ޢުސްމާނީ ވެރިކަން (6)

( 2 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ސުލްޠާނާ ފާޠިމަތު ޚާތޫން

އިސްލާމީ ތާރީޚުގެ އެކިއެކި ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ، ފަތަޙަތައް ހޯއްދަވަމުން ގެންދެވި ބޭބޭފުޅުންގެ ވާހަކަޔަކީ މަޝްހޫރު ވާހަކަ ތަކެކެވެ. އެހެނަސް ، އެ ހަނގުރާމަޔައް ފަތަޙަކުރެއްވި ހަނގުރާމަވެރިންގެ ފަހަތްޕުޅުގައި ތިއްބެވި އަންހެން ބޭފުޅުންގެ ވާހަކައެއް ނުދެކެވެއެވެ. ނުވަތަ ނުލިޔެވެއެވެ.

އޭގެ ތެރެއިން އެއްބޭފުޅަކީ ، ޢުޘްމާނީ ވެރިކަމުގެ ޕްރިންސެސްއެއްކަމުގައިވާ ، ސުލްޠާނާ ފާޠިމަތު ޚާތޫނެވެ. މިކަމަނާޔަކީ ، ޢުޘްމާނީ ވެރިކަމުގެ އަޞްލުކަމުގައިވާ ޢުޘްމާން ޤާޒީގެ ހުރި ހަމައެކަނި އަންހެން ދަރިކަނބަލުންނެވެ. މި ކަމަނާޔަކީ ތުރުކީވިލާތުގެ ތާރީޚުގައި އެންމެ ގިނައިން ބަޙުސްކުރެވެމުން އައިސްފައިވާ އަންހެން ޝަޚްޞިއްޔަތެވެ. އެކަމަނާގެ ޙަޔާތްޕުޅުގެ ނާރެސް ވަށައިގެންވާ ، ސިޔާސީ ވިސްނުމާއި ، ރަސްކަމުގެ ލައްޒަތާ އަދި ޙައްދެއްނެތް ލޯބި އެއީ ، އަމާޒުހިފާނެ ވަކި މިސްރާބެއް ކަނޑައަޅަން އަންހެނަކަށް އުނދަގޫވާނެ ޙާލަތެކެވެ. އެންމެ ނާޒުކު ސުއާލަކަށްވެގެން ތާރީޚު ސުއާލުކޮށްފައިވަނީ ، ސުލްޠާނާ ފާޠިމަތު ޚާތޫންގެ ލޯތްބާ ބެހޭގޮތުންނެވެ. ރޯމަނުން ނުވަތަ ބައިޒެންޓީންގެ ކޮމާންޑަރ ފްލޭވިއަސްގެ މައްޗަށް ފާޠިމަތު ޚާތޫންގެ ހިތްޕުޅުގައި އުފެދުނު ލޯތްބަކީ ، ތުރުކީވިލާތުގެ ތާރީޚުގެ ބަހާއެކެވެ. ލޯބީގެ ތާރީޚީ ވާހަކައެކެވެ.

ފާތީމަތު ޚާތޫން ދުނިޔެއަށް ވަޑައިގަތީ ، ގާތްގަނޑަކަށް މާލާދީ ސަނަތުން 1284 ގައެވެ. އެއީ ޢުޘްމާނީ ވެރިކަން ފެށުނު ދުވަސްވަރެވެ. ޢުޘްމާން ޤާޒީގެ ވެރިކަމުގައި ނަންއަރާހުރި ޢުޘްމާނީ ވެރިކަމުގެ ކުރީކޮޅެވެ. އޭރު އެއީ ޚިލާފަތެއްގޮތަށް ތަރުތީބުކުރެވިފައި އޮތް ވެރިކަމެއްނޫނެވެ. އޭރު އެއީ ، ތުރުކީ ވިލާތުގެ ޤަބީލާތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގައި އަރާހުރި ޤަބީލާއަކަށް ނިސްބަތްވާ ޢުޘްމާން ބޭ އެވެ. އެއީ ރޯމަނުން ނުވަތަ ބައިޒެންޓީންއާ ތުރުކީވިލާތާ އިންވެގެންވާ ސަރަޙައްދުގައި އަމާންކަމާއެކީ ފައިތިލަ ސާބިތުކޮށްލައިގެން ބާރުގައި އޮތް ޤަބީލާއެކެވެ. ފާތިމާ ޚާތޫންގެ ބައްޕާފުޅަކީ ، ޢުޘްމާން ޤާޒީ ނުވަތަ ޢުޘްމާން ބޭ އެވެ. މަންމާފުޅަކީ ، މަލްހޫން ޚާތޫނެވެ. އޮރްހާން ޤާޒީއާއި ފާޠިމަތު ޚާތޫނަކީ އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. އޮރްހާން ޤާޒީއަކީ ، ފާޠިމަތު ޚާތޫންގެ ބޭބެއެވެ.

އޮރްހާން ޤާޒީއަކީ ، ބައްޕަ ޢުޘްމާން ޤާޒީއާއެކީ ، ޢުޘްމާނީ ވެރިކަން ފެށުމުގައި އަގުހުރި ޙިއްޞާއެއް އަދާކޮށްފައިވާ ކުޅަދާނަ ފަހުލަވާނެކެވެ. ކޮއްކޮ ، ފާޠިމަތު ޚާތޫނަކީ ، ހަނގުރާމައިގެ މައިދާނުގައި ދައުރެއް އަދާކުރެއްވި ކަމަނާއެއްކަން ތާރީޚުގައި ލިޔެވިފައި ނެތަސް ، އެއީ ޙަޤީޤަތެއްނޫނެވެ. ބޭބެ އޮރްހާން ޤާޒީއެކޭ އެއްގޮތަށް ، ފާޠިމަތު ޚާތޫންވެސް ، ހަނގުރާމައިގެ މައިދާނުގެ ރުކުރުވައިލުންތަކާއި ސަފުތައް ތަރުތީބު ކުރުމުގައި އިސްދައުރެއް އަދާކުރެއްވިއެވެ. އެހެނަސް އެއީ ، ތާރީޚުގައި ލިޔެވިފައި ހުރި ވާހަކަތަކެއްނޫނެވެ. ފާޠިމަތު ޚާތޫނަކީ ، އުޘްމާން ޤާޒީގެ ހުރި ހަމައެކަނި އަންހެން ދަރިކަނބަލުންނެވެ. އެކަމަނާގެ ފިރިކަލުންނާއި ބޭފުޅުންނާއި ، ސިޔާސީ ރޯލާބެހޭގޮތުން އެއްވެސް ވާހަކައެއް ތާރީޚުލިޔާމީހުން ބަޔާންކޮށްފައެއް ނުވެއެވެ. އެހެނަސް އެކަމަނާޔަކީ ، އުޘްމާނީ ޚިލާފަތުގެ އަގުހުރި އަންހެން ޝަޚްޞިއްޔަތެއްކަން ، ތާރީޚީ ހެކިތަކުން ، ސާފުކޮށް އެނގެއެވެ. މިހިސާބުން ވަރަށް ބޮޑު ސުއާލެއް ކުރިމަތި ވެއެވެ. ފާޠިމަތު ޚާތޫން ، ރޯމަނުންގެ ކޮމާންޑަރު ފްލޭވިއަސް އާ ކައިވެނި ބައްލަވައިގަތްތޯ އުފެދޭ ސުއާލެވެ.

ތާރީޚީ ލިޔުންތެރިންގެ އެއްވެސް ލިޔުމެއްގައި ރޯމަނުންގެ ކޮމާންޑަރެއްގެ ވާހަކަވެސް އަދި ފްލޭވިއަސް އެވެ ކިޔާ ހަނގުރާމަވެރިޔެއްގެ ވާހަކަ އަދި ، ފްލޭވިއަސް އާއި ފާޠިމަތު ޚާތޫން ކައިވެނި ބައްލަވައިގަތްކަމުގެ އެއްވެސް ލިޔުމެއް ލިޔެވިފައެއް ނުވެއެވެ.

ފާޠިމަތު ޚާތޫން އާއި އަމީރަކާ ކައިވެނިކުރެވުނު ވާހަކަޔަކާއި އެކަމަނާއަށް ތިންބޭފުޅުން ލިބިވަޑައިގެންނެވި ވާހަކަ ، އަދި ޢުޘްމާނީ ވެރިކަމުގެ ދަރުބާރުގައި އެކަމަނާ އަދާކުރެއްވީ ، އޮރްހާން ޤާޒީގެ މުޝީރެއްގެ ދައުރުކަމަށްވެސް ފްލޯކު ވާހަކަތަކުގައި  ފަނޑު އަކުރުންނަމަވެސް ލިޔެވިފައި އެބަ ހުއްޓެވެ. އެހެނަސް ، އެއިން އެއްވެސްކަމެއްގެ ސާބިތު ހެއްކެއް ތާރީޚުން ފެންނާކަށް ނެތެވެ.

ފާޠިމަތު ޚާތޫނަކީ ، އެކަމަނާގެ ބައްޕާފުޅު ، ޢުޘްމާން ޤާޒީއާއި ބޭބޭފުޅު އޮރްހާން ޤާޒީއަށް ވަފާތެރި އަދި ، ޢުޘްމާނީ ވެރިކަމުގައި ބަސްވިކޭ ބޭފުޅެއްކަން ތާރީޚުން އެނގެއެވެ. އެދުވަސްވަރަކީ ، ހަނގުރާމައިގެ މައިދާނުގައި ޙަރަކާތްތެރިވާ އަންހެންވެރިންގެ އެއްވެސް މަޢުލޫމާތެއް ލިޔެވޭ ޒަމާނެއްނޫނެވެ. ރަސްރަސްކަލުންގެ އަންހެންބޭފުޅުންގެ ތާރީޚު އެއްގޮތަކަށްވެސް ލިޔެވިގެންނެއް ނުދެއެވެ. އެ ކަނބަލުންގެ ފިރިންނާއި ބޭފުޅުންގެ އެއްވެސް މަޢުލޫމާތެއް ލިޔެވިގެންނެއް ނުދެއެވެ. ކައިވެނިފުޅުތަކުގެ ރިކޯޑެއް ނުބެލެހެއްޓެއެވެ. ތުރުކީވިލާތުގެ ތާރީޚުންވެސް އެކަންކަން ފެންނާކަށް ނެތެވެ. އެފަދަ ގިނަ މަޢުލޫމާތު މިޒަމާނާ ހަމަޔަށް އައިސްފައިވަނީ ފުލޯކު ވާހަކައިގެ ގޮތުގައެވެ.

އެހެންނަމަވެސް ، ތާރީޚް ލިޔުއްވާ ބައެއް މުއައްރިޚުން  ލިޔުއްވާފައިވާ ގޮތުގައި ، ފާޠިމަތު ޚާތޫނަށް ތިން ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއީ ، މުޙައްމަދު ބޭ ، ޢަލީ ބޭ ، އިބްރާހީމް ބޭ އަދި ، އައިމަން ޚާތޫނެވެ. މިއިން ކޮންމެ ބޭފުޅަކީވެސް ، ޢުޘްމާނީ ޚިލާފަތުގެ މުހިންމު ބަހާއެކެވެ. ޚާއްޞަކޮށް ތިން ފިރިހެން ބޭފުޅުންނެވެ. އައިމަން ޚާޠޫނުގެ މާގިނަ މަޢުލޫމާތެއް ފުލޯކު ވާހަކައިގައިވެސް އައިއްސައެއް ނުވެއެވެ.

ފާޠިމަތު ޚާތޫނަކީ ، އަންހެންބޭފުޅަކަށްވިޔަސް ، ހަނގުރާމައިގެ ހުނަރުތަކާއި ކަނޑިބަޑީގެ އުކުޅުތައް ، އެކަމާބެހޭ މާހިރުންގެ ފަރާތުން ދަސްކުރައްވައިގެން ހުންނެވި އާދަޔާ ޚިލާފު ބޭފުޅެކެވެ. ހަނގުރާމައިގެ މައިދާނަށް ނުކުންނަވަން ޖެހިވަޑައިގަތަސް ، ޖެހިލުންފުޅު ނުވާވަރަށް އެކަމަނާ ވަނީ ، ހަނގުރާމައިގެ ހުނަރުތައް ދަސްކުރައްވާފައެވެ. އުޘްމާނީ ޤާޒީ ހަނގުރާމައެއް ފަތަޙަ ކުރެއްވުމަށްފަހު އެނބުރިވަޑައިގެން އެންމެ ފުރަތަމަވެސް ބައްދަލުކުރައްވާނީ ، ލޯބިވާ ދަރިކަނބަލުން ފާޠިމަތު ޚާތޫނާއެވެ. ހަނގުރާމައިގާ ކަންތައްތައް ދިޔަގޮތުގެ މަޢުލޫމާތު ، ފާޠިމަތު ޚާޠޫނަށް ވިދާޅުވެ ދެއްވައި ، ހަނގުރާމައިގެ ހުނަރުތަކަށް އެކަމަނާ އަހުލުވެރި ކުރައްވައެވެ.

ފާޠިމަތު ޚާޠޫނުގެ ތިން ފިރިހެންބޭފުޅުން ޚިޔާރުކުރެއްވީ ތިން ދާއިރާއެވެ. ޢަލީ ބޭ ޚިޔާރުކުރެއްވީ ، ކާފާފުޅު ޢުޘްމާން ބޭ އެކޭ އެއްގޮތަށް ހަނގުރާމަވެރި ފަހުލަވާނެއްގެ ދައުރެވެ. މުޙައްމަދު ބޭ ކުރިޔަށް ވަޑައިގަތީ ދިޔާސީ ދާއިރާއިންނެވެ. އަދި ، އިބްރާހީމް ބޭ ވެވަޑައިގަތީ ، ތާރީޚު ލިޔުއްވާ މުއައްރިޚަކަށެވެ.

ޢުޘްމާން ޤާޒީ އަވަހާރަވުމާއެކީ ، ފާޠިމަތު ޚާތޫން ވެވަޑައިގަތީ ، އެކަމަނާގެ ބޭބޭފުޅު އޮރްހާން ޤާޒީގެ މުޝީރަކަށެވެ. ހަނގުރާމަޔާއި ، ޢޫޘްމާނީ ވެރިކަން ދެމެހެއްޓުމަށް ބޭނުންކުރަންޖެހޭ ދުރުރާސްތާގެ ވިސްނުންތަކާ އަދި ވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދޭ ކުދިބޮޑު އެންމެހައި މައްސަލަތަކުގައި ، އޮރްހާން ޤާޒީ ، އޭނާގެ ކޮއްކޮ ފާޠިމަތު ޚާޠޫންގެ ލަފާފުޅު ހޯއްދަވައެވެ. (ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.