ރޯވިން އެސޯސިއޭޝަނުގެ އުންމީދީ ވައިޑީޕީ ފަށައިފި

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) މިއަދު ހަވީރު ފަށައިފިއެވެ.

މި ހަރަކާތް އިފްތިތާހު ކުރުމުގެ ހަރަކާތް ބާއްވައިފައިވަނީ ހިތަދޫ އައިސްޕްލާންޓް ސަރަހައްދުގައެވެ. މި ހަރަކާތް ފަށްޓަވައި ދެއްވީ ހިތަދޫ ސްކޫލް ޕީޓީއޭގެ ނާއިބު ރައީސް އަހުމަދު ހިސާމާއި، ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އަމަން އަލީ (ޓޮމް) އެވެ. މި ރަސްމިއްޔާތުގައި ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބާއި ކޯޗުންނާއި އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހަރަކާތް މިއަދުފެށީއިރު އެކި ސްކޫޕްތަކުން 75 ދަރިވަރުން ބައިވެރިވިއެވެ. އެހެންނަމަވެސް މުޅި ޕްރޮގްރާމުގައި މިހާތަނަށް ޖުމްލަ 130 ކުދިންވަނީ ބައިވެރިވެފައި ކަމަށް އެސޯސިއޭޝަނުން ވިދާޅުވިއެވެ.

ވައިޑީޕީގެ ހަރަކާތްތައް ރޯދަމަހާ ހަމައަށް ކޮންމެ ދުވަހަކުވެސް ބާއްވާނެ ކަމަށް ރޯވިން އެސޯސިއޭޝަންގެ ރައީސް ހަބީބު ވިދާޅުވިއެވެ. އެހަރަކާތް ކުރިއަށް ގެންދާނީ ކޮންމެ ސްކޫލަކަށް ހަފްތާއަކު 3 ދުވަހު ފަރިތަކޮށްދޭ އުސޫލުންނެވެ.

"އަޅުގަނޑުމެން މިފެށީ ރޯވިން ފެމިލީގެ ހަރަކާތެއް. މިއީ ވަކި ސްކޫލްތަކަށް ނުވަތަ ޓީމްތަކެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެއްނޫން. މިއީ އެއްބައެއް، މިއީ އެއްފެމިލީއެއް. އަޅުގަނޑުމެން ބޭނުންވަނީ މުސްތަގުބަލަށް ވަރުގަދަ އެތުލީޓުން އުފައްދަން،" ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވެނީ އަދުގެ ސަރުކާރާއި ކުޅިވަރާ ބެހޭ ވުޒާރާއާއި އެވުޒާރާގެ ވަޒީރު ދެއްވާ ޚާއްސަ އެހިތެރިކަމުގެ ސަބަބުން ކަމަށެވެ. އެކަމަށްޓައި ޝުކުރު ދަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާމް ވިދާޅުވީ މިއީ ރާއްޖެއަށް ކުރިއެރުންތަކެއް ހޯދިދާނެ ދިވެހިންގެ ކުޅިވަރަކަށް ހެދިދާނެ ކަމަށެވެ. ކާބަފައިންނަކީވެސް ފަލިޖަހައިފައި ދުރުދަތުރުކޮށް އުޅުނު ބަޔަކަށްވުމުން އެހިތްވަރުގައި މަސައްކަތް ކޮށްފިނަމަ މިއީ ރާއްޖެއަށް ކާމިޔާބު ކުޅިވަރަކަށް ހެދިދާނެ ކަމުގެ ޔަގީންކަން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. "ރާއްޖެ ވަށައިގެން މިއޮތީ ކަނޑު. އެހެންވީމާ އޭގެ އެޑުވާންޓޭޖުވެސް އަޅުގަނޑުމެންނަށް ނެގެންވާނެ،" ހިސާމް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޓޮމް ވިދާޅުވީ މިސަރުކާރަކީ ޒުވާނުންގެ ސަރުކާރެއް ކަމަށެވެ. އެހެންވީމާ މިފަދަ ކުޅިވަރުތައް ކުރިއެރުވުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިދެއްވާނެ ކަމަށެވެ. މި ޕްރޮގްރާމް ފަށްޓަވައި ދެއްވުމުގެ ގޮތުން ހިސާނާއި، ޓޮމްވަނީ ރޯވިން ބޯޓަށް އަރައި ފަލިޖައްސަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.