
( 16 ފެބުރުވަރީ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
( އެކަން އެހެން ނުވާނެކަމަށް ތަކުރާރުކޮށް ޙައިދަރު ބުނަމުން ގެންދިޔައެވެ. އެއީ ދިލްނަޝީންގެ މާޒީއެވެ. މެހެމަލްއާއި ޙައިދަރުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ކުލްސޫމްވެސް އެތަނަށް އައެވެ. މަންމަޔާ ސަލާމް ކޮށްލުމަށްފަހު ކުލްސޫމަށް ޚާއްޞަކުރެވިފައިހުންނަ ގޮނޑީގައި ޙައިދަރު ، އޭނާގެ މަންމަ ބޭންދިއެވެ.)
ނާސްތާކުރަމުންގެންދިޔައިރު ، އެހެން ދުވަސްތަކާ ޚިލާފަށް ދިލްނަޝީނުގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމަކީ ، މެހެމަލްއަށް ޒަހަރަކަށް ވިއެވެ. ކޮފީތަށްޓެއް ފިޔަވައި އެހެން އެއްޗެއް މެހެމަލްގެ އަރުތެރެޔަކަށް ނުދިޔައެވެ. ދިލްނަޝީނާ ދިމާލަށް ލޯއަޅައިގެން އިންނަން ހަދައިގެން ، ބަނޑުހައިކަމުގެ އިޙްސާސެއް މެހެމަލްއަކަށް ނުކުރެވުނެވެ.
ދިލްނަޝީނަށް ކުރި މެސެޖްތަކާގުޅިގެން ، ޙައިދަރު އޭނާއަށް ދިން އިންޒާރާއެކީ ، ޙަމްޒާގެ އުޅުން ބަދަލުވެގެން ދިޔައެވެ. ޙަމްޒާގެ ނިޔަތަކީ ކޮބައިކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެދުވަހުން ފެށިގެން އޮފީހަށް ނުކުމެ ޢާއިލީ ވިޔަފާރީގެ ތެރޭގައި އިސްކޮށް އުޅެން ފެއްޓިއެވެ. އެކަމަކު ، އޭނާގެ ދިރިއުޅުމަށް މަންމަމެންގެ ފަރާތުން ކުރިމަތިވި ތޫފާނަކީ ، އޭނާ ބަނޑުއަޅައިވިހޭ މަންމަޔަށްވެސް މާފުނުކުރާނެކަމެއްކަން ، ޙަމްޒާގެ ހިތުގައި އޮތީ ކަށަވަރު ކޮށްފައެވެ. އެހެންކަމުން ، އޭނާގެ އާ ދުނިޔެއަކީ ބަދަލު ހިފުމުގެ ދުނިޔެއެއްކަން އެނގެއެވެ. އޭނާ ބަދަލު ހިފާނީ މަންމަގެ ފަރާތުންކަމެއް ، ޙައިދަރުގެ ފަރާތުންކަމެއް އަދި ދިލްނަޝީންގެ ފަރާތުންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.
ޙައިދަރު އޮފީހަށް ދިއުމާއެކީ ، ދިލްނަޝީން އެކަނިވީހިނދު ، ކުލްސޫމާ ވާހަކަ ދައްކައިލުމަށް ކުލްސޫމްގެ ކޮޓަރިޔަށް ދަނިކޮށް ކޮރިޑޯތެރެއިން މެހެމަލްއާ ދިމާވިއެވެ. ދިލްނަޝީންގެ މޫނުމަތިން ފެންނަންހުރި ތާޒާކަމާއި އުފާވެރިކަމަށް މެހެމަލްއަކަށް ކެތެއް ނުކުރެވުނެވެ. އެ ނާކާމިޔާބީއަކީ ، މެހެމަލްއަށް ތަޙައްމަލް ކުރެވޭވަރަށްވުރެ ހިތި އެއްޗެކެވެ.
" ފިރިމީހާގެ ލޯތްބާއި އަޅައިލުމަކީ އަނބިމީހާގެ ހިތަށް އެންމެބޮޑު ތާޒާކަމެއް ލިއްބައިދޭނެ ކަންކަމެވެ. " ދިލްނަޝީނަށް ލިބިފައިވާ އުފާޥެރިކަމުގެ ސަބަބު ، މެހެމަލްއަށް ސާފުކޮށްދިނެވެ.
ދިލްނަޝީނާއި ޙަމްޒާއާ ދެމެދު އުފެދިފައި އޮތް ގުޅުމުގެ އަސަރު ، ދިލްނަޝީންގެ ކައިވެނީގެ ޙަޔާތަށް ނުކުރާނެކަމަށް ހީނުކުރުމަށް މެހެމަލް ބުންޏެވެ. ޙަމްޒާގެ މަތިން ދިލްނަޝީން ހަނދާން ނައްތައިލީތޯ މެހެމަލް ސުއާލު ކުރިއެވެ. އެއޮއްރީތި ޒުވާން ކުއްޖާއާ އެކުއްޖާގެ ލޯބި ހަނދާން ނައްތައިލީ ހެއްޔެވެ ؟ ޙަމްޒާ އެހުންނަނީ ދިލްނަޝީނަށްޓަކައި އޭނާގެ ފުރާނަ ޤުރުބާން ކޮށްގެންނެވެ.
" އާނއެކެވެ. ހަނދާން ނައްތާލައިފީމެވެ. މިސަހަރުގެ އިރުމަތީ ސަރަޙައްދުގެ އަންހެންކުދިންނަކީ ، އޭނާގެ ފިރިމީހާއަށްޓަކައި ފުރާނައިން ޤުރުބާންވާ ބަޔެކެވެ. މެހެމަލްމެންފަދަ ދެކުނު ސަރަޙައްދުގެ ކުދިންނާ ތަފާތު ވާނެއެވެ. އެކުދިންގެ މާޒީއާއި މިއަދާ އަދި މާދަމާވެސް ޤުރުބާން ކުރާނީ ފިރިމީހާއަށްޓަކައެވެ. އެހެންކަމުން އަހަރެންވެސް ، އަހަރެންގެ ކުރީގެ ލޯބި ހަނދާން ނައްތާލައިފީމެވެ.
ދިލްނަޝީންގެ ޖަވާބުން މެހެމަލްއަށް ހުއްޓުން އެރިއެވެ. އެހެނަސް އޭނާގެ ބަހެއް ނުހުއްޓެއެވެ. މެހެމަލްގެ މޫނުމަތީ ތަފާލެއް އަޅާފައި ދިލްނަޝީން ކުރިޔަށް ހިނގައިގަތްތަނާ ، ދިލްނަޝީނަށްޓަކައި އޭނާ ދެރަވާކަމަށް މެހެމަލް ބުންޏެވެ. ދިލްނަޝީންވެސް ހިނިތުންވެލައި މެހެމަލްއާ ދިމާލަށް އެނބުރިލިއެވެ. މެހެމަލްއަށްޓަކައި އޭނާއަށް ރޮވޭކަމަށް ދިލްނަޝީން ބުންޏެވެ.
" އަހަރެން ، އަހަރެންގެ ލޯބި މި ޤުރުބާންކުރީ ، އަހަރެންގެ ފިރިމީހާއަށްޓަކައެވެ. އެކަމަކު ، މެހެމަލްގެ ލޯބި ޤުރުބާންކުރީ އަމިއްލަ އެދުމަށެވެ. ލޯތްބަށްވުރެ ބޮޑަށް ދުނިޔޭގެ އެދުމާއި އަރާމަށެވެ. އަހަރެންގެ ފިރިމީހާއަށް މެހެމަލް ބޭވަފާތެރިވީ ، އޭނާއަށްވުރެ މުއްސަނދި ފިރިހެނަކު ފެނިގެންނެވެ. ކުރިންވެސް މެހެމަލްއޮތީ އެކަހަލަ ކަމެއް ކޮށްފައެވެ. މެހެމަލް ބޭވަފާތެރިވީ ހަމައެކަނި ޙައިދަރަށް އެކަންޏެއްނޫނެވެ. ޙައިދަރުގެ ހިތުގެ ޒަޚަމްތަކަށް ފަރުވާއަކަށްވީ އަހަރެންނެވެ. މެހެމަލް އަދިވެސް ތިމަސައްކަތް ކުރަނީ ، އަހަރެންނާއި އަހަރެންގެ ފިރިމީހާގެ ކައިވެނި ބަރުބާދުކޮށްލުމަށެވެ. " ދިލްނަޝީން ބުންޏެވެ.
މެހެމަލްއަށް އެއީ އެއްވެސްކަމެއް ނޫނެވެ. ޙައިދަރުގެ ހިތުގައި ޒަޚަމްތަކެއް އުފެދުނީ މެހެމަލްގެ ސަބަބުންކަން ، ދިލްނަޝީނަށް ޤަބޫލު ކުރެވިއްޖެއެވެ. ދިލްނަޝިން އެކަމަށް އެއްބަސްވަންޏާ ޙައިދަރުވެސް އެކަމަށް އެއްބަސްވެ ، އެކަން ޤަބޫލުކުރާނެކަމަށް ދިލްނަޝީން ބުންޏެވެ. ދިލްނަޝީން އެހުރީ ، ޙައިދަރުގެ ހިތުގައި މެހެމަލް އުފެއްދި ފާރުތައް ފަސޭހަކޮށްދީފައެވެ. ކުރިންވެސް އަދި މިހާރުވެސް މެހެމަލްއަކީ ބޭވަފާތެރިއެއްކަމަށް ދިލްނަޝީން ބުންޏެވެ. އެހެނަސް ، މިއަދުވެސް ދިލްނަޝީން އެހުރީ އޭނާގެ ފިރިމީހާއަށްޓަކައި ، ވަފާތެރި އަނތްބަކަށް ވެގެންނެވެ. ވަފާތެރިކަމާއި ބޭވަފާތެރިކަން ، މެހެމަލްއަށް ވަކިކުރަން އެނގޭނީ ކިހިނަކުން ހެއްޔެވެ ؟ މެހެމަލްގެ މުޅިޢުމުރަކީ ބޭވަފާތެރިކަމުން ފުރިގެންވާ ޖަންގައްޔެކެވެ. ޙައިދަރުގެ ފޯނުނަންބަރު ދިލްނަޝީނުގެ ފޯނުން ބްލޮކް ކުރިގޮތަށް ، ދިލްނޝީނާއި ޙައިދަރުގެ ދިރިއުޅުމުން މެހެމަލް އެހުރީ ބްލޮކް ކޮށްފައެވެ. އެކަމަކު ، އެދެމީހުންގެ ޙަޔާތުން މެހެމަލް ބްލޮކް ކުރާނީ އޭނާކަމަށް ދިލްނަޝީން ބުންޏެވެ. އެކަން ކުރާނީ ޙައިދަރެއްނޫނެވެ.
މެހެމަލްހުރީ އަނގަބެދި ބަސްހުއްޓި ގަބުއަރާފައެވެ. ދިލްނަޝީނަށް ރައްދުދެވޭނެ ގޮތެއް މެހެމަލްއަކަށް ނުފެނުނެވެ. މެހެމަލްއާ ދިމާލަށް ހިނިތުންވެލާފައި ، މަންމަގެ ކޮޓަރިޔާ ދިމާލަށް ދިލްނަޝީން ދިޔައެވެ.
މެހެމަލް ދެން ދިމާކުރީ ، ޙަމްޒާގެ ބޮލަށް ހުތްފިތޭތޯއެވެ. ޙަމްޒާއަށް ފޯނުކޮށްފައި ، ޙަމްޒާގެ ބަލިކަށިކަމުގެ ވާހަކައިން ޙަމްޒާގެ ޖަޒުބާތާ ކުޅެމުން ގެންދިޔައެވެ. ލޯބީގައި ނާކާމިޔާބުވެފައިވާ ޒުވާނެއްގެ ގޮތުގައި ސިފަކޮށް ، ޙަމްޒާއަކީ ކަމެއްކުރުމުގެ ހިތްވަރު ހުރިމީހެއްނޫންކަން އަންގައި ، ޙަމްޒާގެ ލެޔާކުޅެމުން ގެންދިޔައެވެ.
މެހެމަލްގެ މަލާމާތްތަކުން ، ޙަމްޒާގެ ހިތުގައިވާ ބަދަލުހިފުމުގެ ރޫޙު ތާޒާވަމުން ދިޔައެވެ. ކޮންމެ އަގެއް ދައްކާފައިނަމަވެސް ދިލްނަޝީން ޙާޞިލްކުރުމަކީ ، ޙަމްޒާގެ މަޤްޞަދަކަށް ހެދިއެވެ. އޭނާ އޮފީހަށް ނުކުތީވެސް އެ މަޤްޞަދު ޙާޞިލް ކުރުމަށް މަގުފަހިކުރުމަށްޓަކައެވެ. ޙަމްޒާގެ މަސައްކަތުގައި އެއްކޮޅުގައި ހިފައިގެން މެހެމަލް ހުންނާނެކަން ކަށަވަރު ކޮށްދިނެވެ. ޙަމްޒާގެ ހިތުގައި މެހެމަލް އެ ރޯކޮށްލަދިން އުއްމީދުގެ ހުޅުކޮޅަށް ، މެހެމަލްއަށް ޙަމްޒާ ޝުކުރު އަދާކުރިއެވެ. އަދި އޭނާގެ މަޤްޞަދު ޙާޞިލްކުރާތަން މެހެމަލްއަށް ދައްކާނެކަމަށް ޙަމްޒާ ވަޢުދުވިއެވެ. ހަށިގަނޑާ ވަކިވެ ގޮސްފައިވާ ޙަމްޒާގެ ފުރާނަ އަލުން އަނބުރާ އެހަށިގަނޑާ އެވަނީ ގުޅިފައެވެ.
ދިލްނަޝީނާއި ކުލްސޫމް އަދި މެހެމަލް ސިޓިންގރޫމުގައި ތިއްބާ ، މާ ނުގަޑިއެއްގައި ޙައިދަރު އައިސް ގެޔަށް ވަނެވެ. އޭނާ ތަންކޮޅެއް އަވަހަށް އޮފީހަށް އެއައީ ، އޮފީސްކަމެއްގައި އިސްލާމްއާބާދަށް ދާންޖެހިގެންނެވެ. އެދަތުރުގައި ދިލްނަޝީންވެސް ގެންދަންތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެދަތުރުގައި ދާނީ އޭނާގެ އޮފީސް ދެ މުއައްޒަފުންކަމަށާއި ، ދެންދާންޖެހޭ ފަހަރަކުން ދިލްނަޝީން އޭނާއާއެކީ އިސްލާމްއާބާދަށް ދާނެކަމަށް ޙައިދަރު ބުންޏެވެ.
ޙައިދަރު އަތުގައި އޮތް ފައިލެއް ، ދިލްނަޝީންގެ އަތަށް ދިއްކޮށްލައި އެއަށް ސަމާލުވުމަށް ބުނެ ، އޭނާ ތައްޔާރުވެލައިގެން ނުކުތީމަ ، އޭނާއަތަށް އެފައިލް ދިނުމަށް ޙައިދަރު އެދުނެވެ. ދިލްނަޝީންގެ އަތުގައި އޮތް ފައިލަށް ކަޅިޖަހައިނުލާ ، މެހެމަލް ބަލަހައްޓައިގެން އިނެވެ. އެއީ ޙައިދަރު ކުރަން އެދާ ކަމަކާ ގުޅިފައިވާ މުހިންމު ލިޔުންތަކެކެވެ. އެލިޔުންތައް އަގަޑަބަގަޑަ ކޮށްލެވިއްޖިއްޔާ އަނެއްކާވެސް އެއޮތީ ، މެހެމަލްއަށް މޮޅުކަމެއް ކޮށްލެވިފައެވެ. މެހެމަލްގެ ހިތުގައި ރާވަމުންގެންދިޔަ ރޭވުންތައް އެތާތިބި އެއްވެސްމީހަކަށް ނޭނގޭނެއެވެ.
ދިލްނަޝީން ކޮޓަރިޔަށްގޮސް ވަތްގަނޑަކަށް ފައިލް ލާފައި ބޭރަށް ނުކުތްތަނުން ، ފިލަފިލައިގެން ދިލްނަޝީންމެންގެ ކޮޓަރިޔަށްވަދެ މެހެމަލް ، އެފައިލް ހޯދާ ވަގަށްނަގައިގެން ކޮޓަރިން ނުކުތެވެ.
ޙައިދަރާއެކު ދަތުރުގައި ބައިވެރިވާ އެންމެން އެއަރޕޯޓަށްގޮސް ، ޙައިދަރު ނައިސްގެން ފޯނުކުރަން ފަށައިފިއެވެ. ދިލްނަޝީންއަތަށް ޙައިދަރު ދިން ފައިލްގެ މަތިން ޙައިދަރު ، ދިލްނަޝީނަށް ހަނދާން ކޮށްދިނެވެ. ދިލްނަޝީން އެފައިލް ލީ ވަތްގަނޑުބެލިއިރު ފައިލެއް ނެތެވެ. ހޯދާހޯދާ އެފައިލެއް ނުފެނުނެވެ. އެކަމާ ޙައިދަރު ނެއްޓިއެވެ. އަދި ، ދިލްނަޝީނާދިމާލަށް އެތިވަރު ގޮވަމުން ގެންދިޔައެވެ. މެހެމަލްވެސް ، ދިލްނަޝީނަށް އެއްޗެތި ކިޔެވެ. އަދި ކުލްސޫމްވެސް ދިލްނަޝީންގެ ފަރުވާކުޑަކަމުގެ ވާހަކަ ދައްކައި އަޑުލިއެވެ. ޙައިދަރުގާތަށް ރުޅިއައިސް ، ދަތުރުކެންސަލް ކުރުމަށް ފޯނުނެގިތަނާ ، މެހެމަލް އައިސް ސްޓަޑީރޫމުން ފައިލް ފެނުނުވާހަކަ ބުނެ ، ޙައިދަރުއަތަށް ފައިލް ދިއްކޮށްލިއެވެ.
ޙައިދަރަށް އަލްވިދާޢުކިއުމަށް ، އެންމެން ބޭރަށްނުކުމެ ސަލާމްކުރިއިރު ، ދިލްނަޝީނަކާ ޙައިދަރު ސަލާމެއް ނުކުރެއެވެ. ޙައިދަރު ދިއުމާއެކީ ، ކުލްސޫމްވެސް އިތުރަށް ދިލްނަޝީނާ ދިމާލަށް އެއްޗެތި ގޮވައިގަތެވެ. އެންމެ ފައިލެއް ރަނގަޅަށް ބަލަހައްޓަން ނޭނގޭއިރު ، ބޮޑުސިންގާ ގެއެއްގެ ކަންކަން ދިލްނަޝީނަށް ބެލެހެއްޓޭނީ ކިހިނެއްތޯ އަހައި ސުއާލު އުފެއްދިއެވެ. އައިސްހުރި ރުޅީގައި ، ދިލްނަޝީންގާތު ހުންނާކަށްވެސް ކުލްސޫމު ބޭނުމެއް ނުވިއެވެ.
" އެއީ ޙަމްޒާ ޙަވާލުކުރި ފައިލެއްނަމަ ، އެހެންނެއް ނުވީސް ދޯއެވެ ؟ ގުޅުމެއްގައި ލޯބި ހިމެނިއްޖެނަމަ ، ހުރިހާކަމަކަށް ސަމާލުކަން ދޭނެއެވެ. ދިލްނަޝީންގެ ހިތުގައި ލޯތްބެއް ނެތްތާނގައި އަޅައިލުމެއްނެތްކަން އެއޮތީ ޙައިދަރަށް ސާބިތުވެފައެވެ. " މެހެމަލް ، ދިލްނަޝީނަށް މަލާމާތް ކޮށްލިއެވެ.
އެއީ ފައިލެކެވެ. އެވަރުގެ ކުޑަކަމަކުންވެސް ، ޙައިދަރުގެ ހިތުގައި ދިލްނަޝީންގެ މައްޗަށް އޮތީ ކިހާބޮޑު ސަމާލުކަމެއްކަން ، މިއަދު އެއޮތީ ސާބިތުވެފައެވެ. އެންމެ ދެރަވެގެން ، ރަށުންބޭރަށްދަމުން ، ތިމާގެ އަނބިމީހާއާ ސަލާމްވެސް ކޮށްލީކީ ނޫނެވެ. ޙައިދަރުގެ ހިތުގައި އެއްވެސް ސަމާލުކަމެއްނެތި ، ދިލްނަޝީނާއެކުގައި އުޅުމަކީ ހަމައެކަނި ޒިންމާއެއް އަދާކުރުންކަމުގައި ވާނެދުވަސް އޮތީ މާދުރެއްގައެއް ނޫނެވެ. އެދުވަސް ގެނެސް ދައްކާނީ އޭނާކަމަށް މެހެމަލް ބުންޏެވެ.
" އެހެންކަމަށް ވަންޏާ ، ތިއީ އަދި މާރަނގަޅު ޙާލަތެކެވެ. އެންމެ ދެރަވެގެން ، ޒިންމާއެއްގެ ގޮތުގައި އަހަރެންނަށް ޙައިދަރު ލިބިފައި އޮންނާނެތާއެވެ ! އެކަމަކު ، އެވަރުވެސް މެހެމަލްއަކަށް ނުވިއެވެ. އަހަރެންގެ ޒިންމާ ޙައިދަރު އުފުލަންޏާ ، އަހަރެންގެ މައްޗަށްވެސް ޙައިދަރު ބެލެހެއްޓުމުގެ ޒިންމާ އަރާނެއެވެ. އެއަކުން މެހެމަލްއަށް ލިބޭނެ ފައިދާއެއް ނުއޮންނާނެއެވެ. " ހިނިތުންވެލާފައި ދިލްނަޝީން ބުންޏެވެ.
ޒިންމާ އުފުލަމުން އުފުލަމުންގޮސް ، އަމިއްލަ އުފާތަކުގެ މަތިން ދިލްނަޝީން ހަނދާން ނެތޭނެކަމަށް މެހެމަލް ބުންޏެވެ. އަދި ، ދިލްނަޝީނަށް ލިބޭ ކޮންމެ އުފަލަކަށް އެޅޭ ހުރަހެއްގެ ގޮތުގައި އޭނާ ހުންނާނެކަމަށް މެހެމަލް ބުންޏެވެ.
މެހެމަލްގެ ވާހަކަ ހުރިގޮތުން ، ދިލްނަޝީން އެފައިލް ބޭއްވިތަނުންނަގާ ފޮރުވާފަ ، މައްސަލައެއް އުފައްދާފަ ، ފައިލް ގެނެސްދިނީ މެހެމަލްކަން ދިލްނަޝީނަށް ކަށަވަރު ވިއެވެ.
ދިލްނަޝީން ކޮޓަރިޔަށް ވަދެ ، ޙައިދަރާ ގުޅާގުޅާ ފޯނު ނުނެގީމަ ، މަޢާފަށް އެދިފަ މެސެޖް ކުރިއެވެ. މެސެޖްތަކަށް ޖަވާބެއް ނުލިބުނީމަ ، ކަންބޮޑުވެފައި އިންދާ ފޯނުވިއެވެ. ކުއްލިޔަކަށް ހިނިއައިސް ، ބަލައިވެސް ނުލާ ފޯނުނަގައި ކަންފަތުގައި ޖެހިއެވެ.
" ދިލްނަޝީން އެވެ ! ދެރަނުވާށެވެ ! ދިލްނަޝީންގެ ލޮލުން ފާއްދާލާ ކޮންމެ ކަރުނަތިއްކެއް އައިސް އެވެއްޓެނީ އަހަރެންގެ މެޔަށެވެ. ޙައިރާން ނުވާށެވެ ! އަހަރެންގެ ލޯތްބާއެވެ. އަހަރެމެން ދެމީހުންގެ ގުޅުމަކީ ހިތާހިތުގެ ގުޅުމެކެވެ. " ޙަމްޒާގެ އަޑުއިވިފައި ބިރުންގޮސް ، ދިލްނަޝީނަށް ފޯނު އެއްލައި ލެވުނެވެ.
ޙައިދަރު ގޭގައި ނެތިދާ ކޮންމެ ދުވަހަކީ ، ދިލްނަޝީނަށް ކުރިމަތިވާ ހިތްދަތި ދުވަހެކެވެ. މެހެމަލްގެ ފަރާތުން ކުރިމަތިވާ ޖެއްސުމުގެ އިތުރަށް ، ކުލްސޫމްވެސް މިހާރު ހުންނަނީ ދިލްނަޝީނާމެދު ހިތްހަމަ ނުޖެހިފައެވެ. ދިލްނަޝީނަށް ކުރެވޭ ރަނގަޅު އެއްވެސްކަމެއް ނޯވެއެވެ. ރަނގަޅަކަށް އެއްޗެކޭ ނުބުނެވެއެވެ. އަނެއްކޮޅުން ، މެހެމަލް ގެންދަނީ ދިލްނަޝީންގެ ޙަރަކާތްތަކަށް ބަލައި ފާރަލަމުންނެވެ. ދިލްނަޝީން ދެރަވާ ވަގުތެއްގައި ޙަމްޒާއަށް އެކަން އަންގައި ޙަމްޒާ ލައްވާ ފޯނުކުރުވައި ، ދިލްނަޝީނަށް ޖެއްސުންކުރުވައެވެ.
މައިދައިތަވެސް މިހާރު އެހުރީ ބަދަލުވެފައެވެ. މިހާރު އެފެންނަނީ ކުލްސޫމްގެ އަޞްލު ސިފައެވެ. ދިލްނަޝީންގެ ފޯނު ޗެކްކުރިޔަސް މެހެމަލްގެ ފޯނު ޗެކް ނުކުރެވޭނެކަން ކުލްސޫމަށް އެނގެއެވެ. މެހެމަލް އާ ކުލްސޫމް ގަޔާނުވާ ސަބަބަކީ އެއީއެވެ. ގޭގެ ވެރިކަމަކީ ކުލްސޫމަށް ވެގެންވިއްޔާ ޅީދަރިއެއްގެ އަތްމައްޗަށް ދޫކޮށްލާނެ އެއްޗެއް ނޫނެވެ. ޙަމްޒާ އެހުންނަނީ ދިލްނަޝީނަށްޓަކައި ފުރާނަދޭން ތައްޔާރުގައެވެ. އެއީ ، ޙައިދަރަށްވުރެ ވަކި ދެރަބައެއްނޫނެވެ. ޙަމްޒާގާތަށް މިހާރު ދިޔަޔަސް ، ދިލްނަޝީނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. ވިއްޔާވާނީ މޮޅެކެވެ. ޙަމްޒާއަކީ ޙައިދަރަށްވުރެ މާ ޅަ ޒުވާނެކެވެ. ޙައިދަރަށްވުރެ ބޮޑަށް ދިލްނަޝީން ދެކެ ޙަމްޒާ ލޯބި ވެއެވެ. ޙަމްޒާއަކީ ދިލްނަޝީންގެ ފުރަތަމަ ލޯތްބެވެ. ދިލްނަޝީނަކީ ، ޙައިދަރުގެ ދެވަނަ ލޯތްބެވެ. މިފަދަ އެތައް ވަސްވާސްތަކެއް ، ދިލްނަޝީންގެ ހިތުގައި އުފައްދައި ، މެހެމަލް އެގެންދަނީ ދިލްނަޝީންގެ ހިތް ތަޣައްޔަރު ކުރަމުން ، މެހެމަލް ދަތުރުކުރަންވީ މަގު ކޮށައި ސާފު ކުރަމުންނެވެ. ކުރިޔަށް ދާންވީ ހުރިހާމަގެއް ދިލްނަޝީނަށް އެދަނީ ބަންދު ވަމުންނެވެ. (ނުނިމޭ)
މީހާދަ ނޭވާ ހިފަހައްޓާލާ ގޮތަކަށް ގެނެސްދޭ ރީތި ވާހަކައެކޭ. އެއްކަމަކަށްފަހު އަނެއްކަމަކުން ދިލްނަޝީންގެ ބޯ ހަލާކުވޭ އެބަ. ކުރިމަތީގައި އޮތީ ކޮންފަދަ މުޞީބާތެއްކަމެއް ނުވެސް އެނގި އެކަން އެ ލައިގަންނަނީ.
ވަރަށްރީތި ޝުކުރަން