ވަލުތެރޭގައި . . . - 2

(22 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ނޫން. އަދިވެސް. އަދިވެސް..."

މި ވަރުން ރަވީނަށް މަންމަ ދެން ކިޔާނީ ކޯންޗެއްކަން ވިސްނިއްޖެއެވެ."މީހަކު ވިހައިފައި ވަލަށް އެއްލައިލައިފައި އޮތް އެއްޗެކޭ. އަމައެއް ބަފައެއް، އާއިލާއެއް ވާލެއްއިޔާރެއް ހުރި އެއްޗެއް ނޫނޭ..."

"ނާޒުމެޑަމް، ދަބަސް ކޮނޑުގައި އަޅައިލައިގެން ނޯށުން ރޮމުންރޮމުން ކަރުނަތައް ފޮހެމުންފޮހެމުން ގެއިން ނިކުމެގެން ހިނގައްޖެ!"

މިހާރު ދެން އޮޅުމެއް ވެސް ނެތެވެ. "ނޯށުން ރުއިން" މީ މަންމަ ބޭނުންކޮށް އުޅޭ ބަހެކެވެ. އެކަހަލަ ތަދު ބަހެއް ސޯމްޔާ ފަދަ ބަންގާޅު އަންހެނަކަށް ދަސްވާނީ މަންމަ ފިޔަވައި ދެން އެހެން ކާކުގެ ފުށުން ހެއްޔެވެ؟ "ނޯށުން ރޮމުން" ގެއިން ނިކުމެގެން ނާޒު ދާނީ މަންމަ ނޯށުން ރޮއްވައިލީމާތާއެވެ.

ރަވީން، ދަތްކޮޅު ހަފަހަފައި ވެސް، ރުޅިގަނޑު ހައްމަތަކޮށްލިއެވެ. މީހަކު ކިތަންމެ ބުންޏަސް އެއީ އޭނަގެ ލޮބުވެތި މަންމައެވެ. ބައްޕަގެ މާބޮޑު އެހީއެއް، އަޅައިލުމެއްނެތި ތިން ދަރިން ބަލައި ބޮޑުކޮށް ކިޔަވައިދީ މޮޅު ކުދިންނަށް ހެދި މަންމަވިއްޔާއެވެ. އެއީ ތިން ދަރީން ގޮވައިގެން ފަގީރު ހާލުގައި އުޅުނު ދުހު ވެސް ތިމާގެ އަބުރާއި އިއްޒަތުއް ނަފުސަށް ރައްކާތެރިވި މާތް އަންހެނާއެވެ. މޫނުމައްޗަށް އިރުއޮއްސިފައި ހުއްޓައި ދެކެގެން ރައްޓެއްސަކު ހާލު އަހައިހެދިޔަސް "ހާލު ރަނގަޅޭ" ނޫން ބަހެއް ދުވަހަކު އެ ދުލަކުން ނުލިބޭނެއެވެ. އެހީއަށް އެދި ފަރާތްފަރާތަށް ސިޓީ އަޅައެއް ނަހަދާނެއެވެ. މީހަކަށް ސަލާމެއް ނުމެ ޖަހާނެއެވެ. ތިމާ ކުޅަ މަސައްކަތަކުން ހޯދާ ފައިސާއެއް މެނުވީ ތިމާއަށް ހަލާލުވާނޭކަމަކަށް ނުމެ ދެކޭނެއެވެ. ހެދިކާހަދައި ވިއްކައިގެން އާއިލާ ބަލަހައްޓަން ޖެހުނަސް ބޮޑުގުޅަ ވާން ޖެހޭނީ ހަމަ ބޮޑުގުޅައަށެވެ. މަސްރޮށި ވާން ޖެހޭނީ މަސްރޮއްޓަށެވެ. އެތަކެތި ލައިބެދެން ޖެހޭނީ ލުނބުޔާއި ރޯމިރުސް ބޭނުންކޮށްގެން އަމިއްލަ އަތުން ފިސާރި މީރުކޮށް ހަދާ މަސްގަނޑުގަނޑުން މަސް ލައިގެންނެވެ. ހޮޓާހޮޓަލުގައި ހަދާ ހެދިކާހެން މަހުގެ ޚަރަދު ކުޑަކޮށް، ފައިދާ ބޮޑުކުރުމަށް ކުޑަ މަސްކޮޅެއްލައިފައި ހުނިގަނޑެއް ލީމާ އެ ވަނީ މަސްހުންޏަކަށް ވެސް ނޫނެވެ. ހުނިފުންޏަކަށެވެ. މަސައްކަތަށް މަކަރުހެދުމަށެވެ. ދަރީންނަށް ވެސް މަންމަ ދަސްކޮށްދިނީ މަންމަގެ މަތިވެރި އުސޫލުތަކެވެ. ކުރާކަމެއް ކަމާވެގެން އަމާނާތްތެރިކަމާ އެކު ކުރާށެވެ. މުހުތާދުގެ އަތުން އެއްވެސް މީހެއްގެ ދެ ފައިގައި ނުހިފާށެވެ. މަންމަގެ ތަރުބިއްޔަތާއި ޒަމާނުގެ ތާލީމުން ލާފުރާފުރިހަމަވެފައި ތިބި ދޮށީ ދެ އަންހެންދަރީން މީހުންނާ އިނދެގެން ފިރީންގެ ގެޔަށް ހިނގައްޖެއެވެ. އެއީ އެކަން ވާނޭ ގޮތްކަމަށް މަންމަ އަބަދުވެސް ދުއްޓެވެ. އެ ކުދީން ކިޔެވި އެއްޗަކުން ފައިދާކުރާނީ އެ ކުދީންނަށާއި އެކުދީންގެ ފިރީންނަށް ނޫން ހެއްޔެވެ؟ މަންމަގެ ހުރިހައި އުންމީދެއް ގުޅިފައިވަނީ ހަގު ފިރިހެން ދަރިފުޅު ރަވީނާއެވެ. ކަރައިން ދެ ފަހަރަށް ދަސްވެނިވެ ޝަރަފުވެރިވެގެން މާލެ އައިމާ މަންމަ ހީކޮށްގެން ހުރީ ދަރިފުޅުކުރާނީ ވެސް ޝަރަފުވެރި ކައިވެންޏެއްކަމަށެވެ. އެޝަރަފު ރަވީންގެ ނަސީބުގެ ފަތުގައި ރަންއަކުރުން ލިޔެވިފައި އޮތްކަމަށް ހީކޮށް ހެވިފައި ހުރީ ރަވީން ކިޔަވަން ބޭރުގައި އުޅުނުއިރު ރައްޓެވި އަލީނާއަކީ ރާއްޖޭގެ ނަންހުރި ފައިސާވެރިއެއްގެ ދަރިއަކަށް ވީތީއެވެ. މާލެ އައުމަށް ފަހު ވެސް އަލީނާ އިހެކޭ ވެސް އެއްގޮތަށް ރަވީން ފަހައި ދުވީތީއެވެ. ކައިވެންޏާ ހަމަޔަށް ގޮސްފައިވަނިކޮށް ހުރިހައި ކަމެއް އެފުށްފުށުން ޖެހުނީ މަންމަ ދުށް ގޮތުގައި "މި ނާޒޭ ކިޔާ ހަސްނެތް ކުއްޖާގަނޑުގެ" ސަބަބުންނެވެ.

ރަވީންގެ ހިތަށްއަރައެވެ. މަންމަމެންނަށް ފެންނާނީ އަލީނާގެ ބައްޕަގެ މިލްކުގައިވާ ފިހާރަތަކާއި އަބަދުވެސް މޫނުމަތި މުލައްމާކޮށް ޗާލޫކޮށްލައިފައި ހުންނަ "އަލީނާ"އެވެ. އޭނަގެ އަސްލު މޫނެއް ނުފެންނާނެއެވެ. ލޯބިން ނޫނަސް މީހުން މީހުނާ އިނދެގެން އުޅެއެވެ. އެގޮތުން ރަވީނަށް ވެސް އަލީނާއާ އިނދެގެން އުޅެވިއްޖައީހެވެ. ނަމަވެސް އެ ގެޔަށް ރަވީން ގޮސް އިން ރެއެއްގައި އަލީނާ ކޮންމެވެސް ކަމަކާ ރުޅިއަރައިގަނެގެން އަވަށްޓެރި އަންހެނަކަށް ނިސްބަތްކޮށް "މަށަށް އެޅައި ފެނިއްޖެއްޔާ މޫނަށް ކުޅުޖަހާނަމޭ" ބުނިބުނުން ވެގެން ދިޔައީ އަލީނާއާމެދު އިހު ވެސް ރަވީން ހިތުގައި ފަނޑުފަނޑު ގޮތަކަށް އޮންނަ "ނުސޫރަ" ކުއްލިޔަކަށް ފެވި ސޫރަވެގެން ދިޔަކަމަކަށެވެ. އަދި ދެ ކުދިންގެ ދުނިޔެއަށް އަރަން އުޅުނު ފުރިހަމަ ހަނދު ނާރައި ކޭތަހިފި ސަބަބަށް ވެސްމެއެވެ. ރަވީން ހިތަށްއަރައެވެ. ތިމާ ފަދަ އާދަމުގެ ދަރިއެއްގެ މޫނަށް ކުޅުޖަހަން ބޭނުންވާނީ ކޮން ކަހަލަ އަޚްލާގެއްގެ ވެރިއެއް ހެއްޔެވެ؟ ދެންވެސް، އަލީނާ އާދޭސްކުރަމުން އައިވަރުން، ކޭތައަކީ އިރުގެ ހިޔަނިކަމާއި ވީއްލާނޭ އެއްޗެއްކަމަށް ބަލައި، އަޖުމަ ބަލައިލުމުގެ ގޮތުން ނަމަވެސް ރަވީނަށް ހަމަޖެހިފައި އޮތް ކައިވެންޏައިގެން ކުރިޔަށް ދެވިއްޖައީހެވެ.

ހުރިހައި ކަމެއް ބަދަލުވީ އެއް ރެއަކު ވިލިނގިޔަށް ދިޔަ ފެރީދޯނިމަތިން ނާޒު ފެނުމުންނެވެ. ނުވަތަ ނާޒަށް ރަވީން ފެނުމުންނެވެ. ހައިރާނެއް ފަހެ ނުވާނެ ހެއްޔެވެ؟ އަންހެންކުއްޖެއްގެ ހަމަ އެންމެ އިސާރަތެކެވެ. މާގިނަ ބަޔަކު ނެތް ދަތުރެއް ނިމުމަކަށް އައުމުން، ދޯނިން ފޭބުމުގެތެރޭގައި ނުގަސްތުގައިކަމަށް ހަމަ ގަސްތުގައި ރަވީން ގައިގައި ޖެހިގަތް ޖެހިގަތުމެކެވެ. ވާޓަރު މައްޗަށް ވިއްސައިގެން ދިޔަ ފޯނު ނަގައި އޭގެ ކަވަރު އަމިއްލަ ކުޑަރުމާލުން ފޮހެލައި ރަވީނަށް ފޯރުވައިލަމުން ހަދިޔާކުރި އެންމެ ހިނިތުންވުމަކާއި ބަލައިލުމެކެވެ. އެއީ ކޮން ފަދަ މާނަވީ އަދި ޖާޒުބީ އިސާރަތްތަކެއް ހެއްޔެވެ؟ އެ ތޫނުފިލި ކަޅިރަވައިގައިވާ މަސްތީ އަސަރެއް މެއަށް އެރުމާ އެކު ރަވީން ރަވީނަކަށް ނެތެވެ. ހިތްކަތިލައި މަރައިފިއެވެ. އެ ގޮމަފުޅުގެ ނަމަކީ ކޮބައިތޯ އެހެމުން ބުނީ ނާޒުކަމަށެވެ. އުޅެނީ ކޮންތާކުތޯ އެހުމުން ކުރެހިފައިވާ އަޑަކުން، ރިހުން ހުރި ރާގަކަށް ބުނެލީ "އުޅޭނެ ތަނެއް، ބަލާނެ މީހަކު ނުމެ ނެތް ކުދިން އުޅޭ ތަނުގައި ކަމަށެވެ". އެއީ "ކުޑަކުދިންގެ ހިޔާކަން" ރަވީނަށް ވިސްނުނެވެ. ނާޒު މޫނު އަނބުރައިލީ "އަހަންނަކީ ކާކުކަން އެނގުމުން ވެސް ކަލޭ އަހަރެންގެ ނަން އަހައިހަދާނަންހޭ" ބުނެލާ ކަހަލަ ގޮތަކަށް ލޮލާއި ބޮލުން ގޮންޖަހައިފައެވެ.

ނާޒު، ގެއިން ނިކުމެގެން ހިނގައިދާނެއޭ ހީވާހައި ދިމަދިމާއަކަށް މިހާރު ފޯނުކުރެވިއްޖެއެވެ. ފުރަތަމަ "ކުޑަކުދީންގެ ހިޔަލަށެވެ". އެ ހިޔަލުން ބޭރުވެފައިވާތީ އެތަނަކަށް ގޮސް އަލުން ނުވަންނާނެކަން އެނގުމާ ވެސް އެކުގައެވެ. އެވީ ރަނގަޅު ވިސްނުމަކަށެވެ. އެފުޅު އެތަނަކަށް ދިޔަކަމަކަށް ނުވެއެވެ. އަދި އެންމެ ގާތް ރައްޓެހީން ކަމުގައިވާ ނިހާ ނުވަތަ އިނާ ނޫނީ ކިއާރާ ގާތަށް ވެސް ދިޔަކަމަކަށް ނުވެއެވެ. އެކުގައި ކިޔަވަން އުޅުނު ކުދީންގެ ތެރެއިން ވެސް ދަންނަ އަދި ނަންބަރު އެނގޭހައި ކުއްޖަކަށް ގުޅިއްޖެއެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކާ ގުޅިކަމަކަށް، ނުވަތަ އެއިން ގެޔަކަށް ދިޔަކަމަށް ނުވިތާ މަގުމަތީން ވެސް ދިމާވެފައި އޮތްކަމަކަށް ނުބުނެއެވެ. ގެސްޓު ހައުސްތަކަށް ގުޅައިގެން ވެސް ނާޒު ކިޔާ ކުއްޖަކު އެއިން ތަނެއްގައި މެހުމާނެއްގެ ގޮތުގައި މިއަދު ހުރިކަމަކަށް ނުވިއެވެ. އެންމެ ގާތް ދެ ރައްޓެއްސެއްގެ ގެދޮރު ފިޔަވައި، ނާޒަށް ވަގުތީ ގޮތުން ވެސް ހުރެވިދާނެ ހިޔާވައްސެއް މާލޭގައި ނުވަތަ ވިލިނގިލީގައި ނޫނީ ހުޅުމާލޭގައި ހުރީކީ ވެސް ނޫނެވެ. ނާޒު މަސައްކަތްކުރާ ކުންފުންޏަށް ފޯނުކުރުމުން އެނގުނީ އެ ދުވަހު ދޭއް ޖަހައި އެހައިކަށްހާއިރު އެތަނަށް ގޮސް އަހަރީ ޗުއްޓީ ނަގައި ހިނގަމުން މިދާ މަހުގެ މުސާރަ ވެސް ނަގައިގެންދިޔަކަމެވެ. ދިހަވަރަކަށް ދުވަސް ފަހުން، ޗުއްޓީ ހަމަވުމުގެ ކުރިން، މަސައްކަތަށް އެނބުރި އަންނާނެކަމަށް ވެސް ބުނިކަމަށްވެއެވެ.

ރަވީންގެ މަންމަގެ ވިސްނުމަކީ ނާޒު ފިލައިގެން ދިޔަކަމަށް ނިންމައި ލަސްނުކޮށް ފުލުހުންނަށް އެންގުމެވެ. އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، ދެ މައިން އެއްގަލަކަށް އެރުވުމުގެ އެންމެ ފަހު ފުރުސަތު ވެސް އަތުން އެ ދޫވީކަން ރަވީނަށް ވިސްނެއެވެ. މިއަދު ނާޒުގެ ފޯނު ނިވާލައިފައި އޮތް ނަމަ އެ އޮތީ ރަވީންގެ އާދޭސްތަކަށް ނުވަތަ އެފުޅުގެ އުދާސްތަކަށް ފުރުސަތެއް ނުދިނުމުގެ ގޮތުންކަން ވެސް ވިސްނުނެވެ. ބުނަން އޮތް އެތި އެފުޅު އެ ވަނީ ބުނެފައި ނޫން ހެއްޔެވެ؟ އަދި އެދެން އޮތް އެދުން ވެސް އެ އޮތީ ވަންހަނާއެއް ނެތި ފައުޅުކޮށްފައި ނޫން ހެއްޔެވެ؟

"ރަވީންއެވެ. އަހަރެން ކަލޭގެ ދުނިޔެއާ ދުރަށް ގޮސްބަލަނީއެވެ. ކުރިމަގާ މެދު ވިސްނައިލާން މަށަށް މުހުލަތެއް ދޭށެވެ!"

ރަވީން ކުރާނޭ ކަމަކީ އެ އެދުމަށް އިހުތިރާމުކޮށްގެން އިހަށް މަޑުން ހުރުމެވެ.

ސައިޕާޓީގެ އެންމެ ފަހު ތައްޔާރުތަކުގައި އަވަދިނެތިއުޅެނިކޮށް ރަވީންގެ ފޯނަށް ކޯލެއް އަތުވެއްޖެއެވެ. ޖީބުން ފޯނު ނަގައި ބަލައިލިއިރު އެއީ ނާޒުގެ ކޯލެކެވެ. އުފަލުން ގޮސް ތުރުތުރުއަޅާ އަތަކުން ފޯނު ނެގުނެވެ. މަގޭ ރަންކޮޅު ކޮން ދުނިޔެއެއްގައި ތިޔަ އުޅެނީ؟ ސަހާދެއް، ޚަބަރެއް ނުވެގެންނާއި ރަންކޮޅާމެދު ފިކުރުބޮޑުވާ ވަރުން މަ މިހިރީ މޮޔަވާވަރުވެފައި!"

"އެހެންތަ؟ އަހަރެން މިހިރީ އެއާޕޯޓުގައި. ދަބަސް އަތަށް އެރުމުގެ އިންތިޒާރުގައި؟"

"އެއާޕޯޓުގައޭ؟"

"ފުވައްމުލަކުން ފުލައިޓު އައީ-"

"ގެޔަށް ނައިސް ގުޅައިވެސް ނުލައި ތި އުޅުނީ އެ ރަށުގައިތަ؟"

"ގެއިން ނިކުމެގެން ދިޔަ ދުވަހު ރައްޓެއްސެއް ގާތަށް ވިލިނގިޔަށް ދާނަމޭ ހިތައި ޓެކުސީއަކަށް ގުޅައިގެން ހުއްޓައި، ނަސީބަކުން މަގުމަތިން އެއަށްވުރެ ގާތް ރައްޓެއްސަކާ ދިމާވެއްޖެ. މި ބުނަނީ މަށާ އެކު "ހިޔަލުގައި" އުޅުނު އިއްފަގެ ވާހަކަ. އިއްފަ އުޅެނީ ފުވައްމުލަކުން މީހަކާ އިނދެގެން އެ ރަށުގައި. މަށަށް ޖެހިގެން އުޅޭ މައްސަލަ ކިޔައިދިނުމުން ބުނީ މިފަދަ ދަނޑިވަޅެއްގައި ،ކުޑަ ދުވަސްކޮޅަކަށް ގެއާއި ރަށް ބަދަލުވުން، އެއީ ހެޔޮ ބަދަލަކަށް ނޫނީ ނުވާނެއޭ. ތިމަންނައާ އެކު ފުވައްމުލަކަށް ހިނގާށޭ. އެރަށުގެ ހިތްފަސޭހަ މަސަލަސް މަސްރަޙު ފިކުރުތަކާ ދުރުކޮށް ނާޒަށް ހަމަޖެހުމާއި އުފާވެރިކަން މެނުވީ ނުގެނެސްދޭނެއޭ. އަނބު މޫސުން ވެސް އޮތީ އައިސްފައޭ. އަނބާއި ދަނބުވެސް ކާން ލިބޭނެޔޭ. އަނެއްކާ ނާޒުގެ ކުރަހާ ފަންސުރަށް އެރަށުގެ ފެހިފެހި ވެށިން ތާޒާކަމާއި ފަހިކަން މެނުވީ ނުލިބޭނެއޭ. މިފަހަރު މާލެ އައިސްގެން މި އުޅެނީ މައިދައިތަ ބަލިވެގެން މައިދައިތައާ އެކުގައޭ. މައިދައިތަގެ ދެވަނަޔަށް ހުރި ފިރިހެން ދަރިފުޅު އުޅެނީ މި ރަށުގައި މަޝްހޫރު ރެސްޓޯރެންޓެއް ހިންގާން ނޫންހޭ. އޭނަޔާއި އޭނާގެ އަންހެނުން، މަންމަ ގޮވައިގެން ބޭހަށް މިއަދު މެންދުރު ފުލައިޓުން ކޮއްޗެއަށް ފުރައިފިޔޭ. މަ މި ދަނީ އެނބުރި ރަށަށް ދާން ހަވީރު ފަހެއްގެ ފުލައިޓުން ޖާގައެއް ލިބޭތޯ އެއާލައިން އޮފީހަށޭ. އަތުގައި ދަތުރަށް ޓިކެޓު ގަންނާނެ ލާރި ވެސް ހުރުމާ އެކު އަހަރެން އެކުވެރިޔާގެ ދައުވަތު ގަބޫލުކޮށްގެން އޭނަޔާ އެކު އެ ރަށަށް ދާން ނިންމީ!"

"އަހަރެން ދަންތަ އެއާޕޯޓަށް ބަލާ!" ރަވީން ބުނެލިއެވެ.

"ނޫން އަންނާނެކަމެއް ނެތް. ލަގޭޖު މިހާރު އެ އަންނަނީ. މިތަނުން ނިކުމެގެން ގޮސް ލަހެއް ނުވެ ފެރީއަށް އެރިދާނެ." ދެން އިތުރު ބަހެއް ނެތި ފިރިމީހާގެ ކަންފަތްމައްޗަށް ފޯނު ކަނޑައިލައިފިއެވެ.

އެފުޅު ހަދަން މި އުޅޭ އެއްޗެއް ނޭނގި ނުތަނަވަސްކަން މަތީ ހުރެވުނު ރަވީނަށް ފޯނަށް ބަލައިލެވުނީ މެސެޖެއް އައި އަޑަށެވެ. އެވީ އެފުޅު ފިޔަވައި އެހެން މީހެއްގެ މެސެޖަކަށް ނޫނެވެ. ސިއްރަކަށް ކޮޅުމަތި އެއްލާ ކަހަލަ މޭރުމަކުން އޭނާ އިނގިރޭސިބަހުން ބުނެލައިފައި އޮތެވެ. "އަހަރެންގެ ނަސީބު ވަނީ އަނެއްކާ ވަލުތެރޭގައި ނޫން ބާވައެވެ؟ އެހެނީ އަހަރެން ދުނިޔެއަށް ނޭވައިލީ ދުހު ނުވަތަ ރޭ އަހަންނަށް ހިމާޔަތް ދީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ ވަލުތެރެއެވެ. ހަމައެފަދައިން އެޔޮއް ބޮޑު އެކުސިޑެންޓުގައި އެކުގައި ދަތުރުކުރި ދެ މީހުން މަރުވެދިޔަ ދުވަހު ވެސް ވަލުތެރެ އަހަންނަށް ހިމާޔަތްދީ އަހަރެން ސަލާމަތްކޮށްދީފިއެވެ."

އޭނަގެ އަންހެނުން ނަގައި ލޯމައްޗަށް މި ދައްކައިލަދިނީ ހަމަ ގައިމު ވެސް މިހައި ތަނަށް ރަވީނަށް ނަގައިގަންނާން ނޭނގިފައި އޮތް ގުޅުމެކެވެ. ފަހަރުގައި އެއީ ހަޔާތުގެ ކުރިމަގާ މެދު ވިސްނައިލާން މުލަކުގައި ހުރިހުރުމުގައި އެފުޅުގެ ހިތަށް އިލްހާމެއްގެ ގޮތުގައި ލިބުނު މަތިވެރި ޚިޔާލަކަށް ވެސް ވެދާނެއެވެ. އެހެނަސް އެއީ ރަވީންގެ މަންމަ އަދި އޭނަގެ މައިދައިތަ ނާޒާ ދިމާއަށް "އޭނަޔަކީ މީހަކު ވިހައިފައި ވަލަށް އެއްލައިލައިފައި އޮތް އެއްޗެއް ކަމަށް" ބުނެ މަލާމާތްކޮށްލީތީ އެ ވާހަކަޔަށް ވެސް އިސާރަތްކޮށް އަމިއްލަޔަށް ބޮލުއެޅި "މަލާފަތެއް" ކަން ކަށަވަރެވެ. ކޮންމެއަކަސް އެ ވާހަކައިން އެފުޅުގެ ހިތް ނިޔަތް އޮތް ގޮތް ސާފުވެއްޖެއެވެ. އެފުޅު އެހެރީ އޭނަޔާ ވަކިވާން ނޫންކަމާއި އޭނަގެ ހަޔާތަށް އެނބުރި އަންނާން ކަމުގެ ފުރިހަމަ ޔަގީންކަން ލިބި، ހިތަށް ފިނިވެގެން ހިނގައްޖެއެވެ. ޖަންގަލީ ވަލެއްގެ ތެރެޔަށް ގެއްލިގެން އުޅުމަށް ފަހު، އަލި ހާމަ މަގަކުން ސީދާ މަންޒިލަށް ފޯރި ދަތުރުވެރިއެކޭ އެއްފަދައިންނެވެ.

(ނިމުނީ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.