ދެކުނުގެ ދެ ސިޓީ އާއި ލ. އަތޮޅުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ދެކުނުގެ ދެ ސިޓީ އާއި ލ. އަތޮޅުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށައިފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މިއަދު ފަށާފައިވަނީ އައްޑު ސިޓީއާއި ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ.

އެމްޓީސީސީން ބުނީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ 4 ބަހާއި އިސްދޫ-ކަލައިދުއަށް ދެ ބަސް އަދި ފުވައްމުލައް ސިޓީއަށް 4 ބަހާއި އައްޑޫ ސިޓީއަށް 13 ބަސް ގެންގޮސްފައިވާ ކަމަށެވެ.

މި ޚިދުމަތް އަތޮޅުތެރޭގައި ދިނުމަށް ބޭނުންވާ ބަސްތައް އެމްޓީސީސީން ގެނެސްފައިވާ ބަސްތައް އެ ސަރަހައްދުތަކަށް ފޮނުވީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ބަހުގެ ޚިދުމަތް މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އަދި ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ދިނުމަށް ވަނީ ނިންމާފައެވެ.

ބަހުގެ ޚިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރާނެ ގޮތް:

  • މާލެ ސިޓީ- 12 ބަސް 2 ރޫޓު
  • އައްޑޫ (ފޭދޫ – ހިތަދޫ) – 8 ބަސް 4 ރޫޓު
  • އައްޑޫ (ހުޅުމީދޫ) – 4 ބަސް 4 ރޫޓު
  • ފުވައްމުލަށް – 5 ބަސް 3 ރޫޓު
  • ލާމު މެއިންލޭންޑް (ގަން – ފޮނަދޫ) – 5 ބަސް 4 ރޫޓު
  • ލާމު އިސްދޫ – ކަލައިދޫ – 2 ބަސް 1 ރޫޓު

މާލޭގައި މިނީ ބަސް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށްވާއިރު، މިނީ ބަސް ތައާރަފްކޮށް ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

އެމްޓީސީސީން ބުނީ މިއީ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ބަސްތަކެއް ކަމަށާއި މާލޭގެ ދުއްވަން ފަސޭހަވާނެ ގޮތަށް ދިގުމިނުގައި 20 ފޫޓް ހުންނަ ބަސްތަކެއް ކަމަށެވެ. އަދި 16 ޕަސެންޖަރުންނަށް މި ބަސްތަކުގައި ދަތުރުކުރެވޭނެ ކަމަށެވެ.

މި ޖުލައި މަހުގެ 17 ގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މީގެކުރިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެ ޚިދުމަތް ލަސްވެފައިވާއިރު، އެ ޚިދުމަތް ފަށާނެ ތާރީޚެއް ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

އާރްޓީއެލް ބަހުގެ ހިދުމަތާ ގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.