
(28 ޖުލައި 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެން ތިބި އަމީރުންވެސް، ފަހަރަކު މީހަކު ތެދުވެ، އެ ވާހަކަތަކަށް ތާއީދުކޮށް ވާހަކަދައްކައިފިއެވެ. އަބޫ ޢަބްދުﷲ އިސް ޖަހައިލައިގެން ކުޑަ އިރުކޮޅަކު ވިސްނައިލާން އިނދެފައި ބުންޏެވެ. [އެންމެންނަށްވެސް ފެންނަނީ ތިޔަހެން ކަމުގައި ވަންޏާ އަހަރެން ދެކޮޅެއް ނުހަދާނަމެވެ.]
ފުރަތަމަ ވާހަކަދެއްކި މީހާ ހިތް ހަމަޖެހުމުގެ ނޭވައެއް ލައިފައި ބުންޏެވެ. [އެންމެ ރަނގަޅެވެ. އެހެންވީމާ އަޅުގަނޑުމެން ވީހައިވެސް އަވަހަކަށް މިތަނުން ނުކުންނާނަމެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ރަނގަޅު ވާނީ ރޭގަނޑެވެ. އެކަމަކު އެއްވެފައި ތިބި މީހުންގެ ފަރާތުން ބަޔަކު މިރޭ ގަނޑުވަރު ވަށައިގެން ފޯރިމަރަމުން އެބަ ގެންދެއެވެ. އެހެންވީމާ މާދަމާ ރެއަށް ތައްޔާރުވާނީއެވެ.]
އަބޫ ޢަބްދުﷲ މަޖިލިސް ނިންމައިލައިފިއެވެ. އެކަމަކު އިރުކޮޅަކު މަޑުކޮށްލާން ބޮޑު ވަޒީރު ގާތު ބުނެފިއެވެ. ކުޑަ އިރުކޮޅެއް ވާންދެން ކުރިމަގާމެދު އެކި ކަހަލަ ވާހަކަދައްކާން ދެ މީހުން ތިއްބެވެ.
ވާހަކަދައްކަމުން ގޮސް އަބޫ ޢަބްދުﷲ ބުނެފިއެވެ. [މިހައި ބޮޑު ގެއްލުމެއް ލިބުމާއެކުވެސް އަހަރެންގެ އަތުން ގެއްލިފައިވާ ތަޚުތާއި ތާޖު ހޯދައި ދިނުމަށްޓަކައި ފެރްނާންދޯ އަނެއްކާވެސް ހަނގުރާމައެއް ކޮށްފާނެ ކަން ޔަގީން ހެއްޔެވެ؟ ބަލިކަށި އެކުވެރިއަކަށްޓަކައި ހަނގުރާމަ ކުރުމުގެ ބަދަލުގައި އަހަރެންގެ ބޮޑުބޭބެއަކީ ބާރުގަދަ ދުޝްމިނެއް ކަމަށް ބަލައި މަސްލަހަތު އިސްކޮށް އެ ދިމާއަށް އަތް ދިއްކުރުމަކީ ނުވާނެ ކަމެއް ހެއްޔެވެ؟ މަސްލަހަތަށްޓަކައި ބައްޕައާއި ބޮޑުބޭބެއާއެކު ސުލްހަވެރިވުމުގެ އެދުމުގައި ފެރްނާންޑޯ އަހަރެމެން ދެމީހުން އެމީހުންނާ ހަވާލު ނުކުރާނެ ހެއްޔެވެ؟]
ވަޒީރު ވިސްނައިލައިފައި ބުންޏެވެ. [ތިޔަކަން އެނގޭނީ ކުރިމަގުގައި ހިނގާ ކަންތައްތަކަށް ބެލީމައެވެ. އަޅުގަނޑުމެން މި އަޅާ ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއްތޯ ނުވަތަ ނުބައި ފިޔަވަޅެއްތޯ ކަނޑައަޅަން އެނގޭނީ ކަން ހިނގާ ގޮތަކުންނެވެ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ކުރިމަގު ފެރްނާންދޯއާ ހަވާލުކޮށްގެން ނޫންތޯއެވެ؟ އެހެންވީމާ އޭނާގެ ގާތަށް ދިއުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ. އަބޫ ދާވޫދް އެތަނަށް ވަޑައިގެންފިއެވެ. އޭނާ ހުންނަވަނިކޮށް ފެރްނާންދޯ މަނިކުފާނުގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅާ ދިމާއަށް ސުލްޙައިގެ އަތްޕުޅު ދިއްކުރެއްވުން ވާނީ ބޮޑު މުއުޖިޒާތަކަށެވެ. ފިކުރުފުޅު ބޮޑު ނުކުރައްވާށެވެ. ބަލިވެވަޑައިގަތުމުގެ ބަދަލު ހިއްޕެވެންދެން ފެރްނާންދޯއަށް އަޅުގަނޑުމެންގެ ބޭނުންތެރިކަން ފިލައި ނުގޮސް އޮންނާނެއެވެ.]
އަލްޙަމްރާގެ ސަލާމަތީ ވެރިޔާ ކޮޓަރިއަށް ވަދެ ކުރުނީސް ކުރުމަށްފަހު ބުނެފިއެވެ. [އިރުމަތީ ސަރަހައްދުގެ ގަވަރުނަރު ޢިއްޒަތްތެރި ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމުގެ އިޒުނަފުޅަކަށް އެދިވަޑައިގެން އެބަހުންނެވިއެވެ.]
އަބޫ ޢަބްދުﷲ ނުރުހުމުގެ ގޮތަކަށް ބަލައިލައިފައި ބުންޏެވެ. [އަހަރެން މިއިނީ ބޮޑު ވަޒީރާ ވާހަކަދައްކަން ކަމެއް ކަލެއަކަށް ނޭނގޭ ހެއްޔެވެ؟]
އޭނާ ބުންޏެވެ. [މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑު އޭނާ ގާތު އެތައް ފަހަރަކު ތިޔަހެން ދަންނަވައިފީމެވެ. އެކަމަކު އޭނާ ދުލެއް ނުދެއްވިއެވެ. އޭނާ އައީ ވަރަށް މުހިއްމު ޚަބަރަކާއިގެންނެވެ.]
ވަޒީރު އަހައިފިއެވެ. [އޭނާ އަލްޙަމްރާއަށް ވަނީ ކީއްކުރަން، ކިހިނެއް ހެއްޔެވެ؟]
އޭނާ ބުނެފިއެވެ. [މިއަދު ހަވީރު ޢިއްޒަތްތެރި ރަސްގެފާނު ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރީން ޢިއްޒަތްތެރި އަންހެން ބޭފުޅަކު ގަނޑުވަރަށް ވަޑައިގަތެވެ. އެއީ މާތްވެގެންވާ ރާނީ ކޮންމެ ވަގުތަކުވެސް އަލްޙަމްރާއަށް ވެދެވަޑައިގަތުމުގެ އިޒުނަފުޅު ދެއްވައިފައިވާ ބޭފުޅެކެވެ. އޭނާ ރާނީގެ އަރިހަށް ވަޑައިގަންނަވަނީ ކޮންމެވެސް މެސެޖަކާއިގެންނެވެ. އެ ބޭފުޅާ ދެންނެވި ވާހަކައަކާ ގުޅިގެން ގަވަރުނަރު ގަނޑުވަރަށް ގެންނާން އެންގެވީ ރާނީއެވެ.]
އަބޫ ޢަބްދުﷲ ސުވާލުކޮށްލިއެވެ. [ރާނީ އޭނާޔާ ބައްދަލުކޮށްފި ހެއްޔެވެ؟]
[އާދޭހެވެ. އޭނާ ޢިއްޒަތްތެރި ރަސްގެފާނުގެ އަރިހަށް ގެންނާން އެންގެވީ ރާނީއެވެ. އަދި މަނިކުފާނުގެ އިޒުނަފުޅަކަށް އެދި ދަންނަވާން އެންގެވީވެސް ރާނީއެވެ.]
އަބޫ ޢަބްދުﷲ އަނެއްކާވެސް ސުވާލުކުރިއެވެ. [މިހާރު އޭނާ ކޮބައިހެއްޔެވެ؟]
[ދޮރުކޮޅުމަތީގައި އެބަހުންނެވިއެވެ. އޭނާ ބޭނުންފުޅުވީ އަމީރުންނާ ބައްދަލު ކުރެއްވި ވަގުތު މަނިކުފާނުގެ ފައިންޕުޅު ދެކެވަޑައިގަންނަވާން ވަންނަވާށެވެ. އަޅުގަނޑަށް އޭނާ މައިތިރި ކުރެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާ ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފައެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [އޭނާ ގެނައި ޚަބަރަކީ ފެރްނާންދޯ ބަލިވީ ޚަބަރު ކަމުގައި ވަނީނަމަ އެ ޚަބަރުގެ ބޭނުމެއް އަހަންނަކަށް ނެތެވެ. އެހެންވީމާ އޭނާ ގެންނާނޭ ކަމެއް ނެތެވެ.]
[ޢިއްޒަތްތެރިރަސްގެފާނެވެ. މާތްވެގެންވާ ރާނީ ވިދާޅުވީ މަނިކުފާނުގެ ފައިންޕުޅު އޭނާއަށް ދެއްކެވުމަކީ ކޮންމެހެންވެސް ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެއް ކަމުގައެވެ.]
[އަބޫ ޢަބްދުﷲ ބުންޏެވެ. [އެންމެ ރަނގަޅެވެ. އޭނާ ގެންނާށެވެ.]
ސަލާމަތީވެރިޔާ ކުރުނީސް ކޮށްފައި ނުކުމެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން އިސްކޮޅުން ދިގު، ރޫފަ ރަނގަޅު ޒުވާނަކު އެތެރެއަށް ވަދެއްޖެއެވެ. އޭނާގެ ނިތްކުރިވަނީ ފޮތިގަނޑަކުން އައްސައިފައެވެ. އަދި ވައަތްވެސް ވަނީ ކަރަށް އެއްލައިފައިވާ ފޮތިގަނޑަކާއެކު ބަނދެފައެވެ.
[ޢިއްޒަތެތްރި ރަސްގެފާނެވެ.] އޭނާ ކުރުނީސް ކޮށްފައި ބުނެފިއެވެ. [މަނިކުފާނު އަރާމުކުރައްވާ ވަގުތު މިތަނަށް އައުދެވުނީތީ ވަރަށް ބޮޑަށް މާފަށް އެދެމެވެ. އެކަމަކު މަނިކުފާނުގެ ފައިންޕުޅު ދެކިލުން ކޮންމެހެންވެސް ބޭނުން ކަމުގައި އަޅުގަނޑަށް ފެނުނީމާ އައީއެވެ.]
އަބޫ ޢަބްދުﷲ ބުނެފިއެވެ. [ކަލޭ ތިޔަހަރީ ޒަޚަމްވެފައެއް ނޫން ހެއްޔެވެ؟]
ގަވަރުނަރު ފަރުވާކުޑަ ގޮތަކަށް ބުނެފިއެވެ. [އަޅުގަނޑުގެ ޒަޚަމްތައް އެހައި ފުނެއް ނޫނެވެ. އަޅުގަނޑު މި އައީ ވަރަށް ހިތާމަވެރި ޚަބަރަކާއިގެންނެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [ކަލޭ ތިޔަ އައީ އަހަރެންގެ ބޮޑުބޭބެ ގްރަނާދާއަށް ހަމަލަދޭން އުޅޭ ޚަބަރާއިގެން ކަމުގައި ވަނީނަމަ ނުވަތަ ފެރްނާންދޯގެ ލަޝްކަރު މައިދާން ދޫކޮށް ފިލައިގެން ހިނގައްޖެ ކަމުގެ ޚަބަރު ދޭން ކަމުގައި ވަނީނަމަ އެ ހުރިހައި ކަމެއް އަހަންނަށް ވަނީ އެނގިފައެވެ.]
[ޢިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑު މި އައީ އަޅުގަނޑުގެ ސަރަހައްދުގެ ޚަބަރަކާއިގެންނެވެ.]
[އެ މީހުން ބަޣާވާތްކުރީ ދޯއެވެ؟ ތިޔައީ އަހަރެން ޝައުގުވެރިވާ ޚަބަރެއް ނޫނެވެ. ކަލޭގެ ސަރަހައްދުގެ މީހުން ގޮވަމުން ގެންދާ ގޮވެލިފަތި މި ރަށުގެ ބާޣީންގެ ގޮވެލިފައްޗަކަށްވުރެ ވަކީން ނުބައެއް ނުވާނެއެވެ.]
[ނޫނެކެވެ. އަޅުގަނޑު މި އައީ ބާޣީންގެ މަންދޫބެއްގެ ގޮތުގައެއް ނޫނެވެ. އަޅުގަނޑު އައީ އަނިޔާ ލިބެމުންދާ ރައްޔިތުންގެ ހާލަތު މަނިކުފާނަށް ދެންނެވުމުގެ ބޭނުމުގައެވެ. ބަލިވެގެން ފިލަން ދުއްވައިގަތް ކްރިސްޓިއަނުން ގެންދަނީ ސަރަހައްދީ އިމުގައި ބަދަލު ހިފުމުގެ އަނިޔާވެރި ވަހުޝީ އަމަލުތައް ހިންގަމުންނެވެ. އެބައިމީހުން އަޅުގަނޑުމެންގެ ފަނަރަ އަވަށުގައި ރޯކޮށް އަންދައިލައިފިއެވެ. މުދާ ފޭރުމުގެ އިތުރަށް އަޅުގަނޑުމެންގެ ޅަ އަންހެންދަރީންގެ ސާޅީހަކަށް ކުދިން އަސީރުކޮށްގެން ގެންގޮސްފިއެވެ. ސަރަހައްދުގެ އަނެއް ފަރާތުގެ ފާރަޖަގަހަ ތަކުގައި ތިބި ވަރަށް ގިނަ ކްރިސްޓިއަން ސިފައިންވެސް އަޅުގަނޑުމެންގެ ސަރަހައްދަށް ވަދެއްޖެއެވެ. އަޅުގަނޑުގެ ބާރުގެ ދަށުގައި ތިބީ މުޅި ޖުމުލަ ފަސް ސަތޭކަ ސިފައިންނެވެ. އޭގެ ތެރެއިން ތިން ސަތޭކަޔާ ގާތްކުރާ ޢަދަދަކަށް ސިފައިން ޝަހީދުވެއްޖެއެވެ. ހަމަލާދޭ މީހުންގެ ޢަދަދު ދަނީ ގިނަވަމުންނެވެ. އެމީހުން ކުޑަކުއްޖަކަށް، އަންހެނަކަށް ނުބަލައެވެ. އަތު ޖެހުނު މީހަކު ކަތިލަމުން ދަނީއެވެ. އެމީހުން އެ ތިބީ އިއުލާނު ނުކޮށް އަޅުގަނޑުމެންނާ ހަނގުރާމަ ފަށައިގެންނެވެ. ސަރަހައްދުގެ އަވަށްތައް ހުސްވަނީއެވެ. އަޅުގަނޑުމެން ވީހައިވެސް އަވަހަކަށް މި ލޫޓުމާރު ކުރުމާއި ގަތުލުޢާއްމު ނުހުއްޓުވައިފިއްޔާ ދެތިން ދުވަހެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްފައި ގްރަނާދާއަށް އަތުވެދާނެއެވެ.]
އަބޫ ޢަބްދުﷲ އަހައިފިއެވެ. [ތިޔަ ހާލަތުގައި އަހަރެންގެ ފަރާތުން ބޭނުން ވެގެން އުޅޭ ކަމަކީ ކޮބައި ހެއްޔެވެ؟]
ޒުވާނާ ޖޯޝާއެކު ބުނެލިއެވެ. [އަޅުގަނޑު އަމިއްލައަށް ދަންނަވާނޭ ވަކި ގޮތެއް، ވަކި ކަމެއް ނެތެވެ. އަޅުގަނޑު މި އައީ ގައުމުގެ މަޒުލޫމު އަންހެނުންނާއި ޅަދަރިންގެ އަޑު ޢިއްޒަތްތެރި ރަސްގެފާނުގެ ކަންފަތްޕުޅާ ހަމައަށް ފޯރުކޮށްދޭށެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ލޫޓުވެމުން ދަނީއެވެ. އެމީހުންގެ ކުރިމަތީގައި އެ މީހުންގެ ޅަދަރިން މަރަމުން ދަނީއެވެ. ޢިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުގެ ރައުޔު ގަބޫލުފުޅު ކުރައްވާނޭ ނަމަ އޮތް ގޮތަކީ އެ އަނިޔާވެރިންނާ ދެކޮޅަށް ހަމަ މި ވަގުތު ހަނގުރާމަ އިއުލާނު ކުރެއްވުމެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [މި ވަގުތު އަހަރެމެން ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ ދެކޮޅުވެރިންގެ ޖަމާޢަތްތައް އަލްޙަމްރާއާ ދުރަށް ޖެއްސުމުގެ މަސައްކަތެވެ. އަހަރެމެންނަށް ކުރިމަތިވެފައިވާ ދަތިތައް ކަލެއަށް އިހުސާސް ނުކުރެވޭނަމަ އަމިއްލައަށް ގޮސް މި ގަނޑުވަރުގެ ދޮރުކޮޅު މައްޗަށް އެއްވަމުންދާ މީހުން ބަލައިލާށެވެ.]
[އަޅުގަނޑު ތިޔަ މަންޒަރު ދެކެފީމެވެ. މި ހިސާބަށްވެސް އެމީހުންގެ އަޑު އެބަ ފޯރައެވެ. އެމީހުން އެއް އަޑަކުން ގޮވަމުން ގެންދަނީ ކްރިސްޓިއަނުންނަކީ އެމީހުންގެ ދުޝްމިނުން ކަމުގައެވެ. ކްރިސްޓިއަނުން ވަނީ ހިސްޕޭނިއާގައި އިސްލާމުންނަށް ދިރިއުޅޭން ދަތިވާވަރު ކޮށްފައެވެ. މިހާރު މިސްރާބު ޖަހައިފައި ވަނީ ގްރަނާދާއާ ދިމާއަށެވެ. އެމީހުން ގޮވާ ގޮވުމަކީ މިއީއެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [ކަލޭގެ ކަންފަތް ވަރަށް ތޫނެވެ. އެކަމަކު އަބޫ ޢަބްދުﷲއަކީ ޣައްދާރެކޭ، އަލްޙަމްރާ ކުދިކުދި ކޮށްލާނަމޭ ގޮވާ އަޑެއް ކަލެއަކަށް ނީވެއެއް ނޫން ހެއްޔެވެ؟]
ޒުވާން ގަވަރުނަރު ބުންޏެވެ. [ތިޔަ ހުރިހައި އަޑެއް އަޅުގަނޑު އަހައިފީމެވެ. އެކަމަކު އެއީ އަޅުގަނޑުމެންގެ މީހުންނެވެ. އެ މީހުން ދެކޭ ގޮތުގައި މަނިކުފާނަކީ އެ މީހުންގެ މުހާފިޒެވެ. ފާރަވެރިޔާއެވެ. އެ މީހުން އެދި ގޮވަނީ އަންނާން އޮތް ނުރައްކަލާ ކުރިމަތިލުމުގައި އެ މީހުންގެ ރަސްގެފާނު އެ މީހުންގެ ލީޑަރަކަށް ވެވަޑައިގަންނަވާށެވެ. މަނިކުފާނަކީ ދެކޮޅުވެރިއެއް ކަމުގައި އެ މީހުން ދެކޭ ނަމަ މި ގަނޑުވަރުގެ ދޮރުކޮޅު މައްޗަކަށް އެ ގޮތަކަށް އެކެއް ނުވީހެވެ. އެ މީހުން އެ ތިބީ ރުޅި އައިސްފައެވެ. ދެކޮޅުވެރި ރޫޙެއްގައެވެ. އެކަމަކު މަނުިކުފާނުގެ ދެތިން ބަސްފުޅަކުން އެމީހުންގެ ދެކޮޅުވެރިކަމުގެ ރޫޙު ފިނިވެގެން ހިގައިދާނެއެވެ. ހަމައެކަނި މިޔެއް ނޫނެވެ. މަނިކުފާނަށް އެ މީހުންގެ ޖޯޝާއި ފޯރީގެ މިސްރާބު އެހެން ދިމާއަކަށް އަނބުރުއްވައިވެސް ލެއްވިދާނެއެވެ. ސަރަހައްދީ ތަންތާނގައި އެމީހުންގެ އަޚުންނަށް ޖެހިފައިވާ މުސީބާތަކީ ކޮބައިކަން އެ މީހުންނަށް އެނގިފައި މަނިކުފާނު ކްރިސްޓިއަން އަނިޔާވެރިންނަށް އެބައި މީހުންގެ އަނިޔާވެރިކަމުގެ އަދަބު ދެއްވާން ބޭނުންފުޅު ކަމަށް ވިދާޅުވުމާއެކު އެއިން ކޮންމެ މީހަކުމެ މަނިކުފާނުގެ ދިދަކޮޅުގެ ދަށުގައި ހަނގުރާމަކޮށް ޝަހީދުވާން ތައްޔާރު ވެގެންފާނެއެވެ. އެހެން ނޫނީ...]
ގަވަރުނަރު ކުޑަކޮށް ޖެހިލުންވީތަން ފެނުނީމާ އަބޫ ޢަބްދުﷲ އަހައިފިއެވެ. [އެހެން ނޫނީ ކީކޭ ހެއްޔެވެ؟]
ގަވަރުނަރު ބުންޏެވެ. [އެހެން ނޫނީ އެބައިމީހުންގެ އަމިއްލަ ކުރިމަގު އައްޒަޣަލާ ހަވާލުކުރުން ނުބައި ކަމަކަށް ނުވާނެއެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [ އެ މީހުން މިހާރުވެސް އެ ތިބީ އެ މީހުންގެ ކުރިމަގު އައްޒަޣަލާ ހަވާލުކޮށްގެންނެވެ.]
[އެކަމަކު ސަރައްދީ އަވަށްތަކުގައި ކްރިސްޓިއަނުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުން އިސްލާމުންނާ މެދު އެ މީހުންގެ ނިޔަތް އޮތް ގޮތް ވަރަށް ސާފުކޮށް އެނގެއެވެ. އެހެންވީމާ މި ދަނޑިވަޅުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ހަމަލަދެމުންދާ ކްރިސްޓިއަނުންނާ ދެކޮޅަށް ހަނގުރާމަ ފަށްޓާން މަނިކުފާނު ލަޝްކަރަށް އަންގަވައިފިނަމަ އެއިން ކޮންމެ ސިފައިންގެ މީހަކަށް ގްރަނާދާގެ އާއްމުންގެ ދިހަ ފަހުލަވާނުން ނުކުންނަތަން ފެނިވަޑައިގަންނަވާނެއެވެ. މިކަން ކުރައްވައިފިނަމަ ވެގެން ދާނީ މީގެ ކުރީން އަޅުގަނޑުމެން ކުޅަ ހުރިހައި ނުބައި ކަމެއްގެ ކައްފާރާއަކަށެވެ. މަނިކުފާނުގެ ބޮޑުބޭބޭފުޅުވެސް މާޒީގެ ކުރިހައި ދެކޮޅުވެރިކަމެއް ހަނދުމަފުޅު ނައްތަވައިލައްވާނޭކަން އަޅުގަނޑަށް ޔަގީނެވެ.]
އެ ވާހަކަތަކުން އަބޫ ޢަބްދުﷲއަށް އަސަރު ކުރަމުންދާތަން ފެނުނީމާ ވަޒީރު ކުއްލިއަކަށް ބުނެފިއެވެ. [މާތް ވެގެންވާ ރަސްގެފާނުގެ އެއްވެސް އަމަލުފުޅަކީ ނުބައި ކަމެއް ކަމަށް ބުނުމަކީ ކުށެކެވެ. ކަލޭ ތިޔައީ ލަޝްކަރުގެ ޒިންމާދާރު އޮފުސަރެކެވެ.]
[ތިޔަ ވިދާޅުވާ ޒިންމާގެ އިހުސާސް ނުކުރެވޭނަމަ އަޅުގަނޑު މި ދެއްކި ވާހަކަތައް ދެއްކުނީސް ހެންނެއް ހިއެއް ނުވެއެވެ.]
އަބޫ ޢަބްދުﷲ ބުންޏެވެ. [މި ވަގުތު އަހަންނަކަށް ކަންތައް ކުރާނޭ ވަކި ގޮތެއް ނުނިންމޭނެއެވެ. ކަލޭ ގޮސް އަރާމު ކުރާށެވެ.]
ގަވަރުނަރު ބުންޏެވެ. [ޢިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑު ބޭނުން ވަނީ ހަމަ މި ވަގުތު ސަރަހައްދަށް ދާށެވެ. މިހާރު އަޅުގަނޑުމެންގެ އެތައް އަވަށެއް ސުންނާފަތިވެގެން ހިނގައިދާނެއެވެ. އިރުއަރާން ވާއިރަށް މަނިކުފާނަށް ވަކި ގޮތެއް ކަނޑަނޭޅުއްވިއްޖެނަމަ އެންމެ ކުޑަމިނުން އަޅުގަނޑަށް ފަސް ސަތޭކަ ސިފައިން ދެއްވާށެވެ. އެހައިތަނަށް އަޅުގަނޑު ރައްޔިތުންގެ ތެރެއިން ދެ ހާހެއްހައި މީހުން ތައްޔާރު ކުރާނަމެވެ. މަނިކުފާނު ހުންނެވީ ކްރިސްޓިއަނުންގެ އަނިޔާވެރިކަން ބަރުދާސް ކުރައްވާން ތައްޔާރަށް ނޫންކަން އެނގުން ވަރަށް މުހިއްމެވެ.]
ވަޒީރު ބުންޏެވެ. [އަހަރެމެން މިތިބީ ފެރްނާންދޯއާއެކު އެކުވެރިކަމުގެ މުއާހަދާއެއް ކޮށްގެންނެވެ.]
[ތިޔަކަން އޮތީ ތިޔަހެންކަން ނޭނގޭނަމަ ރަސްގެފާނަށް ނުދަންނަވައިވެސް އަޅުގަނޑު ދެ ހާހެއްހައި މީހުންގެ ލަޝްކަރެއް ތައްޔާރުކޮށްގެން ހިނގައްޖައީމުހެވެ.]
[އަހަރެމެން އިހުތިޖާޖު ކުރުމުގެ ގޮތުން ފަތިހު ފެރްނާންދޯގެ އަރިހަށް މަންދޫބަކު ފޮނުވާނަމެވެ. ސަރަހައްދަށް ކްރިސްޓިއަނުން ހަމަލަދިނީ އެ މަނިކުފާނަށް އެނގިވަޑައިގެން ނޫންކަން އަހަންނަށް ޔަގީނެވެ. އެއީ އެ މަނިކުފާނު ރުހިވަޑައިގަންނަވާނޭ ކަމެއް ނޫނެވެ.]
ގަވަރުނަރު ބުންޏެވެ. [ބަކަރިއެއްގެ އިހުތިޖާޖަކުން ހިޔަޅެއްގެ ޚަސީލަތެއް ބަދަލެއް ނުވާނެއެވެ.]
އަބޫ ޢަބްދުﷲ ނުރުހުންވެފައި ބުނެލިއެވެ. [މި ތަނުން ނުކުމެގެން ދާށެވެ. ކަލޭގެ ލަފައަކަށް ބޭނުން ވެއްޖެއްޔާ އަހަރެން ކަލޭ ގެނުވައިފާނަމެވެ. މި ވަގުތު އަހަރެން ބޭނުން ވަނީ އަރާމު ކޮށްލާށެވެ.]
[އެހެންވީމާ ޢިއްޒަތްތެރި ރަސްގެފާނުގެ އަމުރުފުޅަކީ އަޅުގަނޑުމެންގެ އާރެއް ބާރެއް ނެތް ރައްޔިތުން ހާލުގައި ޖެހޭން ދޫކޮށްލުން ކަމުގައި ބަލަންވީތޯއެވެ؟]
އަބޫ ޢަބްދުﷲ ރުންކުރުކަމާއެކު ބުންޏެވެ. [އަހަރެން އަދި އެއްވެސް އަމުރެއް ނުކުރަމެވެ. އިރުއަރަންދެން އިންތިޒާރު ކުރާށެވެ. މާދަމަޔާ ހަމައަށް ކަލެއަކީ އަހަރެންގެ މެހުމާނެކެވެ.]
އެޔަށް ފަހު އަތްތިލަބަޑިއެއް ޖަހައިލީމާ ސަލާމަތީ ވެރިޔާ އެތެރެއަށް ވަދެއްޖެއެވެ. [މީނާ ގެންގޮސް މެހުމާންސަރާއަށް ލާށެވެ.]
ގަވަރުނަރު ކަންބޮޑުވުމާއި ހިތާމަ އެކުލެވޭ ނަޒަރަކުން ރަސްގެފާނާއި ވަޒީރާ ދިމާއަށް ބަލައިލައިފައި އަނގައިންވެސް ނުބުނެ ނުކުމެގެން ހިނގައްޖެއެވެ.
(މިހައިތަނުން މި ވާހަކައިގެ ފުރަތަމަ ބައި ނިމުނީއެވެ. ދެން ފެއްޓޭނީ ދެވަނަ ބައެވެ.)
Dhevana bayah inthizaaru kuran
Hukuru dhuvahu genesdhevvaane kamah ummeedhu kuran
devana bayeh avahah kiyaaan libumah inthizaarugai huree shukuran
ދެވަނަ ބައި ފެއްޓޭނީ ކޮން ދުވަހަކުންތޯ،،
thankolhe dhigukoh genesdhevvaanekamah ummeedhukuran