އުޙުދު ހަނގުރާމަ: ކީރިތި ރަސޫލާގެ އަސްކަރީ ޙިކުމަތުގެ ނަމޫނާއެއް

[އުޙުދު ހަނގުރާމަ: ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ލާމަސީލު އަސްކަރީ ގިޔާދަތާއި ކެތްތެރިވެވަޑައިގަތުމާއި ސާބިތުވެވަޑައިގެން ހުންނެވުމުގެ ތާރީޚީ ހަނދާނެއް] މި ނަމުގައި ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ ޢަބްދުﷲ ފާރޫޤް ޙަސަން ފޮތެއް ނެރުއްވައިފިއެވެ. ފާރޫޤަކީ އިސްލާމީ ތާރީޚު ލިޔުއްވުމުގައި އަރައި ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ތަރުޖަމާކުރުންތެރިއެކެވެ.

142 ސަފުހާގެ މި ފޮތުގައި ވަނީ އުޙުދު ހަނގުރާމަ ހިނގަން މެދުވެރިވީ ސަބަބުތަކާއި ހިނގި ގޮތާއި އެ ހަނގުރާމައިން ލިބިގަނެވޭ ފިލާވަޅުތަކުގެ މައްޗަށް ވަރަށް ރަނގަޅަށް ބައްލަވައިލައްވައިފައެވެ.

ކީރިތި ރަސޫލާ އިސްލާމްދީނަށް ގޮވައިލައްވާން ފެއްޓެވުމާއެކު ޤުރައިޝުންގެ ދެކޮޅުވެރިކަން ފެށިއްޖެއެވެ. އެކަލޭގެފާނަށް ދަތިކުރަމުން ގޮސް އަވަހާރަކޮށްލާން ރޭވުމާ ހަމައަށް ދެކޮޅުވެރިކަން ގެންގޮސްފިއެވެ. މި ދެކޮޅުވެރިކަމާއި ނިރުބަވެރިކަން ހުއްޓުވުމަށްޓަކައި މުސްލިމުން ކާފަރުންނަށް އިގްތިސާދީ ދަތިކުރުންތައް ކުރިމަތިކުރުވާން ފަށައިފިއެވެ. މި ދަތިތަކާއެކުވެސް ކާފަރުން އެބައިމީހުންގެ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ދިމާކުރުމާއި ނިރުބަވެރި އަމަލުތައް އިތުރު ކުރަމުން ގޮސް އެންމެ ފަހުން ބަދްރުގެ މައިދާނުގައި މުސްލިމުންގެ އަތުން ވަރަށް ބޮޑު ބައްޔަކުން ބަލިވެއްޖެއެވެ.

އުޙުދު ހަނގުރާމައަކީ މި ބަލިވުމުގެ ބަދަލު ހިފުމުގެ ގޮތުން މުޝްރިކުން ފެއްޓި ހަނގުރާމައެކެވެ. ފޮތުގެ އިސް ބަހުގައި ފާރޫޤް ލިޔުއްވައިފައި ވެއެވެ.

[ނަތީޖާއަކަށްވީ ޤުރައިޝުންގެ ސިނގުރުޅި ހައްދުން ނައްޓައިލުމެވެ. އެބައިމީހުންގެ މަޤުޞަދަކަށް ހެދީ އިސްލާމީ ތަޙުރީކުގެ ބާނީ އަދި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޝަހީދުކޮށްލުމެވެ. އެބައިމީހުންގެ ވިޔަފާރި ދަތުރުތަކަށް ހުރަސްއެޅުމުގެ އެކަށޭނަކަން އިސްލާމީ ދައުލަތުގައި ނުހުންނަވަރުގެ ތަފާލެއްޖަހައިލުމެވެ. އިސްލާމީ ދައުލަތުގެ ވެރިރަށް ފަތަޙަކޮށް އެރަށް ސުންނާފަތިކޮށްލުމެވެ. އުޙުދު ހަނގުރާމަޔަކީ މިދެންނެވި މަޤުޞަދުތަކުގައި ޤުރައިޝުން ވަރަށް ބޮޑަށް ތައްޔާރުވެގެން މަދީނާއަށް އައިސް ދިން ޙަމަލައެކެވެ. އެ ހަނގުރާމައިގައި ޤުރައިޝުންނާއި އެބައިމީހުންގެ އިއްތިޙާދީންގެ ތިންހާސް ސިފައިން ބައިވެރިިވިއެވެ.]

ފޮތް ބައްސަވައިފައި ވަނީ މައިގަނޑު ހަތަރު ބާބަކަށެވެ.

ފުރަތަމަ ބާބުގައި ވަނީ ހަނގުރާމައިގެ ސަބަބުތަކާއި ޤުރައިޝުންގެ ތައްޔާރުވުމާއި މުޝްރިކުން އުހުދުގެ ވާދީގައި ޖާގަޖެހުމާ ހަމައަށެވެ.

ދެވަނަ ބާބުގައި ވަނީ އުހުދުގެ މައިދާނުގައި ކަންތައް ހިނގަމުން ދިޔަ ކަންތައްތަކުގެ ތަފުސީލެވެ. އޭގެ ތެރޭގައި އިސްލާމީ ލަޝްކަރު އުހުދަށް އައިުމާއި މާތް ރަސޫލާގެ އަސްކަރީ ރޭއްވެވުމާއި ޤުރައިޝުންގެ ސިޔާސީ އުކުޅުތަކާއި ހަނގުރާމައިގައި ހިނގައި ދިޔަ އެކި ކަންތައްތަކުގެ ވާހަކަ ހިމެނެއެވެ. މީގެ ތެރޭގައި ޙަމްޒަތުގެފާނު ޝަހީދުވުން ޚާއްސަ ގޮތެއްގައި ފާހަގަކުރެވެއެވެ. އެޔަށް ފަހު ހަނގުރާމައިގެ ހާލަތު ބަދަލުވެގެން ދިޔަ ގޮތްވެސް މި ބާބުގައި ބަޔާން ކުރައްވައިފައި ވެއެވެ.

ތިންވަނަ ބާބުގައި ވަނީ އިސްލާމީ ލަޝްކަރު ސަލާމަތް ކުރެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި ހިތްވަރުފުޅުގެ ވާހަކައެވެ. އިދިކީލި ގޮތަކަށް ބަދަލުވެގެން ދިޔަ ހާލަތުގެ މައްޗަށް ބާރު ފޯރުއްވި ގޮތާއި އެކަލޭގެފާނުގެ އަސްކަރީ ހިކުމަތްތެރިކަމާއި ކުޅަދާނަފުޅުކަމުގެ ވާހަކަ މި ބާބުގައި ވަނީ ހިމަނުއްވައިފައެވެ. ބާބު ނިންމައިވައިފައި ވަނީ އުޙުދު ހަނގުރާމައިގައި ހިނގި ކަންތައްތަކާއި އަސްކަރީ ކަންތައްތައް ވަޒަންކުރެއްވުމާއެކުގައެވެ.

ހަތަރުވަނަ ބާބުގައި ވަނީ އުޙުދު ހަނގުރާމައިގައި ޞަޙާބީން ދެއްކެވި ނަމޫނާ ހިތްވަރުފުޅާއި އެ ބޭކަލުންގެ އާދަޔާ ޚިލާފު ފިދާވެވަޑައިގަތުމުގެ ވާހަކައެވެ. މީގެ އިތުރަށް މުޝްރިކުން އެ ދުވަހު ޝަހީދުވީ ޝަހީދުންގެ ހަށިކޮޅަށް ދިން ގެއްލުންތަކުގެ ވާހަކަވެސް މި ބާބުގައި ހިމަނުއްވައިފައި ވެއެވެ. ބާބު ނިންމަވައިފައި ވަނީ އުޙުދު ހަނގުރާމައިން ލިބުނު ފިލާވަޅުތަކާއި ޢިބުރަތުގެ ވާހަކައިންނެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އުޙުދުގެ ފުރަތަމަ ހަނގުރާމައިގައި މުސްލިމުންނަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. މިއީ ހަމަ ހަގީގަތުގައިވެސް ކަންތައް ހިނގި ގޮތް ބާވައެވެ؟

މި ސުވާލުގެ ޖަވާބު ވަރަށް ރީތިކޮށް، ހެއްކާއެކު ޢަބްދުﷲ ފާރޫޤް ޙަސަން ވަނީ މި ފޮތުގައި ގެނެސްދެއްވައިފައެވެ. ފޮތް ވިއްކަން ހުރީ ރާދަ ބުކްޝޮޕްގެ ފިހާރަތަކުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.