އަޅުގަނޑުގެ ވެރިކަން ނޫސްވެރިންނަށް ނިކަން ފަހިވާނެ: އުމަރު

އުމަރު ނަސީރުގެ ވެރިކަން ރާއްޖޭގެ ނޫސްވެރިކަމަށް ނިކަން ފަހިވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ނޫސްވެރިކަމަށާއި ނޫސްވެރިންނަށް އެންމެ ބޮޑަށް ފަހިވެގެންދަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީއާ ފުށުނާރާ ގޮތަށް ނޫސްވެރިކަމާއި ނޫސްވެރިންނަށް މިނިވަން ކަން ލިބިގެންދާނެ،" އުމަރު ވިދާޅުވިއެވެ.

އޭގެ އިތުރަށް ނޫސްވެރިކަމުގެ ދާއިރާއިން ހިލޭ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލައްވާނެ ކަމަށް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައްޔިތުން އޭނާއާ ހަވާލުކުރާ ވެރިކަމެއްގައި ޕީއެސްއެމް ވެސް މިނިވަން ވެގެންދާނެ ކަމަށެވެ. އޭގެ އިތުރަށް ބްރޯޑުކޮމްއާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި އިންފޮމޭޝަން ކޮމިޝަން އެއްކޮށްލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެތަންތަން އެއްކޮލެއްވުމަށްފަހު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބިގެންދާގޮތަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެތަންތަން އެއްތަނެއްގެ ގޮތުގައި ހިންގަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ނޫސްތައް މިނިވަންވާނެ. ޕީއެސްއެމް މިނިވަންވާނެ. ބްރޯޑުކޮމްއާއި، މީޑިއާ ކައުންސިލް އަދި އިންފޮމޭޝަން ކޮމިޝަން އެއްކޮށްލެވޭނެ. އެތަންތަނަށް ދައުލަތުގެ ބަޖެޓުން ފައިސާދެވޭނެ. އިސްލާމީ މުޖުތަމައެއްގައި ހުންނަންޖެހޭ އަޚުލާގީ މިންގަނޑު ހިފެހެއްޓޭނެ، ދެފަރާތް ހަމަހަމަކަމާއެކު ގެނެސްދޭން ޖެހޭނެ،" އުމަރު ވިދާޅުވިއެވެ.

އޭގެ އިތުރަށް އަމިއްލަ ފަރާތްތަކުން ރަޖިސްޓްރީ ކޮށްގެން ހިނގާ ނޫސްތަކަށް ވެސް ސަރުކާރުގެ ބަޖެޓުން ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "އެފަދަ ތަންތަން ހިންގުމަށް މުޅި ޚަރަދެއްނުދެވޭނެ. އެކަމަކު ކަނޑައެޅޭ ވަކި އަދަދެއް ދައުލަތުގެ ބަޖެޓުގެ ތެރެއިން ދެވޭނެ. އެފައިސާ ދޭނެ އުސޫލު ކަނޑައަޅާނީ މީޑިއާއާ ބެހޭ މުއައްސަސާއިން،" އުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.