ސަފީރު ޢަބްދުއްރަޙީމް، ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރުފުއާތް އޮކްތާއި އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައި، 2024 ވަނަ އަހަރު ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެވުނު ފަހުން ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރުގެ މުހިންމުކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މުގައްރިރު އޮނަރަބަލް ފުއާތު އޮކްޓޭ ވަނީ ސަފީރަށް މަރުހަބާ ދަންނަވައި، އެކި ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތުރުކީވިލާތުން ދެވެން އޮތް އެހީތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

މި ބައްދަލުވުމުގައި، ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.