އަޅުގަނޑުމެން މިތިބީ ސަސްޕެންޑްކުރި ކައުންސިލަރުންނާއެކު: ފައިސަލް

އައްޑޫސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 7 ކައުންސިލަރުންގެ ތެރެއިން 4 ކައުންސިލަރުން އެއްމަސް ދުވަހަށް ސަސްޕެންޑް ކުރުމުން ދެންތިބި ތިން ކައުންސިލަރުން އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލަރ ފައިސަލް އިބްރާހީމް ވިދާޅުވީ ކައުންސިލްގެ 4 މެންބަރުން ބަންދު ކުރުމަކީ ގާނޫނާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. "އެހެން ކަމުން ސަސްޕެންޑް ނުކޮށް ތިބި އަޅުގަނޑުމެންގެ ތިން ކައުންސިލަރުންވެސް މިތިބީ އެބޭފުޅުންގެ ފަހަތުގައި،" ފައިސަލް ވިދާޅުވިއެވެ.

ފެބުރުއަރީ 5 ވަނަދުވަހު އައްޑޫސިޓީ ކައުންސިލުން ނެރުނު ގާރާރަކާ ގުޅިގެން އެއްމަސް ދުވަހަށް އެލްޖީއޭ އިން ސަސްޕެންޑްކޮށްފައިވަނީ މޭޔަރު އަބްދުﷲ ސާދިގާއި، ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި، ކައުންސިލަރ އަލީ ފަހުމީ އަހުމަދާއި، ކައުންސިލަރ ޖަމްޝީދާ މުހައްމަދެވެ.

އެ ހަތަރު ބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ މާޗު 19 ވަނަދުވަހުން ފެށިގެންނެވެ. އެ މުއްދަތުގައި އެބޭފުޅުންނަށް މުސާރައާއި އިނާޔަތްތައްވެސް ލިބި ވަޑައިނުގަންނަވާނެއެވެ.

"އެގަރާރުގައި ހަތަރު ކައުންސިލަރުން ސޮއިކުރައްވައި ނެރުއްވިޔަސް އެއީ މުޅި ކައުންސިލްގެ ތާއީދާއެކު ފާސް ކުރައްވައިފައިވާ ގާރާރެއް. ގާރާރުގައި އަޅުގަނޑުމެންނަށް ސޮއި ނުކުރެވުނީ ކައުންސިލަރު ހުސައިން ހިޔާޟާއި، ކައުންސިލަރު ފައިސަލް އޭރު ތިއްބެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި. އަޅުގަނޑުހުރީ އަމިއްލަ ދަތުރެއްގައި މާލޭގޮސް،" ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވިއެވެ.

ހުސައިން ހިޔާޟާއި، ފައިސަލް އިބްރާހީމާއި، އިބްރާހީމް ޝުކުރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން ސަސްޕެންޑް ކުރެއްވުމުން ސިޓީކައުންސިލް މިހާރުވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ. އެއީ ކައުންސިލުން ފާސްކޮށްގެން ކުރަންޖެހޭ ކަންކަން ނުކުރެވޭނެތީ ކަމަށް އެބޭފުޅުން ވިދާޅވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.