ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިޤްތިސާދީ އެޖެންޑާ ފުރިހަމަކޮށް އޭގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން މުހިންމު ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީޔޫގެ ނާއިބު ރައީސް ސަޢުދުﷲ އަޙުމަދު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ ހުޅުވިފައިވާ އިޤްތިސާދީ ސިޔާސަތަކާގެން ކަމަށެވެ. "އެހެން ކަމުން އެ އެޖެންޑާ ފުރިހަމަ ކުރެވޭނީ ސަރުކާރަށް ފުރިހަމައަށް ތާއިދުކުރާ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ކޮށްގެން،" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ "އެޖެންޑާ 19" ގައި ހިމެނެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުތައް ކަމަށެވެ. އެވަޢުދުތައް ފުއްދުމަށްޓަކައި ރައީސް އިބްރާހީމަށް މަޖިލީސް ތެރެއިން އެއްބާރުލެއްވުން ދެއްވާނެ މެމްބަރުން ތަކެއް ބޭނުންވާ ކަމަށާއި އެމީހުންނަކީ މިފަހަރު މަޖިލީހަށް ކުރިމަތި ލައްވައިފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކަންތައް ވަމުންދާ ގޮތުން އެ މެމްބަރުންގެ ގޮތުގައި ފެންނަމުން މިދަނީ އެމްޑީޕީގެ މެމްބަރުން ނުވަތަ ކެންޑިޑޭޓުން. މަޖިލީހަށް އެމްޑީޕީން ކުރިމަތިލައިފައިވާ ކެންޑިޑޭޓުންނަކީ ސާފު ލިޔެކިޔުންތަކާއެކު ހުށަހެޅުންތަކެއް ހިފައިގެން ނުކުމެތިބި ބައެއް. އެމީހުން އެބަބުނޭ މިއޭ ތިމަންނަމެންގެ ސިޔާސަތަކީ. އެހެން މީހުން އައިސް މިތިބީ ރިޝްވަތުގެ ކަޅުފައިސާ ހިފައިގެން ގޮނޑި ގަންނަން. އެހެންވީމާ އެފަދަ މީހުން ހޮވީމައި ވާނެ ގޮތަކީ ފާއިތުވި ފަސް އަހަރު ހިންގި ކޮރަޕްޝަން ރިޕީޓުވުމުގެ ފުރުސަތު އޮތުން. އެފަދަ މީހުން ގޮނޑިއަށް އައިސް ކުރާނެ ކަންކަމާމެދު ވިސްނަންއެބަޖެހޭ،" ސަޢުދު ވިދާޅުވިއެވެ.
އެފަދަ މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ސަރުކާރަށް ފުރިހަމައަށް ތާއިދު ކުރާ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަށް އޭނާ ބާރު އެޅުއްވިއެވެ.
Muhimmeh noon! Majority nethas ekan kureveyne!