ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމްކޮށްދޭނަން: އިބޫ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ވެރިކަމެއްގައި ނ. ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެބޭފުޅުންގެ ވެރިކަމުގައި ތައުލީމީ ނިޒާމް ބައްޓަން ކުރައްވާނީ ރަށުގައި ތިބެގެން މަތީތައުލީމަށް ކިޔެވޭނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި ތައުލީމީ ނިޒާމް ބައްޓަން ކުރެވިގެން ދާއިރުގައި ރަށްރަށުގައި ތިބެގެން ކިޔެވެންޖެހޭނެ. މަތީތައުލީމަށް ރަށުގައި ތިބެގެން ކިޔެވެންޖެހޭ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމުގައި މިރަށުގައި ޖޫނިއަރ ކޮލެޖެއް ހުޅުވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

ވެލިދުއާ މެދު އެމަނިކުފާނުގެ ތަސައްވުރު ހާމަކުރައްވަމުން ވިދާޅުވީ އެރަށުގެ ހޮސްޕިޓަލާއި އެތަނުންދޭ ޚިދުމަތުގެ ފެންވަރު ވެސް ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ. އޭގެ އިތުރަށް އެރަށުގެ ފުޓުބޯޅަ ދަނޑު ބޮޑުކޮށް ރަނގަޅު ފެންވަރަކަށް ހަދައި ވަސީލަތްތައްހުރި ތަނަކަށް އެތަން ބަދަލު ކުރެވި ޒުވާނުންނަށް ރަނގަޅަށް ފުޓުބޯޅަ ކުޅެވޭ ދަނޑަކަށް އެދަނޑު ބަދަލު ކުރެވިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ހިންގަވާނެ މަޝްރޫއުގެ ދަށުން އެރަށުގައި ފުލެޓް އަޅައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރަށް ވެލިދޫ ކައިރީގައި އޮންނަ ދިއްދުއާއި ރާފުށި ރިސޯޓަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލުއިލޯން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެރަށުގައި ބަހައްޓާފައިވާ އޭޓީއެމްގެ ބަދަލުގައި ރަނގަޅު ފެންވަރުގެ ބޭންކިން ނިޒާމެއް ވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެލިދޫގައި ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.