ބުރުކީނާ ފާސޯގެ ސަފީރު ރައީސް އާ ބައްދަލުކޮށް ފަތްކޮޅު އަރުވައިފި

ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، ބުރުކީނާ ފާސޯގެ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ތަރައްޤީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ބުރުކީނާ ފާސޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޑިސެމްބަރު 2011 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.