އަންދަލުސްގެ ބާޒު - 12

(11 އޮކްޓޯބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަބީޢާގެ އާދަތަކާއި ވިސްނުން އޭނާގެ ބައްޕަޔާ މުޅީން ތަފާތެވެ. މައިގަނޑު ސަބަބަކީ އޭނާގެ ޢުމުރުގެ ފުރަތަމަ ތޭރަ އަހަރު ދުވަސް ބޮޑުބޭބެގެ ގޭގައި އުޅުން ކަމުގައި ވެދާނެއެވެ. ބޮޑުބޭބެގެ ގޭގެ ތަޢުލީމުގެ ސަބަބުން އޭނާއަށް ވަނީ އިސްލާމް ދީން ދެކެ ލޯބިވާން ދަސްވެފައެވެ. އިސްލާމުންނަށް މި ވަގުތު މެދުވެރިވެފައިވާ ނިކަމެތި ޙާލަތާއި ކްރިސްޓިއަނުންގެ ފަރާތުން ލިބެމުންދާ އަނިޔާގެ ސަބަބުން އޭނާގެ ހިތުގައި ކަސްތިއްޔާގެ ކްރިސްޓިއަން ސަރުކާރަށް އުފެދިފައިވާ ނަފުރަތު ވަނީ ވަރަށް ބޮޑު ވެފައެވެ. ކުޑައިރުގެ ހަނދާންތަކަކީ ދާއިމަށް ދެމިހުންނަ ހަނދާންތަކަކަށް ނުވެދާނެއެވެ. އެކަމަކު ބައްޕަގެ ގޭގެ ހިތި މާހައުލުގެ ސަބަބުން ރަބީޢާއަށް ބޮޑުބޭބެގެ ގޭގެ ހަނދާންތައް ކުރެވެނީ މާވަރަކަށެވެ. އެ ދުވަސްވަރުގެ އުފާވެރި ދަނޑިވަޅުތައް ވަނީ އޭނާގެ ހިތާމަވެރި، ހިތި ޙަޔާތުގެ ބަޔަކަށް ވެފައެވެ. އެންޖެލާ ކުޑައިރު އޭނާއަށް ބައިބްލް ކިޔަވައިދޭން ފާދިރީއަކު އާދެއެވެ. ދޮންމަންމަ އޭނާ ގާތުވެސް ބައިބްލް ދަސްކުރުމުގައި ބައިވެރިވާށޭ ބުނެއެވެ. އެކަމަކު އޭނާ ކޮންމެވެސް އުޒުރެއް ދައްކައިފައި ކޮޓަރީގައި އެކަނި އިނދެގެން ޤުރްއާން ކިޔަވަނީއެވެ.

އެންޖެލާ ކޮންމެ އާދީއްތަ ދުވަހަކު އޭނާގެ މަންމަޔާއެކު ފައްޅިއަށް ދެއެވެ. ރަބީޢާ ދަނީ އަވަށްޓެރިއެއްގެ ގެއަށެވެ. އެ ގޭގެ ވެރިމީހާގެ އަނބިމީހާއަކީ އޭނާގެ މަންމަގެ އެކުވެރިއަކަށް ވާތީ އޭނާ ގާތަށެވެ.

ކަސްތިއަޔާގައި ދެ ރޭ ހޭދަކުރި ފަހުން ރަބީޢާއަށް އެނގުނު ގޮތުގައި އޭނާގެ ބޮޑުބޭބެ، ޢާއިލާގެ ބައެއް މީހުންނާއެކު މޮރޮކޯއަށް ހިޖުރަކޮށްފިއެވެ. އެ ޚަބަރު ލިބުމުގެ ކުރީން އޭނާގެ ހިތުގައި ކުޑަވަރެއްގެ އުއްމީދެއް އޮވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން ގްރަނާދާއަށް ދެވޭނޭ ކަމުގެ އުއްމީދެވެ. ތޮލޭދޯއިން ވަކިވެފައިވާ ގާތްތިމާގެ މީހުންނާ ބައްދަލުވެލުމުގެ ފުރުސަތު ޤުދްރަތުން ދެއްވާނޭ ކަމުގެ އުއްމީދެވެ. އެކަމަށް އެދީ އޭނާ ދުޢާވެސް ކުރެއެވެ. އެކަމަކު އެމީހުން މޮރޮކޯއަށް ދިޔަ ޚަބަރު ލިބުނީމާ އޭނާގެ ހިތް ހަލާކުވެއްޖެއެވެ. އެތައް ދުވަހެއް ވާންދެން ސިއްރިއްޔާތުގައި ރޮއިއުޅުނެވެ.

ހުރިހައި މުނާފިގުކަމަކާއި ނުބައިކަމަކާއެކުވެސް އަބޫ ދާވޫދް ރަބީޢާ ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. މާރިޔާގެ ތާއަބަދުގެ ޝަކުވާއަކީވެސް އެއީއެވެ. އެންޖެލާއަށް ވުރެ ބޮޑަށް ރަބީޢާ ދެކެ އޭނާ ލޯބިވެއޭ ކިޔައިގެން މާރިޔާ ޝަކުވާ ކުރެއެވެ. ޖަވާބުގައި އަބޫ ދާވޫދް ބުނަނީ މާރިޔާ ދިރިދުނިޔޭގައި އިންދައި އެންޖެލާއަށް އޭނާގެ ލޯބީގެ މާ ބޮޑު ބޭނުމެއް ނޯންނާނޭ ކަމުގައެވެ. ރަބީޢާ ދެކެ ލޯބިވާން ހުރި މީހަކި ހަމައެކަނި އޭނާ ކަމުގައެވެ.

މާރިއާއަކީ ރުޅި ގަދަ މީހެކެވެ. އޭނާގެ ހަރުކަށިކަމާއި ރުޅިގަދަ ކަމުގެ ސަބަބުން ރަބީޢާއަށް ދަސްވެފައިވަނީ އޭނާ ދެކެ ރުޅި އަންނާށެވެ. އެންޖެލާއަށް ކިބުރުވެރިކަމާއި ބޮޑާކަން ދަސްވެފައި ވަނީ އޭނާގެ މަންމަގެ ފަރާތުން ވާރުތަވެފައިވާ ސިފައެއްގެ ގޮތުގައެވެ. އެކަމަކު އޭނާގެ މަންމަ ފަދައިން ރަބީޢާގެ ލޯބީގެ ޖަވާބުގައި ނަފުރަތުގެ ކުލަވަރު ދެއްކުމަކީ އެންޖެލާއަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. މަންމަގެ ފަރާތުން ރަބީޢާއަށް ތަޢައްސުބުގެ ކުލަވަރު ދައްކާން ފަށައިފިނަމަ އެންޖެލާ ޖެހެނީ ދައްތަގެ ކޮޅަށެވެ. ދައްތަގެ ލޯބި ހިތުގައި އޮތް ނަމަވެސް ދީނީ ކަންކަމުގައި އޭނާއަކީވެސް މަންމަ ފަދައިން ހަރުކަށި ކުއްޖެކެވެ.

ދީނީ ކަންކަމުގައި އެންޖެލާއާއިވެސް އަދި ދޮން މަންމަ މާރިއާއާ ވެސް ޒުވާބު ކުރުމަކީ ރަބީޢާ ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ބަލަނީ ޒުވާބެއްގެ ތެރެއަށް ނުވަދެ ވޭތޯއެވެ. އެކަމަކު ބައެއް ކަހަލަ ދީނީ ކަންކަމުގައި ދެކޮޅު ހަދާން މަޖުބޫރުވެސް ވެއެވެ. އެފަދަ ކަމެއްގައި އަރައިރުންވާން މެދުވެރިވެއްޖެނަމަ ގިނަ ފަހަރަށް ދެކެވެނީ ޙަޤީޤަތާ ދުރު، ޖަޒުބާތީ ވާހަކަތަކެވެ. މާރިއާއާއި އެންޖެލާ މަސައްކަތް ކުރަނީ ފެރްނާންދޯގެ ރަސްކަމާއި ރޯމްގެ ކްރިސްޓިއަން ރަސްކަމުގެ ޝާންޝައުކަތާއި ވަރުގަދަ ކަމުގެ ވާހަކަދައްކައިގެން ރަބީޢާގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ. ރަބީޢާވެސް ވަކި ދުލެއް ނުކުރެއެވެ. އޭނާ މަސައްކަތް ކުރަނީ ތާރިޤާއި، މޫސާއާއި، ޢަބްދުއްރަޙްމާން އަޢުޒަމާއި، ޔޫސުފް ބިން ތާޝިފީންގެ ފަތަޙަތަކުގެ ވާހަކަދައްކައިގެން އެ ދެމައިންގެ ޚިޔާލު ބަދަލުކޮށްލެވޭތޯއެވެ.

މާރިއާ އާއި އެންޖެލާ ބުނާ ގޮތުގައި ކަލާނގެ ވަނީ އިސްލާމުން އަންދަލުހުން ނެރެލުމަށްޓަކައި ފެރްނާންދޯ އިންތިޚާބު ކުރައްވައި ކަމަށް ކަލާނގެވަނީ އެމީހުންގެ ބޮޑު ފާދިރީއަކަށް ބަޝާރަތު ކުރައްވައިފައެވެ. ޖަވާބުގައި ރަބީޢާ ބުނަނީ އަބުލް ޙަސަން ކަސްތިއްޔާގައި އިސްލާމީ ދިދަ ވިހުރުވައިލާތަން އޭނާއަށް ހުވަފެނުގައި ފެނިފައިވާ ކަމުގައެވެ.

މުޣީރާ ޝަހީދުވީ ޚަބަރު ލިބުމުން ކަސްތިއްޔާގެ އެހެން ކްރިސްޓިއަނުންނެކޭ އެއްފަދައިން މާރިއާ އާއި އެންޖެލާވެސް އުފާ ފައުޅުކޮށް އުޅުނެވެ. އެކަމަކު ރަބީޢާއަށް ލިބުނު ފިން ހިތާމައާއި ސަދުމާގެ ސަބަބުން ދެތިން ދުވަހު ނުވެސް ކައި އުޅުނެވެ، އޭގެ ފަހުން ލިބުނީ ސަރަޙައްދީ ބާޒުގެ އަތުން ސެއިންޓް ސަންތިއާގޯ ލަދުވެތި ގޮތަކަށް ބަލިވީ ޚަބަރެވެ. އެ ޚަބަރުގެ ސަބަބުން ރަބީޢާ އުފާކުރިވަރަށް މާރިއާ އާއި އެންޖެލާ ހިތާމަ ކުރިއެވެ.

އެ ދުވަހުގެ ފަހުން ގޭތެރޭގައި ދީނާ ހެދި ކުރެވޭ ޒުވާބުގައި ކޮންމެވެސް އެއް ސިފައެއްގައި ސަރަޙައްދީ ބާޒުގެ ވާހަކަ ދެކެވެއެވެ. ރަބީޢާ ގެންދިޔައީ ބާޒުގެ ހިތްވަރުގަދަ ކަމުގެ ވާހަކަ އޭނާޔާ ހަމައަށް އަންނަ ވަރަށްވުރެ މާ ބޮޑުކޮށްގެން ދައްކަމުންނެވެ. ރޭގަނޑު މާރިއާ އާއި އެންޖެލާ މަރިޔަމްގެފާނުގެ ބުދު ދޮށުގައި ކްރިސްޓިއަނުންނަށް ކާމިޔާބީ ލިބޭތޯ ދުޢާކުރަން ތިބޭއިރު ރަބީޢާ އިންނަނީ ކޮޓަރީގައި ނަމާދުކޮށްގެރން އިސްލާމުންނަށް ކާމިޔާބީއަށް އެދި ދުޢާކުރާށެވެ. މާރިއާ އަބޫދާވޫދު ގާތު ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަބީޢާ އެމީހުންގެ ދުޝްމަނުންނަށް ތާއިދުކުރާ ކަމުގެ ޝަކުވާއެވެ. އަބޫ ދާވޫދް ނުރުހުމުގެ ރާގަކަށް ރަބީޢާ ގާތު ބުންޏެވެ. "ދަރިފުޅާ ރަބީޢާއެވެ. ސަރުކާރުން ބައްޕައާއި ބައްޕަގެ ޢާއިލާއަކީ ބާޣީންކަމަށް ކަނޑައަޅައި ދަން ޖައްސާގޮތް ވާން ނޭދޭ ކަމުގައި ވަނީނަމަ ﷲ އަށް ޓަކައި ސަރަޙައްދީ ބާޒާ ބެހޭ ގޮތުން ދަރިފުޅުގެ ހިތުގައިވާ ޖަޒުބާތު ހާމަނުކޮށް އިނދެވޭތޯ ބަލާށެވެ. ދަރިފުޅުގެ މަންމަގެ ދީނުގެ މަތީގައި ހުރުމަކަށް ބައްޕަ ހުރަހެއް ނާޅަމެވެ. ނުވެސް އަޅާނަމެވެ. އެކަމަކު ހަމައެކަނި ދަރިފުޅާ ހެދި ބައްޕައަށް ފެރްނާންދޯގެ ދަރުބާރުގައި ލިބިފައިވާ ގަދަރާއި ޢިއްޒަތަށް ބުރޫ އަރާގޮތް ވުމަކީ ބައްޕަ އެއްގޮތަކަށްވެސް ރުހޭނޭ ގޮތެއް ނޫނެވެ. ސަރަޙައްދީ ބާޒަކީ ބާޣީއެކެވެ. ވަގުތު ޖެހުމާއެކު ފެރްނާންދޯގެ ސިފައިން ބާޒުގެ ދުވަސް ދުއްވައިލާނެއެވެ."

އެ ދުވަހު ރަބީޢާއަށް އިހުސާސްކުރެވުނު ގޮތުގައި ކިތަންމެ ބޮޑު ޢިލްމުވެރިއަކަށް ވިޔަސް އޭނާގެ ބައްޕަޔާއި، އުއްމީދު ކެނޑުމުގެ ސަބަބުންނާއި ކުރިމަގަށް ބަލާއިރު ކުޑަވެސް އަލިކަމެއް ފެންނާން ނެތް ކަމަށް ގަބޫލުކުރެވިގެން، ކްރިސްޓިއަން ވެރިންގެ ކިބައިން ހެޔޮކަމެއް ލިބިދާނޭ ކަމަށް ބަލައި ފަހަތުން ހިނގާ އިސްލާމުންނަކާ އެއްވެސް ތަފާތެއް ނެތެވެ.

އޭގެ ފަހުން އޭނާ ގެންދިޔައީ ބައްޕަގެ ޙަރަކާތްތަކަށާއި ޢަމަލުތަކަށް ބަލައި އިހަށްވުރެ ބޮޑު ފަރުވާތެރިކަމަކާއެކު ފިކުރު ހިންގަމުންނެވެ. މަޑުމަޑުން ގޮސް އޭނާއަށް އެނގުނު ގޮތުގައި ބައްޕަ ގިނަގިނައިން އެހެން ރަށްރަށަށް އެ ދަނީއަކީ ދަތުރުކުރުމުގެ ޝައުގުވެރިކަން ހުރެގެންނެއް ނޫނެވެ. އެއީ ފެރްނާންދޯއަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ކުރާ ދަތުރުތަކެކެވެ. އެޔާއެކު އޭނާއަށް ބީރައްޓެހިކަމާއި އެކަނިވެރިކަން އިހުސާސްކުރެވޭން ފަށައިފިއެވެ. ޢުމުރުން ދުވަސްވީ ވަރަކަށް މި އިހުސާސް ދިޔައީ ބޮޑުވަމުންނެވެ. އިސްލާމުންގެ އުޖާލާ ކުރިމަގަކަށް އޭނާ ދެކެމުން އައި ހުވަފެން މަޑުމަޑުން ފަނޑުވަމުންގޮސް ހަނދާން ނެތޭ ހިސާބަށް ހިނގައްޖެއެވެ. ސިކުނޑި ގަބުވެއްޖެއެވެ. ދިރިއުޅުމަކީ ރެޔާއިދުވާ ގުނުން ކަމުގައި ވެއްޖެއެވެ.

އެކަމަކު އަބޫ ދާވޫދާއެކު ގްރަނާދާއަށް ދާ ވާހަކަ ދެކެވުމާއެކު ފޮރުވިފައި އޮތް ޖަޒުބާތާއި އުއްމީދުތައް އަނެއްކާވެސް ހިލިގެންފިއެވެ. އަބޫ ދާވޫދްގެ ޙަޤީޤީ މަގުސަދަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ. ދަތުރުމަތީގައި މަޑުކޮށްލާ ކޮންމެ ތަނަކާއެކު އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ބާރަށް ވިންދު ޖަހަމުން ދިޔައެވެ. ގްރަނާދާގެ ތަފާތު މަންޒަރުތައް ދިޔައީ އޭނާގެ ކުރިމަތީގައި ސިފަވަމުން، ދައުރުވަމުންނެވެ. އެ ދުވަސްވަރު އެތައް ފަހަރަކު ސަރަޙައްދީ ބާޒުގެ ވާހަކަ ދެކެވުނެވެ. އެކަމާ މާރިއާ ހުންނަނީ ރުޅި އައިސް ފުފިފައެވެ. އަބޫ ދާވޫދް މަނާކުރުމާއެކުވެސް ކޮންމެ ފާރަޖަގަހަކާ އަރައިހަމަވުމާއެކު އޭނާ އަހައިލައެވެ. "އަހަރެމެން މި ދަތުރުކުރާ މަގުމަތީން ސަރަޙައްދީ ބާޒުގެ ޙަމަލައަކާ ކުރިމައްޗެއް ނުވާނެ ހެއްޔެވެ؟" ފާރަޖަގަހައިގައި ތިބޭ ސިފައިން އޭނާގެ ހިތްހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރެއެވެ. އެކަމަކު ދެން ދިމާވާ ފާރަޖަގަހައިންވެސް އޭނާ ބޭނުން ވަނީ ހަމަ މި ސުވާލުގެ ޖަވާބު ހޯދާށެވެ.

ދަތުރުމަތީގައި މެހުމާންސަރާއެއްގައި މަޑުކޮށްގެން ތިބި ވަގުތަކު އެތާގެ ވެރިމީހާ ގާތުވެސް މާރިއާ މި ވާހަކަ ދައްކައިފިއެވެ. އަބޫ ދާވޫދަށް މި ސުވާލުތަކުގެ އަޑު އިވިގެން އެ މީހާ ގާތު ބުނެފިއެވެ. "ސަރަޙައްދީ ބާޒަކީ އަންހެނުންނާ ޙަމަލަދޭ މީހަކު ނޫނޭ ކަލޭ ނުބުނަނީ ކީއްވެގެން ހެއްޔެވެ؟" ރަބީޢާ މި ވާހަކަތައް ޝައުގުވެރިކަމާއެކު އަޑު އަހައެވެ. އޭނާގެ ޚިޔާލީ ދުރުމި އެ ވަގުތު އަމާޒުވީ ގްރަނާދާގެ ފަރުބަދަތަކާއި ޖަންގަލީގެ ރީތި މަންޒަރުތަކަށެވެ. އޭނާއަށް ފެންނަނީ ކާކުކަން ނޭނގޭ މުޖާހިދަކު މީގެ ދެތިން އަހަރެއް ކުރީން ނުކުމެ ޢިބުރަތުން ފުރިފައިވާ ގޮތަކަށް ސެއިންޓް ސަންތިއާގޯ ބަލިކޮށްލީ ހިތްގައިމު މަންޒަރެވެ. އެކަމަކު ދަތުރުކުރަމުންދާ މަގަކީ ސަރަޙައްދީ ބާޒުގެ ސަރަޙައްދާ މާ ދުރު ސަރަޙައްދެކޭ ބައްޕަ ބުނެފައިވާތީ ރަބީޢާ ދެރަވެސް ވިއެވެ.

(4)

މިހާރު އޭނާ އެ އިނީ ސަރަޙައްދީ ބާޒުގެ ބެއްލެވުމުގެ ދަށުގައެވެ. ކަސްތިއްޔާގައި ބާޒު މަޝްހޫރުވެފައިވާ ގޮތަށް ބަލާއިރު އޭނާއަށް ސިފަކުރެވުނީ ޢުމުރުން ދުވަސްވެފައިވާ އަދި ގައިގައި މަސްޖަހައިފައިވާ، ހަރުކަށި މީހެކެވެ. އެކަމަކު އޭނާގެ ޚިޔާލުގައި ކުރަހައިފައިވާ ތަސްވީރާއި އަސްލު މީހާޔާ ވަރަށް ތަފާތެވެ. ސަރަޙައްދީ ބާޒުގެ ތޫނު ނަޒަރުފުޅުގައި ވަނީ ލޯތްބާއި ކުލުނުގެ އަސަރެވެ. އޭނާގެ ހެދިހުރި ހަށިގަނޑާއި ބުރުސޫރައިގެ ރީތިފުޅުކަމުން ރަބީޢާއަށް އަސަރު ކުރިއެވެ. އޭނާގެ ހިތްވަރުފުޅުގަދަކަމާއި ކުޅަދާނަފުޅުކަމުގެ ވާހަކަ ނީވުނު ނަމަވެސް މި ޖަޒުބާތަކަށް ބަދަލެއް ނައީހެވެ.

އިސްލާމުންގެ އެންމެ ކުޅަދާނަ ބަތަލު އެންމެ ފަހަރަކު ނަމަވެސް ފެނިލުމަކީ އޭނާއަށް ލިބުނު އަގު ނުކުރެވޭފަދަ އިނާމެކެވެ. ދިރިއުޅުމުގައި މިހައިތަނަށް އައި އެންމެ އަގުހުރި ދަނޑިވަޅަކީ އެއީއެވެ. އަމިއްލަ ފުރާނަފުޅަކަށް ބެއްލެވުމެއް ނެތި، ރަބީޢާމެން ދަތުރުކުރި ގާޑިޔާ ހުއްޓުވި ޒުވާނާއަކީ ސަރަޙައްދީ ބާޒުކަން އޭނާއަށް އެނގުނީ ފަހުންނެވެ. މޫނުފުޅު ފޮރުވައިގެން ހުންނެވީމާ އެ ބޭފުޅަކުގެ މޫނުފުޅެއް އޭނާ ނުދެކެއެވެ. އޭނާ ހޭނެތިފައި އޮއްވައި އަހަށް ލައްވައިގެން ގެންނެވި ބޭފުޅަކީ ބާޒުކަން އެނގުނީމާ އަމިއްލަ ހައިސިއްޔަތެއްވެސް އެބައޮތް ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނެވެ.

ރަބީޢާގެ ޙާލަތު ނުރައްކަލުގެ ތެރޭގައި އޮތްހައި ހިނދަކު ކޮންމެ ދުވަހަކު ހެނދުނު އެއް ފަހަރު، ހަވީރު އެއް ފަހަރު އޭނާގެ ޙާލު ބައްލަވައިލައްވާން އެ ޒުވާނާ ވަޑައިގަނެއެވެ. އެކަމަކު އޭނާގެ ޙާލަތު ރަނގަޅުވާން ފެށީމާ ވަޑައިގަތުން މަދުކޮށްލައްވައިފިއެވެ.

އޭނާގެ ބޭސް ބަދަލުކުރައްވާން ބަޝީރު ބިން ޙަސަން ދުވާލަކު ދެ ފަހަރު ވަޑައިގަނެއެވެ. އެންޖެލާ އިންނަނީ ބަޝީރުގެ ފިޔަވަޅުފުޅުގެ އަޑު އިވޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ. އަޑު އިވުމާއެކު ދުވެފައި ގޮސް ދޮރު ހުޅުވައިލައެވެ. ބަޝީރުގެ ސަމާލުކަން ރަބީޢާއަށް ދެއްވުމާއެކު އަރިހަށް އަިސް އިށީނދެ، ސަމާލުކަން އޭނާގެ މައްޗަށް އަނބުރައިލެވޭތޯ މަސައްކަތް ކުރެއެވެ.

އޭނާ ސުވާލުކުރެއެވެ. "އަޅުގަނޑުގެ ދައްތައަށް ދަތުރުކުރެއްވޭ ވަރު ވާނީ ކިހައި ދުވަހަކުންތޯއެވެ؟"

ބަޝީރު ފަރުވާލެއް ނުބަހައްޓަވާ ރާގަކަށް ވިދާޅުވިއެވެ. "ވަރަށް އަވަހަށް ވެދާނެއެވެ."

"ބަޝީރު އަތްޕުޅު ލައްވާ ކޮންމެ ބަލިމީހަކު އިސާހިތަކު ފަސޭހަވެދެއޭ ބައްޕަ ބުނުއްވިއެވެ. އެކަމަކު އެ ދުވަހު ގާޑިޔަލުން ވެއްޓިފައި ޖެހުނު ގޮތަކުން އަޅުގަނޑުގެ ދަތަކަށް ތަދުވީ ގޮތަށް އަދިވެސް ތަދު ނުފިލައި އެބަހުއްޓެވެ."

"ތިޔައީ ހީވާ ގޮތެވެ. ދަތްތައް ހުރީ ރަނގަޅަށެވެ."

"ނޫނެކެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެއް ނޫނެވެ. ރިއްސާވަރުން ރޭ އަޅުގަނޑަކަށް ނުވެސް ނިދެއެވެ."

މާރިއާ މި ވާހަކަތައް އަޑުއަހާން އިނދެފައި ބުނެފިއެވެ. "ރަނގަޅަށް ބައްލަވައިލައްވާށެވެ. އޭނާ އެ ބުނަނީ ތެދެކެވެ. ރޭ ހަތަރު ދަމު ކުކުރާ އަޑު އަޅުގަނޑުވެސް އެހީމެވެ."

"އެންމެ ރަނގަޅެވެ. އަޅުގަނޑު ބަލައިލާނަމެވެ."

ރަބީޢާގެ ބޭސް ބަދަލު ކުރައްވައި ނިންމެވުމަށް ފަހު ބަޝީރު، އެންޖެލާގެ ދަތްތައް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު މާރިއާ އާ ސުވާލުކުރެއްވިއެވެ. "މީނާ މީގެ ކުރީންވެސް ދަތުގައި ރިއްސާތީ އުޅުނުތޯއެވެ؟"

މާރިއާ ބުންޏެވެ. "ނޫޅެއެވެ."

ބަޝީރު ވިސްނުންފުޅު ހިންގަވާން ފައްޓަވައިފިއެވެ. އެންޖެލާ އެހެން ދިމާއަކަށް ބަލަހައްޓައިގެން އިނދެ ހިނިގަނޑު މަތަކުރެވޭތޯ މަސައްކަތްކުރިއެވެ.

ބަޝީރު ވިދާޅުވިއެވެ. "ދަތުގެ މުލަށް އަނިޔާއެއް ވެފައި ހުރުން އެކަށީގެންވެއެވެ. އެއްވެސް ނުބައެއް ބޭރަށް ފެންނާކަށް ނެތެވެ. އަޅުގަނޑު ބޭހެއް ދޭނަމެވެ. މި ބޭސް މީނާގެ ހިރުގަނޑުގެ ބުޑުގައި އުނގުޅުއްވާށެވެ."

ބޭސް ދެއްވުމަށް ފަހު ބަޝީރު ވަޑައިގެންފިއެވެ.

މަންމައަށް އޮޅުވައިލުމަށްޓަކައި އެންޖެލާ ހުސް އިނގިލި އަގަޔަށް ލައިގެން ހިރުގަނޑުގައި ކާއްތައި ހަދައެވެ. ބޭހެއް ބޭނުމެއް ނުކުރެއެވެ. ބައެއް ފަހަރަށް ހިރުގަނޑުން ލޭ އަންނަގޮތް އަމިއްލައަށް ހަދައިގެން މަންމައަށް ދައްކައެވެ.

މާރިއާ ބުންޏެވެ. "ދަރިފުޅާއެވެ. އެއީ ކިތަންމެ މޮޅު ޑަކްޓަރަކަށް ވިޔަސް ދީނީ ތަޢައްސަބުން ދުރެއް ނުވާނެއެވެ."

އެންޖެލާ ބުންޏެވެ. "ނޫނެކެވެ. މިއީ އޭނާ ކުރާ ކަމަކުން އަންނަ ލެއެއް ނޫނެވެ. އަހަރެންގެ ދަތުގެ ރިހުން ކުޑަވަމުން އެބަދެއެވެ."

މާރިއާ ފެންނާން ނުހުންނަ ވަގުތުި އެންޖެލާ ބާރަށް ހީނ އުޅެއެވެ. ރަބީޢާ މަލާމާތްކޮށްގަތީމާ ސީރިއަސް ވެފައި ބުންޏެވެ. "ދައްތާއެވެ. ރުޅި ނާންނާށެވެ. މީގެ ފަހުން އެކަހަލަ ކަމެއް ނުކުރާނަމެވެ. ވާގޮތް ބުނަން ހެއްޔެވެ؟ އޭނާ ފެނުނީމާ ކޮންމެވެސް ލާނެތް ކަމެއް ކޮށްލާ ހިތް ވަނީއެވެ. އަހަރެން މި ކުރަނީ މޮޔަ ކަމެއްކަން އެނގެއެވެ. އެކަމަކު ބައެއް ކަހަލަ ސަމާސައަކީ ހިތަށް ހަމަޖެހުން ލިބޭ ކަހަލަ ސަމާސައެވެ. އަހަރެންގެ ދަތްތައް ބަލައިފައި އޭނާ ފިކުރު ހިންގާން ފެށީމާ ހީނނުގަނެ އަހަންނަށް ހުރެވެނީ ކިރިޔާއެވެ. އޭނާވެސް އަހަންނާއެކު ހީނގަންނާނެ ނަމައޭ ހިތަށް އަރައެވެ."

ރަބީޢާ ކަންބޮޑުވުމާއެކު ބުންޏެވެ. "މޮޔަ ނުވާށެވެ. އޭނާގެ ދުނިޔެއާއި ކޮއްކޮގެ ދުނިޔާ މުޅީން ތަފާތެވެ. އޭނާގެ މަގާމާއި ހައިސިއްޔަތަށް ކޮއްކޮ ގަދަރު ކުރާން ވާނެއެވެ."

އެންޖެލާ ހީނގެންފިއެވެ. "ދައްތަ ތިޔަ ކަންބޮޑުވަނީ އެއްވެސް ކަމަކާ ނުލައެވެ. އަހަރެންގެ ވާހަކަ ގަބޫލުކުރާށެވެ. އެއީ އަހަރެން ކޮށްލީ ސަމާސައެކެވެ."

އެއް ދުވަހަު ބަޝީރު ވަޑައިގެން ރަބީޢާގެ ބޭސް ބަދަލުކުރި އިރު އަބޫ ދާވޫދްވެސް އިނެވެ.

މާރިއާ ބުންޏެވެ. "އެންޖެލާ ރޭވެސް އުޅުނީ ނުނިދިގެންނެވެ. އޭނާގެ ދަތްތައް އަލުން ބައްލަވައިދެއްވާށެވެ."

އަބޫ ދާވޫދް އޭނާގެ އަނބިމީހާއަށް ތާއީދުކޮށްފިއެވެ.

ބަޝީރް ވިދާޅުވިއެވެ. "މިއަދު އަޅުގަނޑު މި އައީ މުޖައްރިބު ބޭހެއް ހިފައިގެންނެވެ. ތިން ދުވަހު މި ބޭސް ބޮއިފިއްޔާ ﷲ ގެ އިރާދަފުޅާއެކު ދަތުގެ ރިހުން މުޅީން ކެނޑިދާނެއެވެ." މިހެން ވިދާޅުވެފައި ބިއްލޫރި ފުޅިއެއް އެންޖެލާގެ އަތަށް ދެއްވައިފިއެވެ. "މި ބޭސް ބޮއިލާށެވެ."

"ބޯ ބޭހެކޭތޯއެވެ؟" އެންޖެލާ ޙައިރާންވެފައި އަހައިލިއެވެ.

ހިނިފުޅު ހިފަހައްޓައިލެއްވުމަށް ފަހު ވިދާޅުވިއެވެ. އާނއެކެވެ. މި ބޭސް ބޮއިލީމާ ދަތުގެ ރިހުން ކެނޑިދާނެއެވެ."

އެންޖެލާ ބޭހުގެ ރަހަ ބަލައިލިއެވެ. އެޔާއެކު އަނގަޔަށް ގޮތެއް ހަދައިލާފައި ބުންޏެވެ. "މިއީ ވަރަށް ހިތި ބޭހެކެވެ. އަޅުގަނޑަކަށް ނުބޮވޭނެއެވެ."

ބަޝީރް ތެދުވެވަޑައިގެންފިއެވެ. އަދި އަޑުފުޅު ލައްވާ ކަހަލަ ރާގަކަށް ވިދާޅުވިއެވެ. "ނުބޮއެއް ފަރަކު ނުޖެހޭނެއެވެ."

ބަޝީރުގެ އަޑުފުޅު ލެއްވުމުގެ ސަބަބުން އެންޖެލާ ކުޑަކޮށް ޖެހިލުން ވެއްޖެއެވެ. "އަޅުގަނޑަށް ހޮޑު ލެވިދާނެއެވެ."

ބަޝީރު ވިދާޅުވިއެވެ. "އެއީ މާ ބޮޑު ކަމެއް ނޫނެވެ. އެކަމަށްވެސް ބޭސް އެބަހުއްޓެވެ."

އެންޖެލާ ކުރާނޭ ކަމެއް ނެތް ކަހަލަ ގޮތަކަށް ބަޝީރުގެ މޫނުފުޅަށް ބަލައިލިއެވެ. "ހަމަ ބޮއިލާންވީތޯއެވެ؟"

އަބޫ ދާވޫދް ބުންޏެވެ. "ދަރިފުޅާއެވެ.ބޮއިލާށެވެ. ތިޔައީ ދަރިފުޅަށް ރަނގަޅަކަށް ދެއްވި ބޭހެކެވެ."

އެންޖެލާ އަނެއްކާވެސް ބަޝީރުގެ މޫނުފުޅަށް ބަލައިލިއެވެ. "މި ބޭސް ބޮއިގެން އަޅުގަނޑަށް ގެއްލުމެއް ވެއްޖެއްޔާ ހަދާނީ ކިހިނެއްތޯއެވެ؟"

އަބޫ ދާވޫދް ކުޑަކޮށް ނުރުހުންވެފައި ބުންޏެވެ. "ބަޝީރް ޙަސަންގެ ބޭސްކޮޅަކުން ގެއްލުމެއް ވެދާނޭ ހެއްޔެވެ؟ ދަރިފުޅު ތިޔަ ދައްކަނީ މޮޔަ ވާހަކައެވެ."

އެންޖެލާ ހިތުން ދެކޮޅު ހެދުމާއެކުވެސް އިންތިހާއަށް ހިތި ބޭހެއް ބޮއިލައިފިއެވެ.

ބަޝީރު ހިނިފުޅުވަޑުވައިލެއްވިއެވެ. "އަހަރެން ދާނީ މި ބޭސްފުޅި ބަހައްޓާފައެވެ. ދަތުގައި ރިއްސަން ފަށައިފިއްޔާ ކޯވަރެއް ބޮއިލާށެވެ. މިއީ ބަނޑަށްވެސް ވަރަށް ރަނގަޅު ބޭހެކެވެ. މިއަދު ވަރަށް ބޮޑަށް ބަނޑުހައިވެސް ވާނެއެވެ."

ބަޝީރާއި އަބޫ ދާވޫދް ނުކުމެގެން ދިޔައީމާ އެންޖެލާ ތުން އަނބުރައިލާފައި، ރަބީޢާއާ ދިމާއަށް ބަލައިލިއެވެ. އޭނާ ވަރަށް ބާރަށް ހީނގެންފިއެވެ.

އިރުކޮޅަކު ކުނިމޫނު ދައްކައިގެން އިނުމަށް ފަހު އެންޖެލާވެސް ހީނގެންފިއެވެ.

މާރިއާ ކަންބޮޑުވެފައި ދެ ކުދިންނާ ދިމާއަށް ބަލައިލިއެވެ. "ކަލޭމެން ދެ މީހުން ތިޔަ ތިބީ މޮޔަ ވެފައެވެ."

އޭގެ އަނެއް ދުވަހު ދެކެވުނު ވާހަކައެއްގެ ތެރޭގައި މާރިއާ، އޭނާގެ ފިރިމީހާ ގާތު ވަރަށް ބޮޑަށް ބަޝީރަށް ތާރީފުކޮށްފިއެވެ. "މި ޑަކްޓަރަކީ ޙަޤީޤަތުގައިވެސް ވަރަށް މޮޅު މީހެކެވެ."

(5)

މި ކިއްލާ ހުރީ އުސް އަދި ބަންދު ސަރަހައްދެއްގައެވެ. ކިއްލާގެ އިންފާރު ދެ އާދަމުގެދަރީންގެ އިސްކޮޅާ އެއްވަރެވެ. ދޮރާށި ލައިފައި ހުރި ފާރުގެ ކައިރީގައި ހުރީ ދެ ބުރިއަށް ހަދައިފައި ހުރި، ދިރިއުޅޭ ގެތަކެވެ. ތިރީ ބުރީގައި ތިބެނީ އާދައިގެ ސިފައިންނެވެ. މަތީ ބުރީގައި ތިބެނީ އިސް އޮފްސަރުންނެވެ. އެ ގެތަކާ ކުރތިމަތިވާ ގޮތަށް އަނެއް ފަރާތު ފާރު ކައިރީގައި އޮންނަނީ އަސްތަބީލާއެކެވެ. ތިން ވަނަ ފާރާ ދިމާގައި ހުންނަނީ މިސްކިތެކެވެ. ހަތަރުވަނަ ފާރުގެ ކައިރީގައި ހުރީ ވީރާނާވެފައި ހުރި ބޯދާ ޢިމާރާތްތަކެކެވެ.

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.