އަންދަލުސްގެ ބާޒު – 80

(17 އޭޕްރީލް 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަބޫ ދާވޫދް ކުޑަކޮށް ހާސްވެފައި ބުނެފިއެވެ. [އަޅުގަނޑު މި ހުންނަނީ ތިޔަ ސުވާލުގެ ޖަވާބު އެރުވުމަށްޓަކައި ރަނގަޅު ވަގުތަކަށް އެދިގެންނެވެ.]

ބަދްރު ބިން މުޣީރާ އޭނާގެ ބައިވެރިންނާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [މަންޞޫރާއި ބަޝީރާ ދެ ބޭފުޅުން ފިޔަވައި ދެން ތިބި މީހުން އިހަށް މި ތަނުން ނުކުންނާށެވެ.]

އެ ދެ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ނުކުމެވަޑައިގަތީމާ ބަދްރު ބިން މުޣީރާ ވިދާޅުވިއެވެ. [އަބޫ ދާވޫދާއެވެ. މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެ ފަހަރަކު ކަށްޓެއް ނުޖަހާނެއެވެ. ލޯޝާއަކީ އުޑުގައި އޮތް ރަށެއް ނޫން ކަމުގައި ވަނީވިއްޔާ އަހަރެމެންގެ މީހުން ކަލޭ ތިޔަ ދައްކާ ވާހަކައިގެ ތެދުދޮގު ހަފުތާހެއްހައި ދުވަހުގެ ތެރޭގައި ބަލައިފާނޭކަން ދަންނާށެވެ. މި ވާހަކަ އަހަރެން މި ބުނަނީ، ކަލޭ ތިޔަ އައީ އަހަންނަށް މަކަރެއް ހެދުމުގެ ނިޔަތުގައި ކަމުގައި ވަނީނަމަ އެ މަކަރުގެ ހިތި ނަތީޖާއާ މެދު ވިސްނައިނުލައި ނުހުންނާށޭ ބުނެލަން ވެގެންނެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މަނިކުފާނު ކުރައްވަން ޖެހޭ އެއްވެސް ކަމެއްގެ މަޝްވަރާއެއް އަޅުގަނޑެއް ނާރުވާނަމެވެ. އަޅުގަނޑުގެ އަމަލުތައް މީގެ ކުރީން ހުރި ގޮތުން އަޅުގަނޑަށް ޝައްކު ކުރެއްވުމަކީ ވާނޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އަޅުގަނޑު މި އައީ އިހަށް އަލްޙަމްރާގައި ކަންތައް ކުރި ފަދައިން ލޯޝާގައި މަނިކުފާނަށްޓަކައި މަޅިއެއް ޖަހައިފައޭ ހީފުޅުކުރައްވާނެކަން ޔަގީނެވެ. އެކަމަކު އެންޖެލާއާއި ރަބީޢާއާ މެދު އަޅުގަނޑު ދެންނެވި ވާހަކައަކީ ތެދެއްކަން އިރު އެރުމުގެ ކުރިން އަޅުގަނޑު ސާބިތުކޮށް އަރުވައިފާނަމެވެ. އިރު އަރަންދެން އަޅުގަނޑު ހައްޔަރުކުރައްވައިފައި ބާއްވަވާށެވެ. ހެނދުނު އަޅުގަނޑު ލިޔުމުން މަނިކުފާނަށް ހުރިހައި ތަފުސީލެއް އަރުވާނަމެވެ. ހުރަގޭގައި އޮވެގެން އަޅުގަނޑަށް ލިޔެވޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވަން ވާނެއެވެ.]

ބަޝީރް ވިދާޅުވިއެވެ. [އަހަރެމެންނަށްޓަކައި ހުރި އަރަތަކަށް ވާން މަސައްކަތް ނުކުރާށެވެ. ކަލޭގެ ދުލުގެ ޖާދޫ މިހާރު ތިޔަހަރީ ކެނޑިފައެވެ. ކަލޭގެ ލިޔުމަކުންވެސް ދެނެއް އަހަރެމެން ވައުވައްދައެއް ނުލެވޭނެއެވެ. އަހަރެމެން ލޯޝާއިން މައުލޫމާތު ހޯދައި ކަލޭ ތިޔަ ދެއްކި ވާހަކައިގެ ތެދުދޮގު ބަލާނަމެވެ. ބަދްރު ކުރެއްވި ސުވާލަކަށް އަދި ކަލޭ ޖަވާބެއް ނުދެމެއް ނޫން ހެއްޔެވެ؟ އެ ދެ ކުދިންނަށް އަދަބު ދިނުން އޮތީ ކޮން ދުވަހަކު ހެއްޔެވެ؟]

[އަންނަ ހަނދުމަހުގެ ހަތަރު ވަނަ ދުވަހަށް އިރު އޮއްސުމާއެކު އެ ދެ ކުދިން ދިރިތިއްބައި އަންދައިލާނެއެވެ.]

މަންޞޫރު ވިދާޅުވިއެވެ. [ކަލޭ އެދިގެން ތިޔަ އައީ އަހަރެމެން އެ ދުވަހު ލޯޝާއަށް ހަމަލަދޭން ހެއްޔެވެ؟ ފެރްނާންދޯގެ ތިޔަ އެދުން އަހަރެމެންނަށް ފުއްދައި ދެވިދާނެއެވެ. އެކަމަކު ދެރައީ ލޯޝާ ތަންކޮޅެއް ދުރުގައި އޮތް ކަމެވެ. ހަނގުރާމައިގެ މުއާމަލާތްތަކުގައި އަހަރެމެންގެ ޖާސޫސުންގެ ކުޅަދާނަކަމާއި ހުނަރުވެރިކަމާއި ވިސްނުންތެރިކަމުގެ އަންދާސާ ކަލޭ ކޮށްގެން ތިޔަ އުޅެނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ސަހަރަހައްދީ ރޮނގުގެ ކައިރީގައި މަކަރުވެރިކަމުގެ މަޅިޖަހައިގެން ތިބިއްޔާ ފެރްނާންދޯގެ އެދުމަށް އިހުތިރާމުކުރަން މަޖުބޫރުވުމަކީ ފަހަރެއްގައި ވެދާނޭ ކަމެކެވެ. އަހަރެމެން މިތިބީ އެކަހަލަ މަޅިއެއްގައި ޖެހެން ތައްޔާރަކަށް ނޫނެވެ. ކަލޭމެން މަޅީގައި ޖައްސަން ތިޔަ އުޅޭ ބާޒުތަކަކީ ކަނު ބައެއް ނޫނެވެ.]

ބަދްރު ބުންޏެވެ. [އަބޫ ދާވޫދާއެވެ. އެންޖެލާއާއި ރަބީޢާއަށް ކޯޓުން ހުކުމެއްކުރިކަމަށް އަހަރެމެން ގަބޫލުކޮށްފާނަމެވެ. އެކަމަކު ކަލޭ ތިޔަ އައިސްގެން އުޅެނީ ސަރުކާރާއި ކޯޓާވެސް ގުޅިގެން، އަހަރެމެން ވައުވައްދައިގެން ލޯޝާއަށް ހަމަލަދެއްވަން ނޫންކަމުގައި އަހަރެމެން ގަބޫލުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ކަލޭ ކުޅޭ މަކަރުވެރި ކުޅިވަރެއް ނޫން ކަމަށް އަހަރެމެން ބަލަންވީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރުން އެ ކުދިން ހައްޔަރުކުރީ އަދި ކޯޓުގައި ސަރިއަތް ކުރިއަށް ގެންދިޔައީ ކަލޭގެވެސް ރުހުމާއެކީގައެއް ނޫން ހެއްޔެވެ؟ ދެން ރޭވިފައި އޮތް ގޮތަކީ އަންނަ ހަނދުމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އަހަރެމެންގެ ބޯކޮޅު ބަލަމުން ގެންދިއުމެވެ. އެ ކުދިން އަންދައިލާން ބޭނުންވާ އަށިވެސް ހުންނާނީ މިހާރު ރާވައި ނިންމައިފައެވެ. އަމިއްލަ ދަރިން އެ އަށި ދޮށަށް ގެންދާއިރުވެސް ކަލޭ ލަދެއް ނުގަންނާނެއެވެ. އެކަމަކު އަހަރެމެންގެ ހިލަމެއް ނުވީމާ ކަލެއަށް ޖެހޭނީ މަކަރުވެރިކަމުގެ ދޫލަ ނަގައި އޮޅައިފައި ބާއްވާށެވެ. މިއީ ކަލެއަށް ޖެހޭނެ ހާލެވެ. ކަލޭގެ ކިބައިގައި އިންސާނިއްޔަތުކަމުގެ ކުނޑިފުކެއްގެ މިންވަރު ހުރިނަމަވެސް އަމިއްލަ ދަރިން ލޯޝާގެ ރައްޔިތުންގެ ކުރިމަތީގައި ތަމްސީލަކަށް ނުހަދާނެއެވެ. ހަނދާންކުރާށެވެ. އަންނަ ހަނދުމަހުގެ ހަތަރުވަނަ ދުވަހު އަހަރެމެންގެ މީހުން ލޯޝާގައި އުޅޭނެއެވެ. ކަލޭ ރާވައިފައި އޮތް ކުޅިވަރު ނިމެންދެން އެމީހުން ތިބޭނެއެވެ. ކުޅިވަރު ނިމި، ކަލޭ ބަހައްޓައިފައި ހުރި އަށިން އެންޖެލާއާއި ރަބީޢާ ބާލައިގެން ގެންގޮސް ގެއަށް ވައްދައިފި ކަމުގެ ޚަބަރު ލިބުމާއެކު މިތާނގައި އަހަރެމެން ކަލޭ ދަންޖައްސާނަމެވެ. އެ ވަގުތާ ހަމައަށް ކަލޭ އޮންނާނީ އަހަރެމެންގެ ބެލުމުގެ ދަށުގައި ބަންދުގައެވެ. ކަލެއަކީ މި އައު ކުށް ކުރުމުގެ ކުރިންވެސް މަރުގެ އަދަބު ހައްގުވެފައިވާ މީހެކެވެ. ކަލޭ ދޫކޮށްލަން އަހަރެން ރުހޭނޭ އޮތީ އެންމެ ގޮތެކެވެ. އެއީ ކަލޭގެ ރޭވުމުގެ ހުރިހައި ތަފުސީލެއް ތެދު ބަހުން އަހަރެމެންނަށް ކިޔައިދިނުމެވެ. ލޯޝާގެ ރައްޔިތުންގެ ކުރިމަތީގައި ކަލޭގެ ދެ ދަރިން ކުޅިވަރަކަށް ހެދުމަކީ އަހަރެން ރުހޭނޭ ކަމެއް ނޫނެވެ.]

އަބޫ ދާވޫދް ބުންޏެވެ. [މިހާރުގެ ހާލަތަށް ބަލާއިރު އަޅުގަނޑުގެ ފުރާނައިގެ އެއްވެސް އަގެއް އޮތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ނަމަ މިތަނަށް ނައީމުހެވެ. އަޅުގަނޑުގެ ލިޔުން މަނިކުފާނަށް ހުށަހަޅަން މި އެދެނީ އިރުއެރުމާ ދެމެދު މި އޮތް ވަގުތުކޮޅެވެ. އެހެންވީމާ އަޅުގަނޑު ދެންނެވި ވާހަކަތަކުން މި ވަގުތަށް ފުދޭނޭ ކަމަށް ދެކެމެވެ.]

ބަދްރު ވިދާޅުވިއެވެ. [ކަލޭގެ ތިޔަ އެދުމާ އަހަރެމެން ދެކޮޅެއް ނުހަދަމެވެ. އެކަމަކު ކަލޭގެ ލިޔުންވެސް ވާނީ މިހާރު ތިޔަ ދެއްކިފަދަ މަކަރުވެރި އަދި ވިހަ ވާހަކަތަކަކަށް ކަމާމެދު އަހަރެން ޝައްކެއް ނުކުރަމެވެ.]

ބަދްރު ބިން މުޣީރާ އަތްތިލަބަޑިފުޅެއް ޖައްސަވައިލެއްވީމާ ސިފައިންގެ މީހަކު އެތެރެއަށް ވަދެއްޖެއެވެ. ބަދްރު ވިދާޅުވިއެވެ. [މީނާ ގެންގޮސް ރައްކާތެރި ކޮޓަރިއެއްގައި ބަންދުކޮށްފައި ބާއްވާށެވެ. ކެއިންބުއިމާއި އަރާމުކުރުމުގެ މަގު ތަނަވަސްކޮށް ދޭށެވެ. އެކަމަކު މީނާ ބެލެހެއްޓުމުގައި ފަޅި ސިކުންތަކަށްވެސް ފަރުވާ ކުޑަ ކޮށްލައިގެން ނުވާނެއެވެ.]

މިހެން ވިދާޅުވެފައި ބަދްރު ބައްލަވައިލެއްވީ އަބޫ ދާވޫދާ ދިމާއަށެވެ. [ކަލެއަށްވެސް އަހަރެން ދޭން ޖެހޭ އިންޒާރެއް އެބައޮތެވެ. ނަމަނަމަ މިތަނުން ފިލައިގެން ދާން މަސައްކަތް ނުކުރައްޗެވެ. އެއީ ކާމިޔާބުވާނޭ ކަމެއް ނޫނެވެ.]

އަބޫ ދާވޫދް އެއްވެސް ޖަވާބެއް ނުދީ އެ ސިފައިންގެ މީހާޔާ އެކީ ގޮސް ކޮޓަރިކޮޅުން ނުކުމެއްޖެއެވެ. ނުކުތުމާއެކު ބޭރު ދޮރުކޮޅުމަތީގައި ކަނޑި ހިފައިގެން ތިބި ސިފައިންގެ ހަތަރު މީހަކުވެސް އޭނާޔާއެކު ހިނގައިގެންފިއެވެ.

ކުޑަ ހިނދުކޮޅެއް ވާންދެން ބަދްރާއި ބަޝީރާއި މަންޞޫރާ ތިން ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވާން ތިއްބެވިއެވެ. ބަދްރު ކަންބޮޑުވެވަޑައިގެން ތެދުވެ ވަޑައިގެން ކުޑަދޮރުކޮޅުގެ ކައިރިއަށް ވަޑައިގެން ބޭރު ބައްލަވާން ފައްޓަވައިފިއެވެ. އެ ވަގުތު ވިސްނަވަމުން ގެންދެވިއެވެ. [އޭނާ އެ ދެއްކީ ތެދު ވާހަކައެއް ބާވައެވެ؟ އެއީ ފަހަރެއްގައިވެސް ވެދާނޭ ކަމެއް ބާވައެވެ؟] އަމިއްލަ ހިތްޕުޅަށް ތަސައްލީ ދެއްވުމާއެކުވެސް ރަބީޢާ އަންދައިލެވޭ މަންޒަރު ހިތްޕުޅަށް ގެންނަވާންވެސް ފަސޭހަފުޅެއް ނުތްވެވެ. އަމިއްލަ އަބުރު ރައްކާތެރިކުރުމަށްޓަކައި ފުރާނަ ދުއްވައިލުމަކީވެސް ރަބީޢާ ކޮށްފާނޭ ކަމެއްކަން ބަދްރަށް އެނގިވަޑައިގަނެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނައިޓަކު މަރައިލުމަކީވެސް ރަބީޢާ ކޮށްފާނޭ ކަމެއްކަން ބަދްރަށް ކަށަވަރުވެވަޑައިގަނެއެވެ. [އެއީ ކެރޭ ކުއްޖެކެވެ. އެކަމަކު... ނޫނެކެވެ... އަބޫ ދާވޫދަކީ ބޮޑު މަކަރުވެރިއެކެވެ. މިއީ ބޮޑު އޮޅުވައިލުމެކެވެ.]

މަންޞޫރު ތެދުވެވަޑައިގެން ބަދްރުގެ އަރިހަށް ވަޑައިގެންފިއެވެ. އަދި އޭނާގެ ކޮނޑުފުޅުގައި އަތްޕުޅު ބޭއްވެވުމަށް ފަހު ވިދާޅުވިއެވެ. [ބަދްރެވެ. ހިތްޕުޅު ކުޑައި ނުކުރައްވާށެވެ. އޭނާގެ ވާހަކައަކީ ތެދު ވާހަކައެއް ކަމުގައި ވަނީނަމަ ލޯޝާގެ އެއްވެސް ފާރަކަށް އަޅުގަނޑުމެން މަތަނުކުރެވޭނެކަން މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެވެ.]

ބަދްރު ބިން މުޣީރާ އެނބުރިވަޑައިގެން މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [ލޯޝާގެ އެންމެ ދެ އަންހެންކުދިންގެ ފުރާނައިގެ އަގު ގްރަނާދާގެ އެތައް ލައްކަ އަންހެންކުދިންނެއްގެ ފުރާނައަށްވުރެ ބޮޑެއް ނުވާނެއެވެ. މި މުޖާހިދުން އެ ތިބީ މުޅި ގައުމުގެ ބުރަ އެބައިމީހުންގެ ކޮނޑުއަޅައިގެންނެވެ. އެހެންވީމާ އަޅުގަނޑު އުފުލަން ޖެހޭ ބުރައެއް އެމީހުންގެ ބޮލަކަށް ނުޖަހާނަމެވެ. މި މައްސަލައަކީ ހަމައެކަނި އަޅުގަނޑާއި ބަޝީރާ ދެ މީހުންގެ ޒާތީ މައްސަލައެކެވެ.]

ދެ ބޭފުޅުން ދެން ބައްލަވައިލެއްވީ ބަޝީރާ ދިމާއަށެވެ. އޭނާވެސް ކޮޅަށް ތެދުވެވަޑައިގެންފިއެވެ. އޭނާގެ މޫނުފުޅުމަތީން ފެންނާން ހުރި އަސަރުތައް ދެނެގަތުން އެހައި ފަސޭހައެއް ނޫނެވެ. ނަގައި ބޯމަތިކޮށްފައިވާ ތޫފާނުގެ އެއްވެސް އަސަރެއް އޭނާގެ މޫނުފުޅަކުން ފެންނާކަށް ނެތެވެ. އެކަމަކު އޭނާގެ ހިތްޕުޅުގައި ވަރުނުލައި ޖަހަމުންދަނީ ކަންބޮޑުވެވަޑައިގަތުމުގެ ރާޅެވެ. ކުޑައިރުކޮޅަކު އަނެއް ދެ ބޭފުޅުންނާ ދިމާއަށް ބައްލަވާން ހުންނަވައިފައި ޒަޚަމްވެފައި ތިބި މުޖާހިދުންގެ ހާލު ބަލައިލައިފައި އެބަ އަންނަމޭ ވިދާޅުވެފައި އޭނާ އެ ކޮޓަރިކޮޅުން ނުކުމެވަޑައިގެންފިއެވެ.

މަންޞޫރު ބަދްރާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [އަބޫ ދާވޫދް ދެންނެވި ވާހަކަތައް ބަދްރަށް ގަބޫލުފުޅު ކުރެއްވޭނަމަ ލޯޝާއަށް ހަމަލަދިނުމަކީ އެދެވޭ ނަތީޖާއެއް ނުކުމެދާނޭ ކަމެއް ކަމަށް ގަބޫލުކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވެއެވެ. މިހާރު އަޅުގަނޑުމެންނަށް އެންމެ ފައިދާހުރި ކަމަކަށް ވާނީ ފެރްނާންދޯގެ ސަމާލުކަން އެއްފަހަރާ ދެ ދިމާއަކަށް އަނބުރައިލުމެވެ.]

(4)

ވިދިގެން އައި ދުވަހުގެ ހެދުނުގެ ވަގުތެވެ. ބަދްރާއި ބަޝީރާއި މަންޞޫރާއި ބައެއް އެހެން އޮފުސަރުން ތިއްބެވީ ހެނދުނުގެ ނާސްތާ ކުރައްވާށެވެ. އެ ވަގުތު ބިރުގެންފައިވާ ސިފައިންގެ މީހަކު އައިސް ކޮޓަރިކޮޅަށް ވަދެއްޖެއެވެ. [އަބޫ ދާވޫދް އެނދު ކައިރީ ބިންމަތީގައި ހޭނެތިފައި އެބައޮތެވެ.]

އެ ބޭފުޅުން ދުވެވަޑައިގެން އަބޫ ދާވޫދް ހައްޔަރުކޮށްފައިވާ ކޮޓަރިއަށް ވެދެވަޑައިގެންފިއެވެ.

ކޮޓަރިތެރޭގައި އަބޫ ދާވޫދް ބަންޑުން އެބައޮތެވެ. ބަޝީރް ވަޑައިގެން އޭނާގެ ވިންދު ބެއްލެވުމަށް ފަހު އޭނާ އުއްޑުން ޖައްސަވައިފިއެވެ. އަދި އޭނާގެ ލޯ ހުޅުއްވައި ބައްލަވައިލެއްވުމަށް ފަހު ވިދާޅުވިއެވެ. [މީނާ މި އޮތީ މަރުވެފައެވެ. ހީވާ ގޮތުގައި މި އޮތީ ވިހައެއް ކައިގެންނެވެ.]

ކޮޓަރީގެ އެއް ކަނެއްގައި ހުރި މޭޒެއްގެ މަތީގައި ކަރުދާހާއި ގަލަމާއި ދަވާދު ހުއްޓެވެ. އަބޫ ދާވޫދް ލިޔެފައިވާ ލިޔުން ބަދްރު ނަންގަވައިގެން ބައްލަވައިލެއްވިއެވެ. ބަޝީރުގެ އަމުރުފުޅަށް ސިފައިން އައިސް އަބޫ ދާވޫދް ނަގައި އެނދުގައި ބާއްވައިފިއެވެ.

ބަޝީރް ބިން ޙަސަން އަބޫ ދާވޫދްގެ ޖީބުތައް ފާސްކުރައްވައި އެއް ޖީބުން ރިހި ކުލައިގެ ކުޑަކުޑަ ފޮށްޓެއް ނަންގަވައިފިއެވެ. ފޮށި ހުޅުއްވައިގެން ބެއްލެވުމަށް ފަހު ވިދާޅުވިއެވެ. [މީނާ ކައިފައި މިހިރީ އަދި މިހައިތަނަށް މައިތިރިއެއް ހޯދިފައި ނުވާ، ނުރައްކާތެރި ވިހައެކެވެ.]

ކިއްލާގައި ތިބި ބައެއް އެހެން ސިފައިންވެސް މަޑުމަޑުން އެތަނަށް ޖަމާވާން ފަށައިފިއެވެ. ބަދްރާއި ބަޝީރާއި މަންޞޫރާ ތިން ބޭފުޅުން ތިއްބަވައިފައި އެހެން އެންމެން ނުކުންނާން އެންގެވީމާ އެންމެން ބޭރަށް ނުކުމެއްޖެއެވެ. ކޮޓަރީގެ ދޮރު ލެއްޕެވުމަށް ފަހު ބަދްރު ވިދާޅުވިއެވެ. [ބަޝީރެވެ. އަހަރެމެން ހީކުޅަގޮތް މުޅީން ރަނގަޅެއް ނުވިތާއެވެ. މި ލިޔުން ނިކަން ވިދާޅުވެބައްލަވާށެވެ.]

ބަޝީރް މާ ބޮޑު ފަރުވާލެއް ނެތޭ ވިދާޅުވާ ކަހަލަ ގޮތަކަށް ބަދްރުގެ އަތްޕުޅުން އެ ކަރުދާސްތައް އަތުލައްވައިގެން ބައްލަވައިލައްވައިފިއެވެ. ދެތިން ފޮޅުވަތެއް ވިދާޅުވެވުމާއެކު މުޅި ސަމާލުކަން އޭގެ މައްޗަށް ހުއްޓިއްޖެއެވެ.

ބަދްރު ވިދާޅުވިއެވެ. [ބާރަށް ވިދާޅުވާށެވެ. އަޅުގަނޑުވެސް މަތިމަތިން ބަލައިލީއެވެ.]

ބަޝީރު ކުޑަކޮށް ސިހިވަޑައިގެން އެ ދެބޭފުޅުންނާ ދިމާއަށް ބައްލަވައިލެއްވުމަށް ފަހު ބާރަށް ވިދާޅުވާން ފައްޓަވައިފިއެވެ. އެއީ ބަދްރުގެ ނަންފުޅުގައި އަބޫ ދާވޫދް ލިޔެފައިވާ ސިޓީފުޅެކެވެ. އޭގައި ހުރީ ތިރީގައި މިވާ ވާހަކަތަކެވެ.

[މި ލިޔުން މަނިކުފާނަށް ލިބިވަޑައިގަންނަވާ އިރު އަޅުގަނޑު މި ދުނިޔެއަކު ނުހުންނާނަމެވެ. މި ލަދުމެތި މަރުގެ ޒަރީއާއިން ފިޔަވައި އެންޖެލާއާއި ރަބީޢާއާ ދެކުދިންނާ ބެހޭ ގޮތުން އަޅުގަނޑު ދެންނެވި ވާހަކަތަކީ ތެދު ވާހަކަތަކެއްކަން ސާބިތުކޮށް ދެވޭނޭ އެއްވެސް ގޮތެއް ނެތެވެ. އެހެންވީމާ އަޅުގަނޑު މި އައީ މި ކަމަށް ތައްޔާރު ވެގެންނެވެ. އަޅުގަނޑު މަރުވުމާއެކު ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީގައި އަޅުގަނޑަކީ ގައުމު ވިއްކައިގެން ކައިބޮއިހަދާ ޣައްދާރެއް ކަމަށް ވެފައިވާ މީހާގެ ވިޔާނުދާ އެދުމާއި މުޑުދާރު ރޭވުންތައްވެސް ނިމުމަކަށް އައީއެވެ. ހަގީގަތެއް ދަންނަވަންތޯއެވެ؟ ގްރަނާދާގެ ވެރިކަމުގެ ހުވަފެން ދެކި، ގައުމުގެ މައުސޫމު ރައްޔިތުންގެ ގަބުރުގެ މަތީގައި އަމިއްލަ ގަނޑުވަރު ބިނާކުރުމުގެ އެދުމުގައި ތެޅެމުން އައި އަބޫ ދާވޫދް މީގެ ހައެއްކަ ދުވަސް ކުރިން މަރުވެއްޖެއެވެ. އަމިއްލަ ދަރިންނަށްޓަކައި ރަހުމުގެ ލޮލަކުން ބަލައިލާތޯ ފެރްނާންދޯގެ ކުރިމަތީގައި އާދޭސް ކުރަމުން ދިޔަ އަބޫ ދާވޫދަށް ހަމަ އެ ދުވަހު އަމިއްލަ އަތުން އަމިއްލަ ކަރުގައި ހިފައި މަރުވާން އޮތީ މަޖުބޫރުވެފައެވެ. މިއަދު މަނިކުފާނު ތިޔަ ދެކެވަޑައިގަންނަވާ މުޅަ މަސްގަނޑު ރޭ މަނިކުފާނުގެ ކުރިފުޅުމައްޗަށް އައީ ހަމައެކަނި ބައްޕައެއްގެ ހައިސިއްޔަތުންނެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.