އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރ ބައިވެރިވެއްޖެ: އެމްޓީޔޫ

އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބައިވެރި ވެއްޖެ ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) ބުނެފިއެވެ. އެމްޓީޔޫއިން ބުނީ އެ މައްސަލަ ހިނގާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ގައުމާ ހަވާލިވި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ވަރަށް ރަނގަޅަށް ވަނީ މި ޚިޔާނާތުގައި ބައިވެރިވެފައި ކަމަށެވެ.

"ޚިޔާނާތަކީ ހަމައެކަނި ފައިސާއިން ވާ އެއްޗެއް ނޫން.ކޮންމެފަދަ ސަބަބަކާއި ހުރެ ނަމަވެސް ޚިޔާނާތެއް ފޮރުވަން ނުވަތަ ދިވެހި ރައްޔިތުންނަށް އޮޅުވައިލުމަށް މަސައްކަތް ކުރުންވެސް ވާނީ ޚިޔާނާތެއް.  އަދި ރަނގަޅަށް ދަނެ ތިބެ އެމްއެމްޕީއާރުސީއާ އެއްވެސް ގުޅުމެއް ނުވާ ކަމެއް އެކުންފުނީގެ ކަމެއްކަމަށް ދައްކަން ދައްކުވައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޒިންމާއެއް މިކަމުގައި ނެތް ކަމަށް ޚަބަރު ފެތުރުމަކީ ވެސް ޚިޔާނާތެއް،" އެމްޓީޔޫއިން ބުނެފައިވެއެވެ.

އެ ޔޫނިއަނުން ބުނެފައިވަނީ މިމަހު 11 ވަނަ ދުވަހު ހެނދު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި އަޑުއެހުމަކަށް ޓޫރިޒަމް މިނިސްޓްރީން ހާޒިރުނުވި ކަމަށެވެ. އަދި ކުރީ ސަރުކާރުން ގަވާއިދާ ޚިލާފަށް ކުއްޔަށް ދީފައިވާ 33 ރަށެއް ކުއްޔަށް ހިފި ފަރާތްތަކާއި ދެމެދު އެއްބަސްވުމެއް ވެފައި ވޭތޯ ނުވަތަ ނޫންތޯ ސާފުކޮށް ނުދެއްވުމަކީ ވެސް އެ ޚިޔާނާތުގައި ޓޫރިޒަމް މިނިސްޓަރ ނުވަތަ މިނިސްޓްރީ އިން ބައިވެރި ވެފައިވާކަން ހާމަވާ ކަމެއް ކަމަށް ވެސް އެމްޓީޔޫއިން ވަނީ ބުނެފައެވެ. "އިންފޮމޭޝަން ކޮމިޝަނަރގެ ނިންމުމަށް ގޮން ޖައްސަވައި ތިމަންނަ މި މަސައްކަތް ކުރަނީ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން ކަމަށް ބުނެ ބަޔާން ނެރުމަކީވެސް އެކަމުގެ ހެއްކެއް. އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން އިންވެސްޓަރުން ގާނޫނާއި ޚިލާފަށް ކޮށްފައިވާ މުޢާމަލާތެއް ފޮރުވަން އަމިއްލައަށް މަސައްކަތް ކުރާ ކަމަށް އެ ބަޔާނުން އިއުތިރާފު ލިބޭ. އަދި އެ ބަޔާނުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ފަރާތުން އެދުނު މަޢުލޫމާތު ފޯރުކޮށްދެއްވިކަމަށް ބުނެ އޮޅުވާލައިފައިވާކަން ހިތާމަޔާއި އެކު ފާހަގަ ކުރަން،" އެމްޓީޔޫއިން ބުންޏެވެ.

އެމްޓީޔޫއިން ބުނެފައިވަނީ 33 ރަށްކުއްޔަށްދީފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށްކަމަށްވާތީ ޓޫރިޒަމް މިނިސްޓްރީއާއި ދިވެހި ވިޔަފާރިވެރިން ބައިވެރިވެގެން "ދަމައިގެންފައިވާ" އެންމެހައި ރަށްތަކުގެ އެގްރިމެންޓްތައް ބާތިލުކޮށް ދިވެހި ދައުލަތަށް އެ ހުރިހައި މުދަލެއް ނެގުމަށް ދިވެހިދައުލަތަށް ގޮވާލާ ކަމަށެވެ. އަދި "އިންވެސްޓަރގެ ރައިޓްސް ހިމާޔަތް ކުރުމަށް ކޮމްޕްރޮމައިޒް ކުރަން ޖެހިއްޖެނަމަ %33 (ތިރީސް ތިން ޕަސެންޓް) އިކުއިޓީ ޕާޓްނަރަކީ ދިވެހި ދަޢުލަތައް ކަނޑައެޅުމެވެ. އެއީ މިއިން އެއްވެސް ޕްރޮޕަޓީއަކަށް (ރަށަކަށް) އެއްވެސް ފައިސާއެއް ކުއްޔަށް ހިފި އެއްވެސް ފަރާތަކުން ދައްކާފައިނުވާތީއެވެ. ދައުލަތުން ހިންގާ މުޢާމަލާތްތަކުން ދިވެހި ދަޢުލަތް ކުއްވެރިވާ ޙާލަތްތަކުގައި އެކަމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކަންޖެހި އެފައިސާގެ މައްސަލަ ވަރަށް ބޮޑު ޕަބްލިކް ކޮންސާނަކަށް ވެފައިވާތީ އިސްވެބަޔާންކުރެވުނު ރަށްތަކުގެ މުޢާމަލާތްތަކުން ވެފައިވާ ޚިޔާނާތުގެ ޒިންމާ ކުއްޔަށް ހިފި ފަރާތްތަކުން ނަގަންޖެހޭނެއެވެ." އެތަނުން ވިދާޅުވެފައިވެއެވެ.

އެމްޓީޔޫއިން ބުނެފައިވަނީ މިނިސްޓޮރީ އޮފް ޓޫރިޒަމާއި ވިޔަފާރިވެރިންތަކެއް ގުޅިގެން ދައުލަތުން "ދަމައިގެންފައިވާ" އެންމެހައި ރަށްތަކުގެ އެގްރިމެންޓްތައް ބާތިލުކޮށް ނުވަތަ އެ މުޢާމަލާތާއި ގުޅިގެން ދޫކޮށްފައިވާ ހުރިހާ ރަށެށްގެ %33 އިކްއިޓީ ޝެއާރ ހޯލްޑަރަކީ ދިވެހި ދަޢުލަތްކަމަށް ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. މި މުޢާމަލާތާއި ގުޅޭ އެންމެހައި ކަންތައް ސިއްރުކޮށް ދިވެހި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާތީ މި ސަރުކާރުގެ މިނިސްޓަރ އޮފް ޓޫރިޒަމް އލީ ވަހީދު އެމަޤާމުން ވީހާވެސް އަވަހަކަށް ދުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އެމްޓީޔޫއިން ވަނީ ގޮވާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.