅުވުމުގެ އިތުރުން ބަސްމޮށުންތެރިކަމުގެ އެތަށް ހުނަރުތަކެއް ތަރައްޤީވުމަށް މަގުފަހިވެގެންދެއެވެ. މިބާވަތުގެ މަޝްވަރާތައް ކުލާހުގައި ރޭވޭނަމަ ދަރިވަރުންގެ އުނގެނުން ދެގުނަ އިތުރުވެ ފިލާވަޅުގައި ބައިވެރިވުމުގެ ޖޯޝާއި ފޯރި އިތުރުވެއެވެ (ހޮވަރޑް، 2015). އެހެންކަމުން، ހަމައެކަނި މުދައްރިސް ޝަރަހަކޮށްގެން ފިލާވަޅުގެންދާ ކުލާސްތަކާއި އަޅާ ބަލާއިރު ކުލާހުގައި މަޝްވަރާތައް ރޭވިގެން ފިލާވަޅު ގެންދާނަމަ ދަރިވަރުންގެ އުނގެނުން ހަބައި ކާމިޔާބުކަން ފާހަގަކުރެވެއެވެ. މިގޮތުން ތިރީގައި ދެވިފައިވާ މިވަނީ މަޝްވަރާތައްކުލާހުގައި ގެންދާއިރު ހުރިހާ ދަރިވަރުންގެ ބައިވެރިވުން ހިމެނޭގޮތަށް ރޭވުމުގައި ސަމާލުވާންވީ ދެތިން ކަމަކަށެވެ.

ސްޓްރަކްޗަރޑް ޑިސްކަޝަން ހިނގާ ވަގުތު ސަމާލުކަންދޭންވީ ކަންތައްތައް

(1) މަޝްވަރާ ފަށާއިރު ރަގަޅު ތަޢާރަފަކާއެކު ވާހަކަ ދެއްކުންތައް ގެންދާނެ ގޮތުގެ މައިގަނޑު އުޞޫލުތައް ހާމަކުރުމަކީ ދަރިވަރުންގެ ފަރުވާތެރިކަން އެކަމަށް ލިބޭނެ މުހިންމު ގޮތެކެވެ.

(2) މަޝްވަރާކުރެވޭ ޕޮއިންޓްތައް/ނުކުތާތައް ބޯރޑްގައި/ނުވަތަ އޮންލައިންކޮށް ގެންދާނަމަ ސްލައިޑެއްގައި ނޯޓްކުރުން.

(3) ޑިސްކަޝަން ރޭވޭގޮތް ކިޔަވާދިނުމުގެ އެހެނިހެން އުކުޅުތަކާއެކު އެއްކޮށްލައިގެން ގެންދިއުމަށް ސަމާލުކަން ދިނުން. މާނައަކީ، މިސާލަކަށް ހަވާލުކުރެވޭ ބައެއް މަޝްވަރާގައި ވާހަކަ އަމާޒުކުރެވޭ ބައިތަކާއި ގުޅޭ މުހިންމު ކިއުންތައް ނުވަތަ ވީޑިއޯ/ އެހެނިހެން ރިސޯސްތައް ބަލައިގެން ދަރިވަރުންގެ ވިސްނުމާއި، މަޝްވަރާތަކުގެ އޮއްޓަރު މުއްސަނދި ކުރުމަށް މަގު ފަހިވާ ގޮތަށް ކަންކަން ހަމަޖެހިފައި ހުރުމެވެ. އަދި ބައެއް ފަހަރު ކުދި ގުރޫޕްތަކުގެ މަޝްވަރާ ހިންގާގޮތަށް ރާވާނަމަ، އެއް ގުރޫޕް އަނެއް ގުރޫޕަށް ހުށަހަޅާ ސުވާލު، ބަހުސްކުރެވޭ ޕޮއިންޓްތަކަށް އިތުރު ޚިޔާލު ހުށަހެޅުންފަދަ ކަންކަންވެސް ރޭވިދާނެއެވެ. މިތާނގައި މި މާނަކުރެވެނީ ސިދާ ހުޅުވާލެވިފައިވާ މަޝްވަރާ މައުޟޫޢެއް ބޭއްވުމުގެ ބަދަލުގައި ކުރާނެ ކަންތައްތަކަކާއި އެއް ގުރޫޕް އަނެއްގުރޫޕަށް އެކުވެ ވާހަކަދައްކާ ޚިޔާލާއި ވިސްނުން ތަރައްޤީވާނެ ފަދަ އެކި ކަންކަން މަޝްވަރާގެ ތެރޭގައި ހިމެނުމެވެ. މިކަމަކީ ޢާއްމުކުލާހެއްގައި ނުވަތަ އޮންލައިން ކޮށް ކިޔަވައިދޭއިރު ވެސް ޓާސްކް-ފޯކަސްކޮށް މަޝްވަރާ ރޭވުމުގައި އަހަމިއްޔަތުކަން ދޭންޖެހޭ ކަމެކެވެ.

(4) ދަރިވަރުން ގުރޫޕްތަކުގައި މަޝްވަރާކުރާއިރު، ހަމައެކަނި މުދައްރިސާއެކު ދޭދޭ ވާހަކައަށް އިޖާބަދީ ހެދުމުގެ ގޮތަށްވުރެ އެއްކުއްޖަކު އަނެއްކުއްޖަކާއެކު ދައްކާ ވާހަކައިގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް މަޝްވަރާ ރޭވުން މުހިންމެވެ. މިކަން ކުރުމަށް ކުރެވިދާނެކަމަކީ ދަރިވަރުންގެ ތެރޭގައި ރޯލު ހަމަޖެއްސުމެވެ. އެގޮތުން މަޝްވަރާ ކުރިއަށް ގެންދާނެ މޮޑަރޭޓަރ އެއް ހަމަޖައްސާ، ކޮންމެ ދަރިވަރަކުވެސް ވަކި ފޯކަސްއަކާއެކު ވާހަކަ ދައްކަން ހަވާލުކުރުން ފަދަ ކަންކަންވެސް ކުރެވިދާނެވެ. މިގޮތުން ބޭނުން ކުރެވޭ ވަރަށް ޢާއްމު އުކުޅަކީ އެޑްވަރޑް ޑިބޯނޯގެ (1985)ގެ ވިސްނުމުގެ ތޮފިތައް ފަދަ ޚިޔާލުތައް ބޭނުންކުރުމެވެ. މީގެ އިތުރުންވެސް މަޝްވަރާ ރޭވިދާނެ ބައެއް އުކުޅުތައް ތިރީގައި ހިމަނާލެވިފައިވާނެއެވެ.

(5) މަޝްވަރާތައް ކުރިޔަށް ދާއިރު އަނގަބަހުން އަދި އިޝާރާތުން ވެސް ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދީ ޚިޔާލުތައް ހުށަހެޅުމަށް ހުރިހާ ދަރިވަރުންނަށް ވެސް ފުރުސަތު ފަހިކުރުން.

(6) މަޝްވަރާ ކުރިޔަށް ދާއިރު މަޝްވަރާގެ މައިގަނޑު އަމާޒު ކަމުގައިވާ ހުޅުވާލެވި ވާހަކަ ދެއްކުމާއި ޚިޔާލުތައް އޮއްސާލަން ފުރުސަތުދެވުން ފަދަ ކަންކަން ހަނި ނުވާ ގޮތަށް ވާހަކަ ދެއްކުމަށް ހަމަޖެއްސޭ އުސޫލުތަކާއި ގަވާޢިދުތައް ތަންފީޒުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުން.

(7) މައުޟޫޢާ ނުގުޅޭ ވާހަކަތައް ފަސޭހައިން އެއްފަރާތްކޮށް މަޝްވަރާގެ މައިގަނޑު އަމާޒަށް އިޢާދަކުރުވުމުގެ ތަފާތު އުކުޅުތަކަށް ދަރިވަރުންވެސް ފަރިތަ ކުރުވާ މުދައްރިސު ވެސް އެކަމަށް ހޭލައި ހުރުން.

(8) ހުރިހާ ދަރިވަރުންވެސް އެއްކުއްޖަކު އަނެއްކުއްޖަކު ހުށަހަޅާ ޚިޔާލުތަކާއި ވިސްނުންތަކާއި ފިކުރުތައް އިހުތިރާމާއެކު ބަލައިގަނެ، ވަހަކަ ކުރިޔަށް ގެންދިއުމުގެ އަޚްލާޤިއްޔާތާއި މިންގަނޑުތައް ހިފެހެއްޓުމަށް ބާރު އެޅުން.

(9) މަޝްވަރާއަށް ހުށަހަޅާ ސުވާލަށް މުދައްރިސް ސީދާ ޖަވާބު ނުދިނުން، އެއާއެކު ދަރިވަރުން އެސުވާލާއި ބެހޭގޮތުން ވާހަކަ ދައްކާ ޚިޔާލުތައް ހުށަހަޅަން ވާވަރަށް ވުގުތު ދިނުން.

(10) މަޝްވަރާ ނިންމާލާއިރު ވާހަކަ ދެކެވުނު ބައިތަކަށް ޚުލާޞާއެއް ހުށަހަޅާ ލުމަކީ މަޝްވަރާގެ މައިގަނޑު މަޤުޞަދު ހާސިލުކުރުމަށް އިތުރަށް އެހީތެރިވެދޭނެ ގޮތެކެވެ.

މަޝްވަރާ ނިމުމަށް ފަހު ކުރަންޖެހޭ ކަންތައްތައް

(1) އަބަދުވެސް މިގޮތަށް ރޭވޭ މަޝްވަރާތަކުން އެއްފަހަރުން އަނެއް ފަހަރަށް ރަގަޅުކޮށްލަން މުހިންމު ކަންތައްތައް ދެނެގަތުން އެއީ މުހިންމު ކަމެކެވެ.

(2) ރަގަޅުކުރެވޭނެ ކަންކަން ނޯޓްކޮށް، ދިމާވި ބައެއް އުދަނގޫތަކާއި، ދަރިވަރުންގެ ވާހަކަތައް ކުރިޔަށް ގެންދެވުނު އިރު އިތުރަށް ސަމާލުކަން ދިނުން މުހިންމު ކަންކަންފަދަ ބައިތަކަށް ވަކިވަކިން ރިވެލިކޮށް ނޯޓްކޮށްލާފައި ބެހެއްޓުން މުހިންމެވެ.

(3) އެކުގައި މަސައްކައްކުރާ އެހެން މުދައްރިސުންނާއެކު ވެސް މަޝްވަރާގެ ހަރަކާތް ގެންދެވުނު ގޮތާބެހޭގޮތުން ވަހަކަދައްކާ ޚިޔާލު ބަދަލުކޮށްލުން އެއީ ކޮށްލުން މުހިންމު ކަމެކެވެ. ޢާންމުކޮށް ވެސް އެކުގައި އުޅޭ އެހެން މުދައްރިސުން އެކަކު އަނެކަކުގެ ކިޔަވައިދިނުން އޮބްޒާރވްކޮށް ބެލުމަށް ދަޢުވަތު ދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން މިފަދަގޮތަށް ރާވައިގެން ގެންދެވޭ މަޝްވަރާ ފިލާވަޅުގައި ހިމަނާއިރު އެހެން މުދައްރިސަކަށް ދަޢުވަތުދީފައިވާ ނަމަ އެމީހާއަށް ފާހަގަކުރެވުނު ތަފާތު ކަންކަން ބަލާލުމަކީ މުހިންމުކަމެކެވެ. އޭގެ ސަބަބުން ދެން އެފަދަ އެހެން މަޝްވަރާއެއް ރާވާ ގަޑިއެއްގައި އިތުރަށް ރަނގަޅު ކޮށްލެވިދާނެ ކަންކަމަށް ބޮޑަށް ސަމާލުވެވޭނެވެ.

(4) މަޝްވަރާއަށްފަހު ދަރިވަރުންނަށް 'މިނޓް ކަރުދާސް' ހަވާލުކުރުން، މީގައި އެ ދަރިވަރުންނަށް ހާޞިލުވި އެއްޗެއް، ވާހަކަ ދެކެވުނު މައުޟޫޢާއި ބެހޭގޮތުން ޚުލާޞާކޮށްލެވިދާނެ ޚިޔާލުތައް، ވިސްނުމެއް ބަދަލުވެފައިވާ ނަމަ އެކަމެއް ހިމަނާލާ ލިޔެލަން ހަވާލުކުރުން ރަނގަޅެވެ.

(5) ދަރިވަރުންނަށް މަޝްވަރާގައި ވާހަކަ ދެކެވުނު ކަންކަމުގެ ތެރެއިން ކޮންމެސް ސުވާލަކަށް ޖަވާބު ލިޔެލުމަށް ދިނުން ވެސް ރަނގަޅެވެ. އޭގެ ސަބަބުން ފިލާވަޅުގެ މުހިންމު މަގުޞަދު ޙާޞިލުވި މިންވަރު ބަލާލުމަށް ވެސް ފަހިވެގެންދާނެއެވެ.

(6) މުދައްރިސުގެ އަމިއްލަ ވަޒަންކުރުމެއް (ސެލްފް-އިވަލުއޭޝަން) ހިމަނާލުން. މަޝްވަރާ ގެންދެވުނު ގޮތާގުޅޭ ގޮތުން އަމިއްލަ އަށް ރިވެލިކޮށް ޕެރެގްރާފެއް ލިޔުން ނުވަތަ މިގޮތަށް ގެންދެވޭ މަޝްވަރާ ކާމިޔާބުތޯ ބަލާލުމަށް ހެދިފައިވާ ޗެކްލިސްޓެއް ފުރިހަމަކޮށްލުން. މިއިން ކޮންމެ ގޮތެއް ބޭނުންކުރިނަމަވެސް މައިގަނޑު ކަންކަން ދިޔަ ގޮތާމެދު އަލުން ވިސްނާލުން މުހިންމެވެ.

ސްޓްރަކްޗަރޑް ޑިސްކަޝަން ކުލާހުގައި ގެންދިއުމަށް ބޭނުން ކުރެވިދާނެ ބައެއް ގޮތްތައް

ކާމިޔާބުކަމާއެކު ސްޓްރަކްޗަރޑް ޑިސްކަޝަން ރޭވުމަށް ބޭނުންކުރެވިދާނެ ތަފާތު އުކުޅުތަކާ ބެހޭގޮތުން ޢިލުމުވެރިންނާއި ކިޔަވައިދިނުމުގެ ތަޖުރިބާކާރުން ވާހަކަ ދައްކަވައެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް އުކުޅުތަކުގެ ކުރުތަފުސީލެއް ތިރީގައިވާ ތާވަލުގައި ހިމަނާލާނަމެވެ.

އުކުޅުތައް ކުލާހުގައި ގެންދާނެގޮތް
ސޮކްރެޓިކް ސެމިނާރު

 

ކިޔަވައިދޭ ފިލާވަޅުގައިވާ މުހިންމު ބައަކާ ބެހޭގޮތުން ހުޅުވިފައިވާ މައުޟޫޢެއް ދަރިވަރުން ވާހަކަ ދެއްކުމަށް ހަވާލުކުރުން، މިގޮތް ބޭނުންކުރާއިރު މަޝްވަރާގެ ކުރިން ދަރިވަރުން ކިޔަން ޖެހޭ ކިއުމެއް (ރީޑިން) ހަވާލުކުރެވޭނެއެވެ. މިގޮތަށް މަޝްވަރާ ގެންދާއިރު މުޅި ކުލާހަށް އަމާޒުކޮށްގެން ވެސް ވަށްބުރެއްގޮތުގައި އިށީދެގެން ތިބެ މަޝްވަރާ ކުރެވިދާނެއެވެ. ސްކްރެޓިކް ވަށްބުރުގައި ދަރިވަރުން ތިން ފަށަލައަކަށް އަތުރާލެވޭނެއެވެ. އެންމެ އެތެރޭގައި މެދުގައި އިންނާނީ މަޝްވަރާ ލީޑްކުރާ ފަރާތެއް ނުވަތަ ދެތިން ކުއްޖެކެވެ. ދެވަނަ ފަށަލައިގައި ތިބޭނީ އެކްޓިވްކޮށް މަޝްވަރާގައި ބައިވެރިވާ ދަރިވަރުންނެވެ. ދެން އެންމެ ބޭރު ފަށަލައިގައި ތިބޭނީ އޮބްޒާވަރުން ނުވަތަ އަޑުއެހުންތެރިންނެވެ. މިގޮތަށް ގެންދާއިރު އަޑުއެހުންތެރިން ބޭނުންވާ ސުވާލު އަދި ކޮމެންޓްކުރާގޮތަށް ފުރުސަތު ހުޅުވާލެވޭ ވަގުތު ވެސް ހަމަޖެއްސިދާނެއެވެ.
ފިޝްބޮވްލް ކުރިން ހަމަ އިށީދެގެން ތިބިގޮތަށް ވަށް ބުރަކަށް ސްކްރެޓިކް ބުރުގައި ތިބޭ ގޮތަށް މުދައްރިސް ހަވާލުކުރާ މައުޟޫޢެއް ނުވަތަ ދޭ ސުވާލަކާ ގުޅުވައިގެން މަޝްވަރާކުރާނީއެވެ. މިގޮތަށް މަޝްވަރާ ރާވާއިރު، ދަރިވަރުންގެ އެތުރިފައިވާނީ 3 ފަށަލައަކަށެވެ. އެންމެ އެތެރޭގައި އިންނާނީ މަޝްވަރާ މޮޑަރޭޓް ކުރާފަރާތެވެ. ދެން އެކްޓިވްކޮށް ވާހަކަދައްކާ ބައިވެރިންނެވެ. ތިންވަނަ ފަށަލައިގައި ތިބޭނީ އޮބްޒާރވާރުންނެވެ. ނަމަވެސް ސްކްރެޓިކް ސެމިނާރު އާއި މިބާވަތާއި ތަފާތުވާ ގޮތަކީ އޮބްޒާރވަރުންނާއި އެކްޓިވްކޮށް ވާހަކަ ދައްކާ ގުރޫޕްގެ ރޯލް ވަކި ހިސާބަކުން ބަދަލުވާނެއެވެ. ހަމައެހެން ކުރިން މަޝްވަރާކުރެވުނު އިރު އޮޅުން އަރާ ބައިތަކާއި، އިތުރަށް ދޭހަކުރަން ޖެހޭ ބައިތަކާއި ބެހޭގޮތުން ރޯލް ބަދަލުވުމަށް ފަހު އޮބްޒާވަރުން ގޮތުގައި ތިބި ދަރިވަރުންނަށް ހުށަހެޅުމަށް ފުރުސަތު ލިބޭނެއެވެ.
ޖިގްސޯވް މިގޮތަށް ރޭވޭ ޑިސްކަޝަންގައި ކުލާސް ބަހާލެވިފައިވާނީ ކުދި ގުރޫޕްތަކަށެވެ. ކޮންމެ ގުރޫޕެއްގައިވެސް ވާހަކަ ދައްކަން ހަވާލުކުރެވޭ މައުޟޫޢުގެ ބައި ތަފާތުވާނެއެވެ.  ވަކި ވަގުތެއް ހަމަވުމުން މުދައްރިސް ކޮންމެ ގުރޫޕެއްގެ ވެސް އެއް ބައިވެރިއެއް ހިމެނޭ ގޮތަށް އާ ގުރޫޕެއް ހަދަން ބުނާނެއެވެ. މިގޮތަށް ހެދޭ ގުރޫޕްތަކުގައި ކޮންމެ މެމްބަރެއްވެސް ކުރިން ވާހަކަ ދެއްކި ނުކުތާތަކާއި މަޝްވަރާތައް އަލަށް ހެދުނު ގުރޫޕްގެ ހުރިހާ މެމްބަރުންނާއެކު ހިއްސާކުރާނެއެވެ. މިގޮތުން އަލުން ދެކެވުނު ވާހަކަތަކާމެދު އިތުރަށް ވިސްނާ، އާޚިޔާލުތައް އިތުރުކޮށް މުއްސަނދި ކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. މިގޮތަށް ގުރޫޕް ހަދާއިރު 1-5 ނަމްބަރު ބޭނުންކޮށްގެން ހެދުމުން އާގުރޫޕްތައް ހަދާއިރު ފަސޭހަވެގެންދާނެއެވެ މާނައަކީ އާގުރޫޕް ހަދާއިރު ހުރިހާ ގުރޫޕެއްގައިވެސް ތިބޭ 1 އެއް ގުރޫޕެއް ހެދުން ނުވަތަ 2 އެއް ގުރޫޕަކަށް ނުވަތަ މިބީދައިން އެކި ނަމްބަރުތަކަށް އެތުރިލުމަށް ފަސޭހަވާނެއެވެ.
ތިންކް ޕެއަރ ޝެއަރ މިގޮތަކީ ކިޔަވާދޭއިރު ވަރަށް ގިނައިން ބޭނުން ކުރެވޭ މަޝްވަރާކުރެވޭ ގޮތެކެވެ. އެންމެ ފުރަތަމަ ހަވާލުކުރެވޭ މަސައްކަތެއް ދަރިވަރުން ކުރާނީ ފަރުދީކޮށެވެ. މިސާލަކަށް ކިޔަވައިދޭ ބައިތަކާއި ގުޅޭ 'މިނިޓް ޕޭޕަރ' ފަދަ ސުވާލެއް، ކިޔަން ހަވާލުކުރެވޭ ބައެއް، ޓާސްކެއް، ނުވަތަ ވިސްނަން ހަވާލުކުރެވޭ މައްސަލައެއް ވެސް ދެވިދާނެއެވެ. ދެން މުދައްރިސު ވަކި ވަގުތެއް ހަމަ ވުމުން ކޮންމެ ދަރިވަރަކުވެސް ކުލާހުގެ އެހެން ދަރިވަރަކާއެކު ޕެއަރވުމަށް (އެކުވުމަށް) ބުނާނެއެވެ. ދެކުދިން އެކުވުމަށް ފަހު އެކަކު އަނެކަކު ވިސްނި ވިސްނުންތަކައި ކިއުނު ބައިތަކާއި ކުރި ކަންތައްތައް ހިއްސާކުރާނީއެވެ. އެއަށް ފަހު ދެކުދިންގެ ވިސްނުން އެއްކޮށްގެން މުޅި ކުލާހަށް ކުރެވުނު މަސައްކަތް ހުށަހަޅާނީއެވެ. މިގޮތަކީ ކުލާހުގެ ހުރިހާ ކުދިން އެއްވަރަކަށް މަޝްވަރާގައި ބައިވެރިކުރުމަށް ރޭވޭ ކާމިޔާބު ގޮތެކެވެ.
ރައިޓް-ޑިސްކަސް-ރައިޓް (ލިޔުން-މަޝްވަރާކުރުން-ލިޔުން) މިބާވަތުގެ މަޝްވަރާއަކީ ޢާންމުކޮށް ދަރިވަރުންނަށް ހަވާލުކުރެވޭ ލިޔުމުގެ މަސައްކަތަކަށްފަހު އެކަމާބެހޭގޮތުން މަޝްވަރާކޮށް ލިޔެވިފައިވާ ބައިތަކާ ގުޅޭ ގޮތުން އެކި ކުދިންނާއެކު ޚިޔާލުބަދަލުކުރުމަށް ދެވޭ ފުރުސަތަކެވެ. ޢާންމުކޮށް ހަވާލުކުރާނީ ދެކުދިން ދެކުދިން ވާހަކަ ދައްކާށެވެ. އެއަށްފަހު ލިޔުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ތައްޔާރުކުރެވިފައި ލިޔުމުގެ ޑްރާފްޓް އަލުން ރަގަނޅު ކުރުމަށް ފުރުސަތު ފަހިވާނެއެވެ. މިގޮތަށް މަޝްވަރާ ގެންދާއިރު ހަރަކާތުގެ ފުރަތަމަ ބައިގައި ދަރިވަރުން ލިޔުމަށް ވަގުތު ދޭންޖެހޭނެއެވެ. އެއަށް ފަހު މަޝްވަރާކޮށް އަލުން ލިޔުމަށް ބަދަލުގެނެސް ރަގަނޅުކުރަން ފުރުސަތު ދޭންޖެހޭނެއެވެ. މިފަދަ ގޮތަކަށް މަޝްވަރާ ގެންދާއިރު ދަރިވަރުން ގެ ލިޔުން ބަލާނެ މިންގަނޑުތަކަކާއި، އަދި މަޝްވަރާ އަމާޒުކުރާނެ ޕޮއިންޓްތަކެއް ދެވިފައިވުން މުހިންމުވާނެއެވެ.

މިއަދު މި ހުށަހަޅާލެވުނު މަޢުލޫމާތު ކޮޅަކީވެސް މުދައްރިސުންނަށް ބޭނުންތެރި ބައިތަކެއް ހިމެނޭ މަޢުލޫމާތު ކޮޅަކަށް ވުމަށް އުއްމީދު ކުރަމެވެ. ގުރޫޕް މަސަކަތްތައް ދޭއިރު ނުވަތަ ކުލާހުގެ މަޝްވަރާތައް ރާވާއިރު ވަކިގޮތްތަކެއް ހިފަހައްޓައިގެން ވަކިގޮތަކަށް ތަންޒީމުކޮށް ރޭވުމަކީ ފިލާވަޅުގައި ކަނޑައެޅި މަގުސަދު ހާސިލުކުރުމަށާއި އުނގެނުން ކާމިޔާބުވުމަށް އެހީތެރިވެދޭނެ ގޮތެކެވެ. މިއަދު މިހުށަހަޅާލި ވާހަކަ ކޮޅަކީ މުދައްރިސުންނަށް މުޅިއެކުން އާ މަޢުލޫމާތުތަކެއް ނޫންނަމަވެސް އަބަދުވެސް މިފަދަ ގޮތްތަކާ ބެހޭގޮތުން ކިޔާލާ، އަލުން ތާޒާކޮށްލުމަކީ ކިޔަވައިދިނުމުގެ މަސައްކަތަށް އާރޯކަން ގެނެވޭނެ ގޮތެކެވެ. އަޅުގަނޑުގެ އަބަދުވެސް އެންމެބޮޑު އެދުމަކީ މުދައްރިސުންނަކީ ތަފާތު ގޮތްތައް ތަޖުރިބާކޮށް އަޖުމަބަލާ ކިޔަވައިދިނުމުގެ އެކި ބާވަތުގެ ގޮތްތައް ބޭނުންކުރާ ބަޔަކަށް ވުމެވެ.


ހަވާލާދޭ ލިޔުންތައް

Howard, J. 2015. Discussion in the College Classroom: Getting Your Students Engaged and Participating in Person and Online. San Francisco: Jossey-Bass.

Vygotsky, L.S. (1962). Thought and Language. Cambridge, MA: MIT Press. (Original work published in 1934).

 

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.