ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކޯލް ސެންޓަރު، އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް ޚިދުމަތް ދޭން ވަނީ ފަށައިފި.
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯލް ސެންޓަރު ހުޅުއްވައިދެއްވީ އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާއެވެ.
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ޚިދުމަތް އިފްތިތާހުކުރެވިގެން ދިޔުމާއެކު އައްޑޫގައި އެންސްޕާ އިން ޚިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކުރެވިފައެވެ. މިގޮތުން ކުރިން ރަސްމީ ކޮންމެ ދުވަހަކު (އާދީއްތަ – ބުރާސްފަތި) ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުން ގެންދިޔަ ޚިދުމަތް، 1 ޖުލައި 2026 އިން ފެށިގެން ހަފްތާގެ 6 ދުވަހު (ހޮނިހިރު – ބުރާސްފަތި) ހެނދުނު 8:00 އިން ރޭގަނޑު 22:00 އާއި ހަމައަށް ކޯލް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެ އެވެ.
މި ގެނެވުނު ބަދަލަކީ އެންސްޕާގެ ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ޚިދުމަތްތަކުގެ މަޢުލޫމާތާއި، އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި އެންސްޕާ އިން ވިދާޅުވި އެވެ.
