ވާހަކަ: ސަދޫމަށްދިޔަ ޤާފިލާ އާއި ޤާޒީގެ ނިޔާ

މިއީ ޢަރަބި ކަރަޔަށް ދަތުރުކުރި، ވިޔަފާރި ގާފިލާއެއްގެ ސައުދާގަރުންގެ ޤާފިލާއަކަށް ކުރިމަތިވި ހިތާމަވެރި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކަ އެކެވެ. ޤާފިލާގައި ދަތުރުކުރީ ތުރުކީގެ ހަ ސައުދާގަރުންނެވެ. މި ޤާފިލާ ދަތުރު ކުރަމުންގެންދިޔައީ މިހާރުގެ ޑެޑް ސީ ނުވަތަ ބަޙުރުލް މައްޔިތުގެ ތެރެއިން ލާފައެވެ. ބަޙުރުލް މައްޔިތުން ލާފައި ދަތުރުކުރަމުން ގޮސް، އެކަނޑުގެ ދެކުނުން ޣޫރުލް މަޒްރަޢާ އެވެ ކިޔުނު ސަރަޙައްދަށް ގާފިލާ ދަތުރު ކުރިއެވެ. އެއީ ޖޯޑްން ރިވަރ ނުވަތަ ނަހުރުލް އުރުދުން އާ ކައިރި ހިސާބެކެވެ.

ނަހުރުލް އުރުދުން އިން އޮހޭ ފެން ފައިބަމުންދާނީ ބަޙުރުލް މައްޔިތަށެވެ. ބަޙުރުލް މައްޔިތަކީ، ނުވަތަ ޑެޑްސީ އަކީ، ދުނިޔޭގެ ކަނޑުތަކުން އެންމެ ލޮނުރަހަ ގަދަ ކަނޑެވެ. ކަނޑުގެ ލޮނުގައި ދޭނީ ލޮނުހިތި ރަހައެވެ. އިރުމަތީ ބިތުން ގުޅިފައި އޮންނަނީ އުރުދުން އާއެވެ. ހުޅަނގުން ގުޅިފައި އޮންނަނީ އިސްރާއީލާއި ހުޅަނގު އައްސޭރިއާއެވެ. އެއީ މަޝްހޫރު ވެސްޓް ބޭންކެވެ. ބަޙުރުލް މައްޔިތު އޮންނަނީ، ކަނޑުގެ ސަތަޙައަށްވުރެ 427 މީޓަރު އަޑީގައެވެ. ދުނިޔޭގެ ބޮޑެތި ހަނަފަސް ސަހަރާއާއި ފަރުބަދަތައް ގިނައިން ހުންނަނީ ކަނޑުގެ ސަތަޙައަށްވުރެ އެތައް ސަތޭކަ މީޓަރެއް މަތީގައެވެ. އެހެންނަމަވެސް ބަޙުރުލް މައްޔިތަކީ ދުނިޔޭގެ ޢާންމު ކަނޑުތަކަށްވުރެ 427 މީޓަރު އަޑީގައި އޮންނަ ކަނޑެކެވެ. އެއީ ދުނިޔޭގައި އެންމެ އަޑީގައި އޮންނަ ކަނޑެވެ. އެންމެ ކައިރީ އިސްރާއީލާ އެވެ. ބަޙުރުލް މައްޔިތު އޮންނަނީ އިސްރާއީލާ 82 ކިލޯމީޓަރު ދުރުގައެވެ. އަދި، އުރުދުންއާ 130 ކިލޯމީޓަރު ދުރުގައެވެ. ޤާފިލާގެ އަޞްލު މަންޒިލަކީ އުރުދުން އެވެ.

ސަދޫމާއި ޢުމޫއްރާއަކީ، އައްލިސާއެވެ ކިޔުނު ސަހަރުގެ އަޑީގައި ނުވަތަ ގުޅިފައިވާ ސަރަޙައްދުގައި އޮންނަ ތަނެކެވެ. އަދި އެއީ، ޑެޑްސީ ގެ އުތުރާއި ދެކުނު ބިންވަކިކޮށްދޭ  އިން ފާހަގަވާ ސަރަޙައްދެވެ.

3.7 މިލިއަން އަހަރު ކުރިން، މެޑިޓަރޭނިއަން ކަނޑުން އޮހިގަތް ފެނުން ފެންބޮޑުވެ ކޯރެއް އުފެދިގެން ދިޔައެވެ. އެއީ ސަދޫމް ފަޅެވެ. ނުވަތަ ސަދޫމްގެ ފެންތިލަ ސަރަޙައްދެވެ. މީގެ ދެމިލިއަން އަހަރު ކުރިން، މި ތިލަ ފަޅުގެ ފެނާއި މެޑިޓަރޭނިއަން ކަނޑުގެ ފެނުގެ ސަތަޙަ އެއްވަރުވެ، ފެން އޮހުން ހުއްޓުނެވެ. އެއަށްފަހު ވަށައިގެން ބެދިފައިވާ ކޯރެއް އުފެދުނެވެ. އަދި މި ކޯރުގެ ފެން އާތްވަށް އަރައި، 70 ހާސް އަހަރު ކުރިން ކަނޑެއް އުފެދުނެވެ. އެއީ ޑެޑް ސީ އެވެ. ޑެޑް ސީއަކީ، 50 ކިލޯމީޓަރު ދިގު، 15 ކިލޯމީޓަރު ފުޅާ އަދި 380 މީޓަރު ފުން ކަނޑެކެވެ. ޑެޑް ސީ އޮންނަނީ، ދުނިޔޭގެ ކަނޑުތަކުގެ ސަތަޙައިގެ 427 މީޓަރު އަޑީގައެވެ. އެއީ ދުނިޔޭގެ އެންމެ ތިރި ބިން ނުވަތަ ކަނޑެވެ. ކަނޑުގެ ފެންގަނޑު އޮލަކަމުން ޑައިވެއް ނުކުރެވެއެވެ.

ބަޙުރުލް މައްޔިތުގެ ދެކުނުން ކަނޑު ނިމޭކޮޅުން ޤާފިލާއާ ދިމާވީ ޣޫރުލް މަޒްރަޢާ އެވެ ލިޔުނު އަވަށެކެވެ. އޭރު ހުރީ ޢަޞުރުން އިރުތިރި ވެފައެވެ. އެހެންކަމުން އެ ސަހަރު ދޫކޮށް، އުރުދުންއަށް ދާން މިޞްރާބު ހިފައިފިނަމަ، މެންދަންވާ އިރުވެސް އުރުދުންގެ އިރުމަތީބިތާ ހަމަޔަކަށް ނުދެވޭނެއެވެ. އެހިސާބަށް ދެވުނު ތަނުން، އެއީ ޞަދޫމް ސަހަރުކަން އެމީހުންނަށް އެނގުނެވެ. އެސަހަރުގެ ބޮޑުމިނުގައި 100 ވަރަކަށް އޭކަރު ހުންނާނެއެވެ. ބަޙުރުލް މައްޔިތުގައި ދަތުރު ކުރަމުންގޮސް ފުރަތަމަ ޖެހުނު މަންޒިލް ކަމަށްވާތީ، ސަދޫމް ސަހަރުގައި މަޑުކޮށްލުމަށް ޤާފިލާގެ ގިނަ ބައިވެރިން ނިންމިއެވެ. އެންމެ ކައިރިޔަށް އޮތީ އިސްރާއީލެވެ. އެންމެ ކައިރި އާބާދީއެއް ދިރިއުޅެނީ އިސްރާއީލުގެ ބައިތުލް މަޤްދިސުގައެވެ. އުރުދުން އޮންނަނީ އެއަށްވުރެ ދުރުގައެވެ.

މިޤާފިލާ ސަދޫމް ސަހަރުގައި މަޑުކޮށްލަން ނިންމި އެންމެ މުހިންމު ސަބަބަކީ، އިރު އޮއްސުމުގެ ކުރިން ހިކިފަސް އެހެންތަނަކަށް އެޤާފިލާ ފޯރާނެ ކަމުގެ ޔަޤީންކަން ނެތުމެވެ. އަދި ދަތުރު ނިންމައި އެނބުރި އެމީހެއްގެ ޤައުމަށް އެނބުރި ދާއިރު، އުރުދުން އަށްގޮސް، ފެންވަރު ރަނގަޅު ޒައިތޫނިތެޔޮ ގަނެ، ވިއްކުމަށްޓަކއި އެމީހުންގެ ޤައުމަށް އަނބުރާ ގެންދިއުމެވެ. އުރުދުންގެ ޒައިތޫންޏަކީ މަޝްހޫރު އެއްޗެކެވެ. އަދި އެއީ މުޅި ޢަރަބި ކަރައިގާ ބޭނުންކުރެވޭ އެއްޗެކެވެ. އެހެން ސަރަޙައްދުތަކަށް މި ޒައިތޫނި ގެންދެވެނީ ވަރަށް މަދުންނެވެ. އެހެންކަމުން އެއީ، ޢަރަބި ސަރަޙައްދު ނޫން، ދުނިޔޭގެ އެހެން ސަރަޙައްދުގައި ވަރަށް އަގުބޮޑު އެއްޗެކެވެ.

ޤާފިލާ ފޭލިގެ ޖެހީ ރަށްބޭރުގައިހުރި ފަރުބަދަޔެއްގެ ނިވަލުގައެވެ. ސަހަރު ތެރެޔަށް އަރަން ނިންމީ އެތަނުގެ ގޮތް ބެލުމަށްފަހުގައެވެ. އޭގެ ކުރިން ސަހަރަށް އަރާކަށް ނުކެރުނެވެ. މީގެކުރިން އެ ޤާފިލާގެ އެއްވެސް މީހަކު އެސަރަޙައްދަށް ޒިޔާރަތް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ސަދޫމް ސަރަޙައްދުގެ ގޮދަނާއިގޮވާމުގެ މީރުކަމާއި އުރުދުންގެ ޒައިތޫނި ތެލުގެ މޮޅު ވާހަކަ އޮތީ އެންމެންވެސް އަހައިފައެވެ. އެހެންކަމުން، ވިޔަފާރި މުދާ ގަތުމަށް ބޭނުންވާވަރަށް ކޮންމެ މީހަކު އަތުގައިވެސް ގިނަ ޢަދަދަކަށް ފައިސާ ހުއްޓެވެ. ޤާފިލާ ފޭލިގެ ޖެހިއިރު، އެމީހުންނާއި އެމީހުންގެ މުދަލުގެ ސަލާމަތާއި ރައްކައުތެރިކަމަށް އެހައިބޮޑަށް ވިސްނައި ލެވިފައެއް ނުވެއެވެ. އަނެއްކޮޅުން އެމީހުންނަށް އެ އާދެވުނީ، އިންސާނުން ޢާންމުކޮށް އައިސް ނުއުޅޭ ސަހަރަކަށެވެ. އެއިންމީހަކު ދަންނަ ހަމައެކަކުވެސް އެސަހަރަކު ނެތެވެ.

ރަށްބޭރުގައި ޤާފިލާ މަޑޫކޮށްލައި ކައިވަތަކަށް އިރު އޮއްސުނުތަނާ، މުސްކުޅި އަންހެނަކު، ދަނޑިގަނޑު ޖަހަމުން އައިސް، ކައިރިކޮށްލިއެވެ. އަދި ކޮންރަށެއްގެ ކުދިބައެއްތޯ އާއި އެސަހަރަށް އައީ ކީއްކުރަންތޯ ސުއާލު ކުރިއެވެ. ޤާފިލާގެ އިސްކޮށްހުރި ސައުދާގަރު އެދައިތައާ ބައްދަލު ކުރިއެވެ. އަދި އެމީހުން އެދަނީ އުރުދުންއަށް ކަމަށާއި އިރުއޮއްސޭތީ ސަދޫމުގައި މަޑުކޮށްލީ ކަމުގައި ބުންޏެވެ. އެދައިތަގެ ވާހަކައިގާ، ސަދޫމުގެ ރަށްބޭރުގައިވެސް މަޑުކޮށްލުމަކީ ބިރުވެރިކަމެއް ކަމުގައި ބުންޏެވެ. އެސަހަރުގައި އޮންނަނީ، އެއްޖިންސުން ގުޅުން ހިންގުމާއި ރޭޕް ކުރުމާ އަދި މީހުން މެރުމާއި މީހުންގެ މުދާ ފޭރިކެއުން ކަމަށް އަދި އެއްވެސް މިންވަރަކަށް އިޖްތިމާޢީ ޢަދާލަތު ނެތްކަމަށް އެދައިތަ ބުންޏެވެ. ކިތަންމެ ބިރެއްގަތްކަމަށް ވިޔަސް، އެ ޤާފިލާ އެތާނގައި މަޑުކުރަން އޭރު އޮތީ މަޖުބޫރު ވެފައެވެ. ހަނދުމަހުގެ ފަހުކޮޅު ވީމަ، ކަނު އަނދިރީގައި އުރުދުން އަށްދާން ފުރޭކަށް ނެތެވެ. އެ ދައިތަވެސް އެމީހުން ބިރުގަންނުވާލާފަ އެތަނުން ހިނގައްޖެ އެވެ. ކަނޑުވާން ނަމަވެސް އެތާނުތިބެ ފުރައިގެންދާން އެދައިތަ ނަޞޭޙަތް ދިނެވެ.

އެދައިތަ އެތަނުން ދިޔަތާ އިރުކޮޅެއް ވީތަނާ، ސަހަރު ތެރެއިން ބައިބަޔަށް މީހުން އަންނަން ފަށައިފިއެވެ. މީހުންތައް ދުވެ އައިސް އެއުޅެގަތް ގޮތުން، ބިރުން ފިތްކަނޑައިގެންދާ ވަރު ވިއެވެ. ގައިގާ ފިރުމާ ބޮސްދީ، އެމީހުންގެ އަނބިން ނުކުރާވަރު ކޮށްލިއެވެ. އެމީހުންނަށް މަރުޙަބާ ކިޔައި މެހެމާންދާރީ އަދާކުރުމަށް ފިރިހެނުންކުރެ، އެތައްބަޔަކު އައިސް އެމީސްމީހުންގެ ގޭގެޔަށް ދިއުމަށް އާދޭސް ކުރިއެވެ. އަނބިން ހިބަކޮށްދިނެވެ. އެހެނަސް ކުރިން އައި ދައިތަ އެބުނި ވާހަކަތަކުން އެންމެންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެންމެ ފަހުން އެސަހަރުގެ ވެރިމީހާގެ އެހީތެރިކަން ހޯދުމަށް ނިންމިއެވެ. އަދި ވަކިވަކި ގޭގެޔަށް ނުގޮސް އެއްތަނެއްގައި އެންމެން ތިބުމަށް ހުރިހާ ސާދާގަރުން ނިންމިއެވެ. ޤާފިލާގެ މީހުންނަށް ފާހަގަ ކުރެވުނު އެއްކަމަކީ، ކުރިން އައި ދައިތަ ފިޔަވައި އެއްވެސް އަންހެނަކު، އެމީހުންނަށް މަރުޙަބާ ކިޔުމަށް ސަހަރު ތެރެއިން އައިމީހުންގެ ތެރޭގައި ނެތް ކަމެވެ.

ޤާފިލާގެ ހަ ސައުދާގަރުންގެ ތެރެއިން ތިންމީހުން ނެގިއެވެ. އެއީ ވެރިކަމުގެ ދަރުބާރަށް ގޮސް، އެ ޤާފިލާއަށް ރައްކައުތެރިކަން ކަށަވަރުކޮށްދޭނެ މީހަކު ހޯދައިގެން އައުމަށެވެ. އެކަމަށް ކަނޑައެޅުނު ތިން ސައުދާގަރުން، ސަހަރުގެ މަގުމަތީ ހިނގަމުންދާ ވަރަކަށް، އެމީހުންނަށް މަރުޙަބާ ކިޔާމީހުން އިތުރުވަމުންދިޔައެވެ. ފިރިހެނުންނާ ގައިގޯޅިވެ އުޅޭ މީހުންނެވެ. ފިރިހެނުން އެއްކަނަކަށް ޖެހިލައިގެން ތިބެ އެކަކު އަނެކަކަށް ސަމާސާ ކުރަމުންދާ މަންޒަރެވެ. ކުޑަކުދިންނާއި އަންހެނުން އެއްވެސް ވަރަކަށް މަގުމައްޗަކުން ނުފެނެއެވެ. އެއީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ޙައިރާން ކަމެކެވެ.  ވަރަށް އުނދަގުލުން، ސަހަރުގެ ޤާޒީގެ ދަރުބާރަށް ތިން ސައުދާގަރުންނަށް ދެވުނެވެ. އަދި އެމީހުންގެ މުހުތާދުގެ ވާހަކަ ހުށަހެޅިއެވެ. ޚުދު ޤާޒީވެސް ހުރީ އެ އެންމެންނަށް އޭނާގެ މެހެމާންދާރީ އަދާކުރުމަށް ތައްޔާރަށެވެ. އޭނާގެ އަންހެން ދަރިންނާއި ބާނދީންވެސް ހަދިޔާކުރާ ގޮތަށެވެ. އެހެންނަމަވެސް، މީހުންނަށް ރައްކާތެރިކަން ދިނުމަށްވުރެ އެމީހުންގެ ޤާފިލާގައި ހުރި މުދަލާއި ފައިސާގެ ރައްކާތެރިކަން އެމީހުންނަށް މާ ބޮޑުވިއެވެ. އަދި އެވާހަކަ ބުނުމުން، އޭނާއަށް އެކަން ކުރެވެން ނެތްކަމަށް ބުނެ، ސަހަރުގެ ސައުދާގަރެއްގެ ނަންގަނެ އޭނާގެ ގާތަށް ދިއުމަށް އެދުނެވެ. ޤާޒީ ވިސްނި ގޮތުގައި ލަނޑަޔާ ވާނީ ލަނޑަޔާއެވެ.

ތިން ސައުދާގަރުން ޤާޒީ އެ ބުނުއްވި މީހެއްގެ ގެ ހޯދައިގެން އެމީހުންގެ ބޭނުން ހުށަހެޅިއެވެ. އެ ސައުދާގަރު އޭރުވެސް އިނީ ޅަ ފިރިހެންކުއްޖެއް އުނގަށް ލައިގެން ޒައިތޫނި ބަސްތާއެއްގެ މަތީ އެކުއްޖާއާ ސަމާސާ ކުރާށެވެ. ތިން ސައުދާގަރުން ފެނުމާއެކު، އެމީހުންގެ ޙާލު އަޙުވާލު އޮޅުންފިލުވައި އެމީހުން އައި ބޭނުމުގެ ވާހަކައިން ސުއާލު ކުރިއެވެ.

ސަދޫމްގެ ސައުދާގަރުގެ ކިބައިން ޤާފިލާގެ މީހުން އެދުނީ ތިން ކަމަކަށެވެ. އެމީހުންގެ ފުރާނަޔަށް ނުރައްކަލެއް މެދުވެރިވާ ހިނދު ސަލާމަތް ކޮށް ދިނުމާއި، އެމީހުން އަތުގައިހުރި ނަޤުދު ފައިސާ، ބޭނުންކުރަން ވަންދެން އަމާނާތްތެރިކަމާއެކު ބަލަހައްޓައި ދިނުމާއެކު، އެމީހުންގެ ޤާފިލާގައިހުރިއްޔާ ހުރި މުދަލެއް ގެއްލުނަ ނުދީ ބަލަހައްޓައި ދިނުމެވެ. އޭގެ ބަދަލުގައި އުޖޫރައެއްގެ ގޮތުގައި ޤާފިލާއިން ހުށަހެޅީ ބޮލަކަށް އޮނަވިހި ރިޔާލަ އެވެ. އެ ހަ ސައުދާގަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޖާމިނު ވުމަށް ސަދޫމުގެ ސައުދާގަރު ޖެހިލުންވިއެވެ. އެހެނަސް ޤާފިލާގެ މުދަލާއި ފައިސާ ރައްކާތެރިކޮށްދޭން އެއްބަސްވިއެވެ. ސަދޫމުން އެމީހުންނާ ޙަވާލުވި ސައުދާގަރަކީ ވަރަށް މުއްސަނދި މީހެކެވެ. އަދި އެހައި ހެޔޮމީހެކެވެ. ޤާފިލާއިން ދަތުރުކުރި ހަ ސައުދާގަރުން ރަނގަޅަށް " ބެލެހެއްޓުމަށްޓަކައި "، ކަށިނޫ ފުރައިގެ އެހައިމެ ދޮން ދެކުދިން އެއިން ކޮންމެ މީހަކާ ޖާމިނު ކުރިއެވެ. އެއިން ކޮންމެ ކުއްޖަކީވެސް، ސަދޫމުގެ އެދުވަސްވަރުގެ ޙާލަތާ ގުޅޭ ހުރިހާ ތަމްރީނެއް ސައުދާގަރު އަމިއްލަޔަށްދީ، ކަނޑައެޅިގެން ބޭނުންވެގެން ނޫނީ، " ގިރި " އަކަށް ނާރާވަރަށް ސަމުގާ ހިފަން ދަސްކޮށްދީފައި ތިބި ކުދިންނެވެ.

ކޮންމެއަކަސް، އެހެން އެއްވެސްގޮތެއް ނެތިގެން ސަދޫމުގެ ސައުދާގަރުގެ ބެލެހެއްޓުމުގެ ދަށަށް، ޤާފިލާގެ މުދަލާއި ފައިސާ، ސަދޫމުގެ ސައުދާގަރާ ޙަވާލު ކުރިއެވެ. އެއީ އެންމެ ދުވަހަކަށެވެ. އެހެނީ އެރޭ ސަދޫމުގައި ތިބެފައި އަނެއްދުވަހުގެ ހެނދުނު އެޤާފިލާ އުރުދުންއަށް ދާން ފުރާނެއެވެ. ޤާފިލާގެ މީހުންނާއި ފައިސާއާއި މުދަލަށް ދެންވީގޮތް އެއީ ޤާފިލާގެ މީހުން ހުވަފެނުންވެސް ދެކެފައިނުވާފަދަ ކަމެކެވެ.

ރޭވެ އަލިވިލުނު އިރު ފުރާނަ ހުރީ ތިން ސައުދާގަރުންގެ އެކަންޏެވެ. އަނެއް ތިންމީހުންތިބީ މަރުވެފައެވެ. އެ ހަމީހުންވެސް އެރޭ އެތައް ފަހަރަކުވަނީ ރޭޕް ކުރެވިފައެވެ. އެމީހުންނާ ޙަވާލުވި، ސަދޫމުގެ ސައުދާގަރުގާތަށް ގޮސް އެމީހުންގެ މުދަލާއި ފައިސާ އަނބުރާ ދޭން، ދިރިތިބި ތިންމީހުން އެދުނެވެ. އެކަމަކު އެ ސައުދާގަރާ އެ ތިން މީހުން އެއްވެސް އެއްޗެއް ޙަވާލުކުރިކަމަކަށް ނުވިއެވެ. ދިރިތިބ ތިން ސައުދާގަރުންނަށް ހަދާނެގޮތް ބޮޑުވިއެވެ. އަދި އެމީހުން، ސަދޫމުގެ ސައުދާގަރު ގާތަށް ފޮނުވި ޤާޒީގެ ގާތަށް ޢަދުލުވެރި ޙުކުމަކަށް އެދިގެން ދިޔައެވެ.

ޤާޒީ، އެމީހުންގެ މައްސަލައިގެ އަޑު އަހަން އިންނެވުމަށްފަހު ސަދޫމުގެ ސައުދާގަރާ އެއްވެސް ސުއާލެއް ކުރުމެއްނެތި ޙުކުމް އިއްވިއެވެ. ޤާޒީގެ ޙުކުމަކީ:

"މަރުވި ތިން މީހުންގެ މަރުގެ ދިޔަ ލެއްވިއެވެ. މަރުގެ ދިޔައަކަށްވީ، މަރުވި ތިން ސައުދާގަރުން، ސަދޫމުގެ ސައުދާގަރާ ޙަވާލުކުރި މުދަލާއި ފައިސާއެވެ. މަރުގެ ދިޔަ ޙަވާލުކުރެވުނީ ސަދޫމުގެ ސައުދާގަރާއެވެ. އެއީ، އެ ތިންމީހުންނާ ޙަވާލުވެހުރި މީހަކީ އެއީކަމަށް ވާތީއެވެ. އަދި އެތިން މީހުންގެ ފުރާނައިގެ ރައްކާތެރިކަމާ ޙަވާލުވީވެސް އޭނާ ކަމަށް ވާތީއެވެ."

"ދިރި ތިބި ތިން ސައުދާގަރުންގެ އެއްވެސް ފައިސާއެއް އަދި މުދަލެއް ސަދޫމުގެ ސައުދާގަރާ ވަކިން ޙަވާލުކުރިކަމުގެ ހެއްކެއް އެމީހުންނަކަށް ނުދެއްކުނެވެ. ހެއްކަކަށް އެމީހުންގެ އަތުގައި އޮތީ ހުރިހާ މުދަލާއި ފައިސާ އާ ޙަވާލުވެފަ ސަދޫމުގެ ސައުދާގަރު ދިން ލިޔުމެކެވެ. އެއަކުން ދިރިތިބި ތިން މީހުންގެ މުދަލާއި ފައިސާ ވަކިވާކަށް ނެތެވެ. އަދި އެއްދުވަހާއި އެއްރޭ، އެތިން މީހުންނަށް ކާންދީ ބެލެހެއްޓުމާ ޙަވާލުވީތީ، ބިދޭސީ ތިން ސައުދާގަރުންކުރެ، ހިކިކޮށްހުރި ދުވަސްވީ ސައުދާގަރު 4 މަސްދުވަހު، ދެންތިބި ދެމީހުންކުރެ ގޮށްމަސްކޮށް ދުޅަހެޔޮކޮށް ހުރި ސައުދާގަރު 7 މަސް ދުވަހު، އަދި ތިންވަނަޔަށް ހުރި ޅަބާޅަ ޒުވާން ސައުދާގަރު 7 އަހަރު ދުވަހު، ސަދޫމުގެ ސައުދާގަރަށް "ޚިދުމަތް ކުރަން" ހުކުމް އިއްވިއެވެ."

"ކޮންމެ މީހަކުވެސް، ޤާޒީއަށް ތިން ރޭ ތިން ދުވާވަންދެން "ޚިދުމަތްކުރުން" ޙުކުމުގައި އޮތީ ލާޒިމް ކޮށްފައެވެ.

"ސަދޫމްގެ ސައުދާގަރު ބޭނުންކަމަށް ވަންޏާ، ތިން ރޭ ތިން ދުވާލަށްފަހު، މިތިންމީހުންވެސް ސަދޫމުގެ ސައުދާގަރު ބުނާ އެހެން ފިރިހެނުންނަށް "ޚިދުމަތް ކުރުން" ހުއްދަ ކޮށްފައި ވެއެވެ." ބިދޭސީ ތިން ސައުދާގަރުންނަށް ހަދާނެގޮތް ބޮޑުވިއެވެ. ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެވެސް މަރެވެ. މިވެސް މަރެވެ. ޤާޒީގެ ދަރުބާރުގެ ފަހަތުގައި ހުރި ގޮޑިއެއްގައި ހިނިތުންވެފައި އިން އަންހެނަކަށް ތިންމީހުންގެ ސަމާލުކަން ހުއްޓުނެވެ. އެއީ އެމީހުންނާ އެންމެ ފުރަތަމަ ބައްދަލުވި މުސްކުޅި އަންހެން މީހާއެވެ. އެއީ ޤާޒީގެ އެންމެ ދޮށީ އަނބި މީހާއެވެ. ޤާޒީގެ ދަރުބާރުގައި ކުށްވެރިވާ އަންހެނުންނަށް ޙުކުމްކުރަނީ ޤާޒީގެ ދޮށީ އަންހެނުންނެވެ. އެދައިތަގެ ބަސް އެހިނަމަ، އެތިން މީހުންނަށް މިމުޞީބާތަކާ ކުރިމަތިލާކަށް ނުޖެހުނީހެވެ.

(ނިމުނީ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

5 ޚިޔާލު

  1. ބައިތުލް މަޤްދިސް އަކީ ހައްދފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލުން ފޭރިގަނެފައިވާ މުސްލިމު ފަލަސްތީންގެ ބިމެއް. ދެރަވަރު ކަމެއް ލިޔުންތރިންވެސާ ޔަހޫދިނގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހްތިޔާރެއް ނޯންނާނެ.

    • ފާރޫޤު އުސްތާޛަށް އިޒްރޭލުގެ އަމިއްލަ ބިމެއްގޮތުގައި ލިޔުއްވުނީ ތަރުޖަމާއެއް ކަނށް ވީތީ ކަންނޭގެ. ލިޔުމަށް ބަދަލެއްނުގެނައުން ތެދަށްވުރެ މުހިންމުވިކަމަށް ފެންނަނީ...

      • ލިޔުންތެރިޔާ ވެސް ދިރާސާކުރަންވާ ވަރަށް ދިރާސާނުކޮށް ލިޔެފައިވާ ލިޔުމެއް. އެއްޗެއް ޕަބްލިޝްކުރާއިރު ސައްޙަ މައުލޫމާތު ހިމަނަންވާނެ. ފަލަސްތީނުގެ ބިމުގައި އިޒުރޭލޭ ކިޔުނު ޔަހޫދީ ދައުލަތް ގާއިމް ކުރީ 18 ވަނަ ގަރުނުގައި. އެކަމަކު މި ލިޔުމުގައި މި އޮތީ އިޒުރޭލުތަނެއްގެ ގޮތުައި

    • މަޢާފު ކުރައްވާށެވެ. ލިޔުމުގެ ކުށެކެވެ. އެޖުމްލައިގެ ރަނގަޅު ގޮތަކީ " އެންމެ ކައިރި އާބާދީއެއް ދިރިއުޅެނީ އިސްރާއީލުން މިހާރު ހިފާފައިވާ ، ފަލަސްތީނުގެ ބިމުގައި ، ބައިތުލް މަޤްދިސް ހިމެނޭ ސަރަޙައްދުުގައެވެ. " މި ވާހަކަޔަކީ ، ޙަޤީޤީ މަޢުލޫމާތު ތަކެއް ހިމަނައިގެން ލިޔުންތެރިންގެ މަޢުލޫމާތު މުއްސަނދި ކުރުމުގެ ނިޔަތުގައި ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ލިޔުންތެރިންނަކީވެސް އިންސާނުންނެވެ. ކުށް ކުރެވޭނެ އެވެ. ކުށް ލިޔެވޭނެ އެވެ. ލިޔުންތެރިން ކަނޑައެޅިގެން ޙަޤީޤަތް އޮޅުވާލާނަމަ ، އެއީ ދެރަވަރު ކަމެކެވެ. ގިނަ ލިޔުންތެރިން އެކަމެއް ނުކުރާނެއެވެ. ކުށެއް ލިޔެވުނަސް އެއީ ލިޔުންތެރިޔާ ވަކިގޮތެއް ކަނޑައަޅަނީކީ ނޫނެވެ. ލިޔުންތެރިންނަށް ނޭނގޭ އެއްޗެއް ކިޔުންތެރިންނަށް އެނގިދާނެއެވެ. ކިޔުންތެރިންނަށް ނޭނގޭ އެއްޗެއް ލިޔުންތެރިންނަށްވެސް އެނގިދާނެއެވެ. ލިޔުންތެރިން ލިޔަނީ ، ލިޔުންތެރިންނަށް އެނގޭ އެއްޗެއް ޢާންމު ކުރުމަށެވެ. އެއެއްޗެއް ކިޔުމާއި ނުކިޔުމަކީ ކިޔުންތެރިޔާގެ އިޚްތިޔާރުގައިވާ ކަމެކެވެ. ހެޔޮ ނިޔަތެއްގައި ކުރާ އިޖްތިމާޢީ މަސައްކަތެއްގައި ، ރަނގަޅު ހުރިހާ މަޢުލޫމާތެއް އެއްފަރާތަށްލައި ، ހާވައިގެން ހޯދާ ކުށަކަށް ، ލިޔުންތެރިންނަށް މަލާމާތް ކުރުމާއި ބަދުބަސް ބުނުމަކީ ކިޔުންތެރިންގެ ޙައްޤަށާއި އިޚްތިޔާރަށް ދޫކޮށްލެވިފައި އޮންނަ ކަމެއް ނޫނެވެ. އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ރޫޙެއްވެސް ނޫނެވެ. އެއަށްވުރެ ރީތިކޮށް އެވާހަކައެއް ، ލިޔުންތެރިންގެ ގާތުގައި ކިޔުންތެރިންނަށް ނުބުނެވޭނަމަ ، އެއީ އަދި މާބޮޑަށް " ދެރަވަރު " ކަމެކެވެ. އެހިސާބުން ، ލިޔުމާއި ކިޔުމުގެ ތިމާގެކަމުގެ ބަދަހި ގުޅުން އެ ކެނޑެނީއެވެ. އެގުޅުން ކެނޑޭކަށް ލިޔުންތެރިންނެއް ނޭދޭނެއެވެ. - ފާރޫޤު އަޙްމަދު -

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.