މި ސަރުކާރުން ވިޔަފާރިވެރީންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭނެ: އެމްޓީޔޫ

އެމްޓީޔޫގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު، ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވިޔަފާރިވެރިންނަށް އުޖާލާ މުސްތަގުބަލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މޯލްޑިވްސް ޓްރޭޑު ޔޫނިއަން (އެމްޓީޔޫ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީޔޫގެ ނާއިބު ރައީސް ސަޢުދުﷲ އަޙުމަދު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަކީ ދިވެހި ވިޔަފާރިވެރިންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ދެ ބޭފުޅުން ކަމަށެވެ. ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތައް ޙައްލު ކޮށްދެއްވުމަށް އެބޭފުޅުން ކުރައްވާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދެއްވުމަށް އަބަދުވެސް އެމްޓީޔޫ އޮންނާނެ ކަމަށް ސަޢުދު ވިދާޅުވިއެވެ.

"ފާއިތުވެދިޔަ ފަސް އަހަރަށް ބަލާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 6 މަސްދުވަހު ވިޔަފާރިވެރިންގެ އިޙުސާސްތައް ވަރަށް ބޮޑަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ. ވިޔަފާރިވެރިންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިކަމަށް ޙައްލު ހޯދުމަށް ފާއިތުވި 6 މަސް ތެރޭ ރައީސް ވަނީ މަސައްކަތް ކޮށްދެއްވައިފައި. އޭގެ ނަތީޖާވެސް ވިޔަފާރިވެރިންނަށް ފެންނަމުންދޭ. ވިޔަފާރިތައް ކުރިއަރުވަން އެކަމާބެހޭ މުޢައްސަސާތަކުންނާއި ޚާއްސަކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ގެންދަވަނީ މަސައްކަތް ކުރައްވައި ކަންކަން ވަރަށް ގާތުން ބައްލަވަމުންކަން ފާހަގަ ކުރެވޭ،" ސަޢުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޓީޔޫ އިން ރައީސްގެ ސަމާލުކަމަށް ގެންނެވި އެމްޕީއެލްގެ ބައެއް މައްސަލަތައް ވެސް އެމަނިކުފާނު ވަނީ ވަރަށް ހަލުއި ކަމާއެކު ޙައްލުކޮށްދެއްވައިފައި ކަމަށެވެ. "ވިޔަފާރިވެރިންނާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ރައީސެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ. އެމަނިކުފާނު އިޤްތިސާދަށް އަހައްމިޔަތުކަން ދެއްވާ މިންވަރު އެއިން އެނގޭ،" ސަޢުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް ވަނީ އެސްއެމްއީ ބޭންކުގެ ހުވަފެން ޙަޤީގަތަކަށް ހައްދަވައި ދެއްވައިފައި ކަމަށެވެ. އެއީ ރައީސް ޔާމީން ސަރުކާރުގައި ކަރުދާހުގައި އޮތް ކަމަކަށް ވިޔަސް ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް ކުރިއަރުވައި ވަރުގަދަ ކުރުމަށް ޚާއްސަކޮށްގެން އުފެއްދި އެ ބޭންކުގެ ނަފާ ވެސް ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބޭންކުގެ އެމްޑީއާއެކު އެމްޓީޔޫއިން ވަނީ ބައްދަލު ކުރައްވައިފައި ކަމަށާއި އެއީ ޙަޤީގަތުގައި ވެސް އިޚުލާސްތެރިކަމާ އެކު ވިޔަފާރި ކުރިއެރުވުމަށް އުފެއްދި ތަނެއް ކަން އެ ބައްދަލުވުމުން ވެސް އެނގުނު ކަމަށް ސަޢުދު ވިދާޅުވިއެވެ. އެހެން ކަމުން މިސަރުކާރުގައި ފިޔާފާރިތައް ކުރިއަރާނެ ކަމާމެދު އެމްޓީޔޫއިން ޝައްކު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.