ލިޔުންތެރިޔާ ނަންރީތި އަޙްމަދު ސަލީމް ލިޔުއްވައިފައިވާ [އެޗްއާރްސީއެމްގެ ހަނދާންތައް] މި ފޮތަކީ އޭނާ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެންމެ ފުރަތަމަ އުފެއްދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގައި ހޭދަކުރެއްވި ދުވަސްވަރުގެ ހަނދާންތަކުގެ މައްޗަށް ލިޔުއްވައިފައިވާ އަގުހުރި ފޮތެކެވެ. ސަލީމަކީ އެ ކޮމިޝަންގެ މެންބަރެކެވެ. ކޮމިޝަން އުފެދުނީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު 10 ޑިސެމްބަރ 2003 ގައެވެ. ރައީސް މައުމޫން މި ކޮމިޝަން އުފެއްދެވީ 19 ސެޕްޓެމްބަރ 2003 ގައި މާފުށީ ޖަލުގައި އީވާން ނަސީމް މަރައިލުމާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، އެ މަނިކުފާނު ނެރުއްވި ޚާއްޞަ ޤަރަރާރަކުންނެވެ. ކޮމިޝަނުގައި ތިއްބެވީ 9 މެންބަރުންނެވެ. އެއީ 7 ފިރިހެން މެންބަރުންނާއި 2 އަންހެން މެންބަރުންނެވެ. ރައީސްކަށް އައްޔަންކުރެވުނީ ގަލޮޅު ބޮޑުފެންވަޅުގޭ އޮނަރަބްލް އަޙްމަދު މުޖުތަބާއެވެ.
ގާނޫނީ ގޮތުން ފުރަތަމަ އުފެދުނު އެޗްއާރްސީއެމް އުފެދުނީ 27 ނޮވެމްބަރ 2006 ގައެވެ. މި ކޮމިޝަނުގެ ރައީސަކީ އަޙްމަދު ސަލީމެވެ. ސަލީމަކީ އަބަދުވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތް ފާޅުގައި، އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި ފާޅުކުރައްވާ ބޭފުޅެކެވެ. އަޅުގަނޑަށް އެންމެ ފުރަތަމަ ސަލީމް ތައާރަފުވީ ރައީސް މައުމޫނުގެ ދައުރުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުން ހޮވާ ޓީމަކާއި ސަރުކާރުގެ މުއައްޒިފުންގެ ޓީމަކާ ދެމެދު ކުޅޭ ކްރިކެޓް މެޗުގައި ކުޅުއްވާ ބޭފުޅެއްގެ ގޮތުގައި އުޅުއްވި އުޅުއްވުމުގައި ގަލޮޅު ދަނޑުންނެވެ. އެ ދުވަސްވަރު އަޅުގަނޑު ވަޒީފާ އަދާކުރީ ދަނޑުގައި ހުންނަ ސްޕޯޓްސް ޑިވިޜަންގައެވެ. އޭރުވެސް ބައެއް ބޭފުޅުން ރައީސް މައުމޫނުގެ ކުރިފުޅުމަތީގައި ވިދާޅުވާން ޖެހިލުންވެވަޑައިގަންނަވާ ބައެއް ވާހަކަފުޅު ސަލީމް މެދުވެރިކުރައްވައި ދެކެވޭގޮތް ހައްދަވައެވެ.
އަޙްމަދު ސަލީމް ސަރުކާރުގެ ވަޒީފާ އަދާކުރައްވާން ފެއްޓެވީ އުމުރުފުޅުން އެންމެ 19 އަހަރުފުޅުގައި 7 ޖުލައި 1968 ގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއަރޒްގެ ސްޓެނޯ ޓައިޕިސްޓެއްގެ ވަޒީފާއެވެ. މަސައްކަތް ކުރެއްވީ އެ ޑިޕާޓްމަންޓްގެ ދަށުގައި ހުންނަ [ޔޫއެން ޑިވިޜަން] ގައެވެ. ފުރަތަމަ ކުރެއްވި މަސައްކަތަކީ އޭރު އެ ޑިވިޜަން ހިންގަވަން ހުންނެވި އޮނަރަބްލް އަޙްމަދު ޒަކީ ވިދާޅުވާ އިނގިރޭސި ސިޓީތައް ޝޯޓްހޭންޑުން ނެންގެވުމަށް ފަހު އިނގިރޭސިބަހުން ލިޔުއްވައި އަލިފުދާލަށާއި އެހެން ތަންތަނަށް ފޮނުއްވުމެވެ. މީގެ އިތުރަށް ކޮންމެ ސައުވީސް ގަޑިއިރެއްގެ ބީބީސީ ޚަބަރު ރޭޑިއޯއިން އަޑު އައްސަވައިގެން ޝޯޓްހޭންޑުން ނަންގަވައި އެ ޚަބަރުތައް އިނގިރޭސިބަހުން ލިޔުއްވައި ޒަކީ އޮފީހަށް ވަޑައިގަންނަވާއިރު މޭޒުކޮޅުމަތީގައި ބޭއްވެވުމަކީވެސް އޭނާ ކޮންމެ ދުވަހަކު ކުރެއްވި މަސައްކަތެކެވެ. އެ ދުވަހު ފެށިގެން މިއަދާ ހަމައަށްވެސް އޭނާ ހުންނެވީ ސަރުކާރުގެ ޚިދުމަތުގައެވެ. މިހާރު ފުރުއްވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އެމްބެސެޑަރ އެޓް ލާޖްގެ މަގާމެވެ. ވޭތުވެދިޔަ ފަންސާސް އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ސަރުކާރުގެ ވަރަށް މަތީ މަގާމުތަކެއް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމާއި ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ. ބައިނަލްއަގުވާމީ މަގާމުތަކަށް ބަލާއިރު ސަލީމް ވަނީ 28 ޖެނުއަރީ 1978 އިން ފެށިގެން 15 ނޮވެމްބަރު 1978 އާ ހަމައަށް ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އޯލްޓަރނޭޓް ގަވަރުނަރުކަން ކުރައްވައިފައެވެ. މިއީ ދިވެއްސަކު މި މަގާމުފުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރަށް ސާރކްގެ ޑިރެކްޓަރުކަމާއި ސެކްރެޓަރީ ޖެނެރަލްކަންވެސް ސަލީމް ވަނީ ކުރައްވައިފައެވެ.
އަޙްމަދު ސަލީމް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމާއި ރައީސްކަން ކުރެއްވި ދުވަސްވަރަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނުނު އެންމެ ހަލަބޮލި ދުވަސްވަރެވެ. ސިޔާސީ ހަމަނުޖެހުމާއި ނުރައްކާތެރި އެތައް ކަމެއް ފުޅާކޮށް ހިނގަމުން ދިޔަ ދުވަސްވަރެކެވެ.
ފޮތުގެ ތައާރަފުގައި ސަލީމް ލިޔުއްވައިފައިވަނީ އޭނާ އިންސާނީ ހައްގުތަކުގެ މައްޗަށް ޝައުގުވެރިވެވަޑައިގަތް ގޮތުގެ ވާހަކައެވެ. އެ ދުވަސްވަރު ދުނިޔޭގެ މަސްރަހު އޮތް ގޮތާއި އޭނާގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތުގެ ވާހަކައެވެ. ސަރުކާރުގެ ތެރެއިން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާން ދަތިފުޅުވީމާ 1994 ވަނަ އަހަރު ސަލީމް ގަސްތުކުރެއްވީ އަމިއްލަފުޅަށް އެ މަސައްކަތް ކުރިއަށް ގެންދަވާށެވެ. އެއީ އެ ދާއިރާގައި އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔުއްވުމުގެ މަސައްކަތެވެ. އޭނާގެ ލިޔުއްވުންތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން [އާފަތިސް] ނޫހުގައްޔާއި ބައެއް އެހެން ނޫސް، މަޖައްލާތަކުގައި ޝާއިކުކުރައްވައިފައިވެއެވެ. މިފަދަ ބައެއް ލިޔުއްވުންތައް އެއްކުރައްވައި އޭނާ ވަނީ ފޮތެއް ނެރުއްވައިފައެވެ.
[އެޗްއާރްސީއެމްގެ ހަނދާންތައް] މި ފޮތަކީ އަޙްމަދު ސަލީމްގެ ދެވަނަ ފޮތެވެ.
ރާއްޖޭގައި ހިނގައި ދިޔަ ބައެއް ސިޔާސީ ހަރަކާތްތަކާއި ބައިނަލްއަގުވާމީ ގޮތުން ރާއްޖެ މިލިގަންނަންޖެހޭ ބައެއް ކަހަލަ ކަންތައްތަކުގެ ވާހަކަ އޭނާ މި ފޮތުގައި ލިޔުއްވައިފައިވެއެވެ. އޭގެ ތެރޭގައި ޖާސޫސުކުރުމުގެ ތުހުމަތުގައި އިންޑިއާގައި 1994 ވަނަ އަހަރު ހައްޔަރުކުރި ދިވެހި ދެ އަންހެނުން މިނިވަންކުރުމުގެ މަސައްކަތުގައި ސަލީމް އަދާކުރެއްވި ދައުރު ހިމެނެއެވެ.
މީގެ އިތުރަށް 2004 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައާއި އެ ދުވަސްވަރު ހިނގަމުން ދިޔަ ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ސަލީމް ކުރެއްވި މަސައްކަތްތައް މި ފޮތުގައި ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވައިފައި ވެއެވެ. މިފަދަ ކަންތައްތަކުގެ ތެރޭގައި އުޅުއްވުމުގެ ސަބަބުން ލިބިވަޑައިގަންނަވާ އެކި ކަހަލަ [އަދަބު]ގެ ވާހަކަވެސް ލިޔުއްވައިފައެވެ. އޭގެ ތެރޭގައި ފުލުހުން އޭނާއަށް ބޮނޑިއެއް ދޭން ރާވާ ވާހަކަ އިވިވަޑައިގަތީމާ ކަންތައްކުރެއްވި ގޮތުގެ ވާހަކަވެސް ހިމެނެއެވެ.
ބޮޑެތި މައްސަލަތަކުގެ ތެރޭގައި ސަލީމް ފާހަގަ ކުރައްވައިފައިވާ ބައެއް މައްސަލަތަކަކީ ޝައިޚް އިބްރާހީމް ފަރީދުގެ މައްސަލައާއި މާފުށީ ޖަލުގެ މައްސަލައާއި ކިނބިދޫ ބިމެއްގެ ވަރަށް ސީރިއަސް މައްސަލައަކާއި މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޙުސައިން ޞަލާޙުގެ މައްސަލައާއި ރީތި ރަށް ރިސޯޓުގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގެ ވާހަކަހިމެނެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތަށް އެކި ގޮތްގޮތަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކާއި އެ ކަންތައްތަކާ ކުރިމަތިލައްވައި މައްސަލަތައް ހައްލުކުރައްވާން ހިތްވަރުފުޅާއެކު ކުރައްވަމުން ގެންދެވި މަސައްކަތްތައް ސަލީމް ވަރަށް ތަފުސީލުކޮށް މި ފޮތުގައި ބަޔާންކުރައްވައިފައިވެއެވެ.
މި ފޮތް ވިދާޅުވީމާ ރާއްޖޭގައި އެ ދުވަސްވަރު ހިނގައި ދިޔަ ސިޔާސީ ބައެއް ހަރަކާތްތަކުގެ ފަތިފުށް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާނެއެވެ. މިހައި ތަނަށް އެއްވެސް ބަޔަކު ނުދައްކާ އެތައް ވާހަކައެއް ސަލީމް މި ފޮތުގައި ލިޔުއްވައިފައި އެބަހުއްޓެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވި އެކި ބޭފުޅުންގެ އަރިހުގައި ކުރެއްވުނު ތަޖުރިބާތަކާއި އެ ބޭފުޅުން އިންސާނީ ހައްގުތަކާމެދު ދެކެވަޑައިގެންނެވި ގޮތާއި ކަންތައް ކުރެއްވި ގޮތް މި ފޮތުން އެނގިވަޑައިގަންނަވާނެއެވެ. އިޚްލާސްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ ބަދަލުގައި ލިބިވަޑައިގަތް [ތެޔޮހަމުގެ] ވާހަކަ ވަރަށް އަސަރާއެކު ލިޔުއްވައިފައިވެއެވެ.
[އެޗްއާރްސީއެމްގެ ހަނދާންތައް] ނަންރީތި އަޙްމަދު ސަލީމް ދިވެހި ތާރީޚަށް ކުރައްވައިފައިވާ ވަރަށް އަގުހުރި ޚިދުމަތެކެވެ. މި ފޮތުގައިވާ ބައެއް ވާހަކަތަކަކީ އެކަމުގެ ތެރޭގައި އުޅުއްވި ބޭފުޅުން ހާމަނުކުރައްވައިފިނަމަ ޒަމާނުގެ އޮއިވަރުގައި ބެހިގެން ގޮސް ގެއްލިގެން ހިނގައިދާނޭ ވާހަކަތަކެކެވެ. އަޙްމަދު ސަލީމްގެ މި ޚިދުމަތުގެ ސަބަބުން ބޭނުންވެއްޖެ ކޮންމެ މީހަކަށް ނުވަތަ އަންނާން އޮތް ޖީލުތަކަށް އެފަދަ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ފެންނާން އޮންނާނޭގޮތް މެދުވެރިވީއެވެ.
ފޮތް ނިންމަވަމުން އަޙްމަދު ސަލީމް ވަނީ ރާއްޖެ އިންސާނީ ހައްގުތައް މިހާރު އޮތް ހާލަތާމެދު ހިތާމަކުރައްވައި ބައެއް ވާހަކަތައް ލިޔުއްވައިފައެވެ. މި ހާލަތުން އަރައިގަތުމުގައި އިޚްލާސްތެރި ބައެއްގެ ތެދުވެރި މަސައްކަތްތަކެއް ބޭނުންވާ ކަމަށް ބަޔާންކުރައްވައިފައިވެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ގޮސްފައިވާ ގޮތާއި މިހާރު އޮތް ދެރަވަރު ހާލަތުގެ މައްޗަށް ބައްލަވައިލައްވައި ޤައުމު ހަމައަކަށް އެޅުވުމުގައި މުއައްސަސާތަކަށް، ޚާއްސަކޮށް، ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވިދާނޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަ ކުރައްވައި، ފޮތް ނިންމަވަމުން އޭނާ ލިޔުއްވައިފައިވެއެވެ.
[50 މިޔަން މީހުން އުޅޭ ސައުތު އެފްރިކާގައި، ހަތަރު ސަތޭކަ އަހަރު ވަންދެން ކަޅު މީހުންނަށް، އެ ޤައުމުގެ ދޮން މީހުންގެ ފަރާތުން ލިބުނު ބޮޑެތި އަނިޔާއާއި ތަފާތުކުރުންތަކަށް ފަހު، މުޅި ޤައުމު މިހާރު އެބައިވެފައި ވާއިރު، 3 ލައްކަ މީހުންގެ މައްޗަށް އެކުލެވޭ މުޅިން އިސްލާމުން އުޅޭ ދިވެހިރާއްޖެއަށް، މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ.]
މި ފޮތް ލިބިވަޑައިގަންނަވާނީ މާލޭގެ އަސްރަފީ ބުކްޝޮޕުންނެވެ. ސޮފްޓް ކޮޕީ ލިބިވަޑައިގަންނަވާނީ [ދިވެހި ފޮތް] އެޕުންނެވެ.

