އަންދަލުސްގެ ބާޒު - 6

(16 އޯގަސްޓް 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެރޭ އޮންނާން ޖެހޭނީ މުސްލިމުންގެ ގައިދުގައި ކަމެއް މީގެ އެއް ރޭ ކުރީން ކައުންޓް ސަންތިއާގޯގެ ހިތަކަށްވެސް ނާރައެވެ. މުސްލިމުންގެ އެންމެ ފަހު މީހާއަށް ދާންދެން ގަތުލުކޮށްފައި ނޫނީ އެނބުރި ރަށަށް ނާންނާން، އެއް ރޭ ކުރީން އެބައިމީހުން ވަނީ މަރިޔަމްގެފާނުގެ ބުދުގެ ކުރިމަތީގައި ހުވައި ކޮށްފައެވެ.

މުސްލިމުން ވަރުގަދަ ދިފާޢީ ހަމަލައެއް ދޭނޭކަން އޭނާއަށް އެނގެއެވެ. އެކަމަކު މުޣީރާ އަވަހާރަވުމަށް ފަހު އެހައި ވަރުގަދަ ޙަމަލައަކަށް މުސްލިމުން ތައްޔާރުވެގެން ތިބޭނޭ ކަމަކަށް އޭނާ ލަފައެއް ނުކުރެއެވެ. ހަނގުރާމައިގެ ތެރޭގައި އޭނާއަށް ވަނީ ހުދު ހެދުމެއްގައި ހުރި ފަހުލަވާނަކު ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. އެ މީހަކު ވިދުވަރެއްހައި ހަލުވިކަމާއެކު ޖަންގަލީގެ އެއްކޮޅުން އަނެއްކޮޅަށް އަސް ދުއްވަމުން ލަޝްކަރުގެ މީހުންނަށް އިރުޝާދުދެމުން ގެންދިޔަތަން އޭނާ ދުށްޓެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. މުޣީރާއަށް ފަހު މުސްލިމުންގެ ލީޑަރަކަށް މިވީ އަދި މާ ނުރައްކާތެރި މީހެއްތާއެވެ.

އޭނާ މުޅި ރޭ ހޭދަކުރީ ކުރާނޭ ކަމެއް ނެތް ހާލަތެއްގައި އެނދުގައި އަތްއަތަށް ފުރޮޅިފުރޮޅި އޮވެއެވެ. ކާން ގެނައި އެއްޗެހި ހަމަ އެ ހުރި ގޮތަށް އަތްވެސް ނުލައި އެބަހުއްޓެވެ. އޭނާގެ މަގާމާއި ހައިސިއްޔަތުގެ ބޮޑުކަމުން ފާރަވެރިންވެސް އޭނާޔާ މުޢާމަލާތް ކުރަމުން ގެންދިޔައީ އިޙްތިރާމާއި ގަދަރުވެރިކަމާ އެކީގައެވެ. ފާރަވެރިޔަކު އޭނާޔާ ވާހަކަދައްކަން އުޅެގަތީމާ އަހަފިއެވެ. "އެ ބާޒަކީ ކާކު ހެއްޔެވެ؟ އޭނާ މިހާރު ކޮބައި ހެއްޔެވެ؟ އަހަރެން އޭނާ ދެކިލަން ބޭނުމެވެ. މުޤައްދަސް މަރިޔަމްގެފާނު ގަންދީ ބުނަމެވެ. އެއީ އިންސާނެއް ނޫނެވެ." ބައެއް ފަހަރު އަރައިގަންނަ ރުޅީގައި ހަޅޭއްވެސް ލަވައިގަނެއެވެ. "އެނބުރި ގޮސް އަހަރެންގެ މީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ކަލޭމެން އަހަރެން މަރައިނުލައި ބާއްވައިގެން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟"

އޭނާ ހައްޔަރުކުރި ވަގުތު، ފިލައިގެން ދާން ނޫޅޭނޭ ކަމަށް އޮތީ ވަޢުދުވެފައެވެ. އެހެންވީމާ އޭނާ ބާއްވައިފައި އޮންނަނީ ބިޑި އަޅުވައިފައެއް ނޫނެވެ. އަދި އޭނާގެ އަތުގައި ހުރި ހަތިޔާރެއްވެސް ނާތުލައެވެ. އޭނާ އުނަގަނޑުގައި ހުރި ޚަންޖަރު ނަގައިގެން އަމިއްލައަށް މަރުވެގަންނާން އުޅޭން ފެށުމުން ފާރަވެރިޔަކު އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. އަދި އޭނާގެ އަތުގައި ހުރި ހުރިހައި ހަތިޔާރެއް ގަދަކަމުން އަތުލައިފިއެވެ. އޭގެ ފަހުން އޭނާ ބަލަހައްޓާނޭ ވަކި ފާރަވެރިންގެ ބަޔަކު ކަނޑައަޅައިފިއެވެ. އިސް ފާރަވެރިޔާ ބުންޏެވެ. "އަހަރެމެންގެ ލީޑަރު އެނބުރި ވަޑައިގަންނަވާންދެން ކަލޭ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެކެވެ."

ވިދިގެން އައި ދުވަހުގެ މެންދުރު ވުމުގެ އިރުކޮޅެއް ކުރީން ބަދްރު އެނބުރި ވަޑައިގެންފިއެވެ. އެ ވަގުތު ޖަންގަލި ގުގުމައިގެން ދިޔައީ "ﷲ އަކްބަރު" ގެ އަޑުންނެވެ.

ރޭގަނޑު ހަތަރުދަމު ނުނިދައި، އަރާމެއް ނެތި އޮތުމަށް ފަހު ކައުންޓް ސަންތިއާގޯ ފޭލިގެއިން ނުކުމެ، ބޭރުގައި ހުރި ބޮޑު ގަހެއްގެ ހިޔަލުގައި އޮށޯވެ ނިދައިފިއެވެ. މަރުނިދީން އޭނާއަށް ހޭލެވުނީ މީސްތަކުންގެ ނަޣަރާގެ އަޑަށެވެ. ބަލައިލީއިރު އޭނާގެ ކުރިމަތީގައި މިހިރީ އެއްކަލަ ހުދު ހެދުމުގައި ހުރި މީހާއެވެ. ބަދްރުގެ ލޯފުޅު ނޫން އެހެން ތަނެއް ނުފެނެއެވެ. ހުންނެވީ މޫނުފުޅުވެސް ނިވައި ކުރައްވައިގެންނެވެ. އޭނާގެ ހުދު ހެދުންކޮޅުގައި ލޭގެ ލައްތައް ހުއްޓެވެ. ސަންތިއާގޯ އޭނާގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅާ ހަމައަށް ނަޒަރު ހިންގައިލުމަށް ފަހު ބުންޏެވެ. "އަޅުގަނޑުގެ އަތް މަނިކުފާނުގެ މޫނުފުޅާ ހަމައަށް ފޯރާނެ ނަމައެވެ. އަޅުގަނޑުމެން މިހައި ބޮޑު ބައްޔަކުން ބަލިކުރެއްވި ފަހުލަވާނުގެ މޫނުފުޅު ދެކިލަން ވަރަށް ބޭނުމެވެ."

ބަދްރު ވިދާޅުވިއެވެ. "ސިފައިންނަކީ ކާމިޔާބީއާއި ނާކާމިޔާބީއާމެދު ވިސްނާ ބައެއް ނޫނެވެ."

އެޔަށް ފަހު އެތާނގައި ތިބި ފާރަވެރިންނާ މުޚާޠަބް ކުރައްވައި ވިދާޅުވިއެވެ. "އަހަރެން އުއްމީދުކޮށްގެން ހުރީ މީނާޔާމެދު ކަލޭމެން މިޔަށްވުރެ ރަނގަޅަށް ކަންތައް ކުރާނޭ ކަމުގައެވެ. މީނާގެ ޢިއްޒަތާއި ޝަރަފުގެ މަތީން ހަނދާން ނައްތައިލީ ކީއްވެގެން ހެއްޔެވެ؟ ހަތިޔާރު އަތުލީ ކީއްވެގެން ހެއްޔެވެ؟"

ބަދްރުގެ ސިފައިންގެ މަތީ އޮފުސަރުންގެ ތެރެއިން އެކަކު ކުރިއަށް ޖެހިލައިފައި ދެންނެވިއެވެ. "ހަތިޔާރު އަތުލީ އަމިއްލައަށް މަރުވާން އުޅެގަތުމުން އެކަން ހުއްޓުވާން ވެގެންނެވެ. ހިތްވަރު ގަދަ މީހުންނަކީ އެކަހަލަ ކަންތައްތައް ކުރާ ބައެއް ނޫނެއް ނޫންތޯއެވެ."

"އޭނާގެ އަހާއި ހަތިޔާރު އަނބުރައި ދޭށެވެ. އަދި އޭނާގެ ލަޝްކަރުގެ މީހުން ކަނުބަނދެގެން އެންމެން އެކީގައި ގެންގޮސް ސަރަޙައްދީ ރޮނގުގެ އަނެއް ފަރާތަށް ލާށެވެ."

ސަންތިއާގޯ ކަންބޮޑުވެފައި ހުރެގެން އަހައިފިއެވެ. "މަނިކުފާނުގެ ސިފައިން އަޅުގަނޑުމެން ސަރަޙައްދީ ރޮނގު ހުރަސްކުރުވާ ވަގުތު ތީރުވެރިން ފުރަގަހުން ޙަމަލާ ނުދޭނޭ ކަމަށް އަޅުގަނޑު ގަބޫލު ކުރާންވީތޯއެވެ؟"

ބަދްރު ކޯފާގެ އަސަރު އެކުލެވޭ ރާގަކަށް ވިދާޅުވިއެވެ. "އެކަހަލަ ކަންތައް ކުރާ ބަޔަކީ ކަލޭމެންނެވެ. އެއީ އަހަރެމެންގެ ސަގާފަތުގެ ބައެއް ނޫނެވެ."

އެ ވަގުތު އޮފުސަރަކު ބަދްރުގެ އަރިހަށް ޖެހިލުމަށް ފަހު ކަންފަތްޕުޅު ދޮށުގައި ވައި އަޑުން ދަންނަވައިފިއެވެ. "ފިދުޔައަކާ ނުލައި އެ މީހުން ދޫކޮށްލައްވާ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ."

ބަދްރު ސުވާލުކުރެއްވިއެވެ. "ކަލޭ ދެކޭ ގޮތުގައި ފިދުޔައަކަށް ވާނީ ކިހައި ވަރެއް ހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "މަދުވެގެން ފަސް ހާހެވެ."

ބަދްރު ވިދާޅުވިއެވެ. "އެމީހުންގެ އަތުން ތިޔައިގެ ސަތޭކަ ގުނަ މިހާރު އަހަރެމެންނަށް ލިބިއްޖެއެވެ. އެ މީހުން ގެންގޮސް ސަރަޙައްދީ ރޮނގުގެ އެ ފަރާތަށް ދޫކޮށްލާށެވެ. އަނެއްކާވެސް އެމީހުންގެ ޚަޒާނާ ފުރުނީމާ ޢިއްޒަތާއެކު މިތަނަށް އަންނާން ދަޢުވަތު ދޭނީއެވެ. މިހާރު އަހަންނަށާއި އަހަރެންގެ ބައިވެރިންނަށް ބޭނުންވަނީ އަރާމެވެ."

މިހެން ވިދާޅުވެފައި ބަދްރު ކިއްލާއާ ދިމާއަށް ވަޑައިގެންފިއެވެ.

(7)

މި ކާމިޔާބީއަށް ފަހު ސަންތިއާގޯ، ބަދްރަށް އެރުވި "ސަރަޙައްދީ ބާޒު"ގެ ލަގަބު މަޑުމަޑުން މަޝްހޫރުވަމުން ގޮސް އެންމެންގެ ތެރެއަށް ޢާއްމު ވެއްޖެއެވެ. މި ލަގަބުފުޅާއެކު ބަދްރުގެ ހިތްވަރުފުޅުގަދަކަމާއި ހުސިޔާރުފުޅުކަމުގެ އެތައް ވާހަކައެއް ފެތުރިގެން ހިނގައްޖެއެވެ. ޚުރާފާތީ ކަންތައްތަކަށް ތަބާވާ ކްރިސްޓިއަނުން ބުނާ ގޮތުގައި ސަރަޙައްދީ ބާޒަކީ އާފާޤީ މަޚްލޫޤެކެވެ. އެހެންވީމާ ޖަންގަލީގައި ހަނގުރާމަ ކުރައްވަމުން ގެންދަވާއިރު، ހަމަ އެ ވަގުތު އެތައް ސަތޭކަ މޭލެއްގެ ދުރުމިނުގައި އޮންނަ ކްރިސްޓިއަން ރަށެއްގައި ހަނގުރާމަ ކުރައްވަމުން ގެންދަވާތަންވެސް ވަނީ ފެނިފައެވެ. ފެރްނާންދޯގެ ރަސްކަމުން ފެށިގެން ގްރަނާދާއާ ހަމައަށް މި ޚަބަރުތައް ވަނީ ފޯރައިފައެވެ. އިސްލާމީ ޢިލްމުވެރިންނާއި މުވައްރިޚުން ބަޔާންކޮށްފައި ވަނީ އެއީ ޣާޒީއެއް ކަމުގައެވެ. ޅެންވެރިން، އޭނާޔާ އެކި ސަހަރުތަކުގެ ޝެހެޒާދީންނާ ގުޅުވައި ލޯބީގެ ޅެންތައް ހަދައި، ކިޔަމުން ގެންދެއެވެ. ލިޔުންތެރިން ވަނީ އޭނާގެ ޙަޔާތްޕުޅުގެ އެކި ކަންކަމަށް އަލިއަޅުވައި ލިޔުންތައް ލިޔެފައެވެ.

ދުރު ހިސާބުހިސާބުގައި މަސައްކަތްކުރާން ދާ ޖަނަވާރުގޮވީންވެސް މަސައްކަތް ނިންމައިފައި އެނބުރި ގެއަށް އައިސް މި ކަހަލަ އެތައް ވާހަކައެއް ކިޔައިދެއެވެ. އެވެނި ތަނަކުން، މިވެނި ވަގުތެއްގައި ސަރަޙައްދީ ބާޒު ދުށީމޭ ކިޔައިގެން ވާހަކަ ފަތުރަމުން ގެންދެއެވެ. އެހެންވީމާ މި ވާހަކަތަކަކީ މުޅި އަންދަލުހަށް މަޝްހޫރު ވާހަކަތަކަކަށް ވަމުންދަނީ ހަލުވިކަމާ އެކީގައެވެ.

ސަންތިއާގޯއަކީ ފެރްނާންދޯ އެންމެ އިތުބާރުކުރާ އަދި އެންމެ ހިތްވަރުގަދަ ކަމުގައި ދެކޭ ސިފައިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި ބޮޑު ނާކާމިޔާބީއަށް ފަހު ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި ދުޝްމިނާ ދެކޮޅަށް ވަގުތުން ސީދާ ފިޔަވަޅެއް އަޅާކަށް ފެރްނާންދޯ ބޭނުމެއް ނުވިއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ބޮޑު ލަޝްކަރެއް ފޮނުވުމުގެ ކުރީން އޭނާ ބޭނުންވީ ސަރަޙައްދުގެ އެތެރޭގައި އޭނާގެ ބާރު ގަދަ ކުރާށެވެ. ދެ އަހަރުގެ މަސައްކަތަށް ފަހު ސަރަޙައްދީ ބާޒުގެ ހައިބަތާއި ބާރު ދެރަކަން ސާބިތުކޮށްދީ، ރައްޔިތުންގެ ސިކުނޑީގައި އެ ނަންފުޅު އޮތް މިންވަރު ފަނޑުކޮށްލުމުގެ ބޭނުމުގައި އޭނާ ލަޝްކަރުތަކެއް ފޮނުވައިގެން ޙަމަލާތަކެއް ދިނެވެ. އެކަމަކު އެ ޙަމަލާތަކުން ނުކުތް ނަތީޖާއަކާ ކައުންޓް ސަންތިއާގޯ ކުޅަ ހަނގުރާމައިން ނުކުތް ނަތީޖާއަކާ މާ ބޮޑު ތަފާތެއް ނެތެވެ.

ސަރަޙައްދީ ބާޒަކީ އޭނާގެ ސަރަޙައްދުގައި ވަރަށް ވަރުގަދަ ބާރަކާއި ނުފޫޒެއް ހޯއްދަވައިފައިވާ ބޭފުޅަކުކަން ފެރްނާންދޯއަށް އެނގިއްޖެއެވެ. އެކަމަކު ލަޝްކަރީންނާއެކު ވަޑައިގެން އޭނާގެ ވެރިކަން ވައްޓައިލެވޭވަރުގެ ލަޝްކަރެއް ބަދްރަށް ލިބިވަޑައިގެންފައި ނުވާކަންވެސް ފެރްނާންދޯއަށް އެނގެއެވެ. ވުމާއެކު އޭނާގެ ހުރިހައި ވަގުތަކާއި ހަކަތައަކާއި ސަމާލުކަމެއް ހޭދަކުރީ ގްރަނާދާގެ އެންމެ ފަހުގެ ވެރިކަން ހަލާކުކޮށް ނިންމައިލުމުގެ މައްޗަށެވެ. އެ ރަށުގެ އަހުލުވެރީން ހަމައެކަނި ފެރްނާންދޯގެ ވެރިކަމުގެ ދަށުގައި ތިބުމާ ނުރުހެނީއެއް ނޫނެވެ. އެ މީހުން ގެންދިޔައީ އޭނާޔާ ދެކޮޅުހަދައި ގެއްލުނު ހައިބަތާއި މިނިވަންކަން ހޯދާން މަސައްކަތްވެސް ކުރަމުންނެވެ.

އަނެއްކޮޅުން ލިބިވަޑައިގަތް ފުރުސަތުގެ ބޭނުންފުޅު ކުރައްވައިގެން ބަދްރު ބިން މުޣީރާވެސް ގެންދެވީ އޭނާގެ އަސްކަރީ ބާރާއި ނުފޫޒު ގަދަ ކުރައްވައި އިންތިޒާމު ކުރައްވަމުންނެވެ. އެކި ރަށްރަށުގެ މީހުންނަށް ސަރަޙައްދީ ބާޒަކީ މުޣީރާގެ ޒުވާން ދަރިކަލުންކަން އެނގުނީމާ ޖިހާދުގެ ޝައުގުވެރިކަން ހުރި ބައެއް މީސްމީހުން އައިސް ބަދްރުގެ ލަޝްކަރާ ގުޅޭން ފަށައިފިއެވެ.

މިފަދައިން ރަށް ދޫކުރައްވައި ވަޑައިގެން ބަދްރުގެ ލަޝްކަރާ ގުޅިވަޑައިގަތް އެއް ބޭފުޅަކީ ކޯރްދޮބާއިން ވަޑައިގަތް ބަޝީރް ބިން ޙަސަނެވެ. ބަޝީރަކީ ޒުވާން ޢުމުރުފުޅުގައި ޢާއިލީ ދާއިރާކަމުގައިވާ ބޭސްވެރިކަމުގެ ދާއިރާއިން މަތީ ދަރަޖައެއް ހާސިލުކުރައްވައިގެން ހުންނެވި ކުޅަދާނަ ސަރުޖަނެކެވެ. ވުމާއެކު އޭނާ ހިމެނިގެން ދިޔައީ ބަދްރަށް ލިބިވަޑައިގަތް ވަރަށް ބޮޑު އެހީފުޅަކަށެވެ.

ކޯރްދޮބާއާއި ސެބިއްޔާގެ ވެރިން ވަނީ ބަޝީރްގެ އަރިހުން ޞިއްޙީ ފަރުވާ ހޯދައިފައެވެ. ކަސްތިއްޔާގެ ވަލީޢަހްދު އަހުން ވެއްޓި އަނިޔާވުމާ ގުޅިގެން ބޭސްކުރުމަށްޓަކައި ގެންދެވުނީ ބަޝީރެވެ. ބަޝީރުގެ ކުޅަދާނަފުޅުކަން ފެނިފައި ޝާހީ ޑަކްޓަރަކަށް ވެވަޑައިގަތުމުގެ ދަޢުވަތު ފެރްނާންދޯއާއި އިޒަބެއްލާ އެރުވިއެވެ. އެކަމަކު އެކަން ގަބޫލުފުޅު ނުކުރައްވައި ބަޝީރް އެނބުރި ކޯރްދޮބާއަށް ވަޑައިގަތީއެވެ. ދެ އަހަރު ފަހުން ބަދްރުގެ ސިޓީފުޅެއް ލިބިވަޑައިގަތުމާއެކު ޝާހީ ގަނޑުވަރަށް ނޫނެކޭ ވިދާޅުވެފައި ޖަންގައްޔަށް ވަޑައިގެން މުޖާހިދުންނާއި ގުޅިވަޑައިގަތީއެވެ.

(8)

އައްޒަޣަލް އާ ބައްދަލުކުރިތާ ދެ މަސް ދުވަސް ފަހުން ކޯރްދޮބާގެ ވެރިޔާ އަބުލްޙަސަން ނެރުއްވި ސިއްރު ޤަރާރަކުން، ކޯރްދޮބާގެ ސަރަޙައްދީ އިމުގެ ކައިރީން ސަރަޙައްދީ ބާޒުގެ ސަރަޙައްދާ ގުޅިފައިވާ ބައެއް ތަންތަން ބަދްރު ބިން މުޣީރާއާ ޙަވާލުކުރައްވައިފިއެވެ. އެ ތަންތަނުން ނަގާ ވާރާއި ޢަދުލު އިންޞާފުގެ ކަންތައްތަކާ ބަދްރު ބެހިވަޑައެއް ނުގަނެއެވެ. އެ ހުރިހައި ކަމެއް އޭނާ ދޫކޮށްލެއްވީ އިހަށްވެސް އޮތްގޮތަށް ރަސްމީ ގޮތުން ސަރަޙައްދު ބަލަހައްޓާ މީހުންގެ އަތްމައްޗަށެވެ. އޭނާ ބެހިވަޑައިގަތީ މިހާރުވެސް ހުރި ސިފައިންގެ އަމަން ބަލަހައްޓާ މަރުކަޒުތަކާއި ދިފާޢީ މަރުކަޒުތަކާއި އަލަށް ހަދާ އެފަދަ ތަންތަނުގެ ކަންތައްތަކާއެވެ.

އެމީހުންގެ ހުރިހައި ކަމެއް ބަލަހައްޓަވަމުން ގެންދަވާ ކޮމާންޑަރަކީ ސަރަޙައްދީ ބާޒުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ކުޅަދާނާ، ޒުވާން މުޖާހިދުކަމެއް ސިފައިންގެ މަތީ ދަރަޖައިގެ ބައެއް އޮފްސަރުން ނޫން އެކަކަށްވެސް ނޭނގެއެވެ. އެއް ދުވަހަކު ސަރަޙައްދު ބަލަހައްޓާމީހާ އެންގުމެއް އަންގައިފިއެވެ. ބައެއް ސިފައިން ޖަންގައްޔަށް ގެންދަވައިގެން ތަމްރީނު ކުރައްވާން ބޭނުންފުޅުވާ ކަމަށް ސަރަޙައްދީ ބާޒު އަންގަވައިފައިވާ ކަމުގައެވެ.

"އަހަރެން ސިފައިން ފޮނުވާނީ ދެ ޖަމާޢަތަކަށެވެ. ކޮންމެ ޖަމާޢަތެއްގައި ހިމަނާނީ ސަތޭކަ ސިފައިންނެވެ. މި ތަމްރީނުގެ ސަބަބުން ކަލޭމެންނަށް ވަރަށް ބޮޑު ފައިދާއެއް ވާނޭ ކަމަށް އަހަރެން އުއްމީދުކުރަމެވެ."

ސިފައިން ބޮޑަށް އުފާކުރީ ހަނގުރާމައިގެ އައު ހުނަރު ދަސްވާނެތީއެއް ނޫނެވެ. ސަރަޙައްދީ ބާޒު ދެކިލުމުގެ ނަސީބު ލިބޭނެތީއެވެ. ތަމްރީނު ލިބިގަތުމަށްޓަކައި ދިޔަ ސިފައިންނާ ސަރަޙައްދީ ބާޒަށް ވެގެން ބައްދަލުކުރެއްވީ، ބަދްރު ބިން މުޣީރާގެ ބަދަލުގައި އޭނާގެ ނައިބު މަންޞޫރް ބިން އަޙްމަދެވެ. ފަރުބަދަމަތީގައްޔާއި ވާދީތަކުގެ ތެރޭގައްޔާއި ޖަންގަލީގައި ހަނގުރާމަކުރާނޭ ގޮތް ދަސްކޮށްދެއްވުމަށް ފަހު މަންޞޫރު އެބައިމީހުން ފޮނުވައިލެއްވީއެވެ.

ގްރަނާދާގެ އިމުގައި އަބުލްޙަސަން ކަންތައް ކުރެއްވި ގޮތާމެދު ފެރްނާންދޯ ކަންބޮޑުވުން ފާޅުކުރީމާ އޭނާ ވިދާޅުވީ އެއީ ސަރަޙައްދީ ބާޒުގެ ޙަމަލާއަކުން ރައްކާތެރިވެވަޑައިގަތުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމުގައެވެ. އަބުލްޙަސަންގެ ވާހަކަފުޅު ފެރްނާންދޯ ގަބޫލުކުޅަ މައިގަނޑު އެއް ސަބަބަކީ އެ ފިޔަވަޅުތަކާއެކުވެސް އިން ހުރަސްކޮށް މީހުން ވަނުން އެއްވެސް ސިފައެއްގައި ބަދްރު މަނާކުރައްވައިފައި ނުވުމެވެ. އިހެކޭ އެއްގޮތަށް ކޯރްދޮބާއާއި ކަސްތިއްޔާއިން އަންނަ ވިޔަފާރިވެރިންނަށް ފެރްނާންދޯ ހުއްދަ ދިން ކަމުގެ ލިޔުމެއް ދައްކައިލީމާ، އިން ހުރަސްކޮށް ގްރަނާދާގެ ރަށްރަށަށް ވަނުމުގައި އެއްވެސް ހުރަހެއް ނެތެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.