( 19 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ރޮޝްނާއައިސް ، ޒުބާގެ ކޮޓަރިޔަށްވަދެ . އެނދުމަތީ ރަޖާ އަޅައިގެން ޒުބާ ނިދާފައި އޮތްތަން ފެނި ، ގޭގެ އެންމެންނަށް ލިބިފައިވާ ހިތްނުތަނަވަސްކަމުގައި ނުނިދިގެން އުޅޭއިރު ، މިކަލޭގެ މިއޮތީ ގަދަޔަށް ނިދާފައޭ ބުނެ އެތިވަރު ގޮވަމުން ، ރަޖާގަނޑު ހިއްލައިލިއިރު އެތާކު ޒުބާއެއް ނެތެވެ. ރޮޝްނާއަށް ލިބުނު ހާސްކަމުގައި ތިރިޔަށްގޮސް މަންމަގާތު އެވާހަކަ ބުނުމުން ސަމީނާ އެވާހަކަ ޤަބޫލެއް ނުކުރިއެވެ. އެއްވެސް މީހެއްގާތު ނުބުނެ ، ޒުބާ ގެއިން ނުކުމެގެން ހިނގައިދާނެ ކަމަކަށް ސަމީނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. މުޅި ގޭތެރެ ހަލަބޮލިވިއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ފެނުނުތަނެއް ޗެކްކުރަމުން ، ޒުބާގެ ރައްޓެހިންނަށް ގުޅަމުން ، ޒުބާ ހޯދުމުގެ މަސައްކަތް އެންމެންވެގެން ފެއްޓިއެވެ. އޭރު ޒުބާމެން ދަންގަޑީގައި ޓެރަސްމަތީ ބައްދަލު ކުރާތާ އެތައް ރެޔެއް ވެއްޖެއެވެ. ސައިމްވެސް އަންނަނީ ، މީހުންނިދާ ފައިހިލަވަޅު އޮބުނީމަ ވަރަށް ސިއްރުސިއްރުންނެވެ.
ޗޯކީދާރު ޓެރަހަށް އަރައި ބެލިއިރު ، އެތާހުރި ތަނބަކާ ނިވާވެގެން ޓެރަސްމަތީ އިށީނދެލައި ތަނބުގައި ލެނގިލައިގެން ޒުބާ އިނެވެ. އޭނާއަށް އިނީ ނިދިފައެވެ. އެރޭވެސް ޒުބާއާއި ސައިމްއާ ދެމީހުން އެތަނުގައި ވާހަކަ ދައްކަން ތިބެފައި ސައިމް ދިއުމުން އެތަނުގައި އިރުކޮޅަކު މަޑުކޮށްލަން ޒުބާ ބޭނުންވީއެވެ. އެހެން އިންދާ ޒުބާއަށް ނިދިޖެހިފައި ހެނދުނު ސައިގަޑި ޖެހުނުއިރުވެސް ނުހޭލެވުނީއެވެ. ޒުބާއަށް ގޮވައިގެން ، ޗޯކީދާރު އޭނާ ގޮވައިގެން ތިރިޔަށް އައިއިރު ، ކަމަކު ދާކަށް ނެތެވެ. ގޭތެރޭގައި އެންމެން ދުވެނަގަނީއެވެ. އެންމެން ވެސް ފޯނުނަގައިގެން އެކަކަށް ގުޅާފައި އަނެކަކަށް ގުޅަމުން ގެންދެއެވެ. އެދާތާކަށް ދިޔައިރު އެންމެ ދެރަވެގެން ރޮޝްނާގާތު ބުނެލާފަ ދިޔަނަމައޭ ބުނެ ސަމީނާ ކުދިކިޔަމުން ދިޔައެވެ. ޒުބާއަށް އެއަޑު އިވުމާއެކީ ، އޭނާ އެއްވެސް ތާކަށް ނުދާ ކަމަށާއި އޭނާއަށް ޓެރަހަށް އަރައި އިންދާ ނިދުނީކަމަށް ޒުބާ ބުންޏެވެ.
ޒުބާއާ ދޭތެރޭ އެންމެންވެސް ހީކުރަނީ އެހާގޯސްކޮށްކަމަށް ޒުބާގެ ހިތަކަށް ނާރައެވެ. މައްސަލައެއް ނެތެވެ. އެހެންމީހުން ހީކުރާ ގޮތަކަށް ހީކުރަންވީއެވެ. އެއީ އޭނާއާ ބެހޭ ކަމެއްނޫނެވެ. މީގެފަހުން ޒުބާވެސް އެއިން އެއްވެސްމީހަކާ ދޭތެރޭ ނުވިސްނައި ، ވިސްނަނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭގައިކަމަށް ނިންމިއެވެ. ކުރާނީވެސް އޭނާގެ ހިތްއެދޭ ގޮތަކަށް ހިތް ބޭނުންވާ ކަމެކެވެ. ސައިމްވެސް އެބުނީ ރަނގަޅު ވާހަކަ އެކެވެ. މިއީ އަހަރެމެންގެ ލޯތްބެވެ. އަހަރެމެންގެ ދިރިއުޅުމެވެ. އެއީ އަހަރެމެން ދެމީހުން ބޭނުންވާ ގޮތަކަށް ވެ ނިމެންޖެހޭ ކަމެކެވެ. އެކަންކަން ނިންމަންޖެހޭ ގޮތްތައް އެނގޭނީ އަހަހަރެމެންނަށެވެ. ޒުބާގެ ގޮތް ނިންމިއެވެ.
ވާނީ ކިހިނެއް ހެއްޔެވެ ؟ ހަމަނުޖެހުން ހިނގާނީ ނޫންހެއްޔެވެ. ދެޢާއިލާގެ މެދުގައި ތަޅައިފޮޅުން ހިނގާނީ ނޫންހެއްޔެވެ ؟ އެކަން އެއީ އެހާބޮޑުކަމަކަށް ނުވާނެއެވެ. ތިންހަތްދުވަސްވާއިރަށް ކުރިންވެދިޔަކަމެއް ހަނދާން ނެތޭނެއެވެ.
ޒުބާގެ ކަންތައް މާ މައްޗަށް ހިނގައްޖެކަމަށް ނިންމައި ، ސަމީނާގެ ދެމަފިރިންނާއި ސާޖިދާގެ ދެމަފިރިން ބައްދަލުކޮށް ، އެކަމާމެދު މަޝްވަރާ ކުރިއެވެ. ސާޖިދާއަށް ފެންނަނީ ، ޒުބާވެސް ބޭނުންވާގޮތަށް ސައިމްއާ ޒުބާއާ ދެމީހުން ދެވުމަށެވެ. ސާޖިދާގެ އެ ނިންމުން ޤަބޫލުކުރާކަށް ސަމީރުގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެއީ ، ގޭގެ އަންހެންވެރިން ނިންމާ ކަހަލަ ކަމެއްނޫންކަމަށްބުނެ ، އަންހެންވެރިންނަށް އެކަމުގައި ގޮތެއް ނުނިންމޭނެކަމަށް ސަމީރު ބުންޏެވެ.
ސާޖިދާއަކަށް އެހިސާބުން ކެތެއް ނުވިއެވެ. ގޭތެރޭގައި ހިނގާ ހުރިހާ ކަމެއް ފެންނަނީ އަންހެންވެރިނަނަށް ކަމަށް ސާޖިދާ ބުންޏެވެ. ދަރިންގެ ހިތުގައި ހުންނަ ސިއްރުތަކާއި ދަރިންގެ ވިސްނުމާއި ފިކުރު ގެންގުޅޭ ގޮތްވެސް އެނގޭނީ މައިންނަށެވެ. ދުވާލު ހަތަރުދަމު ، މަސައްކަތުގައި ބޭރުގައި އުޅޭ ފިރިހެނުންނަކަށް އެކަންކަން ރޭކައެއް ނުލާނެއެވެ. ފިރިހެނުންނަށް ބަސްކިޔިފައި އަންހެނުންނަށް އެއްޗެކޭ ނުބުނެވޭނެ ކަންކަންވެސް ހުންނާނެއެވެ. އެކަމަކު ގެޔެއްގެ އަންހެންދަރިއެއްގެ ކައިވެންޏާ ބެހޭގޮތުން ، މަންމަމެން ބޮޑުދައިތަމެންނަށް ފެންނަ އެއްޗެއް ނުބުނެވެންޏާ ، ރަޙިމުގެ ގުޅުމުގެ ބޭނުމެއް ކޮބައިތޯ ސާޖިދާ ސުއާލު ކުރިއެވެ.
ސާޖިދާ އެބުނި ވާހަކަޔަކަށް ، ސާޖިދާގެ ފިރިމިހާ ތާއީދު ކުރިއެވެ. އެއްވެސް ކައިވެންޏަކީ ، ކިހާވަރެއްގެ ކާމިޔާބު ކައިވެންޏެއްކަން ބުނެދޭކަށް ނޭނގޭނެއެވެ. އެކަން ޖެހޭނީ ﷲ ގެ ކުޅަދުންވަންތަކަމަށް ދޫކޮށްލާށެވެ. ދެރަގޮތެއް ނުވާނެއެވެ. ކައިވެންޏަށްފަހު ކުރިމަތިވާ ހުރިހާކަމެއް އެއީ އެދެމީހުންގެ ކަމެކެވެ. އެކަމާ ، އެމީހުން ކިތަންމެ ވަރަކަށް ވިސްނިޔަސް ވާނެކަމެއް ނުއޮންނާނެއެވެ.
ސައިމްއާއި ޒުބާ ، ގެއިން ނުކުމެގެންދާން ނިންމާފައި އޮތް ރެޔެވެ. އެމީހުން އެކުރަނީ ހަމަ ، ރަނގަޅުކަމެއްތޯ ޒުބާ ، ސައިމްއާ ސުއާލުކުރަމުން ގެންދިޔައެވެ. ސައިމްގާތަށް ރުޅިއައިސް ، އޭނާއަށްވެސް ، އެކުރެވެނީ ރަނގަޅުކަމެއްކަން ނުވަތަ ގޯސްކަމެއްކަން ވަކިކުރަން ނޭނގޭ ވަރަށެވެ. އެމީހުން ގެއިން ނުކުމެގެންދާން ނިންމާފައިއޮތީ ، ގޭގެ މީހުން ނިދާ ހަމަހިމޭންވީމައެވެ. ޒުބާގެ ބޮޑުބޭބެޔަކީ ، ރޭގަނޑު ހޭލާއުޅޭމީހެއްކަން ޒުބާއަށް އެނގެއެވެ. ދަންވަރު ހޭލެވިގެން ބޭރަށް ނުކުމެލެވޭ ގިނަފަހަރަށް ، ބޮޑުބޭބެއާ ދިމާވާނެއެވެ.
ޒުބާމެން ބޭނުންވާގޮތަށް ، ސައިމްއާ ދެމީހުންގެ އެންގޭޖްމަންޓް ބޭއްވުމަށް ގޭގެ ހުރިހާ އެންމެންހެން އެއްބަސް ވެއްޖެއެވެ. ކިރިޔާވެސް އެކަމުގައި ތަފާތު ޚިޔާލެއް ގެންގުޅެނީ ޒުބާގެ ބައްޕަ ސަމީރެވެ. އެކަން ، ޒުބާއަކަށްވެސް ނޭނގެއެވެ. ރޮޝްނާއަކަށްވެސް އެކަމެއް ނޭނގެއެވެ. ރޮޝްނާއަށްވެސް ، ޒުބާގާތު އެވާހަކަ ބުނެލެވޭނީ އެހެންނަމަތާއެވެ.
ރޮސްނާ އައިސް ޒުބާގެ ކޮޓަރިޔަށްވަދެ ، އެނދުގައި އޮށޯތެވެ. ހީވީ ، އެރޭ އެގެއިން ނުކުމެގެން ޒުބާ ދާންއުޅޭތީ ފާރަލާންވެގެން އައިސް އޮތް ހެންނެވެ. ރޮޝްނާ އެއައީ ، ދާނިޔަލްގާތު ބުނެފަ ، އެރޭ ޒުބާއާއެކީ ޒުބާކޮޓަރީގައި އޮވެލަން ހުއްދަ ހޯދައިގެން ޒުބާއާ ވާޙަކަ ދައްކައިލާށެވެ. އެކަމަކު ، އެއީ ޒުބާ ބޭނުންވާގޮތެއްނޫނެވެ. ޒުބާ ބޭނުންވަނީ އެރޭ ، ރޮޝްނާވެސް އޭނާއާ ދުރުގައި ހުރުމަށެވެ. ޒުބާ ބޭނުންވިގޮތަށް ، ހިތްހަމަ ނުޖެހިފައިހުރެ ، ރޮޝްނާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. އެކަމާ ޒުބާވެސް ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ޒުބާއަށް އެހެން ގޮތެއް ނެތުނީއެވެ. އެރޭ އެކޮޓަރީގައި ޒުބާއާއެކީ ރޮޝްނާ ނިދައިފިނަމަ ، ޒުބާއަކަށް އެރޭ ، ގެއިން ނުކުމެގެންނެއް ނުދެވޭނެއެވެ.
ސައިމް ނިންމާފައިއޮތީ ، އެރޭ ނުކުމެގެން ، ސައިމްގެ ރައްޓެހި މުރާދުމެންގެޔަށްގޮސް ، ފަތިހު ރޭލުދަތުރުތައް ފެށުނުހާ އަވަހަކަށް ، ރޭލަށް އަރައިގެން ކާފަމެންގެޔަށް ދާށެވެ. އެކަމަށް ބޭނުންވާ ފައިސާއެއް ސައިމްއަތަކު ނެތެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން މަންމަ އަތުން ވިހިހާސް ރުފިޔާ އަތުލައި ، ސައިމް އެމީހުންގެ ދަތުރަށް ، ފުރިހަމަޔަށް ތައްޔާރު ވިއެވެ. ޒުބާވެސް ، މަންމަމެންނަށް މެސެޖެއްލިޔެ ކޮޓަރީގައި ބާއްވާފައި ގެއިން ނުކުންނަން ހިނގައިގަތެވެ. ޒުބާގެ މެސެޖްގައި ލިޔެފައި އޮތެވެ.
" އަހަރެންނަށް މިކުރެވުނު ކަމަކުން ، އެންމެންވެސް ކަންބޮޑުވާނެކަން އެނގެއެވެ. އަހަރެމެން މިދަނީ ކައިވެނި ކުރާށެވެ. ކައިވެނިކޮށްގެން ލަހެއްނުވެ އަންނާނަމެވެ. އެންމެންގެ ކިބައިން މަޢާފަށް އެދެމެވެ. އަދި އެނބުރި އައިސް އެންމެންގެ ދެފައިގާ ހިފައި މަޢާފަށް އެދޭނަމެވެ. އަހަރެން މިދަނީ ، އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެންނެވެ. "
އެ ދަންވަރުގައިވެސް ، ސަމީނާއާއި ސަމީރާ ދެމަފިރިން ، ނުނިދިފައި އެނދުގައި ތިބެ ، ވާހަކަ ދައްކަމުން އެގެންދަނީ ޒުބާއާ ބެހޭގޮތުންނެވެ. ސައިމްއަކީ ، ރަނގަޅުކުއްޖެއްކަމަށް ބަލަން ޖެހޭކަމަށް ސަމީނާއަށް ފެންނައިރު ، ސަމީރަށް އެއީ ބޭކާރު މީހެކެވެ. ޒުބާއަށް އެއަށްވުރެ މާ ރަނގަޅު ކުރިން ވާނެއެވެ. އެހެނަސް ، ސައިމްނޫން އެހެން އެއްވެސް މީހަކު ، ޒުބާ ބޭނުމެއް ނޫނެވެ. އެއްވެސް ޙާލެއްގައި ސައިމްއާ ޒުބާ ދެވާކަށް ސަމީރު ބޭނުމެއް ނުވެއެވެ. ސަމީނާއަށް ފެންނަ ގޮތުގައި ސަމީރުގެ ހިތް އުލްފަތުގެ ފެނުން ދޮވެލައިގެން ވިސްނާލައިފިނަމަ ، އެއީ ޒުބާގެ ނަޞީބުކަމުގައި ފެންނާނެއެވެ. ކޮންމެ ގޮތަކަށް އެކުއްޖާގެ ނަޞީބުގައި އޮތަސް ، އެކަމެއް ތަޙައްމަލްކުރާނީ ޒުބާއެވެ. ތަޤްދީރުގައި ނެތްގޮތެއް އެއްވެސްމީހަކަށް ގަދަކަމުން ތަދްބީރުކޮށް ، އެމީހުންގެ ޙަޔާތަކަށް ނުގެނެވޭނެއެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބާ ގޭތެރެއިން ލޯތަށިތަކެއް ބިންމައްޗަށް ފައިބައިގަތް އަޑު އިވުނެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެއީ ކޮން އަޑުފަށްގަނޑެއްތޯ ބަލައިލާފަ އަންނާނަމޭބުނެ ، ސަމީރު ނުކުތެވެ.
އެ އަޑުފަށްގަނޑަކީ ، ޒުބާ ނުކުންނަނިކޮށް ، ފެންބޯން ބަހައްޓާފައިހުރި ލޯވަށިތަކުގައި އަޅައިގެންފައި ތަޅުންމައްޗަށް ވެއްޓުނު އަޑުފަށްގަނޑެވެ. މުޅި ގޭތެރެޔަށް އެއަޑު ފެތުރިގެން ދިޔައެވެ. އެ ވަގުތު ގޭގައި މީހަކު ހޭލާ އުޅެންޏާ އެތަނަށް ނުކުންނާނެކަން ޒުބާއަށް އެނގުނެވެ. އެހެންކަމުން ، ދުވެފައިގޮސް ފާރާ ނިވާވެގެން ފިލާ ހުއްޓާ ، އެ ނުކުތީ ބައްޕައެވެ. ސަމީރަކަށް ޒުބާއެއް ނުފެނއެވެ. ސަމީރު ނުކުމެ ބަލައިލިއިރު ފެންބޯ ހުރިހާ ލޯވަށިތައް ހުރީ ތަޅުންމަތީގައެވެ. އެވާނީ ބުޅަލުގެ ކަމަކަށޭ ބުނެ ތަށިތައް ނަގައި ހަރުގަނޑުގައި ބަހައްޓާފައި ، މަތީބުރިޔަށް ، ޒުބާގެ ކޮޓަރިޔާ ދިމާލަށް ބަލައިލާފައި ސަމީރު އޭނާގެ ކޮޓަރިޔަށް ދިޔައެވެ. ޒުބާހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. ތިރީބުރިން އެއްވެސް މީހަކު މައްޗަށް އައިނަމަ ، ޒުބާ ނުފެނިއެއް ނުދާނެއެވެ.
ޒުބާ ޓެރަސްމައްޗަށް ނުކުތްއިރު ، ސައިމް ހުރީ ބިންމަތީގައެވެ. ބިރުންހުރެ ، ޒުބާގެ ދަބަސް ސައިމްއާ ދިމާލަށް އެއްލިއެވެ. ޒުބާއަކަށް އެތަނުން އެހާ އުހުން ފުންމައެއް ނުލެވޭނެއެވެ. ފައިފޯރާހިސާބުގައި އޮތް ފުރާޅުގަނޑެއްގެ މައްޗަށް ޒުބާ ފޭބިއެވެ. އެވަރަކުން ޒުބާއަކަށް ބިންމައްޗަކަށް ފުންމައެއް ނުލެވޭނެއެވެ. އެއީ ފުދޭވަރަކަށް އުހެވެ. އެތާ ފުރާޅުގަނޑުމަތީ އިށީނދެފައި ސައިމްގެދެކޮނޑަށް ފައިލެވޭތޯ ބެލުމަށް ޒުބާ މަސައްކަތް ކުރިއެވެ. ވަރަށް މަސައްކަތުން ސައިމްގެ ކޮނޑާ ހަމަޔަށް ޒުބާގެ ފައިފޯރިއެވެ. ފުންމާލިތަނުން ދެމީހުން ބަނޑުވަތަށް ނުވެއްޓުނީ ކިރިޔާއެވެ. ސައިމްގެ ހުސިޔާރުކަމުން ޒުބާ ކޮނޑުގައި ބައިންދައި ބިންމައްޗަށް ތިރިކޮށްލިއެވެ.
ދެމީހުން މަގުމައްޗަށް ނުކުތްއިރު ، ސައިމްގެ ސައިކަލެއް ނެތެވެ. މަގުމަތީ ބަހައްޓާފައި ޒުބާމެންގެޔަށް ވަތްތަނުން ސައިކަލް ވަގަށް ނަގައިފިއެވެ. އެނބުރި ގެޔަށް ވަނުމަށްޓަކައި ޒުބާ ހިނގައިގަތެވެ. އެކަމަކު ސައިމް އޭނާ ހުއްޓުވިއެވެ. އެތައްވަރަކުން އެތައް ތަކުލީފެއް އުފުއްލައިގެން ފިލައިގެންދާން ރާވާފައި ގެއިން ނުކުމެ ދެން އެނބުރި ގެޔަށް ނުވަދެވޭނެކަމަށް ބުނެ ، ޒުބާގެ އަތުގައިހިފައިގެން އަޅާ އިތިކޮށް ދުއްވައިގަތެވެ. މަގުމައްޗަށް ނުކުމެ ދުއްވާ އެއްޗެއް ހޯދަން ވެގެންނެވެ.
ސައިމްމެންނަށް މުރާދުމެންގެޔަށް ދެވުނީ ކުޑަކޮށް ލަސްވި ފަހުންނެވެ. ރޭލުދަތުރުތައް ފަށަން އަދިވެސް ވަރަށް ގިނައިރު އެބަ އޮތެވެ. ސައިމް މެންނަށް މުރާދުގެ ގެޔަށް ދެވުނުއިރު ، ސައިމްމެން ކާލާނެ އެއްޗެއްވެސް މުރާދުހުރީ ހޯދާފައެވެ. އަދި ، ދަތުރަށް ފަށަންވާއިރަށް ކުޑަކޮށް އަރާމުކޮށްލަން ބުނެފައި މުރާދު ނުކުތެވެ.
ސައިމްމެން އެގެޔަށް ވެއްދިތަން މުރާދުމެންގޭގެ ކޯޗީދާރަށް ފެނުނެވެ. އަދި އެކަން މުރާދުގެ ބައްޕަޔަށް އޭނާ އެންގިއެވެ. މުރާދުގެ ބައްޕަ ، ސައިމްގެ ބައްޕަ އިބްރާހީމަށް ގުޅައި އެކަން އެންގިއެވެ. އަންހެންކުއްޖަކު ގޮވައިގެން މެންދަމު ، އެގެޔަށް ސައިމް އައި ވާހަކައެވެ. އެމީހުން އެގެޔަށް ވެއްދީ މުރާދެވެ. އެމީހުން ބޭތިއްބީ ނޯކަރުން ބައިތިއްބާ ކޮޓަރީގައެވެ. ސައިމް ކޮބައިތޯ ބެލުމަށް ފާއިޤާގާތު އިބްރާހީމް ބުންޏެވެ.
ސަމީރުވެސް ފަތިހު ތެދުވެ ، ޒުބާއާ ވާހަކަ ދައްކައިލަން ބޭނުންވިއެވެ. ގޭގެ އެންމެންވެސް ސައިމްއާ ޒުބާއާ ކައިވެނިކުރަން އެއްބަސް ވެއްޖެއެވެ. އޭނާނޫން އެހެން ހުރިހާ މީހުންނެވެ. ޒުބާދެކެ ، ސަމީރު އިންތިހާއަށް ލޯބިވެއެވެ. އޭނާ ސައިމްއާމެދު ހިތްހަމަ ނުޖެހެނީކީ ނޫނެވެ. ސައިމް އުޅޭޅެއް ޅަކަމުން އިތުބާރު ނުކުރެވެނީއެވެ. ޒުބާއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދީގެން އަރާމުގައި ޒުބާ ގެންގުޅެވިދާނެކަމަށް ނުފެންނަނީއެވެ. އެހެންވީމާ ، ސަމީރުވެސް މިހާރު ގޮތްދޫކޮށްފިއެވެ. ޒުބާ ބޭނުންވާ ގޮތަށް ސައިމްއާ ކައިވެނިކޮށްދޭން ބައްޕަވެސް މި އެއްބަސްވަނީއޭ ކިޔަމުންގޮސް ، ޒުބާގެ ކޮޓަރި ހުޅުވައިލިއެވެ. ކޮޓަރިތެރޭގައި ޒުބާއެއް ނެތެވެ. ފާޚާނާގެ ދޮރުވެސް ހުރީ ހުޅުވާފައެވެ. ފާޚާނާޔަކުވެސް ޒުބާއެއް ނެތެވެ. ޒުބާއަކީ އެހާ ފަތިހާ ކޮޓަރިން ނުކުންނަ ކުއްޖެއްނޫނެވެ. ކަންބޮޑުވެފައިހުރެ އެތަންމިތަނަށް ލޯއުކަނިކޮށް ، ޒުބާ ބާއްވާފައި އޮތް މެސެޖް ސަމީރަށް ފެނުނެވެ.
ވީދެރައިން ، ޒުބާގެ މެސެޖް ލިޔެފައި އޮތް ކަރުދާސްގަނޑު ބޮނޑިބޮނޑިކޮށްލައި އަތަށްލައިގެން ރޮވިފައިހުރެ ، ތިރިޔަށް ފޭބިއިރު ، ބޭރުގޭގެ ރަނގަބީލުވެސް ، ކޮންމެވެސްމީހަކު އެބަ ޖަހައެވެ. ސަމީނާވެސް ، ކޮންމެވެސް މީހަކު ދޮރުހުޅުވާށޭ ކިޔަމުން ނުކުތްއިރު ، ސަމީރަށް ރޮވިފައިހުރިތަން ފެނުނެވެ. ސަމީރުގެ އަތުގައި ބޮނޑިކޮށްލާފައި އޮތް ކަރުދާސްގަނޑު ސަމީނާއަށް ދިއްކޮށްލިއެވެ. ސަމީނާ އެ ކަރުދާސްގަނޑު ނިއުޅައިލިއިރު އެއީ ޒުބާގެ މެސެޖެވެ. ސަމީނާގެ ދެލޯ ބޮޑުވެ ތަންމިނަށް އަނގަ ހުޅުވުނެވެ.
ކުއްލިޔަކަށް ސަމީރުގެ ހެޔަށް ގޮތްވެ ، ހޭޏެތިގެން ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އެ ވަގުތަކީ ، ރަނގަބީލު ޖަހާޖަހާ ދޮރު ނުހުޅުވީމަ ، އިބްރާހީމްގެ ދެމަފިރިންވެސް ދޮރުފަތް ދުރުކޮށްލައި އެމީހުންނަށް ގޭތެރެޔަށް ބަލައިލެވުނު ވަގުތެވެ. ސަމީރު އޮތީ ވެއްޓިފައެވެ. އެމްބިއުލެންސެއް ގެންނަން ހޮސްޕިޓަލާ ގުޅުމަށް ފާއިޤާގާތު ބުނެ ، ސަމީރު ނަގައިގެން ސޯފާއަށް ގެންދަން އިބްރާހީމް މަސައްކަތް ކުރިއެވެ.
ސައިމްއާއި ޒުބާ ފިލައިގެން ދިޔަކަން އެނގުމާއެކީ ، ސަމީރު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރުމަށްފަހު ، ދާނިއަލް މިސްރާބުޖެހީ މުރާދު މެންގެޔާ ދިމާލަށެވެ. އެކަމަކު ، ދާނިޔަލްއާއި އިބްރާހީމް އެގެޔަސް އައިކަން ސައިމްއަށް އެނގުމާއެކު ، ވަލުދޮރޯށިން ނުކުމެގެން ސައިމްއާއި ޒުބާ އެގެއިން ނުކުމެގެން ، ޓެކްސީއެއްގައި ރޭލް ސްޓޭޝަނަށް ދާން ދަތުރު ފެށިއެވެ. (ނުނިމޭ)

