މިއަހަރުގެ ރަމަޟާން މަސް ނިމި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ރަސްމީ ޖަލްސާ މިރޭއޮންނާނެއެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ހަނދު ބެލުމުގެ ކަންކަން މިއަދު ހަވީރު 5:30 އިން ފެށިގެން ކުރިއަށްދާއިރު، ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް މާލޭގައި ނަމަ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި އަދި އަތޮޅުތަކުގައި ނަމަ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި އެ ފުރުސަތު އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ކައުންސިލް އިދާރާތައް މިރޭ ހުޅުވާފައި ހުންނާނެ ކަމަށް އެ އިދާރާތަކުން މައުލޫމާތުދެއެވެ. ހަނދު ދުށް މީހަކު މައުލޫމާތު ދޭއިރު ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެއެވެ.

