ޕީޕީއެމްގެ ވެރިކަން ފަސް ސަތޭކަ އަހަރަށް ވެސް ކުރިއަށް ގެންދެވިދާނެ: އަލްހާން

ރައީސް ޔާމީންގެ ތަރައްގީގެ ޕްލޭނާއި ހަމަތުކުގެ މަތިން ޕީޕީއެމް ކުރިއަށްދާ ކަމަށްވާނަމަ އެޕާޓީގެ ވެރިކަން ފަސް ސަތޭކަ އަހަރަށް ވެސް ދެމިގެން ހިނގައިދާނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ "އެންމެން އެކެއް" މިނަމުގައި ހުޅުމާލޭގައި ޕީޕީއެމްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އޭނާއާއި އާއިލާއި، ރައްޓެހިން ވެސް ވޯޓު ދެއްވާނީ ރައީސް ޔާމީނަށް ކަމަށެވެ.

ރާއްޖެއަށް ރައީސް ޔާމީން ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީއަށް ބަލާއިރު އިތުރު އެއްވެސް ބަޔަކަށް ވެރިކަން ދޭންޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވާ ތަރައްގީ ދަމަހައްޓަން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް މިއައީ ޕީޕީއެމްއަށް. އަޅުގަނޑު ޕީޕީއެމަށް މިއައީ ރައީސް ޔާމީންގެ ތަރައްގީއާއި ރައީސް ޔާމީން މިޕާޓީގެ ލީޑަރޝިޕާއެކީ މިޕާޓީ ގެންދެވި މަގުން މިޕާޓީ ކުރިއަށް ގެންދެވިއްޖެނަމަ އަޅުގަނޑުމެން މިޕާޓީގެ މި ޕްރޮގްރެސިވް ވެރިކަން ކުރިއަށްއޮތް ފަސް ސަތޭކަ އަހަރަށް ވެސް އަޅުގަނޑުމެންނަށް ދެމެހެއްޓިދާނެ،" އަލްހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަދިވެސސް ގައުމުގެ ވެރިކަމުގައި އޮންނާނީ ޕީޕީއެމް ކަމަށާއި އިދިކޮޅަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ރާއްޖޭގައި މިވަގުތުތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ވަރުގަދަ ސިޔާސީ ބުރަންދަނެއް ހުންނެވި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެންމެ އިލްމީ ޕެއާއަކީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށް އަލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ދިމާވި ކަންކަމަކީ އެއްވެސް ސިޔާސީ ލީޑަރަކަށް މިގައުމުގައި ދިމާވި ކަމެއްނޫން ކަމަށެވެ. އެދިމާވި ގޮންޖެހުންތަކާއި ދުއްތުރާލުގެ ތެރެއިން ވެސް ރައްޔިތުން ގޮވައިގެން ރައީސް ޔާމީންވަނީ ތަރައްގީއާ ހަމައަށް ދަތުރު ކުރައްވައިފައި ކަމަށް އަލްހާން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިމާވި ކަމެއް ދިމާވިއިރު ނަޝީދުގެ އަރިހުގައި ހުންނެވި ކަމަށް އަލްހާން ވިދާޅުވިއެވެ. އެދިމާވި ކަމެއް ދިމާވުމުން އިސްތިއުފާ ދެއްވާފައި "ބޮލު ފޮށާ އަޅައިގެން ފައިވާން އަތަށް ނަގައިގެން ދުއްވައިގަތީ" ކަމަށް އަލްހާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހަޔާތުގައި ގައުމަށް އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވީ ރައީސް ޔާމީން ކަމަށާއި، ކުރިއަށްއޮތް ފަސްއަހަރަކީ ޒުވާނުންނަށް ވަރަށް މުހިންމު ފަސްއަހަރު ކަމަށް އަލްހާން ވިދާޅުވިއެވެ. އެހެންވީމާ ޒުވާނުން އެފުރުސަތު ނަންގަވާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ "ދިވެހި އިންސާނާ" ހަމަ އިސްކޮޅަށް ދެމިގަންނާނެ ގޮތްވެސް ދަސްކޮށްދެއްވައިފައި ކަމަށް އަލްހާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.