މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި

ކ.މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށަިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އަހުމަދު ޤާސިމްއެވެ.

މި އިމާރާތަކީ ކ.މާފުށީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިމާރާތެކެވެ. ކައުންސިލުން ބަޖެޓް ހަމަޖައްސައި މަރާމާތުކޮށް، މާފުށީ ހޮސްޕިޓަލާއި ހަވާލުކޮށްފައިވާ އިމާރާތެކެވެ.

މާފުށީ ހޮސްޕިޓަލުން ބުނީ އެތަނުގައި ހިދުމަތްތައް ފެށުމުން ރަށުގައި ތިބެގެން ފަސޭހައިން ފިޒިއޮތެރަޕީ ހެދޭނެ ކަމަށެވެ. އަދި އެކަމުގައި މާފުށީ އަންހެނުންގެ ކޮމެޓީ އާއި ރަށު ކައުންސިލް އަދި ހެލްތު މިނިސްޓްރީއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ހެލްތު ސެންޓަރުތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް މިހާރު ލިބެއެވެ. ނަމަވެސް، ފިޒިއޮތެރަޕީގެ ހިދުމަތް ލިބެނީ މަދު ރަށްރަށެއްގައެވެ.

ގިނަ ބަޔަކު ހިދުމަތް ހޯދާ މާފުށީ ހެލްތު ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލުކުރީ 2023 ވަނަ އަހަރުއެވެ.

ހޮސްޕިތލަކަށް ބަދަލުވުމުގެ ކުރިން މާފުށީ ސިއްޙީ ޚިދުމަތް ލެވެލް 4 ގައި ނުވަތަ ސިއްޙީ މަރުކަޒެއްގެ އޮތުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަމުގެ މައިގަނޑު ސަބަބު ގުޅިފައިވަނީ އެރަށުގެ އިޤްތިޞާދީ މައި ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއެވެ.

ގިނަ ޢަދަދެއްގެ ފަތުރުވެރިން އެރަށަށް ކޮންމެ ދުވަހަކު އަރާފައިބާއިރުވެސް އެމަރޖެންސީ ޙާލަތެއްގައި މާލެ ގެނައުން ނޫންގޮތެއް ނެތުމަކީ ރަށުގެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
މާފުށީ ހޮސްޕިޓަލުގައި މިހާރުވެސް 6 ޑޮކްޓަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޢާއްމު ބަލިތަކުގެ 2 ޑޮކްޓަރުންނާއި، އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރަކާއި، ހަމުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރަކާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ޑެންޓިސްޓަކު ޚިދުމަތްދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.