ޑަބްލިޔުޑީސީގެ "ދިޔެގެ ހަވި" ހަވީރުން 25 ސްޓޯލް ވިކިއްޖެ

 އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން 'ދިޔެގެ ހަވި' ނަމުގައި ބާއްވާ ހަވީރު މާދަން ބާއްވާނެ ކަމަށް ޑަބްލިޔުޑީސީގެ ރައީސާ ޢާއިޝަތު ނަދާ ވިދާޅުވެއްޖެއެވެ.

"މިއީ ގޭގައި ތިބެގެން ކުދިކުދި މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް މާކެޓު ކުރުމުގެ ފުރުސަތު ދިނުމަށ ބާއްވާ ހަވީރެއް. މި ހަވީރުގައި ދައްކާލާނީ އެމީހުންގެ މަސައްކަތް. މި ހަވީރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދުއިސައްތަ ރުފިޔާއަށް ސްޓޯލެއް ލިބޭނެ. މިހާރުވެސް ފަންސަވީސް ސްޓޯލްވަރު ވިކިފައިވަނީ. އަދި ވެސް ފުރުސަތުވަނީ ހުޅުވާލެވިފައި،" ނަދާ ވިދާޅުވިއެވެ.

މި ހަވީރު ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި ޙަރަކާތް އޮންނާނީ މަރަދޫ ޕާކުގައެވެ. އެތަނުގައި މި އިވެންޓު ބާއްވަނީ އެހެންތަންތަނާ އަޅާބަލާއިރު ބޮޑު ޖާގައެއް އޮތުމުންނެވެ.

މިއީ އަންހެނުންގެ ދުވަހު ބާއްވަން ނިންމެވި ހަވީރެކެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާ ހެދި މިހާތަނަށް ވަނީ ލަސްވެފައެވެ. "އަޚުގަނޑުމެންގެ މަޤުސަދަކީ ހަމައެކަނި ވިޔަފާރި ޕްލެޓުފޯމެއް ގާއިމްކޮށްދިނުމެއްނޫން. އޭގެއިތުރަށް އިޖުތިމާޢީ ގޮތުން އަންހެނުން ގުޅުން ބަދަހިކުރުމަށް ވަރަށްބޮޑު އިސްކަމެއް އެބަދެން. އަންހެނުން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި މިކަންކުރަނީ. މީގެސަބަބުން އިޖުތިމާޢީ ގުޅުން ވަރުގަދަވާނެ އިރާދަކުރެއްވިއްޔާ،" ނަދާ ވިދާޅުވިއެވެ.

މަރަދޫގައި މި ހަވީރު ކުރިއަށްދާއިރު ހަމަ އެގަޑީގައި ހުޅުމީދޫގައި ވެސް މި ހަވީރު ކުރިއަށްދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.