ސަރަނގު އާދަމް މަނިކު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމަވައިފި

މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.

މިއަދު މޫސާ އަލީ ޖަލީލާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އާދަމް މަނިކު ވިދާޅުވީ، މާލެއަށް ތަރައްގީ ގެނެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މޭޔަރަކު ހުރެގެން ކަމަށާއި، މޫސާ އަލީ ޖަލީލަށް ދެއްވާ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށެވެ.

އާދަމް މަނިކު ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ތަރައްގީއަށް ބޭނުންވާ ގާބިލްކަމާއި ފައިސާ ހުރީ ސަރުކާރުގައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ގެންގުޅުއްވި ބޮޑު އެޖެންޑާ ކުރިއަށް ގެންދެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ބޭފުޅަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މޫސާ އަލީ ޖަލީލަކީ އަޚްލާގު ރަނގަޅު، ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ނެތް ގާބިލު ބޭފުޅެއް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު އިތުރަށް ވިދާޅުވީ ޕީއެންސީ އިން މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކީ ފޯކަސް ކޮށްފަ، އަމާޒެއް ދެއްކީމަ ގޯޅި ނާޅާ ހިނގަން އެނގޭނެ ފަރާތެއް ކަމަށެވެ. އަދި ޖަލީލާ ގުޅޭ ގޮތުން ކޮރަޕްޝަންގެ ވާހަކައެއް ދުވަހަކު ވެސް އައްސަވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.