( 11 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެރޭ ޒުބާއަކަށް އެއްވެސް އެއްޗެއް ނުކެވުނެވެ. ނިދާގަޑީގައި ކިރުތަށްޓެއް ހިފައިގެން ރޮޝްނާ އައިސް ޒުބާއަށް ދެވޭތޯ މަސައްކަތް ކުރިއެވެ. އެއްވެސް އެއްޗެއް ކާކަށް އަސި ބޯކަށްވެސް ޒުބާ ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ކުޑައިރުކޮޅަކަށްނަމަވެސް ސައިމްއާ ވާހަކަ ދައްކައިލާށެވެ. ޒުބާއަކީ ، އޭނާގެ ކޮއްކޮކަމަށް ޤަބޫލުކުރާކަމަށް ވަންޏާ އެންމެ ފަހަރަކު ސައިމްއާ ވާހަކަ ދައްކައިލެވޭނެގޮތް ހަދައިދިނުމަށް ، ރޮޝްނާގެ ކިބައިން ޒުބާ އެދުނެވެ
" ތިއީ އަހަރެންގެ ލޯބިވާ ކޮއްކޮއެވެ. އެކަމަކު ، ބައްޕަމެންގެ އަބުރާ ޢިއްޒަތަކީވެސް އަހަރެން ލޯބިކޮށް ޤަދަރުކުރާ އެއްޗެކެވެ. ބައްޕަމެން ނުގަބޫލު އެއްވެސްކަމެއް ކުރާކަށް އަހަރެންގެ ހިތެއް ނުރުހެއެވެ. ޒުބާ ބުންޏަސް ތިޔައެދެނީ އަހަރެންނަށް ކުރެވެން އޮތްކަމެއްނޫނެވެ. " ރޮޝްނާ ބުންޏެވެ.
ޒުބާގެ ހިތަށް ހަމަޖެހުމެއްލިބޭނެ އެއްވެސްކަމެއް ރޮޝްނާއަށް ކޮށްދެވޭނެކަމަކަށް ނުފެނެއެވެ. އެހެންކަމުން އޭނާ އެކަނި އޮވެލަން ފުރުސަތުދީފައި ، އެކޮޓަރިން ނުކުތުމަށް ރޮޝްނާއަށް އެންގިއެވެ. ރޮޝްނާ އެ ކޮޓަރިން ނުކުތްތަނުން ، ސަމީނާއާ ދިމާވެގެން އެވަގުތު ޒުބާއާ ވާހަކަ ދައްކަން ނުދިއުމަށް އެދުނެވެ. ޒުބާއަށް އޮޅުވާލައިގެން ކުރަން އުޅުނު ކައިވެނީގެ ކަންތައް މިހާރު ޒުބާއަށް އެނގިއްޖެއެވެ. މަނމަޔާއި ބައްޕަގެ ވާހަކައެއްގެ ތެރެއިން ، ސައިމްއަށްވެސް އެކަން އެނގުނެވެ.
ވަލުދޮރޯށިން ލާފައި މީހަކަށް ނުފެނި އެގެޔަށްވަދެ ، ޒުބާގެ ކޮޓަރިތެރެޔަށް ސައިމް ފުންމައިލިއެވެ. އެއީ އޭނާ ކުރަން ބޭނުންވާކަމެއް ނޫނެވެ. އެހެނަސް ، މަޖްބޫރުވެގެން އެކަން ކުރަން ޖެހުނީއެވެ. ޒުބާގެ ކައިވެނި ކުރެވެނީސައިމްއާ ނޫންކަން ސައިމް ، ޒުބާގާތު ބުނެދިނެވެ. ޒުބާއަށްވެސް އެކަން މިހާރު އެނގިއްޖެއެވެ. އެކަމަކު އޭނާވަނީ މަޖްބޫރީ ޙާލަތެއްގައެވެ. އޭނާގެ ކައިވެނި އެކުރެވެނީ މަޖްބޫރުކޮށްގެންކަމަށް ޒުބާ ބުންޏެވެ.
އެމީހުންގެ ލޯތްބަށް އެއްވެސްމީހަކަށް ހުރަސް ނޭޅޭނެކަމަށްބުނެ ، ޒުބާ އޭނާއާއެކީ އައުމަށް ސައިމް އެދުނެވެ. ލޯބީގައި ހިތްހަލާކުވެގެން ، ޒުބާގެ ހިތަށްލިބޭނެ ތަކްލީފަށް ސައިމްއަކަށް ކެތެއް ނުކުރެވޭނެއެވެ. ޒުބާ އޭނާއާއެކީ އައުމަށް ބުނަމުން ، ޒުބާ ކޮޅަށްނަގައި ކުޑަދޮރާ ދިމާލަށް ޒުބާ ގޮވައިގެން ސައިމް ހިނގައިގަތެވެ.
ސައިމް އެކުރަނީ ކީއްތޯ ޒުބާ ސުއާލު ކުރިއެވެ. އެހެނަސް ، އިތުރު ވާހަކަތައް ނުދައްކައި އޭނާޔާއެކީ އައުމަށް ސައިމް އެދުނެވެ. ސައިމްމެން ހިނގައިގަތްތަނާ ކުރިމަތިން ދޮރުހުޅުވައިލާފައި ކޮޓަރިޔަށް އެވަނީ ޒުބާގެ ބައްޕައެވެ. ސައިމް އެތަނުން ފެނުމާއެކީ ، ޒުބާގެ ބައްޕަ ކޮންޓްރޯލުން ނެއްޓި ، ސައިމްގެ ގައިގައި ތަޅައިގަތެވެ. އަދި ، ތަޅަމުންތަޅަމުން ، އެކޮޓަރިން ސައިމްނެރެ ، ސިޑިންލާފައި ތިރިޔަށް ގެނައެވެ. ގޭތެރޭގައި އަޑުފައްގަނޑު ގަދަވެގެން ، ދާނިޔަލްވެސް ނުކުތެވެ. ސައިމް ފެނުމާއެކީ ، އޭނާވެސް ކޮންޓްރޯލުން ނެއްޓިއެވެ. އަދި ޒުބާގެ ބައްޕަޔާ ދެމީހުންވެގެން ސައިމްގެ ގައިގައި ތަޅަން ފެއްޓިއެވެ. އެވަގުތު ، ގޭގައި އުޅޭ އެންމެން ގޭތެރެޔަށް ނުކުމެއްޖެއެވެ. ސައިމްގެ ގައިގައި އެވަރަށް ތަޅައި އަނިޔާ ނުކުރުމަށް ޒުބާ އެދެމުން ދިޔައެވެ. އެހެނަސް ބައްޕަޔަކަށްވެސް އަދި ބޭބެޔަކަށްވެސް ، ޒުބާ ދައްކާވާހަކައެއް އަޑެއް ނީވެއެވެ. ތަޅަމުންތަޅަމުން ދަމާފައި ، ސައިމްގެ ގެޔަށް ގެންގޮސް ސިޓިންގރޫމަށް ސައިމް ހޫރާލައި ، އިބްރާހީމަށް ، ދާނިޔަލް ގޮވިއެވެ. އޭރުވެސް ، ޒުބާގެ ބައްޕަ ސަމީރު ގެންދިޔައީ ، ސައިމްގެ ގައިގައި ތަޅަމުންނެވެ. އެހެން ނުހަދާށޭ ގޮވަމުން އިބްރާހީމް އައިސް ސަމީރުގެ ކިބައިން ސައިމް ސަލާމަތް ކުރިއެވެ. އަދި ސައިމް ކުރީ ކޮންކަމެއްތޯ ސުއާލު ކުރިއެވެ. ސައިމް އެގެޔަށްގޮސް ޒުބާގެ ކޮޓަރިޔަށްވަދެ ، ޒުބާއާ ބައްދަލުކުރި ވާހަކައާއި ، ސައިމް މައިތިރި ކުރުމަށް ، އިބްރާހީމަށް ސަމީރު އެންގިއެވެ. ދާނިޔަލްވެސް އޭރުވެސް ، ގެންދިޔައީ ސައިމްއާ ދިމާލަށް އެތިވަރު ގޮވަމުންނެވެ. ތަންކޮޅެއް ހަމަޖެހިލައިގެން އޭނާގެ ވާހަކަ އަޑުއަހައިލުމަށާއި ، ޒުބާދެކެ އިންތިހާއަށް ލޯބިވާކަމުގައި ބުނެ ، ސަމީރަށާއި ދާނިޔަލްއަށް ސައިމް އާދޭސްކުރަމުން ގެންދިޔައެވެ. ޒުބާ އެހެންމީހަކާ އިނަކަ ނުދޭނެކަމަށް ސައިމް ބުނަމުން ގެންދިޔައެވެ. އެހެނަސް ، ސަމީރާއި ދާނިޔަލް ، ސައިމްގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫނެވެ. ޒުބާގެ ކައިވެނި ހުއްޓުވޭނީ ، ސަލާމަތުން ދިރިހުރެގެން ނޫންހޭ ބުނެ އިބްރާހީމަށް އިންޒާރުދީފައި ، ދާނިޔަލްއާއި ސަމީރު އެގެއިން ނުކުމެގެން ދިޔައެވެ.
އެމީހުން ދިއުމާއެކީ ، ސައިމް ގެންގޮސް ކޮޓަރިޔަށްލައި ، އަނެއްކާވެސް ކޮޓަރީގައި އޭނާ ބަންދުކުރިއެވެ.
ސަމީރު އެނބުރި ގެޔަށްދިއުމާއެކީ ، ކަންހިނގައިދިޔައީ ކިހިނެއްތޯ ސަމީނާ ސުއާލު ކުރިއެވެ. ސައިމް މައިތިރިކުރުމަށް އިބްރާހީމަށް އިންޒާރުދީފައި އައިކަމުގައި ސަމީރު ބުންޏެވެ. އެހެނަސް ، އެމީހުންނަށް ޒުބާ މައިތިރި ނުކުރެވުނު އިރު ، އިބްރާހީމަށް ސައިމް މައިތިރި ކުރެވޭނީ ކޮންގޮތަކުންތޯ އެއީ ސަމީނާމެންގެ ހިތުގައި އުފެދިފައި އޮތް ސުއާލެކެވެ.
ސަމީރު ، ޒުބާގާތަށް އައިސް ޒުބާ ބޭނުންގޮތެއް އިޚްތިޔާރު ކުރުމަށް ފުރުޞަތުތަކެއް ދިނެވެ.
" އަހަރެން މިއައީ ، ބައްޕައެއްގެ ޙައްޤު ހޯދާށެވެ ! ޒުބާ ބޭނުންވަނީ ބައްޕަގެ ޙައްޤު ބައްޕަޔަށްދީ ، އަހަރެމެން ބޭނުންވާ ގޮތަކަށް ހެދުންތޯ ނުވަތަ ސައިމްއާއެކީގައި ވުންތޯ އެއީ ޒުބާއަށް އަހަރެންދޭ އިޚްތިޔާރެކެވެ. ގަދަކަމުން އެއްވެސްކަމެއް ކުރުވާކަށް އަހަރެން ބޭނުމެއްނޫނެވެ. ޒުބާ ބޭނުންވާ ގޮތެއް ނިންމާށެވެ ! ޒުބާ ނިންމާގޮތަކުން އަހަރެންގެ ދެ އަންހެންދަރިންގެ ތެރެއިން އަހަރެންގެ ހުރީ އެއްދަރިޔެއްކަމުގައި ބެލިދާނެއެވެ. " ސަމީރު ބުންޏެވެ.
ޒުބާގެ ޅާ ސިކުނޑި ހާސްވެގެންގޮސް ހަދާނެގޮތް ބޮޑުވިއެވެ. ކައިރީގައިހުރި ރޮޝްނާއަކަށްވެސް ، އެކަމުގައި ގޮތެއް ކިޔައިދޭކަށް ނުކެރުނެވެ. ޒުބާދެކެ އޭނާވާ ލޯތްބަށްވުރެ ބޮޑަށް ބައްޕަގެ ޤަދަރާއި ޢާއިލާގެ އިޙްތިރާމް ، ރޮޝްނާގެ ކުރިމަތީގައި މާ ބޮޑެވެ. އެހެންކަމުން ، އެކަމުގައި ޒުބާ ބޭނުންވާނެގޮތަކަށް ލަފާދިނުމަކީ ނާދިރު ކަމެކެވެ.
ޒުބާ އަޅާއިތިކޮށް ދުއްވައިގަތެވެ. ފަހަތުންގޮސް ސަމީރުގެ ގައިގައި ބައްދައިގަނެ ރޯން ފެއްޓިއެވެ.
" ބައްޕާއެވެ ! އަހަރެންނަށް ތިހެން ނުހަދާށެވެ ! ބައްޕަގެ ޙައްޤަކީ އަހަރެންނަށް ބޮލައިޖެހޭނެ އެއްޗެއްނޫނެވެ. ހިތުގައި ނެތް ލޯތްބެއްގެ ދަޅަ ދައްކައިގެން އަހަރެންނަށް ކޮންމެ ކޮންމެ މީހަކާއެކީ ދިރިއެއް ނުއުޅެވޭނެއެވެ. އަހަރެމެން ބޭނުންވާ ކޮންމެކަމެއްވެސް މިހާތަނަށް ، ބައްޕައޮތީ ފުއްދައިދީފައެވެ. އަހަރެން މިކުރާ އާދޭހުގެ އަޑުއަހައި ، އަހަރެންގެ އެންމެ ފަހު ބޭނުމެއްގެ ގޮތުގައި މިބުނާ ކަންތައް ކޮށްލަ ދޭށެވެ ! މީގެފަހުން ދުވަހަކުވެސް ބައްޕަގާތު ކަމެއްކޮށްދޭށެކޭ ނުބުނާނަމެވެ. މިކަން އަހަރެންނަށް ކޮށްލަ ދޭށެވެ ! އަހަރެންނަކީ ބައްޕަގެ ދަރިއެކެވެ. އަހަރެންނާމެދު ތިހާބޮޑަށް އަނިޔާވެރި ނުވާށެވެ ! އިންސާފުންބޭރުން އަހަރެންނާމެދު ކަންތައް ނުކުރާށެވެ ! " ޒުބާ އޭނާގެ ބައްޕަޔަށް ރޮމުންރޮމުން އާދޭސް ކުރަމުން ގެންދިޔައެވެ.
ޒުބާގެ ރުއިމާއި އާދޭހުން ސަމީރުގެ ހިތަށް އެއްވެސް ވަރަކަށް އަސަރެއް ނުކުރިއެވެ. ޒުބާއަށް ބޭ އިންޞާފާއި އަނިޔާ އަދި ތަޖްރިބާ ނުކުރެވޭކަމުގައި ސަމީރު ބުންޏެވެ. އޭނާގެ ދެކުދިން ބަލައި ބޮޑުކުރީ ، އެދެކަންތަކާ ނުލައެވެ. ދެކުދިންކުރެ އެއްކުއްޖަކަށްވެސް އަނިޔާއެއް ނުދެއެވެ. ބޭއިންޞާފުން އެއްވެސްކަމެއް ނުކުރެއެވެ. މިހާރުދެން އެފަދަކަމެއް އޭނާކުރަންވީ ސަބަބަކީ ކޮބައި ހެއްޔެވެ ؟ އޭނާގެ ބޭނުމަކީ ، އޭނާގެ ދެ އަންހެންދަރިންގެ އުފަލާއި ހިތްހަމަ ޖެހުމެވެ. ބާއްޖަވެރި ، އުފާވެރި ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމެވެ. އެއީ ބޭއިންޞާފެއް ނޫނެވެ. އަދި އެކުދިންނަށްދެވޭ އަނިޔާއެއްވެސް ނޫނެވެ.
" ދަރިފުޅާއެވެ ! ގޮތްނިންމާށެވެ ! ބައްޕަގެ މައްޗަށް ދަރިފުޅުގެ ހިތުގައި އޮތްލޯބި އެންމެ ފަހުފަހަރަށް ނަމަވެސް ދުނިޔެއަށް ދައްކައިލާށެވެ ! ނޫނީ އަހަރެމެންގެ އިޙްސާންތެރިކަން ހަނދާން ނއްތާލައި ، އަހަރެމެންގެ އަބުރާއި ޤަދަރުގައި ކޮޅުފައިން ޖަހާފައި ސައިމްއާއެކީ ދާށެވެ ! " ސަމީރު އޭނާގެ ދަރިފުޅަށް ދެ އިޚްތިޔާރެއް ދިނެވެ.
އަދި ، ޒުބާގެ ނިތްކުރީގައި ބޮސްދީފައި ނުކުމެގެން ހިނގައްޖެއެވެ.
ޒުބާދެވަން އުޅުނު ފިރިހެންކުއްޖާގެ މަންމަ ، ނަޝްރީނާއަށް ޒުބާ އެހެންމީހަކުދެކެ ލޯބިވާކަން އެނގުމާއެކީ ، އެ ކައިވެންޏަށް ހިޔަނި އެޅިގެން ދިޔައެވެ. ރޮޝްނާވެސް ޒުބާ ކަންތައްކުރިގޮތުން ޒުބާއާ ދިމާލަށް ވަރަށް އެއްޗެތި ކިޔެވެ. ޒުބާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްކަމުގައި ބަލަން ލަދުގަންނަ ކަމުގައި ރޮޝްނާ ބުނުމާއެކީ ، ރޮޝްނާވެސް އެތަނުން ނުކުމެގެން ދިއުމަށް ޒުބާ އެދުނެވެ. އޭނާގެ ޙާލަށް ހަމްދަރުދީވެ ، އޭނާއަށް ހެޔޮއެދޭ އެއްވެސް މީހަކު އެގޭގައި ނޫޅޭކަމުގައި ޒުބާ ނިންމިއެވެ.
ރޮޝްނާ މެދުވެރިކޮށް ޒުބާގެ ޙާލު ، ސައިމް ބަލަމުން ގެންދިޔައެވެ. ރޮޝްނާއާ ސައިމްގުޅާ ކޮންމެފަހަރަކުވެސް ، އެހާވަރަށް ސައިމްއާ ދިމާލަށް އެއްޗެތި ކިޔައެވެ. އެކަމަކުވެސް ދޭތެރެޔަކުން ރޮޝްނާއަށް ސައިމް ގުޅައެވެ. ޒުބާއަށް ހިތްވަރުދީ ، އޭނާގެ ލޯބި ޒުބާއަށް އިޙްސާސްކޮށްދީ ، ޒުބާގެ ޙާލު ބެލުމަށްޓަކައެވެ. މިހާރު އެއްގޮތަކަށްވެސް ސީދާ ޒުބާއަކާ ސައިމްއަކަށް ނުގުޅެއެވެ. ޒުބާއަށް ފޯނުކުރެވޭޏެ ހުރިހާ މަގެއް ދާނިޔަލްވަނީ ބަންދުކޮށްފައެވެ. އަދި ޚާއްޞަކޮށް ސައިމްއާ ގުޅުން ، ޒުބާއަށްވަނީ މަނާ ކުރެވިފައެވެ.
ޒުބާގެ ކަންތަކާހުރެ ، ރޮޝްނާއާ ދާނިޔަލްގެ ދިރިއުޅުމަށްވެސް ނޭދެވޭ އަސަރު ކުރަމުން އެބަދެއެވެ. ރޮޝްނާ މެދުވެރިކޮށް ރޮޝްނާއަށް ފޯނުކޮށްގެން ސައިމް ، ޒުބާއާ ވާހަކަ ދައްކަމުންގެންދާކަން ، ދާނިޔަލްއަށް އެނގެއެވެ. ދާނިޔަލްގާތު ރޮޝްނާ ނުބުނި ނަމަވެސް ، އެއީ ހިނގަމުންދާ ކަމެކެވެ. ބައެއް ދުވަސްދުވަހަށް ދާނިޔަލް މިހާރު އޮފީހަކަށްވެސް ނުދެއެވެ. ރޮޝްނާ އޭނާގެ ކޮންޓްރޯލްގެ ދަށުގައި ބަހައްޓަން ވެގެންނެވެ. ދާނިޔަލް ބޭރަށް ދަންޏާ ދަނީވެސް ޒުބާއަށް ފާރަލައި ޒުބާ ބަލަހައްޓަން ރޮޝްނާއާ ޙަވާލުކޮށްފައެވެ. ޒުބާއަކަށް އެއްވެސް މީހަކަށް ފޯނެއް ނުކުރެވޭނެއެވެ. ގެއިން ބޭރަކަށް ނުދެވޭނެއެވެ.
ޒުބާ ގޭގައި ބަންދުކޮށްގެން ގެންގުޅުމަކީ ، އެގޭގެ އެއްވެސްމީހަކު ބޭނުންވާގޮތެއް ނޫނެވެ. އެންމެންވެސް ޒުބާދެކެ އެހާލޯބިވެއެވެ. އެއީ އެގޭގެ އެންމެ ހަގު ކުއްޖާއެވެ. ޒުބާގެ ޙާލަތުވެސް އެއްދުވަހުން އަނެއްދުވަހަށް ދިޔައީ ދަށްވަމުންނެވެ. ރަނގަޅަކަށް ކަނީއެއްނޫނެވެ. ރޭގަނޑު ނިދަނީކީ ނޫނެވެ. ޒުބާގެ ހަށިގަނޑުންވެސް މިހާރު އެކަންކަން އެނގެން ފަށައިފިއެވެ. ގޭގެ އެންމެ އިސްކޮށްތިބި މީހުންގެ މެދުގައިވެސް ދެބަސްވެ ، ޚިޔާލު ތަފާތުވެ އެކަމާބެހޭގޮތުން ބަޙުސް ކުރެވެމުން ދިޔައެވެ. އެއްބަޔަކަށް ފެންނަގޮތުގައި ، ޒުބާބޭނުންވާގޮތެއްވެސް ފުރިހަމަވާން ޖެހޭނެއެވެ. އެއީ ޒުބާގެ ދިރިއުޅުމެވެ. ދިރިއުޅުމަކީ ، ދަރިންނަށް ގަދަކަމުން ހޯދައިދެވޭނެ އެއްޗެއްނޫނެވެ. މިޒަމާނުގައި އެ ފިކުރެއް ނުހިނގައެވެ. ޒަމާން މިއޮތީ ބަދަލު ވެފައެވެ. އެހެނަސް ، ސަމީރު ، އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. ސައިމްއާ އޭނާގެ ދަރިފުޅު ދެވާނެ އެއްވެސް ގޮތެއް ނުއޮންނާނެކަމަށް ބުނެ ، ސަމީރު ގެންދިޔައީ އެ ކައިވެންޏަށް އިންކާރު ކުރަމުންނެވެ. ގޭތެރޭގައިވެސް އެކަކު އަނެކަކަށް މިމައްސަލައިގައި ހިތްހަމަ ނުޖެހުން އުފެދި ޚިޔާލު ތަފާތު ވަމުން ދިޔައެވެ.
ޒުބާވެސް އޭނާގެ ގޮތެއް ދުލެއް ނުކުރެއެވެ. ސައިމްވެސް އެންމެންނަށް ވަގަށް ކޮޓަރީގެ ބޭރުގައި ހުންނަ ހޮޅިޔަކުން މައްޗަށް އަރައި ، ޒުބާގެ ކޮޓަރީގެ ކުޑަދޮރުން ބޭރުގައިހުރެ އިޝާރާތުން ޒުބާއާ ވާހަކަ ދައްކައެވެ. އޭނާގެ ހިތުން ސައިމް ނެރެނުލެވޭނެކަމުގައި ޒުބާ ބުނަމުން ގެންދިޔައެވެ. ޚުދު އޭނާގެ މަންމައާއި ބައްޕަ ، އޭނާއާމެދު ނުކުރި ޚިޔާލެއް ގޭގެ އެހެން މީހުން އޭނާއާމެދު ކުރާނެ ކަމެއްނެތްކަމުގައި އަންގައި ، އެންމެންނާ ދުރުވަމުން ދިޔައެވެ. ދާނިޔަލްބޭބެޔަކީވެސް ، އޭނާގެ ދުޝްމަނެއްކަމުގައި ޒުބާ ނިންމައެވެ.
ޒުބާއާއި ސައިމްގެ ބައްދަލުވުންތަކުގައި ، ގޭގެ އެންމެންނާ ދެކޮޅަށް އެމީހުން ކައިވެނި ކުރުމުގެ ވާހަކަވެސް ދެކެވެއެވެ. އެކަމަށް ދެމީހުންވެސް އެއްބަސް ވެއެވެ. ޒުބާއާއި ސައިމްގެ ކައިވެނި ކޮށްދިނުން ނޫން ގޮތެއް ނެތްކަމަށް ގޭތރޭގައިވެސް ގިނަމީހުން އެއްބަސް ވެއެވެ. އެކަމަށް އެއްބަސް ނުވަނީ ހަމައެކަނި ދާނިޔަލް އާއި ސަމީރެވެ. ( ނުނިމޭ )

